އަމީރާ ސުލްޠާނާގެ ނާރެސް - 2

(2 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

ތަޢާރުފް

އަޅުގަނޑުގެ ހުވަފެން

މަސްތަކެއްކުރިން، އަޅުގަނޑު ނިދާފައި އޮއްވާ، އަޅުގަނޑުގެ ލޮބުވެތި މަންމައާ ހުވަފެނެއްގައި ބައްދަލުވިއެވެ. މަންމަ ލައިގެންހުރީ، ކުރެހުންއަޅާފައިހުރި ގަޔަށްދޫ ހެދުމެކެވެ. މަންމަގެ ކަޅު، ދިގުއިސްތަށިގަނޑުހުރީ ރަންރޮދިން ގަތައިލެވިފައެވެ. މަންމަގެ މޫނުމަތިހުރީ ވިދާބަނބުޅާފައެވެ. ރޫޖެހިފައެއް ނެތެވެ. ލޮލުގެ ފެނުން ރަނގަޅެވެ. ނޫކުލައިގެ ފެންގަނޑެއްގެ ކައިރިން ފެހިކަންގަދަ ގަހެއްފެނިލިގޮތަށް، މަންމަގެ އެފެނިލުމުން އަޅުގަނޑުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުލައަލި މާގަސް ތަކެއް، މަންމަގެ ވަށައިގެން ބޯކޮށް ހެދިގެންދިޔަފަދައެވެ.

ހުވަފެނުގައި، އަޅުގަނޑުގެ ހިތް ބާރަށް ތެޅުނެވެ. ދެއަތް ތަންމިނަށް ހުޅުވައި " މަންމާ " އޭ ކިޔައި ގޮވައިލެވުނެވެ. ބޭ އިޚްތުޔާރުގައި މަންމަކައިރިއަށް ދާން އުޅެގަނެވުނެވެ.  އެހެންނަމަވެސް، ބާރެއްލިބިގެންނުވާ ޙާލަތެއް މަންމަގާތަށް ދިއުމަށް ހުރަސްއެޅިފައި ވެއެވެ. ދުނިޔެއަށް މަންމަ އުފަންކުރި އެންމެ ހަގު ދަރިފުޅާދިމާއަށް، ލޯބިންފުރިގެންވާ ގޮތަކަށް ބަލައިލިއެވެ. ހަމައެއާއެކު، ހިތާމަވެރި އަސަރުވެސް ފެނިގެންދިޔައެވެ. އެއަށްފަހު، މަންމަ ވާހަކަދައްކަން ފެއްޓިއެވެ.

މަންމަގެ އަޑުބާރު ވެފައި އެހައިމެ ސާފުވެފައި ސާދާއެވެ. އަދި އެހައިމެ ފޮންޏެވެ.

"ސުލްޠާނާ!" މަންމަ ގޮވައިލިއެވެ. "އަހުރެންމިތާނގައި މިކުރާ ދަތުރަށް، ދަރިފުޅުގެ ވޭނާއި ހިތްދަތިކަމާ، މާޔޫސްކަން އަދި ބަދުނަޞީބުން ނުތަނަވަސްކަން ލިއްބައެވެ." މަންމަ، އަޅުގަނޑުގެ ޙާލަތު ނިކަން ރަނގަޅަށް ބަޔާން ކޮށްދިނެވެ.

