އަމީރާ ސުލްޠާނާގެ ނާރެސް - 4

(4 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

“އެއީ ކޮން ހާދީއެއް ހެއްޔެވެ؟” މަހާ ސުއާލުކުރަން ފެށިއެވެ.

އެއީ ކާކު ހެއްޔެވެ؟ މަހާއަށް ޖަވާބުދޭން އަޅުގަނޑު ފަށާނީ ކޮންހިސާބަކުން ހެއްޔެވެ؟

“އެއީ ޢަލީގެ ކުޑައިރުގެ ރައްޓެއްސެކެވެ. ދަރިފުޅާއެވެ! ދަރިފުޅަކަށް އޭނާއެއް ނޭނގޭނެއެވެ.” ބުނަން ބޭނުންވާ ވާހަކައެއް ބުނަން ނޭނގިގެންއުޅެވޭކަހަލަގޮތަކަށް އަޅުގަނޑަށް ބުނެވުނެވެ.

ސާރާ އަޅުގަނޑާ ގާތަށް ޖެހިލިއެވެ. އަދި އަޅުގަނޑުގެ އަތުތެރެޔަށް އޭނާގެ އަތްލައި ބޮނޑިކޮށްލިއެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން އެތައްއިރަކު ތިބެވުނެވެ. އަނގައިން ބަހެއް ބޭރެއްނުވެއެވެ. އަޅުގަނޑުމެން ދެބެންގެ ވިސްނުން އެއްގޮތެވެ. ސާރާ ދިރިއުޅެމުން އެގެންދަނީ އޭނާގެ ޙަޔާތުގެ އެންމެ ދަތިދުވަސްތަކުގައެވެ.

މީގެ ވިއްސަކަށްއަހަރުކުރިން، ސާރާވަނީ އޭނާއަށްވުރެ މާމުސްކުޅި ދުވަސްވީ މީހަކާ އިންނަން މަޖްބޫރުވެފައެވެ. އޭނާގެ އަމިއްލަ އިޚްތިޔާރެއްނެތިއެވެ. އަމިއްލަ ނިންމުމާ ދެކޮޅަށެވެ. ފިރިމީހާ ވެގެންދިޔައީ، ފުރަތަމަދިމާވި ހިނދުން ފެށިގެން، އަނިޔާވެރިގޮތުގައި ޝަޙުވަތްތެރިކަމުގެ ޝިކާރަކަށްވެގެންދިޔަ ސާރާ، މިއަދު އެވަނީ އަލުން އެކަން ތަޖުރިބާ ކުރަން ޖެހިފައެވެ. އަންހެންދަރިފުޅުގެ ތަޞައްވުރާއެކުގައެވެ. ސާރާ އަމިއްލަޔަށް މަރުވާން އުޅުނު ވަގުތު، އަޅުގަނޑުގެ މަންމަގެ މަސައްކަތުން، ސާރާ، ފިރިމީހާގާތުން ވަރިވާން ސާރާގެ ބައްޕަ އެއްބަސްވިއެވެ. އަޅުގަނޑުމެންގެ ޢާއިލާގެގެޔަށް ސާރާ ބަދަލުވުމަށްފަހުވެސް، ނަފްސާނީގޮތުން އޭނާއަށް ލިބިފައިވާ އަނިޔާއާއި ގެއްލުންތަކުން ސަލާމަތްވުމަކީ އެހައި ފަސޭހަކަމަކަށް ނުވިއެވެ. އަބަދުވެސް އުޅެން ޖެހުނީ ޑިޕްރެޝަންގެ ހިތްދަތިކަމުގެ ތެރޭގައެވެ.

އެދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑުމެންގެ ދޮށީ ދައްތަ ނޫރާއާއި އޭނާގެ ފިރިމީހާ އަޙްމަދު، އެމީހުންގެ އައު ގަނޑުވަރެއް ބިނާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. ގަނޑުވަރަށް ބޭނުންވާ ބައެއްތަކެތި ގަންނަން އިޓަލީއަށް ކުރާ ދަތުރުގައި މިޞްރަށް ޒިޔާރަތް ކުރުމަށް ނޫރާ އޮތީ ނިންމާފައެވެ. ސާރާ އާއި އަޅުގަނޑު އެމީހުންނާއެކު އެދަތުރުގައި ބައިވެރިވުމަށް، އަޙްމަދު އަޅުގަނޑުމެންނަށް ދަޢުވަތު ދިނުމުން ޙައިރާންވުމާއެކު އުފައުވެސް ވިއެވެ. އެދެމަފިރިންގެ ކުދިންވެސް އެދަތުރުގައި ބައިވެރިވެއެވެ. ކޮންމެ ފައިސާފޮއްޗެއްގައިވެސް ދެފުށް އޮންނާނެއެވެ. އަދި މިދަތުރާގުޅިގެން އަޅުގަނޑަށް ލިބިފައިވާ ހަމަޖެހުން ގެއްލިދިޔައީ، އަޅުގަނޑުގެ ބޭބެ ޢަލީއާއި އޭނާގެ ރަޙުމަތްތެރިޔާ ހާދީވެސް މިދަތުރުގައި ބައިވެރިވާން ބައްޕަ ނިންމި ނިންމުމުންނެވެ. ބޭނުންނުވާ މި ޚަބަރު ލިބުމުން ނާއުއްމީދުވިނަމަވެސް، ރޭވުނުގޮތަށް އެދަތުރު ކުރިޔަށް ދިޔައެވެ.

އަޅުގަނޑުމެންގެ ބޭބެ ޢަލީއާއި އޭނާގެ ރަޙުމަތްތެރިޔާ (ހާދީ) ގެ ގާތްގުޅުމުގެ އަޞްލު ފެނުމުން، މިޞްރަށްކުރި ދަތުރުގައިވެސް، އެއްވެސް ހަމަޖެހުމެއްލިބޭގޮތެއް ނުވިއެވެ. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް، އެފަދަގޮތަކަށް އެކަން ހިނގައިދާނެކަމަށް ޚިޔާލުކޮށްލައިފަވެސް ނުވެއެވެ. އެހެނެއްކަމަކު، އަޅުގަނޑުމެންނަށް އެނގި، ފެނި، ހާމަވެގެންދިޔަ ޙަޤީޤަތަކީ، އެއްވެސް އުޅުމެއް އަދި ގޮތެއް ފޮތެއްވެސް ނެތް ޢަލީއާ ހާދީއާ ދެމީހުން އަޅުވައިބަލާއިރު، ހާދީގެ ނުބައި ނުލަފާކަމާއި ޖައްބާރުކަން އެތައް ގުނަޔަކަށް ބޮޑުކަމެވެ.

ދީނީ އިމާމުން ތަމްރީނުކުރާ، ރިޔާޛުގެ ފިރިހެންކުދިންގެ ސްކޫލެއްގައި ކިޔަވަންއުޅުނު ނަމަވެސް، ކީރިތި ޤުރުއާނުގެ ޢިލްމުން ކުޑަވެސް މިނވަރެއް، ހާދީއަށް ލިބިފައެއް ނުވެއެވެ. އޭނާގެ ކަޅު ހަށިގަނޑުގައި އިސްލާމެއްގެ ކިބައިގާ ހުންނަންޖެހޭ، އިސްލާމީވަންތަކަމުގެ ސިފަތަކުން އެއްވެސްމިންވަރެއްގެ ދިލަކޮޅުވެސް ފޯރައިފައެއް ނުވެއެވެ. ހާދީއަކީ އަންހެނުންނާމެދު ނިކަމެތި ނަޒަރަކުންބަލައި އަނިޔާވެރި ވަޙުޝީ ވިސނުމެއްގެ ވެރިޔެކެވެ. އޭނާ ޤަބޫލުކުރާގޮތުގައި، ޅައަންހެންކުދިންގެ ފުރަތަމަ މައްސަރުކަންތަކަށްފަހު، ލަސްނުކޮށް މީހުނާ ދެވަންޖެހޭނެއެވެ. ހާދީގެ ވިސްނުމުގައި އަންހެނުން މިދުނިޔެމައްޗަށް ފޮނުއްވުނީ ތިންކަމެއް ޙާޞިލްކުރުމަށެވެ. އެއީ، އެމީހުންގެ އަރާމުތަންމަތީގައި ހިތްހަމަޖެހުން ގެނެސްދިނުމަށާއި ފިރިހެނުންނަށް އަޅުދާސްވުމަށާ އަދި، ފިރިހެނުންނަށް ދަރިން ވިހައިދިނުމަށެވެ.

