އާފަތިސް ބަދިގެ: ޗިކަން ޝަވަރުމާ 

ޝަވަރުމާ އަކީ ވަރަށް މީރު ބާވަތެކެވެ. ތަފާތު ރަހަތަކުގެ ޝަވަރުމާ ތައްޔާރު ކުރެވިދާނެއެވެ. މިއަދު ގެނެސް މިދެނީ ޗިކަން ޝަވަރުމާ ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލުމަށް ވަރަށް ކަމުދާނެ ބާވަތެކެވެ.

ކުކުޅަށް ބޭނުންވާ ތަކެތި

  • 500 ގްރާމް ބޯންލެސް ޗިކަން 
  • ½ ޖޯޑު އެކްސްޓްރާ ވާޖިން އޮލިވް އޮއިލް
  • އެއް ލުނބޯގެ ހުތް 
  • ހަތަރު ލޮނުމެދު (ގާނާފައި) 
  • 2 ސައި ސަމުސާ ކޮޝަރ ސޯލްޓް ނުވަތަ ފައިން ސޯލްޓް
  • 1 ސައި ސަމުސާ ދިރި ( މުގުރާފައި) 
  • 1 ސައި ސަމުސާ ކޮރިއެންޑާ (ކޮތަނބިރި ގާނާފައި) 
  • ½ ސައިސަމުސާ ތާޒާ އަސޭ މިރުސް ( މުގުރައިފައި) 
  • ½ ސައި ސަމުސާ ރީނދޫ 
  • ¼ ސައިސަމުސާ ފޮނިތޮށި (މުގުރައިފައި) 
  • ¼ ސައިސަމުސާ މުގުރި މިރުސް 
  • ބޮޑު ފިޔައެއް (ވަރަށް ތުނިކޮށް ކޮށާފައި) 

ޔޯގަޓް ސޯސްއަށް ބޭނުންވާ ތަކެތި 

  • ½ ޖޯޑު ޕްލެއިން ޔޯގަޓް 
  • ލުނބޯ ފަޅިއެއްގެ ހުތް
  • 1 މޭޒުމަތީ ސަމުސާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް
  • 2 ލޮނުމެދު ހިމުންކޮށް ގާނާފައި 
  • ލޮނު 
  • ރާޅުކޮށް މުގުރައިފައިހުރި ކުޑަ މިރުސް ކޮޅެއް 

ސާވް ކުރުމަށް ބޭނުންވާ ތަކެތި 

  • ޕިޓަރ ބްރެޑް ނުވަތަ ރޮށި
  • ލެޓިއުސް (ބޮޑެތިކޮށް ކޮށާލައިފައި)
  • ޗެރީ ޓޮމާޓޯ ( ދެފަޅިކޮށްލާފައި) 
  • ކިޔުކަމްބާ (ތުނިކޮށް ކޮށާލައިފައި)

ތައްޔާރު ކުރާނެ ގޮތް 

1- ކުކުކޮޅު ހަންނޮޅާ ބޮޑެތިކޮށް  ކޮށައިލާފައި ރަނގަޅަށް ދޮވެލުމަށްފަހު ޕޭޕަރ ޓަވަލެއްގައި ބަހައްޓައިގެން ފެން ހިއްކައިލާށެވެ.

2- ބޮޑު ބޯތަށްޓެއްގައި ތެލާއި  ލުނބޯ ހުތާއި ގާނާފައި ހުރި ލޮނުމެދު އެއްކޮށް ގިރާލާށެވެ. ދެން ކުކުޅަށް ބޭނުންވާ ތަކެތީގެ ތެރެއިން ފިޔާ ނޫން ހުރިހާ އެއްޗެއް  އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލުމަށް ފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. ދެން ކުކުޅުމަސްތަކުގައި ރަނގަޅަށް އުނގުޅާލުމަށް ފަހު ރަނގަޅަށް ބަންދުކޮށް ލުމަށްފަހު މަދުވެގެން ދެގަޑިއެއްހާ އިރު ފްރިޖުގައި ބަހައްޓައިލާށެވެ. ގިނައިރު މެރިނޭޓް ކުރިވަރަކަށް ކުކުޅުގެ ރަހަ މީރުވާނެއެވެ.

3- ކޮށައިފައި ހުރި ފިޔާކޮޅުވެސް ކުކުޅު މެރިނޭޓް ކުރުމަށް ތައްޔާރުކުރި ސޯސްގަނޑުގައި ވަކިން މެރިނޭޓް ކޮށްލަން ޖެހޭނެއެވެ.

4- ބޭކިންގ ޓްރޭގައި ބޭކިންގ ޕޭޕަރ އަޅައިލުމަށް ފަހު އޮއިލް ސްޕްރޭ ކޮށްލާށެވެ. ސްޕްރޭ ނެތްނަމަ ތެޔޮކޮޅެއް އުނގާޅައިލާށެވެ. ދެން މެރިނޭޓް ކުރި ކުކުޅު ނަގައި ބޭކިންގ ޓްރޭގައި އަތުރައިލުމަށް ފަހު އޭގެ މަތީގައި މެރިނޭޓް ކުރި ފިޔާކޮޅު ފަތުރައިލާށެވެ. ދެން 425 ޑިގްރީގައި އަވަން ބަހައްޓައިގެން ގޯލްޑަން ބްރައުން ކުލަ އަރަންދެން (ބައިގަޑިއިރު) ކުކުޅުތައް ފިހެލާށެވެ.

5- ކުކުޅުތައް ޓްރޭއިން ނަގައި ހިހޫ ވެލަންދެން ބަހައްޓައިލުމަށް ފަހު ކަޓިން ބޯޑުމަތީގައި ބާއްވައިގެން ތުނިތުނިކޮށް ފޮތި ކޮށްލާާށެވެ.

6- ޔޯގަޓް ސޯސް ތައްޔާރުކުރުމަށް ހޯދި ތަކެތި، ބޯތަށްޓެއްގައި ޔޯގަޓާ އެއްކޮށްލާށެވެ. ލުނބޯހުތް ޖަހައި ލޮނު ހެޔޮވަރު ކުރުމަށްފަހު ޕިޓާ ބުރެޑް ނުވަތަ ރޮށީގައި އުނގުޅައިލާށެވެ.

7- ޔޯގަޓް ސޯސް އުނގުޅާފައި ހުރި ރޮށީގެ ތެރެއަށް ފޮތިކޮށްފައި ހުރި ކުކުޅު މަހާއި ފިޔާ އަޅާލުމަށްފަހު ލެޓިއުސް އާއި ކިޔުކަމްބާ އާއި ޗެރީ ޓޮމާޓޯ އަޅާލުމަށް ފަހު ރޮށި އޮޅައިލާށެވެ. ހަރުކޮށްލައިފައި ބޭއްވުމަށް ދެކޮޅަށް ދެ ޓޫތު ޕިކްވެސް ޖަހައިލެވިދާނެއެވެ. ނުވަތަ ބޭކިންގ ޝީޓް ޓީޝޫއެއް ގޮތަށް ކަފާލައިފައި ޝަވަރުމާގެ އެއްކޮޅު އެއްލާފައި އައްސައިވެސް ލެވިދާނެއެވެ.


ނޯޓް: ޝަވަރުމާ ތައްޔާރުކުރުމަށްފަހު ކާން ވުމުން ހޫނުކޮށް ލެވިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.