"ދަރިފުޅާއެވެ! ތުއްތު ކުއްޖެއްގެގޮތުގައި ދަރިފުޅުހުރިއިރު، ދަރިފުޅުގެ ޤަބޫލުކުރެވޭފަދަ އަޚުލާޤަށް، ވަރަށްގިނައިން ބިރުގަންނަވާލަމެވެ." މަންމަގެ އެސްފިޔަ ތަޅުވައިލިއެވެ. އަދި އިތުރަށް ބުނެލިއެވެ. "ސުލްޠާނާއެވެ! ދަރިފުޅުގާތުގައި މަންމަ ހުރުމުގެ ބޭނުން އަދިވެސް އެބައޮތްކަމަށް ފެނެއެވެ." ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރުމަށްފަހުވެސް، އަޅުގަނޑުދަސްކުރި ދިރިއުޅުމުން ، މަންމަ ހިތާމަކުރާކަން އިޙްސާސްވިއެވެ. އަދި އެއިޙްސާސްތަކާއެކު އަޅުގަނޑުގެ ލޮލުން ކަރުނައައެވެ. އަޅުގަނޑު އުފަންވީ މުއްސަނދި، ފަރުބަދަމަތީ ރަސްކަމުގެ އަމިރާއެއްގެ ގޮތުގައެވެ. އެރަސްކަމުގެ ޙިމާޔަތުގައި ދިރިއުޅެމުންގެންދާ އެތައް އަންހެނުންނެއް އުފުއްލަމުންގެންދާ އަނިޔާއާއި ތަޙައްމަލްކުރަމުންގެންދާ ވޭން، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ ދުވަސްވަރެއްގައެވެ. ޝައްކެއްނެތްގޮތުގައި، އަޅުގަނޑުގެ ޙަޔާތް ބަށްޓަންކުރެވިގެންމިވަނީ ތަނުގައި ޤާއިމްވެފައިވާ ޢާންމު އުޞޫލުތަކާއި ޒަމާންވީ ނިޒާމާ އިދިކޮޅަށެވެ.

އަޅުގަނޑަށް ރޮއިގަނެވުނެވެ. "މަންމާއެވެ! އަހަރެންގެ ޙަޔާތް، އާބާދުވެ ބަށްޓަން ވަމުންދިއުމުގައި އައި ތޫފާނަކާއެކު ބަދަލުވެގެން ހިނގައްޖެއެވެ. އެއަސާސްތަކާއެކު، ތަފާތުގޮތަކަށް އަހަރެން ދިރިއުޅޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ މަންމަގެ ބޯ މަޑުމަޑުން ތަޅުވައިލިއެވެ. އެޙަޤީޤަތަށް އާނއެކޭ ބުނާ ކަހަލައެވެ.

"ސުލްޠާނާއެވެ! އެއްގޮތަކަށްވެސް ޤަބޫލުނުކުރެވޭ ފޫހި އަދި އިދިކޮޅުނިޒާމެއްގެ މެދުތެރޭގައި، ރަނގަޅުހިތެއްނަމަ އެހިތް ސާފުކުރުމަށް ހަނގުރާމަކުރާނެއެވެ." ހިތްދަތިވެގެންގޮސް ފަޅައިގެންދާވަރުވިއެވެ. މަންމަގެ އަޑު މަޑުވެލިއެވެ.

"ދަރިފުޅާއެވެ! މަންމަ މިވާހަކަދައްކަނީ އަދި އެކަމަކާއެއް ނޫނެވެ."

"ދެން ކޮންކަމެއް ހެއްޔެވެ؟" އަޅުގަނޑަށް އަހައިލެވުނެވެ.

"ސުލްޠާނާއެވެ! ދަރިފުޅުގެ ޙަޔާތަކީ، ކުޅަދާނަ ޖާދޫގަރަކު، ބޮނޑިކޮށްފައި އޮތް ފޮތިގަނޑެއް ހުޅުވައި ރޫޅައިލުން ކަހަލަ އެއްޗެކެވެ. ދަރިފުޅަށް ބޭނުންވާ ހުރިހައި އެއްޗެއް ލިބިފައި ވެއެވެ. އެކަމަކު، ދަރިފުޅުގެ އަތުގައި އެއްވެސް އެއްޗެއް ނެތެވެ. ދަރިފުޅުގެ ދިރިހުރުމުގައި އެއްވެސް އުފާވެރިކަމެއް ނުވެއެވެ." އަޅުގަނޑުގެ ހިތްހަމަޖައްސައިދިނުމަށްޓަކައި ކުރިންވެސް މަންމަ މަސައްކަތްކޮށްފައިވާ ފަދައިން، މަންމަގެ އެބަސްތަކުން، އަޅުގަނޑުގެ ޙަޔާތުގެ ފަސްމަންޒަރުގެ ހަނދާންތައް އައުކޮށްދިނެވެ.

އެއަށްފަހު، މަންމަގެ ވަށައިގެންވާ މާގަސްތައް މަޑުމަޑުން މޯޅިވާން ފެށިއެވެ. އަދި މަންމަގެ ތަޞައްވުރު މަޑުމަޑުން ފަނޑުވެ، ގެއްލިގެންދިޔައެވެ.

"މަންމާއެވެ! މަޑުކޮށްލާށެވެ! ނުދާށެވެ!" އަޅުގަނޑަށް ރޮއެގަނެވުނެވެ.

