އުއްމީދު - 26

(1 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޑެނިއަލް އެއްވެސް ދީނަކަށް ނޫޅޭކަން އެނގުމާއެކު އިސްކޫލުގައި ބާވަތްބާވަތުގެ ވާހަކަ ދެކެވޭން ފަށައިފިއެވެ.

"އެއީ ކްރިސްޓިއަނެއް ނޫން. ޔަހޫދީއެއްވެސް ނޫން. އެކަމަކު އޭނާ ހުރިހައި ދީނަކަށްވެސް ބޯލަނބާ. ދެ ދީނުގެ ފައްޅިއަށް ދޭ. އޭނާ ވަކި ދީނެއް ޚިޔާރު ކުރާނީ ބޮޑު ވެގެންނޯ. މިއީ ކިހައި ބޮޑު އަޖައިބެއް؟" މި ކަމާ ގުޅިގެން ދެކެވޭ ވާހަކައިގެ ޚުލާސާއަކީ މިއީއެވެ.

* * *

"އޭނާ ރައްޓެހި ވެގެން އުޅޭ އަންހެން ކުއްޖަކު ނުހުރެއެވެ. ރާއެއް ނުބޮއެވެ. ސިނގިރޭޓެއް ނުބޮއެވެ. ދުވަހަކުވެސް ކުލާހަށް ނައިހެއް ނުހުރެއެވެ. ފިލްމެއް ނުބަލައެވެ. އެއްވެސް މީހަކާ ދެކޮޅުވެރި ވެގެންނެއް ނޫޅެއެވެ. އިސްކޫލަށް އަންނައިރު ފައިސާއެއް ނުގެނެއެވެ. އަންނަނީ ގެއިން ކާ އެއްޗެހި ހިފައިގެންނެވެ. އިސްކޫލަށް އަންނަނީ މަންމަޔާއެކު ކާރުގައެވެ. ނިމުނީމާ އެކި ތަންތަނަށް ހިނގައި ދުވެއެއް ނުހަދައެވެ. މަންމަ ބަލައި އަންނަންދެން ދޮރާށި ދޮށުގައި ހުންނަނީއެވެ. ހަތަރު ބަހުން ވާހަކަދައްކަން ދަނެއެވެ. ސަތާރަ ގައުމުގައި ދިރިއުޅެފިއެވެ."

ޑެނިއަލާ ބެހޭ ހުރިހައި ކަމެއް ކެރޮލީން ދަނެއެވެ. އޭނާއަކީ ޑެނިއަލާ އެއް ކުލާހެއްގައި އުޅޭ ކުއްޖެކެވެ. އޭނާ ހިމެނެނީ ޑެނިއަލް މާ ރަނގަޅު ވެގެން އުޅޭ އަންހެންކުދިންގެ ތެރޭގައެވެ. އެކަމަކު ޑެނިއަލް އެކަހެރި ވެގެން އުޅޭލެއް ބޮޑުކަމުން އޭނާޔާ ގާތް ވުން ކެރޮލީނަށް ވަނީ ދަތި ކަމަކަށް ވެފައެވެ. އޭނާ އަބަދުވެސް މަސައްކަތް ކުރަމުން ގެންދިޔައީ ކުޑަކޮށް ނަމަވެސް ގުޅުން ބަދަހިކޮށްލެވޭނޭ ދަނޑިވަޅެއް ލިބޭތޯއެވެ. އެންމެ ފަހުން އެކަހަލަ ފުރުސަތެއް ލިބިއްޖެއެވެ.

އެ ދުވަހަކީ ކުލާހު ހުރިހައި ކުދިން ދިރާސީ ދަތުރަކު ދިޔަ ދުވަހެކެވެ. ކެރޮލީނަށް އާދެވުނީ ބަސް ފުރަން ތައްޔާރުވީ ތަނާއެވެ. ބަހަށް އެރި އިރު ހުހަށް ހުރީ އެންމެ ގޮނޑިއެކެވެ. އެއީ ޑެނިއަލް އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑިއެވެ. ޑެނިއަލްވެސް އައިކަމަށް ވަނީ ތަންކޮޅެއް ފަހުންނެވެ. ކެރޮލީންގެ ހިތް އެ ވަގުތު އަވަސް ވިއެވެ.

