(2 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މިއަދު އެތައް އަހަރެއް ވަންދެން ފުލުހުންގެ މަސައްކަތުގައި އުޅުމަށްފަހުވެސް އިންދަރްޖީތަށް ސީމާއެއް ހަނދާން ނައްތައެއް ނުލެވުނެވެ. އެންމެފަހުން އިންދަރްޖީތު ސީމާއާ ބައްދަލުވީ ޝިމްލާއިންނެވެ. އެއީ މީގެ ފަސް އަހަރެއްހައި ދުވަސް ކުރީން ޑިޕާޓްމެންޓުގެ މަސައްކަތެއްގައި އިންދަރްޖީތު ޝިމްލާއަށް ގޮސް އުޅެނިކޮށެވެ. އޭރު ސީމާ އެތާނގައި އުޅެނީ އޭނާގެ ހަނީމޫން ދަތުރުގައެވެ. ... އިންދަރުޖީތަށް ސީމާ ފެނުމުން ވަރަށް ބޮޑަށް އަސަރުކުރިއެވެ. ނަމަވެސް އޭނާއަށް އެހުރިހާ ކަމެއް ވެގެން އުޅޭގޮތް ވިސްނުނެވެ. އަދިފަހުން ބޮމްބޭއަށް އެނބުރި އައުމުން ސީމާގެ ރައްޓެހި ކުއްޖަކު އެވާހަކަތައް އޭނާއަށް ރަނގަޅަށް ކިޔައިދިނެވެ. ނަމަވެސް އިންދަރްޖީތު ގަސްތުކުރީ އިތުރަށް އެވާހަކަތައް ނުދެއްކުމަށެވެ. އޭނާ ވިސްނީ ދެން އެވާހަކަތައް ދެއްކުމަކީ ބޭނުމެއް ނެތް ކަމެއް ކަމުގައެވެ. އެހެން ކަމުން އޭނާ އޭނާގެ މަސައްކަތުގައި އިހަށްވުރެ ވެސް ބޮޑަށް މަޝްޣޫލުވިއެވެ. އަދި އެއް އަންހެން ކުއްޖަކަށް ފަހު އަނެއް އަންހެން ކުއްޖަކާ އެކު އޭނާގެ ވަގުތުތައް ހޭދަކުރަން ފެށީއެވެ. މިގޮތުން މިދިޔަ ފަސްއަހަރުގެ ތެރޭގައި ވެސް އޭނާ ޢަދަދު ނުކުރެވޭހައި ގިނަ ކުދިންނާ ބައްދަލުވެފައިވެއެވެ. ... އެހެން ނަމަވެސް މި ވަގުތު އޭނާ އިނީ މިހަނދާންތަކާ އަދި ވާހަކަތަކާ ވެސް ވަރަށް ދުރުގައެވެ. އޭނާ އިނީ ބޮމްބޭގެ ރޭސްކޯސްގައި އަސް ރޭސް ދުއްވާތަން ބަލާށެވެ.
މިއަދަކީ އާދީއްތަ ދުވަހެކެވެ. މިއަދު އޭނާ ރައްޓެހި ބަޔަކާއެކު މިތަނަށް އައިސް މިއިނީ އެކަހަލ ތަނަކަށްވެސް ނާންނަތާ ލައްކަ ދުވަސް ވުމަށްފަހުގައެވެ. މިހާރު މިއަދުގެ އެންމެ ފަހު ރޭސްވެސް ނިމިއްޖެއެވެ. އަދި ރޭސްކޯހަށް އައިސް އޮތް މީހުންތައް އެތަނުން ނުކުންނަން ވެސް ފަށައިފިއެވެ. ގާތްގަނޑަކަށް އެންމެންހެން ވާހަކަ ދައްކަމުން ދަނީ އެދުވަހު އޮތް ރޭސްތަކާ ބެހޭ ގޮތުންނެވެ. ކޮންމެވެސް މީހަކު އުފަލުން ހެނމުން ދާއިރު، އެހެން މީހަކު މޮޅިން ރޮމުން ވެސް ދެއެވެ. ޓާރފް ކްލަބްގެ ތެރެއިން، އުފާ އުފަލުން ތިބި އަންހެނުންތައް އެމީހުންގެ ހޭންޑްބޭގް އާއި ފިރިން ގޮވައިގެން ނުކުންނަމުން ވެސް ދެއެވެ.