މަންމަގެ ރޫޙު މަންޒަރުން މުޅިން ފުހެވިގެންދިޔައެވެ. އެހެނަސް، މަންމަބުނި ބަސްތައް ސާފުކޮށް، އަޅުގަނޑަށް އެބަ އަޑު އިވެއެވެ.

"ސުލްޠާނާ! ދަރިފުޅު ރޯދަޔަށްހުރެ މެންދުރު، ތިހިރަގެން ހާންތިވަނީއެވެ. ދަރިފުޅު ތިޔަށްވުރެ ހަރުދަނާ މީހަކަށްވާން މަސައްކަތްކުރާށެވެ! އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ!"

އެހުވަފެނުން، ދުނިޔަވީ ޢަލަމަށް އަޅުގަނޑުގެ ސިކުނޑި ހޭލައްވައިލިއެވެ. ނަފުސަށްކުރެވޭ އިތުބާރު ބޮޑުވެގެންދާ ފަދަ އުއްމީދީ އަދި އުފާޥެރި އިޙްސާސްތަކަކާ އެކުގައެވެ. އެހެންނަމަވެސް، މަންމަގެ އެހުވަފެނީ ޢާލަމުގެ މެސެޖްތަކުން ދިރުންލިބި އައު ވިސްނުންތަކެއްގައި އަޅުގަނޑުގެ އަމިއްލަ ނަފްސު ތެދުވިއެވެ. ހިތާމަޔާއެކު ނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މަންމަގެ އެވާހަކަތަކަކީ، ތެދު ޙަޤީޤަތް ކަމުގައެވެ. އަދި އަޅުގަނޑުގެ ޙަޔާތުގެ އަސާސްތައް އޭގެ އަމިއްލަ ޒާތުގައި ހުއްޓި ގަނޑުވުމަށް ފުރުޞަތުދެވިފައި އޮތްކަމެވެ. މިފަސްގަނޑުގައި އަޅުގަނޑުގެ ބެލުމުގެ ދަށުގައިވާ އަންހެން ކަނބަލުންގެ ދިރިއުޅުމުގެ ޙާލަތު ބަދަލުކޮށް، ޙަރަކާތްތެރި، އުއްމީދީ ބަޔަކަށް ހެދުމަށް އަޅުގަނޑަށް، ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައި އެބައޮތެވެ. އެހެންނަމަވެސް، ސުޢޫދީގެ ފިރިހެނުންގެ ޙައްދެއްނެތް ބާރުވެރިކަމުން، އަޅުގަނޑުގެ ހަތަރެސްފައިވަނީ ކަސްތޮޅު އެޅިފައެވެ. މާޔޫސްކަމާއި ނާއުއްމީދީ އިޙްސާސްތަކުން އަޅުގަނޑުގެ ނަފްސަށް ކުރިއެރުމެއްލިބުމަށް ވަނީ ހުރަސް އެޅިފައެވެ. އެއީ، އަޅުގަނޑަށް އަމިއްލައަށް ކުރެވުނުކަމަކަށްވެސް ވެދާނެއެވެ. އެހެންކަމާއެކުވެސް، އަޅުގަނޑުގެ އަމިއްލަ ޤައުމުގެ އަންހެނުންނަށް، އެމީހުންގެ އަމިއްލަ މިނިވަންކަމާއެކު، މީހަކާ އިނދެލެވޭނެ ފުރުޞަތެއް ނެތެވެ. ޤާނޫނުގެ ނިވަލުގައި، ގަދަކަމުން ޖިންސީގުޅުން ހިންގުމާއި، އަނިޔާވެރި ވަޙުޝީ ޢަމަލުތަކުގެ ޝިކާރައަކަށްވެގެން ދެއެވެ. މީގެ އިތުރަށް، ޤާނޫނުން ހުއްދަކުރެވިގެން، ބައްޕަ ނިންމާގޮތެއްގެ މަތިން، ބޭބެއަށް ނުވަތަ ފިރިމީހާއަށް ފެންނަގޮތެއްގެމަތިން، ނިކަމެތި އަންހެނުން ޤަތުލުކުރެވިގެން ދެއެވެ. ކަންމިހެން އޮތްއިރު، އަޅުގަނޑު މިކުރާ ހަނގުރާމަ ހުއްޓާލާނީ ކިހިނެއްތޯއެވެ؟