އޭނާ އަންނަތަން ފެނުނީމާ ގޮނޑީގައި އޮތް ދަބަސް ޑެނިއަލް ނަގައިފިއެވެ. ކެރޮލީން އެރުމާއެކު ބަސް ދުއްވައިލައިފިއެވެ. ޑެނިއަލް ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިނީއެވެ. ކެރޮލީން ވިސްނަމުން ގެންދިޔައީ ވާހަކަ ފައްޓާނޭ ގޮތަކާމެދުގައެވެ. ކުލާހު ކުދިން ގެންދިޔައީ ބާރަށް ލަވަކިޔަމުންނެވެ. މުޅި ބަހަށް ވެރިވެފައި އޮތީ ލަވައިގެ އަޑާއި ހޭނ އަޑާއި އަތްތިލަބަޑީގެ އަޑެވެ. ޑެނިއަލް ބޭރަށް ބަލަހައްޓައިގެން އިނދެފައި އިރުއިރުކޮޅާ އެހެން ކުދިންނާ ދިމާއަށް ބަލައިލާފައި ހިނިތުންވެލައެވެ. ކެރޮލީންގެ މުޅި ސަމާލުކަން ހުއްޓިފައި ހުރީ ޑެނިއަލަށެވެ. ކުއްލިއަކަށް ކުރެވުނު މޮޅު ބުއްދިއަކާއެކު އޭނާ ޖީބުން ޗޮކްލެޓެއް ނަގައިފިއެވެ. ކަރުދާސްގަނޑު ނޮޅައިލުމަށް ފަހު ކެއުމުގެ ބަދަލުގައި ޑެނިއަލަށް ދިއްކޮށްލިއެވެ.

"ކާނަންތަ؟"

ޑެނިއަލް ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ނުކާނަން. ޝުކުރިއްޔާ."

"ކީއްވެގެން؟ ޗޮކްލެޓު ނުބައީތަ؟" ކެރޮލީން އާދޭހުގެ ރާގަކަށް އަހައިލިއެވެ.

"އެހައި މީރެއް ނޫން."

"އަހަންނަށް ވަރަށް މީރު. ވާހަކަދައްކާ ހިތްވެސް ނުވަނީތަ؟" ކެރޮލީން ޗޮކްލެޓު ކަމުން އަހައިލިއެވެ.

"ނޫނޭ." ޑެނިއަލް ވަރަށް ކުރުކޮށް ޖަވާބުދިނެވެ.

"މާ ގިނަ ރައްޓެހިންނެއް ނޫޅޭ ދޯ؟"

"އާނ."

"ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖަކުވެސް ނެތީތަ؟"

މި ފަހަރު އެއްވެސް ޖަވާބެއް ނުދީ ޑެނިއަލް ހަމައެކަނި ހިނިތުންވެލީއެވެ.

"އަންހެންކުދިން ކަމުނުދަނީތަ؟"

ޑެނިއަލް އަނެއްކާވެސް ހިނިތުންވެލިއެވެ. ލަދުން އޭނާގެ މޫނަށް ރަތްކުލަ އެރިތަން ފެނުނީމާ ކެރޮލީނަށް ވަރަށް ކަމުދިޔައެވެ. އެހެންވީމާ ވަރަށް ޝައުގުވެރިކަމާއެކު އޭނާގެ މޫނަށް ބަލާން ފަށައިފިއެވެ.

"އަހަންނާ ރައްޓެހިވާނަންތަ؟ މި ބުނީ އެކުވެރިއަކަށް..."

މި ފަހަރު ހައިރާންވެފައި ބަލައިލީ ޑެނިއަލެވެ.

"އަހަރެން ވަރަށް ރަނގަޅު އެކުވެރިއަކަށް ވާނަން." ކެރޮލީން އޭނާއަށް ޔަގީންކަން ދިނެވެ.