ޝައްކެއްނެތެވެ. ހާދީ ޤަބޫލުކުރާގޮތުގައި އަޅުގަނޑާއި ސާރާއަކީ ފިރިހެނުންގެ ނުފޫޒާއިބާރު ނުފޯރާ ދެމީހުންނެވެ. އެވާހަކަ ކިތަންމެ ފަހަރަކު، ހާދީ ބުނެފައިވެސް އެބަހުއްޓެވެ. ހާދީއަށް އަޅުގަނޑުމެންގެ މައްޗަށް ބާރެއް ފޯރުވޭނަމަ، ކުދިހިލައިންތަޅައި އަޅުގަނޑުމެން އޮންނާނީ މަރައިފައެވެ. އެހައިވެސް  އަޅުގަނޑުމެންގެ މައްޗަށް ހިތްނުބައިވެފައި ނަފުރަތު ކުރެއެވެ. އަޅުގަނޑުމެން މަރަން އެއްލާ ފުރަތަމަ ހިލަކޮޅު އެއްލާނީވެސް، އެ ހާދީއަށް ގަންނަ ޝައިޠާނާއެވެ. އަންހެނުންނަށް އެހައި ނަފުރަތުކުރާއިރުވެސް، ހާދީއަކީ އޭނާގެ އަތުޖެހުނު ކޮންމެ އަންހެނެއްގެ ޢިއްފަތް ފޭރެމުންދުވާ ވަޙުޝީ އިންސާނެކެވެ. އިޓަލީއާއި މިޞްރަށް އަޅުގަނޑުމެންކުރި ދަތުރުގައިވެސް އެކަން އެގޮތަށް އޮތީ ހިނގައިފައެވެ. އެންމެ ހިތަށް އުނދަގޫވީ، ޢަލީގެ އެ ފާޙިޝް ޢަމަލުތަކުގައި ޢަލީވެސް ބައިވެރިވުމެވެ. އެދަތުރުމަތީ މިޞްރުގައި، އެންމެ އަށްއަހަރުވެސްނުވާ ކުޑަ ޅަ އަންހެންކުއްޖަކު ގެނެސް، ޖިންސީ ވަޙުޝީ ޢަމަލު ހިންގަނިކޮށް އަޅުގަނޑުމެންނަށްވަނީ ފެނިފައެވެ. މިހުރީ ޢަލީގެ ވަޙުޝީކަން ހުރި މިންވަރެވެ. އެއީ، އަޅުގަނޑަށް ފެނުނު އެންމެ އަނިޔާވެރި ވަޙުޝީ ޢަމަލެވެ. އަޅުގަނޑަށްވެސް އަދި ސާރާއަށްވެސް، އެ ތުއްތު އަންހެންކުއްޖާއާއެކު، އެދުވަހު ޢަލީ އެހިންގި ވަޙުޝީ އަދި އަނިޔާވެރި ޢަމަލު ހަނދާނުން ފުހެލަން އޮތީ މުސްތަޙީލުކަމަކަށްވެފައެވެ.

އެހައި ވަޙުޝީ ޢަމަލުތަކެއްގެ ފިކުރާއި ވިސްނުމުގައި ހެދިބޮޑުވަމުން އައި ޒުވާންކުއްޖާ، ބޮޑުވެ ބޮޑުމީހަކަށްވީމަ ކަންހިނގާނެގޮތް ވިސްނައިލަންވެސް ނޭނގެއެވެ. އަޅުގަނޑުމެން މިހާރުމިތިބީ ހަނދާނެގޮތް ބޮޑުވެފައެވެ. އެވަރުގެ ވަޙުޝީ އަނިޔާވެރި އިންސާނަކު، އިސާހިތަކު އެއަންނަނީ އަޅުގަނޑުމެންގެޔަށެވެ. އަމިއްލަ ދިފާޢުގައި ކަމެއްނުކުރެވޭފަދަ ޅަޒުވާން އަންހެންކުއްޖެއްގެ މައްޗަށް ވެރިވެގަތުމަށެވެ. އޭހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަޅުގަނޑާއި ސާރާއާ ދެމީހުން، އެކަކު އަނެކެއްގެ ގައިގައި ބައްދައި އޮޅުލައިގަނެވުނެވެ. ދެމީހުންގެ ލޮލުން ފައިބަމުން އައި ކަރުނަޔަށް ހުއްޓުމެއްނެތެވެ. ވޭނުންފުރިގެންވާ ގިސްލުމެއްގެ ތެރެއިންނެވެ. އެހިތްދަތި ގިސްލުމުގައި، ވާއެއް ނުވާއެއް ނޭނގިނަމަވެސް އަޅުގަނޑުމެންގެ ޅަދަރިފުޅު މުނީރާ ބައިވެރިވެއެވެ. އަޅުގަނޑުމެނގެ ރުއިމުގެ އަޑު، ކަރީމްގެ އޮފީހާހަމަޔަށް ފޯރައިފިއެވެ. ކަރީމާއި، ދަރިފުޅު ޢަބްދުﷲ ދުވެފައި އައިސް ވަނެވެ.

