އުއްމީދު - 25

(29 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޑެނިއަލްގެ ކަންތައް އަހަރެމެން ވަކި ގޮތަކަށް ކަނޑައެޅުމަކީ ރަނގަޅު ގޮތެއް ނޫން. އޭނާ އުޅެން ބޭނުންވާ ދީނަކަށް އުޅެން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް. އަހަރެމެން އޭނާ ވަކި ދީނަކަށް މިހާރު ލެންބުވިޔަސް ބޮޑު ވެގެން އެހެން ދީނަކަށް ވަނުމަކީވެސް ވެދާނެ ގޮތެއް. އެހެންވީމާ އަހަރެމެން ދެ މީހުންގެ ދީނާ ބެހޭ ވީހައިވެސް ގިނަ މައުލޫމާތެއް އޭނާއަށް ދެމުން ގެންދާނީ. އަހަރެމެންނާ އެކީ ފައްޅިއަށާއި އަޅުކަމުގެ ކަންތައް އޮންނަ ތަންތަނަށް ގެންދާނީ. އެކަމަކު އޭނާ ޔަހޫދީއަކަށް ނޫނީ ކްރިސްޓިއަނަކަށް ހަދަން މަސައްކަތް ނުކުރާނީ." ސިބިލް އޭނާއަށް ފެންނަ ގޮތް ކިޔައި ދިނެވެ.

"އެކަމަކު ސިބިލް. އަހަރެމެންގެ އާއިލާގެ މީހުން ތިޔަ ގޮތަކާ ނުރުހޭނެ. މިހާރުވެސް އެ މީހުން ބުނަނީ ދަރިން ތިބެން ވާނީ ބައްޕަގެ ދީނުގައޭ. އެހެންވީމާ ބައްޕަމެން ދެކޭ ގޮތުގައި ޑެނިއަލް ވާން ޖެހޭނީ ޔަހޫދީއަކަށް."

ސިބިލްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. "އަހަރެންގެ އާއިލާގެ މީހުންވެސް ގަބޫލެއް ނުވާނެ. އެމީހުން ދެކޭ ގޮތުގައި އަހަރެން މިއީ މަންމަ ކަމަށް ވާތީ ދަރިފުޅުގެ ހެވަށްޓަކައި ކުރަން ޖެހޭ ކަންތައްތައް އެންމެ ރަނގަޅަށް ވިސްނޭނީ އަހަންނަށް. އެއީ ބައްޕައަށްވުރެ ދަރިން ކައިރީ މަންމަޔާ ކަމަށް ވާތީ. އެހެންވީމާ ދަރިފުޅު ހުންނަން ޖެހޭނީ މަންމަގެ ދީނުގައޭ އެމީހުން ބުނީ. އެކަމަކު އަހަރެން އެކަމާ ދެކޮޅު ހަދައިފިން. ޑެނިއަލް އުޅޭނީ އޭނާ ބޭނުން ދީނަކަށޭ އަހަރެން ބުނިން. އަދި އޭނާ އުޅޭ ދީނެއްގެ ސަބަބުން އަހަރެމެންނާ އޮންނަ ގުޅުމަކަށް ނޭދެވޭ އަސަރެއް ނުކުރާނެއޭވެސް އަހަރެން ބުނިން. އެޔާ ޚިލާފަށް ނުބައި އަސަރެއް ކުރާނީ އަހަރެމެން ގަދަކަމުން އޭނާ ވަކި ދީނެއްގައި އުޅެން މަޖުބޫރު ކުރުވީމައޭވެސް ބުނިން."

