އިންޑިޔާގައި ކޮވިޑް-19 ކޮންޓުރޯލުން ނައްޓައި ހާލަތު ގޯހުން ގޯހަށް ދާކަން އެ ގައުމުން ލިބޭ ކޮވިޑް-19 ގެ އަދަދުތަކުން ހާމަވެއްޖެއެވެ.
ފާއިތުވި ދެ ދުވަހު ވެސް އިންޑިޔާގައި ޕޮޒިޓިވް މީހުންގެ އަދަދު، ކޮންމެ ދުވަހަކު 3 ލައްކަ 14 ހާހަށްވުރެ މައްޗަަށް އަރާފައި ވާއިރު، ބުރާސްފަތި ދުވަހު 3 ލައްކަ 14 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވިއިރު، ހުކުރު ދުވަހު 3 ލައްކަ 32 ހާހަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެެެފައެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ. އަދި އިއްޔެ އިންޑިޔާއިން ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުގައި އެ ދުވަހުގެ ކުރިން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި 2 ހާސް 200 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.
އެންމެ ހާލަތު ގޯސް ސިޓީ ކަމުގައިވާ ނިއުދިއްލީގައި ފާއިތުވި 24 ގަޑިއުރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ކޮންމެ 5 މިނެޓަކުން މީހަކު މަރުވެފައިވާ ކަަމަށް އޮފިޝަލުން ހާމަކޮށްފައި ވެއެވެ.
ނިއުދިއްލީގެ ހޮސްޕިޓަލްތަކުގައި އޮކްސިޖަން ލިބުން ދަތިވަމުން ދާއިރު، ފަރުވާއަށް ބޭނުންވާ ބައެއް ބޭސްވެސް ވަނީ ލިބުން ދަތިވެފައެވެ. ބައެެއް ޑޮކްޓަރުން ހާމަކުރި ގޮތުގައި ބައެެއް ހޮސްޕިޓަލްތަކުގެ އެނދުތައް ފުރިގެން ބަލިމީހުން އެޑްމިޓް ނުކޮށް އަނބުރާ ފޮނުވާލަމުން އެބަދެއެވެ.
މެޑިކަލް އޮކްސިޖަން ލިބުން ދަތިވަމުން ދާތީ، އިންޑިޔާ ސަރުކާރުން މިހާރު ވަނީ ސިނާއީ ބޭނުންތަކަށް އޮކްސިޖަން ބޭނުންކުރުން މަނާކޮށްފައެެ. އަދި އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އިންޑިޔާއިން މިހާރު ދަނީ ޖަރުމަނުން އޮކްސިޖަން ޕްލާންޓް އެެތެރެކުރުމަށް މަަސައްކަތްކުރަމުންނެވެ.
މަރުވަާ މީހުންގެ ހަށިތައް އަންދާ ތަންތަނުގެ ޖާގަފުރިގެން އަންދާލަން ނުގެންދެވި ހަށިތައް ގޭގައި ބަހައްޓައިގެން ތިބެން ޖެހޭ ހާލަތަށް ބައެއް ސަރަހައްދުތައް ވަނީ ގޮސްފައެެވެ. ނިއުދިއްލީގައި ދިރިއުޅޭ މީހެއް ކަމަށް ނިތީޝް ކުމާރު ބުނިގޮތުގައި އޭނާގެ މަންމަ ކޮވިޑް-19 ގައި މަރުވެގެން، ހަށިގަނޑު އަންދާލާނެ ތަނެއް ނުލިބިގެން މަންމަގެ ހަށިގަނޑު ދެ ދުވަސް ވަންދެން ގޭގައި ބާއްވަން ޖެހުނެވެ. އެންމެ ފަހުން އިއްޔެ އޭނާގެ މަންމަގެ ހަށިގަނޑު އަންދާލީ ކާރު ޕާކުކުރާ ސަހަރައްދެއްގައި ހަދާފައިވާ ވަގުތީ އަންދާ ތަނެއްގައެވެ.
އިންޑިޔާގެ ހާލަތު ގޯސްވަމުން ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ގިނަ ބަޔަކު ދެކޭ ގޮތުގައި ސަރުކާރުން ބޮޑެތި ދީނީ އެއްވުންތައް ކުރިއަށް ގެންދިއުމާއި، ކޮވިޑް-19 ގެ ހާލަތުގައި ސްޓޭޓްތަކުގެ އާއްމު އިންތިޚާބުތައް ކުރިއަށް ގެންދިއުން ހިމެނެއެެވެ. އަދި އާއްމު ތަންތަނުގައި ގިނަ މީހުން އެކުގައި އުޅޭއިރު މާސްކު އެޅި ނަމަވެސް ސޯޝަލް ޑިސްޓޭންސް ނުބެހެއްޓުން ހިމެނެއެެވެ.
އެންމެ ފަހުން އިންތިޚާބު ބޭއްވި ވެސްޓް ބެންގޯލް ސްޓޭޓުގައި އިންތިޚާބަށް ބޭއްވި ކެންޕޭން އެއްވުންތަކަށްފަހު ކޮވިޑް-19 ޖެހޭ މިންވަރު 3 ގުނަ އިތުރުވެފައި ވާއިރު، މަރުވާ މީހުންގެ އަދަދު ވަނީ 4 ގުނަ އިތުރުވެފައެވެ. 17 ވަނަ ދުވަހު އޮތް ވޯޓުލުމަށް ކެމްޕޭން ކުރުމުގެ ކުރިން އެ ސްޓޭޓުގައި ދުވާލަކު ޕޮޒިޓިވް ވަމުން އައީ 4 ހާސް މީހުންނެވެ. އެހެންނަމަވެސް، ކެމްޕޭން އެއްވުންތަކަށް ފަހު ޕޮޒިޓިވް ވި މީހުން އަދަދު ވަނީ 12 ހާހަށް އަރާފައެވެ.
އިންޑިޔާގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ސްޓޭޓު، މަހާރާޝްޓްރާގައި ދުވާލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަަދު 60 ހާހަށްވުރެ މަތީގައި ހުރިއިރު ދުވާލަކު 500 އަށްވުރެ ގިނަ މީހުން ދަނީ މަރުވަމުންނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި މިރޭޓުގައި މަހާރާޝްޓްރާގައި ކޮވިޑް-19 ފެތުރެމުން ދަނީނަަމަ، އަންނަ މޭ މަސް ފެށޭއިރު، އެ ސްޓޭޓުގައި ކޮވިޑް-19 ގެ ބަލިމީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް ދާނެއެވެ. މިއީ ހޮސްޕިޓަލްތަކަށް ހިފަހައްޓާލެވޭ ވަރަށްވުރެ ބޮޑު އަދަދެކެވެ.