ކަންބޮޑުވެފައިހުރި ކަރީމް ދުވެފައި އައިސް އަޅުގަނޑާއި ސާރާ ދުރުކޮށްލިއެވެ. ”ދުލްޠާނާއެވެ! ކިހިނެއްވީ ހެއްޔެވެ؟” ކަރީމް ސުއާލުކުރިއެވެ. އަދި ޢަބްދުﷲ އޭނާގެ ކޮއްކޮއާ މަހާއާ ސުއާލުކުރަންފެށިއެވެ.

“ކާކު ނިޔާވީ ހެއްޔެވެ؟” ޢަބްދުﷲ ސުއާލުކުރެއެވެ.

“މަރުވުންވެސް މިއަށްވުރެ މާ ރަނގަޅެވެ.” އަޅުގަނޑަށް ބާރަށް ރޮއެގަނެވުނެވެ. ކަރީމް އިހުނަށްވުރެބޮޑަށް ހާސްވެ ކަންބޮޑުވިއެވެ.

“ކީކޭ ހެއްޔެވެ! ކީކޭ ހެއްޔެވެ!” ކަރީމް އަހަމުން ގެންދިޔައެވެ.

“އެއީ ދައްތަ މުނީރާއާބެހޭ ކަމެކެވެ. ބައްޕާއެވެ! ބޮޑުބޭބެ ޢަލީ، މުނީރާގެ ކައިވެނި ހަމަޖައްސައިފިއެވެ” މަހާ، ވާހަކަ ދައްކަން ފެށިއެވެ. އެއަޑު، ކަންފަތުގައި ޖެހުމާއެކު ކަރީމްވެސް ކަންބޮޑުވިއެވެ. އަޅުގަނޑުމެންގެ ޢާއިލާގެ ކޮންމެ މީހަކަށްވެސް، މީހުނާ އިނުމާއަދި ފިރިހެނުންނާމެދު މުނީރާގެންގުޅޭ ވިސްނުން އެނގޭނެއެވެ.

ސުޢޫދީ އެހެން ފިރިހެނުންނާޚިލާފަށް، އަޅުގަނޑުގެ ފިރިމީހާއަކީ، ގަދަކަމުން އަންހެންކުދިން މީހުނާ ދެވުމާ ދެކޮޅު މީހެކެވެ. އެއީވެސް ނަސީބެކެވެ. އެއީ، އެއްގޮތަކަށްވެސް ކަރީމް ޤަބޫލުކުރާ ހަމައެއްނޫނެވެ. އަޅުގަނޑުމެން ދެމަފިރިންވެސް މީގެ އެތައްދުވަހެއްކުރިން، އަޅުގަނޑުމެންގެ ދަރިންގެ ކައިވެންޏާމެދު މިތިބީ ގޮތްތަކެއް ނިންމައިގެންނެވެ. އެއީ ކައިވެނީގެ ޢުމުރަށްދިއުމުގެކުރިން، ކުދިންނަށް ތަޢުލީމުދީ ކިޔަވައިދިނުމެވެ. އަދި ކިޔަވައި ނިމިގެން އަމިއްލަޔަށް މީހަކާއިންނަން ބޭނުންވަންދެން އެކުދިންނަށް އެއްވެސް ސިފައެއްގައި މަޖުބޫރު ނުކުރުމަށެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.