ޕެޓްރިކް ހިމޭން ވެއްޖެއެވެ. ޕެޓްރިކަކީ ހަގީގަތުގައިވެސް އެހައި ބޮޑަށް ދީނީ މީހަކަށް ވެގެން އުޅޭ މީހެއް ނޫނެވެ. އެހެންވީމާ ދީނަށްޓަކައި ސިބިލްއާ ދެމެދު އޮތް ރަނގަޅު ގުޅުމަށް ހީނަރުކަން އަންނާނޭ ފަދަ ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ދެކޭ ގޮތުގައި ދީނަކީ ދިރިއުޅުމަށް އިތުރު ވެފައި އޮތް އެއްޗެކެވެ. އެއީ ދިރިއުޅުމުގެ މުހިއްމު ބައެއް ނޫނެވެ. އެހެންވީމާ ދީނަށްޓަކައި އެހެން ކަންތައްތައް ދޫކޮށްލާ ކަހަލަ ފިކުރެއް އޭނާގެއެއް ނުހުރެއެވެ. ސިބިލްގެ ވާހަކައަށް ތާއީދުކޮށް ޑެނިއަލް ބޭނުން ދީނެއް އިޚްތިޔާރު ކުރުމުގެ ހައްގު ދޭން އެއްބަސްވީ އެހެން ވެގެންނެވެ.

ޑެނިއަލް ބޮޑުވަމުން އައީ މި ބުނެވުނު ފަދަ މާހައުލެއްގައެވެ. މައިންބަފައިން ގެންދިޔައީ އެ ދެމީހުންގެ ދީން ޑެނިއަލަށް ދަސްކޮށް ދެމުންނެވެ. ބައްޕަ ގެންދިޔައީ އޭނާގެ ދީނުގެ ވާހަކަތައް ކިޔައިދެމުންނެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު ފައްޅިއަށް ދިޔަ ނަމަވެސް ދަނީ ޑެނިއަލް ގޮވައިގެންނެވެ. ޑެނިއަލް ވަރަށް ޝައުގުވެރިކަމާއެކު ކެތަލިކް އަޅުކަމާއި ޔަހޫދީ އަޅުކަމުގެ ރަސްމިއްޔާތުތައް ބަލަމުން ގެންދިޔައެވެ. އޭނާއަށްޓަކައި އެއީ މަހަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ބައިސްކޯފަށް ދިއުން ނުވަތަ ޕާކަކަށް ދިއުން ކަހަލަ ކަމެކެވެ. ގަޔާވާ ކަހަލަ މަންޒަރުތަކެއް ފެންނަ ތަނެކެވެ.

އެންމެ ފުރަތަމަ ޕެޓްރިކް ގަވާއިދުން ހަފުތާއަކު އެއް ދުވަހު ފައްޅިއަށް ދެއެވެ. އެކަމަކު ވަގުތުގެ ދަތިކަމާ ހުރެ ފަހުން އެހައި ގިނައިން ދެވޭ ގޮތެއް ނުވެއެވެ. އެހެން ނޫނަސް އެހެން ގައުމުތަކުގައި ޔަހޫދީ ފައްޅި ހުންނަނީ ވަރަށް މަދުންނެވެ. ބައެއް އަވަށްއަވަށުގައި އަމުދުން ނުވެސް ހުރެއެވެ. މިޔާ ޚިލާފަށް ސިބިލް ގަވާއިދުން ފައްޅިއަށް ދެއެވެ. އެންމެ ބޮޑު ސަބަބަކީ ވަރަށް ގިނަ ތަންތާނގައި ކްރިސްޓިއަން ފައްޅި ހުރުމެވެ. އެމެރިކާގައި ދިރިއުޅުމާއި އެހެން ގައުމުތަކުގައި ދިރިއުޅުމަށް ބަލާއިރު ސިބިލްއަށް ވަރަށް ގިނަ ހުސް ވަގުތު ލިބިފައި އޮވެއެވެ. އެމްބަސީގެ އިސްކޫލަކަށް ނުވަތަ ކުލާހަކަށް ކިޔަވައިދީ ނިމުނީމާ ދުވަހުގެ ގިނަ ވަގުތު އޮންނަނީ ހުހަށެވެ. ސަބަބުތައް މިހެން ހުރުމާއެކު ޑެނިއަލްގެ މައްޗަށް މަންމަގެ އަސަރު އޮންނަނީ ވަރަށް ބޮޑަށް ފެތުރޭ ގޮތް ވެފައެވެ.

