ޕީޕީއެމް އޭގެ އަސްލަށް ރުޖޫއަވާނެ: ނާދިރާ

އާމިނަތު ނާދިރާ ޓީވީގައި ވާހަކަ ދައްކަވަނީ: ފޯޓޯ ރާއްޖެއެމްވީ

ޕީޕީއެމް އޭގެ އަސްމަށް ރުޖޫއަވާނެ ކަމަށާއި އެޕާޓީ އޭގެ ހައްގުވެރިންނަށް ލިބޭނެ ކަމަށް މައުމޫން ރިފޯމް މޫވްމެންޓުން ވިދާޅުވެއްޖެއެވެ.

އެމޫވްމެންޓްގައި އެންމެ އިސްކޮށް ފެންނަމުންދާ އާމިނަތު ނާދީރާ ވިދާޅުވީ އެޕާޓީ ރުޖޫއަވާންޖެހޭނީ 2013 ވަނަ އަހަރު ބޭއްވި ކޮންގްރެސްގެ ނިންމުން ތަކަށް ކަމަށެވެ. އެކަންކަމަށް ބަލައިފި ކަމަށްވާނަމަ އޭގެ ހައްގުވެރިންނަށް ލިބޭނެ ކަމަށެވެ.

"ޕާޓީ ލިބޭނެ ކަމުގެ އެއްވެސް ޝައްކެއްނެތް. ޕީޕީއެމްގެ އަސާސީ ގަވާއިދު ރަނގަޅަށް ބަލައިގެން އިންސާފުވެރި ޝަރީއަތެއް ހިންގައިފިނަމަ ޝަރީއަތުން ވެސް ޕާޓީލިބޭނެ،" ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވިއެވެ.

ޕީޕީއެމްއިން ވަނީ ހުކުރު ދުވަހު ކުއްލި ކޮންގްރެސް އެއް ބާއްވައި ޕާޓީގެ މަގާމްތަކަށް ބޭފުޅުން އިންތިޚާބު ކުރައްވައިފައެވެ. އެއިންތިޚާބު ބާއްވަން އުޅުމުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންވަނީ އެކަން ހުއްޓުވައި ދިނުމަށް އަމުރެއް ނެރެދިނުމަށް ސިވިލްކޯޓަށް ހުށަހަޅުއްވައިފައެވެ. އެހެންނަމަވެސް އެކޯޓުން އެފަދަ އަމުރެއް ނުނެރެދެއްވިއެވެ. އަދި ޔުމްނާގެ ފިރިކަލުން ނަދީމްވަނީ ކޮންގްރެސް ހުއްޓުވައި ދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅުއްވައިފައެވެ. އެހެންނަމަވެސް އެތަނުން ވިދާޅުވީ އެކަން ހުއްޓުވަންޖެހޭ ގާނޫނީ ހުއްޖަތެއްނެތް ކަމަށެވެ.

ނާދިރާ ވިދާޅުވީ މާދުވަސްތަކެއްނުވެ ޕާޓީލިބޭނެ ކަމަށާއި އެހިސާބުން އާއްމު މެންބަރުންނަށް ގުޅައިގެން ގޮފިތައް ހެދުމާއި ޕާޓީ އަލުން އެކުލަވާލައި ހަމައަކަށް އެޅުވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. އަދި ޕާޓީގެ ކޮންގްރެސް ބާއްވައި ޕާޓީގެ މެމްބަރުން ބޭނުންވާގޮތަށް ޕާޓީ ހިންގެވުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.