މުސްލިމުންނަކީ ދޫ ނުބައި ބަޔަކަށް ވެގެން ނުވާނެ

އިސްލާމްދީނުގައި މީސްތަކުންނަށް މަގުދައްކަވާފައިވަނީ، އެބައިމީހުންގެ ދުނިޔެއާއި އާޚިރަތުގެ އެންމެ ހެޔޮ، ރަނގަޅު މަގަށެވެ. މިގޮތުން މީސްތަކުންނާ މުޢާމަލާތުކުރުމުގައި ރީތިބަހުން ވާހަކަދެއްކުމަށް އަމުރުކުރައްވާފައިވެއެވެ. އެއްވެސް ޙާލެއްގައި ހުތުރުބަސްތައް ބޭނުންކުރުމާއި، މީހުންނަށް ލަޢުނަތްދީ، މަލާމާތްކޮށް ނުހެދުމަށް އިރުޝާދުދެއްވާފައިވެއެވެ. ޝައްކެއްނެތެވެ. ބަސްމަގު ރިވެތިވުމަކީ އަނެކުންގެ ލޯތްބާއި ރުހުންލިބި، އެ މީހެއްގެ ބަސް އަނެކުން ގަބޫލުކުރުމަށްއޮތް އެންމެ ފަސޭހަމަގެވެ.

قَالَ رَسُولُ اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ: {لَيْسَ الْمُؤْمِنُ بِالطَّعَّانِ، وَلَا اللِّعَانِ، وَلَا الْفَاحِشِ، وَلَا الْبَذِيءِ.} (رَوَاهُ التِّرْمِذِىُّ بِسَنَدٍ صَحِيْحٍ) މާނައީ: ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {މުއުމިނަކީ، މީހުންގެ އަބުރާބެހި، އަނެކުންނަށް ލަޢުނަތްދީ، ހަޑިހުތުރު ބަސްތައްބުނެ، ބޭކާރު ވާހަކަދައްކައި އުޅޭނެ މީހަކުކަމުގައި ނުވެއެވެ.}

ބަސްމަގު ރިވެތިކުރުމަށް ދެއްވާފައިވާ ގިނަގުނަ އިރްޝާދުގެތެރެއިން، މުސްލިމުނޫން ބަޔަކަށްވެސް ހުތުރުބަހުން މުޚާޠަބުކޮށް ނުހެދުމަށް އަންގަވާފައިވެއެވެ. އެ ކަމަނާއަށް اللَّهُ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ ޢާއިޝަތުގެފާނުގެއަރިހުން، އަލްބުޚާރީއާއި މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. دَخَلَ رَهْطٌ مِنَ اليَهُودِ عَلَى رَسُولِ اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ، فَقَالُوا: السَّامُ عَلَيْكُمْ، قَالَتْ عَائِشَةُ: فَفَهِمْتُهَا فَقُلْتُ: وَعَلَيْكُمُ السَّامُ وَاللَّعْنَةُ، قَالَتْ: فَقَالَ رَسُولُ اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ: {مَهْلًا يَا عَائِشَةُ، إِنَّ اللَّهَ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ.} فَقُلْتُ: يَا رَسُولَ اللَّهِ، أَوَلَمْ تَسْمَعْ مَا قَالُوا؟ قَالَ رَسُولُ اللَّهِ : {قَدْ قُلْتُ: وَعَلَيْكُمْ.} (مُتَّفَقٌ عَلَيهِ)

މާނައީ: [ޔަހޫދީންގެ ބަޔަކު ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَގެ އަރިހަށް އައިސް، السَّامُ عَلَيْكُمْ، އޭ ބުނެ ސަލާމް ދެންނެވިއެވެ. (އައްސާމުގެ މާނައަކީ މަރެވެ. މިހެން ބުނުމުގައި އެބައިމީހުންގެ ގަސްދަކީ ގެއްލުމާއި ހަލާކަށްއެދުމެވެ.) ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އެބައިމީހުން ދެންނެވިއެއްޗެއް ތިމަންކަމަނާއަށް އެނގިވަޑައިގެން ޖަވާބުގައި ވިދާޅުވީމެވެ. ތިޔަބައިމީހުންގެ މައްޗަށް ހަލާކާއި ލަޢުނަތް ހުންނަ ހުއްޓެވެ. އެ ކަމަނާ ވިދާޅުވިއެވެ. ތިމަންކަމަނާ (މިފަދައިން ވިދާޅުވުމުން) ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އޭ ޢާއިޝާއެވެ. މަޑުމައިތިރިވެ ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގައިވެސް މަޑުމައިތިރިކަން އިޚްތިޔާރުކުރުމަށް اللَّهُ ރުހިވޮޑިގެން ވެއެވެ.} ފަހެ، ތިމަންކަމަނާ ދެންނެވީމެވެ. އޭ اللَّهُގެ ރަސޫލާއެވެ. އެބައިމީހުން ދެންނެވިއެއްޗެއް ކަލޭގެފާނަށް އިވިވަޑައިނުގަންނަވަނީ ތޯއެވެ؟ ފަހެ، ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، އެބައިމީހުންގެ އެ ބުނުމުގެ ޖަވާބުގައި "ތިޔަބައިމީހުންގެ މައްޗަށޭ" (އެބަހީ: ހަލާކުހުރީ ތިޔަބައިމީހުންގެމައްޗަށޭ) މިހެން ތިމަންކަލޭގެފާނު ވިދާޅުވެއްޖައީމެވެ.}

އަލްއިމާމު އަޙްމަދު މި ޙަދީޘްނެރުއްވި ޢިބާރަތުގައި އައިސްފައިވެއެވެ. ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {مَهْ، إِنَّ اللَّهَ لَا يُحِبُّ الْفُحْشَ وَلَا التَّفَحُّشَ.} (رَوَاهُ أَحْمَدُ) {ހަނުހުންނަވާށެވެ! ހަމަކަށަވަރުން، ހަޑިހުތުރު ބަސްތައްބުނުމަށް اللَّهُ ރުހިވޮޑިގެން ނުވެއެވެ.}

ޝައްކެއްނެތެވެ! މިއީ އިސްލާމްދީނުގައި މީސްތަކުންނަށް އުނގަންނައިދެއްވާފައިވާ މަތިވެރި ފިލާވަޅެކެވެ. ނަބިއްޔުންނާއި ރަސޫލުންގެ ސާހިބާކަމަށްވާ މިއުއްމަތުގެ މާތްރަސޫލާއަށް މުޚާޠަބުކޮށް، ޔަހޫދީންގެ ބަޔަކު ސަލާމްކުރުމުގެ ނަމުގައި މިފަދަ ނުބައި ޙީލަތްތެރި ގޮތަކަށް އެބައިމީހުންގެ ބަސްމަގު ބޭނުންކުރުމުންވެސް، އޭގެ ރައްދުގައި ހުތުރުބަހެއް އެބައިމީހުންނަށް ރައްދުކުރެއްވުމުގެ ބަދަލުގައި އެކަލޭގެފާނު ޙަދީޘްކުރެއްވީ، ހަމައެކަނި {ތިޔަބައިމީހުންގެމައްޗަށޭ} މިފަދައިންނެވެ. އަދި އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝަތުގެފާނު އެބައިމީހުންނަށް ވިދާޅުވި ބަސްފުޅަށް އިންކާރުކުރައްވައި އެފަދައިން ރައްދުނުދެއްވުމަށް އަމުރުކުރައްވައި، އެއްވެސް ޙާލެއްގައި ހަޑިހުތުރު ބަސްތައްބުނުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއްނޫންކަން މިވަނީ އަންގަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.