ޑެނިއަލް މަންމަގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްކުރިއެވެ. ބައެއް ކަންތައް ދަސްވެފައި ހުރީ ގަސްތަކާ ނުލައެވެ. ސިބިލްއަކީ ކްރިސްޓިއަނަކަށް ވުމާއެކުވެސް އިރުމަތީގެ ސަގާފަތާއި އާދަތަކަށް ލޯބިކުރާ މީހެކެވެ. އެ ލޯބި ޑެނިއަލްގެ ހިތަށް ނަގުލުވެފައި ވަނީ މަންމަގެ ފަރާތުންނެވެ. އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ހޭދަ ވެފައި ވަނީ ހުޅަނގުގެ މިނިވަން ޚިޔާލު ގަބޫލުނުކުރާ ތަންތާނގައެވެ. އިސްކޫލުގައިވެސް އޭނާ ކިޔެވީ މުސްލިމް ކުދިންނާ އެކީގައެވެ. އެހެންވީމާ މިނިވަންކަމުގެ ފުޅާ ވިސްނުން އޭނާގެ ސިކުނޑިއަށް ވަދެފައެއްވެސް ނެތެވެ. އިސްކޫލުން ގެއަށް އައިސް އޭނާގެ ވަގުތުތައް ހޭދަވަނީ މަންމަޔާ އެކީގައެވެ. ބޭރަށް ދާން ޖެހުނަސް ދަނީ ބައްޕަ ނުވަތަ މަންމަޔާ އެކީގައެވެ.

* * *

ޑެނިއަލް އެނބުރި އެމެރިކާއަށް އައީ އުމުރުން ފަނަރަ އަހަރުގައެވެ. އެނބުރި އައިސް އެމެރިކާގެ މާހައުލަށް ބަދަލުވެގަތުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. އެމެރިކާގެ މިނިވަންކަން އޭނާއަކަށް ކަމުދާ ގޮތެއް ނުވިއެވެ. އޭނާއަށް ފެނުނު ގޮތުގައި އެއީ އޭނާގެ ނަޒަރިއްޔާތާ ގުޅޭ މާހައުލެއް ނޫނެވެ. މައިންބަފައިންނެކޭ އެއްފަދައިން އޭނާއަކީވެސް މާ ގިނަ ބަޔަކާ މިލިގެން އުޅޭ ހިތްވާ މީހެއް ނޫނެވެ. އެކަމަކު އޭނާގެ މި އާދަ ގިނަ މީސްމީހުން ދެކެން ފެށީ އޭނާގެ އުނިކަމެއްގެ ގޮތުގައެވެ.

"ބައްޕާ. އަޅުގަނޑު ބޭނުން ވަނީ އެނބުރި އިންޑިއާއަށް ދާން." އިންޑިއާއިން އެނބުރި އެމެރިކާއަށް އައުމަށް ފަހު އެއް ދުވަހަކު އޭނާ ބައްޕަ ގާތު ބުނެލިއެވެ. އެންމެ ފަހުން ޕެޓްރިކް ދިރިއުޅުނީ އިންޑިއާގައެވެ. އިންޑިއާގައި އުޅުނު ދުވަސްވަރު ޑެނިއަލް ކިޔަވަން ދިޔައީ ދާރްޖިލިންގ ގެ ދަނާލު އިސްކޫލަކަށެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ޕެޓްރިކް ހައިރާން ވެފައި އަހައިލިއެވެ.

"މިތާނގައި އަޅުގަނޑަކަށް ނޫޅެވޭނެ. މިތާނގެ ކަންތައްތައް މި ހުންނަނީ އަޖައިބަުވާ ކަހަލަ ގޮތަކަށް. އިސްކޫލުގައި އަޅުގަނޑުގެ ކުލާސް ކުދިން މަސްތުވާ ތަކެތީގެ ބޭނުން ކުރޭ. އަދި..." ޖުމުލަ ނުނިންމައި އޭނާ ހުއްޓައިލިއެވެ. "އެމީހުންގެ އާދަތައް ހުންނަ ގޮތުން އަޅުގަނޑަށް ވަރަށް ބޮޑަށް އުނދަގޫވޭ."

ޕެޓްރިކް ޑެނިއަލާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. އޭނާގެ ދަރިފުޅުގެ މޫނުމަތީން ފެންނަނީ ކަންބޮޑުވުމާއި މާޔޫސީގެ އަސަރެވެ.