ޑެނިއަލް ކުޑަކޮށް ކަންބޮޑުވިއެވެ. ކުއްލިއަކަށް ދޭނޭ ޖަވާބެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާއާ އެކުވެރިކަމުގެ ގުޅުން އުފައްދަން ބޭނުން ވެގެން ވާހަކަދެއްކި ފުރަތަމަ އަންހެންކުއްޖަކީ މިއީއެވެ.

"އެކުވެރިކަން ބޭއްވޭނެތަ؟" ކެރޮލީން އަނެއްކާވެސް އަހައިލިއެވެ.

"އާނ. އެންމެ ރަނގަޅު." ކުޑަ ޖެހިލުންވުމަކާއެކު ޑެނިއަލް ބުނެލިއެވެ.

ކެރޮލީންގެ މޫނުމަތީން އުފާވެރިކަމުގެ އަސަރު ފައުޅުވިއެވެ. އޭނާ ޑެނިއަލާ ސަލާންކުރަން އަތްދިއްކޮށްލިއެވެ. ޖެހިލުންވެފައި ހުރެމެ ޑެނިއަލް ސަލާން ކޮށްފިއެވެ.

އެޔާއެކު ދެ މީހުންގެ މެދުގައި ވާހަކަ ދެކެވޭން ފަށައިފިއެވެ. ބޮޑަށް ރަނގަޅު ވާނީ ކެރޮލީން ވާހަކަދައްކާން ފަށައިފިއޭ ބުނިއްޔާއެވެ. ގިނައިން ވާހަކަދެއްކީ އޭނާއެވެ. ޑެނިއަލާ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ގެންދިޔައެވެ. އޭނާ ގަޔާވާ ކަންކަމަކީ ކޮބައިތޯ، ނުރުހޭ ކަންކަމަކީ ކޮބައިތޯ އޮޅުންފިލުވިއެވެ. އާއިލާއާ ބެހޭ މައުލޫމާތުވެސް އޮޅުން ފިލުވިއެވެ. ކިޔައި ނިމިގެން ކުރާނޭ މަސައްކަތަކީ ކޮބައިތޯވެސް އެއްސެވެ. ޑެނިއަލް ގެންދިޔައީ ހުރިހައި ސުވާލަކަށް ޖަވާބުދެމުންނެވެ. ކެރޮލީން އޭނާޔާ ބެހޭ ހުރިހައި ކަމެއް ވަރަށް ތަފުސީލުކޮށް ޑެނިއަލަށް ކިޔައިދީފިއެވެ. އަދި އަންހެންކުދިންގެ މެދުގައި ޑެނިއަލާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައްވެސް ކިޔައިދިނެވެ. ޑެނިއަލް ހިނިތުންވޭވެ އިނދެގެން އަޑުއަހަމުން ގެންދިޔައީއެވެ. މިއީ އިސްކޫލުގައި އަންހެންކުއްޖަކާ އޭނާ މިހައި ދިގުކޮށް ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.

ކެރޮލީނަކީ ވަރަށް ގަޔާވާ ކަހަލަ ގޮތެއް ހުރި ކުއްޖެކެވެ. ދަތުރުމަތީގައި އޭނާ ޑެނިއަލަށް ވަރަށް ގިނަ ވާހަކަ ކިޔައިދިނެވެ. މަންމަ ފިޔަވައި އެހެން އެއްވެސް އަންހެނަކާ ޑެނިއަލް ދުވަހަކުވެސް ބައްދަލެއް ނުކުރެއެވެ. އަދި މިހައި ދިގުކޮށް ވާހަކައެއްވެސް ނުދައްކައެވެ. މިއަދު މި އައި ބަދަލަކީ ވަރަށް ހިތްގައިމު ބަދަލަކަށް ވެއްޖެއެވެ. ދަތުރުމަތީގައި ދެމީހުންގެ މެދުގައި ވަރަށް ބޮޑު އެކުވެރިކަމެއް އުފެދިއްޖެއެވެ. ދެމީހުން އެކަކު އަނެކަކަށް ފޯނު ނަންބަރާއި ގޭގެ އެޑުރެސް ދީފިއެވެ. އެކުވެރިކަން ދެމީހުންގެ މެދުގައި އުފެދިފައި ނިމުނީއެއް ނޫނެވެ. ކުލާހުގެ އެހެން ކުދިންގެ ލޮލުގައިވެސް އެކަންތައް އަޅައިގެންފިއެވެ. އަންހެންކުއްޖަކާ މިހައި ގިނަ އިރު ހީނހީނފައި ޑެނިއަލް ވާހަކަދެއްކި ތަނެއް މީގެ ކުރިން އެއްވެސް ކުއްޖަކަށް ފެނިފައެއް ނެތެވެ. އެއީ އަންހެންކުދިން ވަރަށް ބޮޑަށް ހައިރާންވީ ކަމަކަށް ވެއްޖެއެވެ.

