ޗައިނާގެ ބިޔަ ޓެލެކޮމިއުނިކޭޝަން ކުންފުނި ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަަރ މެންގް ވާންޒޫ އެމެރިކާއަށް ގެންދިއުމަށް ހުށަހަޅަފައިވާ މައްސަލަ ނިންމައި، އޭނާ ދޫކޮށްލުމުގެ އަމުރުގައި އެ މައްސަލަ ބެއްލެވި ކެނެޑާގެ ފަނޑިޔާރު ސޮއިކުރައްވައިފިއެވެ. މި އަމުރު ނެރެފައި މިވަނީ އެމެރިކާއިން އޭނާ ޝަރީއަަތަށް ހާޒިރުކުރަން ބޭނުންވާތީ އޭނާ އެމެރިކާއަށް ފޮނުވާލުމަށް އެދި ހުށަހެޅި މައްސަލައާ ގުޅިގެން އޭނާ ކެނެޑާގައި ގޭބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ތިން އަހަރު ފަހުންނެވެ.
މެންގް އެެމެރިކާއަށް ފޮނުވުމަށް އެެދިފައިވާ މައްސަލަ ނިންމައި އޭނާ ދޫކޮށް އޭނާ ދޫކޮށްލުމަަށް ކެނެޑާ ސަރުކާރުގެ ޕްރޮސެކިއުޓަރުން އެދުނީ، އެމެރިކާގެ ޕްރޮސެކިއުޓަރުންނާ މެންގްއާ ދެމެދު ވީ އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް އުފުލާފައިވާ ބޭންކަށް މަކަރު ހެދުމުގެ މައްސަލަ އެމެރިކާގެ ޕްރޮސެކިއުޓަރުން އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.
ހުކުރު ދުވަހު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި މެންގްއާ ދެކޮޅަށް މިވަގުތު ދައުވާ ނުކުރުމުގެ އެއްބަސްވުމަކަށް ދެފަރާތުން ވަނީ އައިސްފައެވެ. އެހެންކަމުން، މިހާރު އޭނާއަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެއެވެ. މި މައްސަލައިގެ ހިޔަނި އޮތީ އެެމެރިކާއާއި ޗައިނާގެ ގުޅުމަށްވެސް އެޅިފައެވެ.
އެމެރިކާއިން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރެއްގެ ދަށުން 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ވާވޭގެ ސީއެފްއޯ އަދި އެކުންފުނީގެ ބާނީ ރެން ޒެންގްފޭގެ ދަރިކަނބަލުން މެންގް ވާންޒޫ ހައްޔަރުކުރީ ކެނެޑާގެ ވެންކޫވާ އެއާޕޯޓުންނެވެ. އޭނާގެ މައްޗަށް އެމެރިކާއިން އުފުލީ ވާވޭ ކުންފުނިން އީރާނާއެކު ކޮށްފައިވާ މާލީ މުއާމަލާތްތަކާ ބެހޭ ގޮތުން އެޗެއެސްބީސީ (ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން) އަށް އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.
މި މައްސަލަ ނިމުމަކަށް އައުމާ ގުޅިގެން ދުނިޔޭގެ ބޮޑު ދެބާރުގެ ދެމެދުގައި ނުތަނަސްވެފައިވާ ގުޅުން އިތުރަށް ރަނގަޅުވުމަށް މަގުފަހިވުމުގެ އިތުރަށް ޗައިނާގައި ހައްޔަރުކޮށްފައި ތިބި ކެނެޑާގެ ދެ ރައްޔިތުންވެސް ވަނީ ދޫވެފައެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވިގޮތުގައި ޗައިނާގައި ހައްޔަރުކޮށްފައި ތިބޭތާ 1000 އަށްވުރެ ގިނަ ދުވަސްވެފައިވާ ކެނެޑާގެ ދެ ރައްޔިތުން ކަމުގައިވާ މައިކަލް ކޮވްރިގްއާއި މައިކަލް ސްޕަވޯ ޗައިނާއިން ދޫކޮށްލުމާ ގުޅިގެން އެ ދެމީހުން މިހާރު ވަނީ ޗައިނާއިން ފުރާފައެވެ. އަދި މިއަދުގެ ވަގުތެއްގައި ދެމީހުން ކެނެޑާއަށް ދާނެއެެވެ.
ކެނެޑާގެ ދެމީހުން ޗައިނާއިން ފުރުމުގެ ކުޑަ އިރުކޮޅެއް ކުރިން ވާވޭގެ ސީއެފްއޯ މެންްގް ވަނީ ކެނެޑާއިން ފުރާފައެވެ.
ކެނެޑާއިން މެންގެ ހައްޔަރުކުރިތާ ގިނަ ދުވަސްތަކެއް ނުވެ ޗައިނާއިން ހައްޔަރުކުރި ކެނެޑާގެ ވިޔަފާރިވެރިޔާ މައިކަލް ސްޕަވޯގެ މައްޗަށް ޖާސޫސުކުރުމުގެ ކުށްސާބިތުވާކަމަށް ބުނެ ޗައިނާގެ ކޯޓަކުން ވަނީ އޭނާ 11 އަހަރަށް ޖަލަށްލުމަށް ފާއިތުވި އޮގަސްޓު މަހު ހުކުމްކޮށްފައެވެ. އޭނާ ޖާސޫސީ މައުލޫމާތު ހިއްސާކުރި ކަމަށް ޗައިނާއިން ބުނާ ކެނެޑާގެ އެހެން ރައްޔިތެއް ކަމުގައިވާ މައިކަލް ކޮވްރިގްގެ މައްޗަށް ވެސް ޖާސޫސުކުރުމުގެ ކުށް ސާބިތުވާކަމަށް ކޯޓުން ނިންމި ނަމަވެސް އޭނާއަށް އަދި ހުކުމެއް އިއްވާފައި ނުވެއެވެ.