"ދަރިފުޅާ. ބައްޕައަށް ތިޔަކަން އެނގޭ. އެކަމަކު ދަރިފުޅަށް ޖެހޭނީ މިތާނގެ މާހައުލަށް އާދަވަން. ދަރިފުޅު މަތީ ތައުލީމު ހާސިލުކުރަން އޮތް ތަނަކީ މިއީ."

"އަޅުގަނޑަކަށް މިތާނގެ އިސްކޫލު މާހައުލު ކަމަކު ނުދޭ."

"ބައްޕަ ދަރިފުޅު ރަނގަޅު އިސްކޫލަކަށް ބަދަލުކޮށް ދޭނަން."

"ބައްޕާ. މިތާނގެ ދިރިއުޅުންވެސް އަޅުގަނޑަކަށް ކަމަކު ނުދޭ. އަޅުގަނޑަކަށް މިތާނކަށް އާދައެއް ނުވެވޭނެ. އަޅުގަނޑަށް ކުރެވެނީ ބީރައްޓެއްސެއްގެ އިހުސާސް. ހީވަނީ ނުބައި ތަނަކަށް އާދެވިގެން އުޅެނީހެން. ކުލާސްކުދިން އަޅުގަނޑަށް މަލާމާތްކުރޭ. ދައްކަނީ ވިޔާނުދާ ވާހަކަ."

"އެކުދިން ދައްކާ ވާހަކަޔާ އަޅައިނުލާ. ކޮންމެ ތަނެއްގައިވެސް އެ ތަނެއްގެ ބަޔަކަށް ހާއްސަ ސަގާފަތެއް އޮންނާނެ. މި ރަށުގައި އޮންނާނީ މި ރަށުގެ ސަގާފަތް." ސިބިލް ފުރަތަމަ ފަހަރަށް އެ ވާހަކައިގައި ބައިވެރިވެލިއެވެ.

"މަންމާ. އަހަންނަކަށް މިތަން ކަމަކު ނުދެއޭ."

"މަންމައަކަށްވެސް ކަމަކު ނުދޭ. އެކަމަކު އަހަރެމެން ދިރިއުޅެން އޮތް ތަނަކީ މިއީ." ސިބިލް ބުނެލިއެވެ.

"ބައްޕާ. އަޅުގަނޑު އިންޑިއާއަށް ފޮނުވައިލައްވާ. އޭލެވެލް ހަދަން ބޭނުން ވަނީ އިންޑިއާގައި. އޭގެ ފަހުން އެނބުރި އައިސް މިތާނގެ ޔުނިވަރުސިޓީއަކަށް ވަދެފާނަން."

"އިންޑިއާގެ ތައުލީމީ ފެންވަރު އެހައި ރަނގަޅެއް ނޫން. އިންޑިއާ އެކަންޏެއް ނޫން. އޭޝިއާގެ އެއްވެސް ގައުމެއްގެ ފެންވަރު ރަނގަޅެއް ނޫން. އެހެންވީމާ ހައި ސްކޫލް ނިންމަން ވާނީ މި ރަށުގައި. އޭގެ ފަހުން އެހެން ގައުމެއްގެ ޔުނިވަރުސިޓީއަކަށް ދާން ބޭނުމިއްޔާ ދޭ. ދެތިން އަހަރު މި ރަށުގައި އުޅެވުނީމާ މިތަނަށް އާދަ ވެދާނެ. އުޅޭކަށް އުނދަގުލެއްވެސް ނުވާނެ." ސިބިލް އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. "އެހެން ނޫނަސް ވަޒީފާއެއްވެސް އަދާކުރަން ޖެހޭނެތާ. އޭޝިއާގެ އެއްވެސް ގައުމަކުން ރަނގަޅު ވަޒީފާއެއް ނުލިބޭނެ. ދެން ތިޔަ ދެއްކީ ކުލާސް ކުދިންގެ އާދަތަކުގެ ވާހަކަ. އެކުދިންނާ މިލިގެން އުޅޭނެ ކަމެއް ނެތް. އެމީހުން މަލާމާތް ކުރިއްޔާ ކުރިޔަ ދީ. އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ މީހުން އެކަހަލަ ކަންތައް ކޮށްގެން އެ ދައްކައިދެނީ އެ މީހުންގެ އަޚްލާގީ ފެންވަރު. އެ ފާޅުކުރަނީ އެމީހުންގެ ކިބައިގައި ހުންނަ އުނިކަންތައް. އެ މީހުންނަށް ޖަވާބު ދިނުމަކީ އެ މީހުންގެ ދަރަޖައަށް ވެއްޓިގަތުން. އެމީހުންގެ މަގުން އެ މީހުން ހިނގާނެ. ދަރިފުޅު، ދަރިފުޅުގެ މަގުން ހިނގާ." ސިބިލް ބުންޏެވެ.