އަނެއް ދުވަހު އިސްކޫލަށް އައިސް އިހަށް ހަދާހެން ދާ ގޮތަށް ގޮސް ކުލާހަށް ވަނީއެއް ނޫނެވެ. ކެރޮލީނާއެކު އިސްކޫލުގެ މައިދާނުގައި ހިނގައިލަހިނގައިލާ ހުރީއެވެ.

* * *

ސިބިލް އުޅުނީ ރޭގަނޑަށް ކާން ހަދާށެވެ. ކުއްލިއަކަށް ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. އަނެއްކޮޅުން ވާހަކަދެއްކީ އަންހެންކުއްޖެކެވެ. ރައްޓެއްސެކޭ ބުނެފައި ޑެނިއަލަށް ގޮވައިދޭށޭ ބުނެފިއެވެ. ސިބިލް ވަރަށް ބޮޑަށް ހައިރާންވިއެވެ. އަންހެން ރައްޓެއްސަކު ހުންނަ ވާހަކައެއް ޑެނިއަލް ދުވަހަކުވެސް ނުބުނެއެވެ. އަދި އަމުދުން ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކައެއް ނުބުނެއެވެ. ސިބިލް ގޮސް ޑެނިއަލްގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ އިނީ މޭޒުދޮށުގައި ކިޔަވާށެވެ. މަންމަ ވަން އަޑު އިވިފައި އެނބުރި ބަލައިލިއެވެ.

"ދަރިފުޅަށް ފޯނެއް." ސިބިލް ފަރުވާތެރިކަމާއެކު ޑެނިއަލާ ދިމާއަށް ބަލައިލިއެވެ.

"ފޯނެކޭ؟" ޑެނިއަލް ހައިރާންވެފައި އަހައިލިއެވެ.

"އާނ. ދަރިފުޅުގެ އެކުވެރި ކެރޮލީން."

ޑެނިއަލްގެ މޫނުމައްޗަށް ކުލައެއް އަރައިފައި ފައިބައިގެން ހިނގައްޖެއެވެ. ކުއްލިއަކަށް މަންމަގެ މޫނުން ނަޒަރު އެއްފަރާތް ކޮށްފިއެވެ.

"މި ދަނީ." އޭނާ ވަރަށް މަޑުމަޑުން ބުނެލިއެވެ. ސިބިލް އިތުރު އެއްޗެކޭ ނުބުނެ ކޮޓަރިން ނުކުމެއްޖެއެވެ.

ކުޑަ އިރުކޮޅެއް ފަހުން ޑެނިއަލް ބޮޑުކޮޓަރިއަށް އައިސް ފޯނުން ވާހަކަދައްކާން ފަށައިފިއެވެ. އޭނާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. ސިބިލް ބަދިގޭގައި ހުރެގެން އޭނާޔާ ދިމާއަށް ބަލަމުން ގެންދިޔައެވެ. ހައެއް މިނިޓު ވާންދެން ވާހަކަދެއްކުމަށް ފަހު ފޯނު ބާއްވަފައި ޑެނިއަލް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެ ފޯނުކޯލާ ބެހޭ އެއްވެސް ވާހަކައެއް ސިބިލް އެ ދުވަހަކު ނުދައްކައެވެ.