ހުވަފެނީ ޢާލަމުން މަންމައާ ދިމާވެ އެދިން މެސެޖްތަކުން އަޅުގަނޑުގެ ހިތްވަރު އައުވިއެވެ. އަދި އަޅުގަނޑު، ކުރިޔަށް މިގެންދާ ހަނގުރާމައިގާ އިތުރަށް، އެތައްކަމެއް ކުރެވިދާނެކަން ވިސްނުނެވެ. އަޅުގަނޑުގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި އައު ދައުރެއް އެބައޮތްކަން އެނގުނެވެ. އެހެންކަމުން، މިވަގުތު، އަޅުގަނޑު ކުރަމުންމިގެންދާ މަސައްކަތުން  ނުކުންނާނެ ނަތީޖާއަކީ ކޮބައިކަމެއް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ.

މުނީރާގެ މަންޒިލް

މުސްލިމުންގެ ތެރޭގައި އޮތް ޘަޤާފީ އާދަކާދައެއް އުފެދިގެން އައީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ޞާޙާބީންނާއެކު ބޭއްވެވި ބައްދަލުވުމަކުންކަމަށް ރިވާވެގެން ވެއެވެ. އެކަލޭގެފާނު ދަނޑިކޮޅެއް އަތްޕުޅަށް ނަންގަވައި، ބިންމައްޗަށް އަމާޒުކުރައްވައި ވިދާޅުވިއެވެ. "ސުވަރުގޭގައި ނުވަތަ ނަރަކައިގާ ތިޔައިން ބޭކަލަކު އިށީނދެވަޑައިގަންނަވާނެތަން ، މާތް ﷲ އިރާދަކުރައްވާ (ނުލިޔުއްވާ) އެއްވެސް ބޭކަލަކު ތިޔައިގެ ތެރެޔަކު ނުވެއެވެ." ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅުން، އިޢުތިޤާދުގައި އުފެދިގެންއައި އާދައަކީ، ކޮންމެ ނަފުސެއްވެސް ދުނިޔެއަށް އަންނައިރު، އެނަފުސަކަށް ކުރިމަތިވާނެ ހުރިހައި ކަމަކާއި ވާނޭގޮތްތައް މާތް ﷲ ވަނީ ކުރިން ލިޔުއްވާފައެވެ. އެހެންކަމުން، އިންސާނާއަށް ކުރިމަތިވާ ކިތަންމެ އުނދަގޫ ދަތިޙާލަތަކަށްވެސް ކެތްކުރުމަކީ، މިންވަރަށް އީމާންވުމަށްޓަކައި ކުރަންޖެހޭކަމެއްގެ ގޮތުގައި މުސްލިމުން ދެކެއެވެ.  އަޅުގަނޑުގެ ޙަޔާތުގެ ވޭތުވެދިޔަދުވަސްތައް ވެގެންދިޔައީ، ވޭނާއި ކެކުޅުމާ އަދި ހިތްދަތިކަމާއި ހިތާމަޔަށް ކެތްކުރުމަށް އުނދަގޫވެފައި އޮތް ދުވަސްތަކެއްގެ ގޮތުގައެވެ. އަޅުގަނޑު މިއައީ އެކަންކަމާ ހަނގުރާމަކުރަމުންނެވެ. ﷲ ގެ މިންވަރުފުޅޭ ކިޔާފަ، ސުޢޫދީ އަންހެނުންނަށް ލިބެމުންއެދާ އަނިޔާއާއި ވޭނަށް ކެތްކުރުމަކީ، އަޅުގަނޑަށްވާނޭ ކަމެއްނޫނެވެ. އެއީ އަޅުގަނޑަށް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ.

