ސަލްމާން މިސްކިތަކީ ރައީސް ޔާމީންގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން ބިނާކުރެވުނު މިސްކިތެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން މިއަދު ފެށުމާއިގުޅިގެން ކުރި ޓްވީޓުތަކެއްގައެވެ.
އެ ޓްވީޓުތަކުގައި ބުނެފައިވަނީ ސަލްމާން މިސްކިތް، ރައީސް ޔާމީން ނިންމަވާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ދާއިމީ ގޮތެއްގައި ހިންގާނެ ބިނާއެއްގެ ގޮތުގައި ކަމަށެވެ.
"ރައީސް ޔާމީންގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން ބިނާކުރެވުނު، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ކިންގް ސަލްމާން މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުޅުވާލުމާ ގުޅިގެން މާތްﷲ އަށް ޙަމްދު ކުރަން. އަދި ދިވެހި ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވަން." ޕީޕީއެމްގެ ޓްވީޓެއްގައި ބުނެފައިވެއެވެ.
އިތުރު ޓްވީޓެއްގައި ބުނެފައިވަނި މިއީ ދިވެހި އެތައް ލޮބުވެތި ރައްޔިތުންނެއް ކުރަމުންއައި އުއްމީދެއް ކަމަށާއި ރާއްޖޭގައި މިހާތަނަށް ބިނާ ކުރެވުނު އެންމެބޮޑު އަދި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުނު މި މިސްކިތް ރައީސް ޔާމީން ނިންމަވާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ދާއިމީ ގޮތެއްގައި ހިންގާނެ ބިނާއެއްގެ ގޮތުގައި ކަމަށެވެ.
ދިހަހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މި މިސްކިތުގައި ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޤާއިމްވެފައި ހުންނާނެ ކަމަށާއި މަލްޓި ޕަރޕަސް ހޯލަކާއި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ސެމިނަރ ރޫމްތަކާއި ކްލާސް ރޫމްތައް ޤާއިމްކުރެވިފައިވާނެކަން ވެސް ޕީޕީއެމްގެ ޓްވީޓެއްގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން މާލޭގެ މަލަމަތިން އިސްލާމީ ރަމްޒު ދައްކުވައިދޭ މި ބިނާގައި ކީރިތި ޤުރުއާން އުނގަންނައި ދިނުމަށާއި އިސްލާމީ ޢިލްމު ފެތުރުމަށް މިތަނުގެ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ކުރެވޭނެ އިންތިޒާމް ވީހާވެސް އަވަހަށް ހަމަޖެއްސުމަށް ސަރުކާރަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ރައީސް ޔާމީންގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން ބިނާކުރެވުނު، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ކިންގް ސަލްމާން މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުޅުވާލުމާ ގުޅިގެން މާތްﷲއަށް ޙަމްދު ކުރަން އަދި ދިވެހި ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވަން pic.twitter.com/w0hF8tyZkq
— Progressive Party of Maldives (@ProgressPartyMV) April 1, 2022