އެ ދުވަހު މަންމަ ދެއްކި ވާހަކަ އޭނާ ކަނުލައި އަޑުއެހިއެވެ. އަދި ސިކުނޑީގައި ރަނގަޅަށް ބިންވަޅު ނެގިއެވެ. އެޔާއެކު އައު މާހައުލަށް މަޑުމަޑުން ދިރެން ފަށައިފިއެވެ. އޭނާއަކީ އެންމެ ކުޑައިރުއްސުރެ ކިޔެވުމަށް މޮޅު ކުއްޖެކެވެ. އެހެންވީމާ ގިނަ ދުވަހެއް ނުވެ ކުލާހުގައިވެސް އެކަން ދައްކައިފިއެވެ. އެމެރިކާގެ އާދަތަކާ ޚިލާފަށް އޭނާގެ ބަހާއި އަމަލު ހުންނު ގޮތުގެ ސަބަބުން އިހަށް މަލާމާތް ކުރި ނަމަވެސް ފަހުން އެއީ އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކެއް ކަމަށް ކުދިން ގަބޫލުކުރާން ފަށައިފިއެވެ. އޭނާ ކުޑައިރު ކިޔެވީ ބޭރު ގައުމުތަކުގައި ހުންނަ އިނގިރޭސިވިލާތު އިސްކޫލުތަކުންނެވެ. އެހެންވީމާ އެމެރިކާގެ އިނގިރޭސި ބަހަށްވުރެ އޭނާގެ ބަސް މާ ސާފުވެފައި ފުރިހަމައެވެ. އިނގިރޭސި ބަހުގެ އިތުރަށް އޭނާ ޖަރުމަނު ބަހުން ވާހަކަދައްކާށާއި ލިޔަންކިޔަން ދަނެއެވެ. އަރަބި ބަހުންނާއި އުރުދޫ ބަހުން ވާހަކަދައްކަން ކޮންމެވެސް ވަރަކަށް ދަނެއެވެ. އެކަމަކު މި ދެ ބަހުންކުރެ ބަހަކުން ލިޔާކަށް ކިޔާކަށް ނުދަނެއެވެ.

އޭނާގެ މި ޚާއްސިއްޔަތާއި ރީތި އާދަތަކުގެ ސަބަބުން އިސްކޫލުގައި ވަރަށް މަޝްހޫރު ކުއްޖަކަށް ވެގެން ހިނގައްޖެއެވެ. އެއް ދުވަހަކު އޭނާ ޖަރުމަނު ބަސް ދަންނަކަން އޭނާގެ އިނގިރޭސި މުދައްރިސަށް އެނގިއްޖެއެވެ.

"ޑެނިއަލް. ކަލޭ ދެބަސް ދަންނަން ދޯ؟" މުދައްރިސު އަހައިލިއެވެ.

"ދެ ބަހެއް ނޫން. ހަތަރު ބަސް. ޢަރަބި ބަހާއި އުރުދޫ ބަސްވެސް އަޅުގަނޑު ދަންނަން. އެކަމަކު އެ ދެ ބަހުން ލިޔާކަށް ކިޔާކަށް ނޭނގޭ. ވާހަކަދައްކަން ދަންނަން." އޭނާ މަޑުމަޑުން މިހެން ބުނެލާއެކު މުޅި ކުލާހުގެ ސަމާލުކަން އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ. ކުދިން ތިބީ ހައިރާންވެފައެވެ.