މީހުންތަކުގެ ތެރެއިން ހިނގަމުން އައިސް އިންދަރްޖީތުވެސް ރޭސްކޯހުގެ ގޭޓަކުން ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ކާރަށް އެރުމަށްފަހު ކާރުގެ ދޮރު ރަނގަޅަށް ލައްޕާލާފައި އެދުވަހުގެ ޖެކްޕޮޓުން އޭނާއަށް ލިބުނު ފައިސާތައް ގުނާލިއެވެ. އެއްލައްކަ ތިރީސް ހަހާސް ރުފިޔާ ހުއްޓެވެ. ފުރިހަމަ އެއްލައްކަ ތިރީސް ހަހާސްރުފިޔާއެވެ. ފައިސާތައް ގުނާލާފައި އޭނާގެ ފިއެޓް ކާރު ސްޓާޓް ކޮށްލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އޭނާގެ އަތުގައިވަނީ އެއްލައްކަ ތިރީސް ހަހާސް ރުފިޔާއެވެ.
އޭނާއަކީ ޒުވާނެކެވެ. ރީތި މީހެކެވެ. އަސްރޭހުގެ ކުޅިވަރުގައި ބައިވެރިވުމަށް މިއަދު އޭނާ އައިއިރު މިކަހަލަ ނަޞީބެއް ލައްވާލަފާނެއޭ އޭނާގެ ހިތަކަށް އެއްގޮތަކަށްވެސް ނާރައެވެ. އަދި އޭނާގެ މުޅި ޙަޔާތުގައި ވެސް މިކަހަލަ މުއްސަނދިކަމެއް ކުއްލިއަކަށް ދިމާވެދާނެއޭ އޭނާއަށް ހީކުރެވިފައެއް ނެތެވެ. ނަމަވެސް މިއަދު މިހިރީ ހުރިހާ ކަމެއް ފުރިހަމަ ވެފައެވެ. ހިތްފުރޭވަރަށް ފައިސާ ލިބިފައެވެ.
ގެއަށް އައިސް އަލަމާރި ހުޅުވާލުމަށް ފަހު ފުރިހަމަ އެއްލައްކަ ތިރީސް ހަހާސް ރުފިޔާ އަލަމާރީގައި ބަހައްޓައިފިއެވެ. އެއީ ހަމަ ސީދާ "ހުދު ފައިސާ" އެވެ. ފައިސާތައް ބެހެއްޓުމަށްފަހު އެކަމުގެ އުފަލުގައި، ޝެމްޕެއިން ފުޅިއެއްގެ އުނގުރި އުފުރާލިއެވެ. އޭނާގެ މި އުފަލުގައި، އޭނާގެ ރައްޓެހިންވެސް ބައިވެރިވިއެވެ. އަދި އޭނާގެ ނަން ގޮވަމުން ޓޯސްޓް ނަގަމުން ދިޔައެވެ.
ދޭއް
އަނެއް ދުވަހު އިންދަރްޖީތަށް ހޭލެވުނުއިރު މެންދުރު ބާރަގަޑި ބައިވަނީއެވެ. އޭނާއަށް ހޭލެވުނީ ޓެލެފޯނު ރަނގަބީލުވާ އަޑަށެވެ. އަވަސްއަވަހަށް ފޯނު ނެގުމަށްފަހު "ޔެސް ... ސްޕީކިންގ..." އޭ ބުނެލިއެވެ.
"ލައްބަ... ތިޔަ އެއްސެވީ ހަމަ ރަނގަޅު ވާހަކައެއް ނަމަވެސް ފަތިހުފަތިހާ ތިޔަ ފޯނުކުރައްވަނީ ކީއްކުރަންވަންތޯ؟"
"ސަރ... މިހާރު މެންދުރު ބާރަގަޑި ބައި ވެއްޖެ. އަދި މިއަދު 12ޖަހާއިރަށް ކަލާ މިއޮފީހަށް ދުރުވުމަށް ސީނިއަރ ވަނީ އަންގަވާފައި ނޫންތޯ؟"
"އާނ. އާނ..." އިނދަރްޖީތު ކުޑައިރުކޮޅަކު ވިސްނާލާފައި ބުންޏެވެ. "އަހަރެން ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި އެބަ އަންނަމޭ ސީނިއަރ އަށް ނަންގަނޭ ..." އޭނާ ޓެލްފޯނުގެ ރިސީވަރ ބޭއްވިއެވެ. އަދި އަވަސް އަވަހަށް އެނދުން ތެދުވެގެން ބާތުރޫމަށް ވަދެއްޖެއެވެ.
(ނުނިމޭ)