ވިދިގެން އައި ދުވަހު އިސްކޫލަށް ދަމުން ސިބިލް އަހައިލިއެވެ.

"މިހާރު ދަރިފުޅުގެ ރައްޓެހިންވެސް ތިބޭ ދޯ؟"

ޑެނިއަލް ކާރު ދުއްވަމުން ބުނެލިއެވެ. "މާ ގިނައެއް ނޫން. އެންމެ ރައްޓެއްސެއް."

ސިބިލް ހިނިތުންވެލިއެވެ. "ކެރޮލީންތަ؟"

ޑެނިއަލް ހިނިތުން ވެލައިފައި ބޯ ޖަހައިލިއެވެ.

"އެއީ ކޮން ކަހަލަ ކުއްޖެއް؟"

"ވަރަށް ރަނގަޅު ކުއްޖެއް." ޑެނިއަލް ލަދުރަކި ގޮތަކަށް ބުނެލިއެވެ.

"ރަނގަޅު އާއިލާއެއްގެ ކުއްޖެއްތަ؟"

"އޭނާގެ ބައްޕައަކީ ވަކީލެއް. މަންމައަކީ އިޖްތިމާޢީ މަސައްކަތްކުރާ މީހެއް. ފިރިހެން ކޮއްކޮއަކު ހުރޭ. އެ ކޮއްކޮވެސް ކިޔަވަނީ އަހަރެމެންގެ އިސްކޫލުގައި." ޑެނިއަލް މަންމައަށް ކިޔައިދިނެވެ.

"ދަރިފުޅާ ރައްޓެހިވީ ކިހިނެއް؟" ސިބިލް އާދައިގެ ރާގަކަށް އަހައިލިއެވެ.

ޑެނިއަލް ހުރިހައި ވާހަކައެއް ވަރަށް ތަފުސީލުކޮށް މަންމައަށް ކިޔައިދީފިއެވެ. ސިބިލް ހިމޭނުން އިނދެގެން ވިސްނަމުން ގެންދިޔައެވެ.

"އޭނާޔާ މަންމަޔާ ބައްދަލުކުރުވާ. މަންމަ ބޭނުން އޭނާ ބަލައިލާން." އިސްކޫލުގެ ދޮރާށި ދޮށަށް ކާރު މަޑުކޮށްލީމާ ސިބިލް ބުނެލިއެވެ.

"ގެއަށް ގެންނަންވީތަ؟"

"އާނ. ތިޔައީ ރަނގަޅު ގޮތެއް. ބުނޭ ސައި ބޯން އަންނާށޭ."

ހަމަ އެ ދުވަހު ޑެނިއަލް ކެރޮލީނަށް ސަޔަށް ދައުވަތު ދީފިއެވެ. ކެރޮލީން ވަގުތުން އެއްބަސްވެއްޖެއެވެ.

ވިދިގެން އައި ދުވަހު ގޭގެ ރަނގަބީލު ޖަހައިލީމާ ދޮރު ހުޅުވީ ޑެނިއަލެވެ. އެ ވަގުތު އޭނާ ހައިރާންވީ ވަރުން ހަދާނޭ ގޮތެއް ނޭނގުނެވެ. ކެރޮލީން ހުރީ ރޭނދާ ފޮތީގެ ހެދުމެއް ލައިގެންނެވެ. ކެރޮލީން ހަލޯ އޭ ބުނެލުމަށް ފަހު ޑެނިއަލްގެ ގައިގައި ބައްދައިލައި ކޮލުގައި ބޮސްދީފިއެވެ. ޑެނިއަލް ވަރަށް ބޮޑަށް ހާސް ވެއްޖެއެވެ. ގެއަށް އަންނާށޭ ބުނެވުނު މޮޔަ މިހާރު ހިތަށް އަރާން ފަށައިފިއެވެ. ފުރަތަމަ ބަލައިލުމާއެކުވެސް ސިބިލްއަށް އެ އަންހެންކުއްޖާ ކަމުނުދިޔައެވެ. އެކަމަކު އެކަމެއް ނުއެއް ދެއްކިއެވެ. އޭނާ ހައިރާންވީ ޑެނިއަލަށް އެ ކުއްޖާ ކަމުގޮސްގެން ގާތް ގުޅުމެއް ބޭއްވީތީއެވެ.