"ހަތަރު ބަހޭ؟ ވަރަށް މޮޅު. އެ ބަސް ދަސްކުރީ ކިހިނެއް؟ މި އެހީ އަރަބި ބަހާއި އުރުދޫ ބަސް ދަސްކުރީ ކިހިނެއްހޭ."

"އަޅުގަނޑުގެ ބައްޕަ ވަރަށް ގިނަ ދުވަހު މެދުއިރުމަތީގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގައި މަސައްކަތް ކުރެއްވި. އަޅުގަނޑު އުފަންވީ މަޣްރިބަށް. އެހެންވީމާ އަރަބި ބަހުން ވާހަކަދައްކާން ދަސްވީ. ފާއިތުވި ދެ އަހަރު އަޅުގަނޑު ދިރިއުޅުނީ އިންޑިއާގައި. އިންޑިއާގައި އުޅުނު ރަށުގައި ވާހަކަދައްކަނީ އިނގރޭސި ބަހުން ނޫނީ އުރުދޫ ބަހުން. އެހެންވީމާ އުރުދޫ ބަހުން ވާހަކަދައްކާންވެސް ދަސްވެއްޖެ."

"އުރުދޫތަ ނޫނީ ހިންދީތަ؟" މުދައްރިސު އަހައިލިއެވެ.

"ކޮންމެ ގޮތަކަށް ވިސްނެވިޔަސް އެންމެ ރަނގަޅު." ޑެނިއަލް ކޮނޑު ހިއްލައިލިއެވެ.

"ޑެނިއަލް. ކަލޭގެ ވިސްނުން ވަރަށް ތޫނު." މުދައްރިސު އޭނާއަށް ތައުރީފު ކުރިއެވެ. ރައްދުގައި ޑެނިއަލް ހަމައެކަނި ހިނިތުންވެލީއެވެ.

އެ ދުވަހު އިސްކޫލުގެ ކެފެޓޭރިއާގައި އެންމެ ފޯރިއާއެކު ދެކެވުނީ އޭނާގެ ވާހަކައެވެ. އަންހެނުންކުދިންގެ މެދުގައި އޭނާގެ މަގުބޫލުކަން ކުއްލިއަކަށް ބޮޑުވެގެން ހިނގައްޖެއެވެ. އެހެން ނޫނަސް އޭނާގެ ރީތިކަމާއި އާދަތަކުގެ ސަބަބުން އަންހެންކުދިންގެ ސަމާލުކަން އިހަށްވެސް އޭނާއާ ދިމާއަށް ހުއްޓެއެވެ. ތުރުކީ މަންމައަކާއި ޖަރުމަނު ބައްޕައެއްގެ ދަރިއަކަށް ވާތީ ދެމީހުންގެ ޚާސިއްޔަތުވެސް އޭނާގެ ކިބައިގައި ވަނީ އެކުލެވިފައެވެ. ހޫނު ގައުމުތަކުގައި ގިނަ ދުވަހު އުޅުމުގެ ސަބަބުން އޭނާގެ ގައިގެ ކުލަ ހުންނަނީ ހުދު ދޮން ކުލައިގެ ބަދަލުގައި ބަދަން ދޮން ކުލައަކަށް ބަދަލުވެފައެވެ. ލޮލުގައި ހުންނަނީ ގަދަ މުށިކުލައެވެ. އިސްތަށިގަނޑު ކަޅެވެ. އެހެންވީމާ އޭނާ ފެންނަނީ އެހެން ކުދިންނާ ވަރަށް ތަފާތު ގޮތަކަށެވެ. އިސްކޫލަށް ވަދެގެން ހޭދަކުރެވުނު ފުރަތަމަ ދުވަސްކޮޅު އޭނާގެ ލަދުރަކިކަމާއި ބަސްބަދު ކަމުގެ ސަބަބުން ކުދިން އޭނާއަށް ވަރަށް މަލާމާތް ކުރިއެވެ. އެކަމަކު މިހާރު އޭނާގެ އެ ސިފަތައް ވަނީ އޭނާގެ ފުރިހަކަމުގެ ބަޔަކަށް ވެފައެވެ. އޭނާގެ ކިބައިގައި ހުރި އިރުމަތީގެ ސިއްރީ އަސަރުތައް އަންހެންކުދިންނަށް ފެންނާން ފަށައިފިއެވެ. މި ސިފަތަކުގެ ސަބަބުން އަންހެންކުދިންގެ މެދުގައި އޭނާ މަގުބޫލުވެގެން ދިޔަވަރަށް ފިރިހެންކުދިންގެ މެދުގައި އޭނާގެ މައްޗަށް އޮންނަ ހަސަދަވެރިކަން އިތުރުވެގެންވެސް ދިޔައެވެ.

