ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަކަށްކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ތާރިގު ވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ އާއި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒު ކުރާނެތޯ ސުވާލު ކުރައްވާފައެވެ.
މެމްބަރު ތާރިގު ގެ އެ ސުވާލަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން ގެންގުޅެމުންއައި ސިޔާސަތަކީ، އެކަމާ ގުޅޭގޮތުން މިހާރު ވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން ކަމަށެވެ.
"ވޭތުވެދިޔަ ސަރުކާރުތަކުން ސިޔާސީ އެކި ބޭނުމުގައި އެކި ފަހަރު އެކިގޮތަށް އެކި ތަންތަނުގައި މަރުގެ ހުކުމާ ގުޅުވައިގެން ވާހަކަ ދެއްކި ނަމަވެސް މި މައްސަލައިގައި އަމަލުކުރާ ސިޔާސަތަށް ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައި އެއްވެސް ބަދަލެއް ގެނެސްފައި ނުވޭ." މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ވޭތުވެދިޔަ ސަރުކާރުގައި އެކަން ތަންފީޒުނުކޮށް އޮތީ މި މޭރުމުން ކަމަށް ދެކިލައްވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ގެ މި ޖަވާބާއި ގުޅިގެން ބައެއް މެމްބަރުންވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފިޒުކުރާނަންތޯ ނުވަތަ ނޯންތޯ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު އަރުވާފައިވާކަމަށް ބުނެ ހޯމް މިނިސްޓަރާއި މަޖިލީހުގެ ރިޔާސަތުން ގުޅޭ އިތުރު ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.