އެހެންކަމުން، އަޅުގަނޑުގެ ޢާއިލާގެ ހިތްދަތި ވޭނުގެ ތާރީޚު އަލުން އިޢާދަވަމުންދާކަން އަޅުގަނޑަށް އެނގުނެވެ. އަދި، އައަނިޔާއަކީ، އަޅުގަނޑުގެ ކޮއްކޮމެންނާއި އެއްބަނޑުތިމާގެ މީހުންކުރެ މީހަކަށް ލިބުމަށް ކެތްކޮށްލައިގެން ހުރެވިދާނެ އަނިޔާއެއްކަމަށް އަޅުގަނޑުގެ އަމިއްލަ ނަފްސު ޤަބޫލެއް ނުކުރެއެވެ. މިޞްރަށް ކުރި ދަތުރެއް ނިންމާފަ، އަޅުގަނޑުގެ ޢާއިލާއަށް ޚާއްޞަކުރެވިފައިވާ ގަނޑުވަރަށް އައީ ދާދި މިދާކަށްދުވަހުއެވެ. އަޅުގަނޑުގެ ފިރިމީހާ ކަރީމާއި، ހަމައެކަނިހުރި އަދި އެންމެދޮށީ ފިރިހެންދަރިފުޅު ޢަބްދުﷲ ވީ، ކަރީމުގެ ގޭގައެވެ. ހަގު އަންހެންދަރިފުޅު އަމާނީ އޭނާގެ ޕެޓާއެކު ކުޅެން އުޅެނީ ބަގީޗާގައެވެ. އަޅުގަނޑު އިށީނދެއިނީ، ދޮށީއަންހެންދަރިފުޅު މަހާ އެކު ބޭރުގޭތެރޭގައެވެ.

ކުއްލިޔަކަށް އައިސް ގޭތެރެޔަށް އެވަނީ، އަޅުގަނޑުގެ ދައްތަ ސާރާއެވެ. ދައްތައާއެކު، ދައްތަގެ 3 އަންހެންކުދިން އައެވެ. އެއީ، ނަޝްވާ އާއި ސަހަރު އަދި ފަޟީލާއެވެ. އަޅުގަނޑު އެންމެ ލޯބިވާ ދައްތަ ސާރާއަށް މަރުޙަބާކިއުމަށް ހިނިތުންވެލީމެވެ. އެވަގުތުވެސް، ދައްތަ ސާރާގެ ލޮލުން ފެނުނު ބިރުގަތުމާއި މާޔޫސްކަން އަޅުގަނޑަށް އިޙްސާސް ކުރެވުނެވެ. ދައްތަގެ އަސަރުގަދަ ކަޅު ލޮލުތެރެއިން އަޅުގަނޑަށް ބޭނުންވެފައިވާ މިންވަރު ސާފުވިއެވެ. އައިގޮތަށް އައިސް އަޅުގަނޑުގެ ގައިގާ ބައްދާލިއެވެ. އަދި އިށީންނަމާހޭ ބުނެ، ވަރަށް ވާހަކަ އެބަހުއްޓޭ ބުންޏެވެ.

"ކަމެއް ގޯސްވީ ހެއްޔެވެ؟" އަޅުގަނޑު އަހައިލީމެވެ. ސާރާއަށް ޤޫދްރަތީގޮތުން ލިބިފައިވާ އަޑުގައިވަނީ ހިތަދަތިކަމާއި މާޔޫސް ކަމެވެ.

"ސުލްޠާނާ މިޞްރަށް ދިޔަތަނާ، މުނީރާ މީހަކާ ދެވަން ޢަލީ ނިންމައިފިއެވެ. ކައިވެނީގެ ވަލީމާއަށް ދެންއޮތީ އެންމެ 10 ދުވަހެވެ." މަހާ، އަޅުގަނޑުގެ އަތް ސާރާގެ އަތުން ދަމައިގަނެ އަތުގައި ހިފައިގަތެވެ. އަދި އޭނާގެ އިނގިލީގެ ނިޔަފަތިތައް އަޅުގަނޑުގެ އަތުތެރެޔަށް ކޮއްޕާލަމުން ބުނެޏެވެ. "ނޫނެކެވެ. މަންމާއެވެ! ނޫނެކެވެ." އަޅުގަނޑަށް އަތްދަމައިގަނެވުނެވެ. ހަދާނެގޮތް ބޮޑުވެ ހާސްކަމާއެކު ދެއަތުން މޫނުފޮރުވައި ބާރަށް ކާއްތައި ގަނެވުނެވެ. އަދި ބޯ ތަޅުވައިގަނެވުނެވެ. ސިކުނޑި ސުމަކަށް ދިޔައެވެ. އަޅުގަނޑުގެ އަނެއްކޮއްކޮއެވެ. އަޅުގަނޑުގެ އަމިއްލަ ލެޔެވެ. އޭނާ ބޭނުންނުވިޔަސް  މީހަކާ އިންނަން މަޖުބޫރުވީއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.