އިސްކޫލުގައި އޭނާޔާ ބެހޭ ގޮތުން ދައްކަނީ ކޮން ވާހަކައެއްތޯ ކުދިން އޭނާޔާ މެދު ދެކެނީ ކިހިނެއްތޯ ބަލާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އެއީ އޭނާ ވިސްނާ ކަމެއްވެސް ނޫނެވެ. އޭނާގެ ސިކުނޑީގައި ހަރުލާފައި އޮތީ މަންމަގެ ނަސޭހަތެވެ. އިސްކޫލަށް އައިސް ކުލާސް ކުދިންނަށް ގޮވައިލައި ކިހިނެއްހޭ އަހައިލުމަށްވުރެ ބޮޑު ވަރެއް އޭނާ ނުކުރެއެވެ. މެންދުރު ކާގަޑީގައި ކެފެޓޭރިއާގައި އެކަނި އިނދެގެން ކައިލައެވެ. ކުޅެން ލިބޭ ގަޑީގައި ރާޒުވާ ކުޅެއެވެ. ފަތަން ދެއެވެ. ޕާޓީއަކަށް ދުވަހަކުވެސް ނުދެއެވެ. އަންހެންކުދިން ކުރާ އިޝާރާތަކަށް ސަމާލުކަމެއް ނުދެއެވެ. ގާތްވާން އުޅެގަތީމާ ކުރަނީ އިންކާރެވެ. އިންކާރު ކުރުމުގެ ސަބަބުން އޭނާގެ އަސަރުގަދަކަމާއި މަގުބޫލުކަން ދިޔައީ އިތުރުވެގެންނެވެ.

އެ ދުވަސްވަރު އިސްކޫލު މިއުޒިކު ގުރޫޕާއެކު ލަވަ ކިޔާނޭ ފުރުސަތު އޭނާއަށް ލިބިއްޖެއެވެ. އެއް ދުވަހަކު މިއުޒިކު މުދައްރިސާ ދެކެވުނު ވާހަކައެއްގެ ތެރެއިން ދީނުގެ ވާހަކަ ފެށިއްޖެއެވެ.

މުދައްރިސު ސުވާލު ކުރީމާ އޭނާ ބުނެލިއެވެ. "އަޅުގަނޑު އެއްވެސް ދީނަކަށް ނޫޅެން." އޭނާގެ މި ސާދާ ޖުމުލައިގެ ސަބަބުންނާއި ބުނެލީ ފަސޭހަކަމުން އެންމެން އެކީގައި ހީނގެންފިއެވެ. އެމީހުން ހީކުރީ އެއީ ސަމާސައެއް ކަމުގައެވެ.

"ކަލޭގެ ބައްޕައަަކީ ކޮން ދީނެއްގެ މީހެއް؟" މުދައްރިސު އަހައިލިއެވެ.

"ބައްޕައަކީ ޔަހޫދީއެއް."

"އެހެން ވެއްޖެއްޔާ ކަލެއަކީވެސް ޔަހޫދީއެއްނު؟"

"ނޫން. އަޅުގަނޑަކީ ޔަހޫދީއަކީމެއް ނޫން. މަންމައަކީ ކެތަލިކެއް."

"އެހެންވީމާ ކަލޭ އުޅެނީ މަންމަގެ ދީނުގައި ދޯ؟"

"އަޅުގަނޑު ދެ ދީނުންކުރެ ދީނަކަށް ނޫޅެން. އުޅޭނޭ ދީނެއް ކަނޑައަޅާނީ އަޅުގަނޑު ބޮޑުވީމާ." އޭނާ ސީރިއަސްކަމާއެކު ބުނެލިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.