ސައި ބޯން ތިބެގެން ސިބިލް ކެރޮލީނާ ވަރަށް ގިނަ ސުވާލުކުރިއެވެ. ޑެނިއަލް އިނީ މުޅީން މާޔޫސްވެފައެވެ. ސައި ބޮއި ނިމިގެން ކުޑައިރުކޮޅަކު އިނދެފައި ކެރޮލީން ގެއަށް ހިނގައްޖެއެވެ. ދޮރުމަތީން ވަކިވުމަށް ފަހު އެނބުރި ގެއަށް ވަންއިރު ޑެނިއަލްގެ މޫނުމަތީން ލަދުވެތިކަމުގެ އަސަރު ވަރަށް ފާޅުކޮށް ފެންނާން ހުއްޓެވެ. ސިބިލް ހިމޭންކަމާއެކު މޭޒުމަތީން ތަށިތައް ނަގައި ސާފު ކުރަނީއެވެ. ޑެނިއަލް ޓީވީ ޖައްސައިގެން ސޯފާގައި އިށީނދެއްޖެއެވެ. ކުޑައިރުކޮޅެއް ފަހުން ސިބިލްވެސް އަތުވެއްޖެއެވެ.

"ދަރިފުޅަށް އެ ކުއްޖާގެ ފުށުން ފެނުނީ ކޮން ރަނގަޅުކަމެއް؟" ވާހަކަ ފެއްޓީ ސިބިލްއެވެ.

"އޭނާ ވަރަށް ގާތްކަން ބަހައްޓާ. އެހައި ޒަމާނީ ކުއްޖެއް ކަމެއް މީގެ ކުރިއަކުން ނުދެނަހުރިން."

އިރުކޮޅެއް ވާންދެން ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން އިނދެފައި ސިބިލް ތެދުވެގެން ހިނގައްޖެއެވެ.

ވިދިގެން އައި ދުވަހު އިސްކޫލަށް ގޮސް ޑެނިއަލް އިނީ އިހެކޭ އެއްގޮތަށް މުޅީން އެކަހެރި ވެގެންނެވެ. އޭނާގެ ރަވައްޔާ ހުރި ގޮތް ފެނިފައި ކެރޮލީން ވަރަށް ބޮޑަށް ހައިރާންވިއެވެ. އެތައް މަސައްކަތަކާއެކުވެސް ޑެނިއަލް އަނގަޔަކުން ނުބުންޏެވެ. ކުރި އެއްވެސް ސުވާލަކަށް ޖަވާބެއްވެސް ނުދިނެވެ. ވިދިގެން އައި ދެތިން ދުވަސް ދިޔައީ އެ ގޮތަށެވެ. އެކަމަކު އޭގެ ފަހުން މަޑުމަޑުން ރަނގަޅު ވަމުން ގޮސް އަނެއްކާވެސް ދެ މީހުންގެ މެދުގައި އިހަށް އޮތް ގާތްކަން ރުޖޫއަ ވެއްޖެއެވެ.

* * *

އެއް ދުވަހަކު ހަވީރު ނައިޓް ކްލަބަށް ދާން ކެރޮލީން ޑެނިއަލަށް ދައުވަތު ދީފިއެވެ. ފުރަތަމަ އޭނާ ހެދީ ދެކޮޅެވެ. އެކަމަކު ކެރޮލީން އާދޭސް ކުރާ ވަރުން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.

"އެކަމަކު އަހަންނަށް ދެވޭނީ މަންމަ ގާތު އަހައި ހުއްދަ ހޯދައިގެން." އޭނާ ބުންޏެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.