ތައި ބީފް ސެލަޑަކީ ގެރި މަސް (ބީފް) އާއި ފަތްޕިލާވެލީގެ ބާވަތްތައް ބޭނުން ކޮށްގެން ތައްޔާރުކުރާ ސިއްހަތަށް ފައިދާ ހުރި ވަރަށް މީރު ސެލަޑެކެވެ. ރޯދަ ވީއްލުމަށާއި ހާރަށްވެސް ތައްޔާރު ކުރެވިދާނެ ބާވަތެކެވެ.
ބޭނުންވާ ތަކެތި
މަސްގަނޑު
- 300 ގްރާމް ގެރިމަސް
- 1 ސައިސަމުސާ ލޮނު
- ½ ސައިސަމުސާ ބްލެކް ޕެޕަރ ( އަސޭމިރުސް)
- ½ ސައިސަމުސާ ގާލިކް ޕައުޑަރ ( ނުވަތަ ލޮނުމެދު ގާނާފައި)
- 2 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް
ސެލަޑް ޑްރެސިންގ
- 1 މޭޒުމަތީ ސަމުސާ ލެމަން ގްރާސް (ކުދިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ހަކުރު
- 1 ބޮޑު ތޮޅި މިރުސް
- 2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
- ½ ޖޯޑު ލައިމް ޖޫސް
- 2 މޭޒުމަތީ ސަމުސާ ފިޝް ސޯސް
ސެލަޑް
- 3 ޖޯޑު ލެޓިއުސް ( ކޮށާފައި)
- 1 ޖޯޑު ސްޕެނިޗް ( ބޯވެލި ފަތް ކޮށާފައި)
- 1 ޖޯޑު ޗެރީ ޓޮމާޓޯ (ނުކޮށައި ހުރި ގޮތަށް)
- ¼ ޖޯޑު ރަތް ފިޔާ (ކޮށާފައި)
- ¼ ޖޯޑު މިންޓް ލީފް (ކުދީނާ ފަތް)
- ¼ ކޮރިއެންޑާ ލީފް ( ކޮތަނބިރި ފަތް)
- 2 މޭޒުމަތީ ސަމުސާ ހަނާކުރި ޕީނަޓް (މުގުރި ބަދަން)
ތައްޔާރު ކުރާނެ ގޮތް
މަސްގަނޑު
1- ބީފް މަސްގަނޑު ދޮވެ ސާފުކޮށް ހިއްކާލުމަށް ފަހު، ލޮނާއި އަސޭ މިރުހާއި ގާނަފައި ހުރި ލޮނުމެދުކޮޅު ރަނގަޅަށް ހާކާލާށެވެ.
2- ތެޔޮފޮދު މީޑިއަމް ހީޓްގައި ހޫނުކޮށްލުމަށް ފަހު މަސްގަނޑު އޭގެތެރެއަށް ލައި ރޯފިލުވައިލާށެވެ. ކޮންމެ ފަރާތެއް 3 މިނިޓު ނުވަތަ 4 މިނިޓު ވާންދެން ކައްކައިލާށެވެ.
3- މަސްގަނޑު ރޯފިލުމުން ތެޔޮގަނޑުން ނަގައި 10 ވަރަކަށް މިނިޓު ބާއްވައިލުމަށް ފަހު ތުނިކޮށް ފޮތިފޮއްޗަށް ވާގޮތަށް ކޮށައިލާށެވެ.
ސެލަޑް ޑްރެސިންގ
ސެލަޑް ޑްރެސިންގއަށް ބޭނުންވާ ތަކެތި ބޯތަށްޓެއްގައި އެއްކޮށްލުމަށް ފަހު ގިރައިލާފައި ބަހައްޓާށެވެ.
ސެލަޑް
1- ސާވްކުރާ ތަށީގައި ސެލެޑް ތައްޔާރުކުރުމަށް ބޭނުންވާ ފަތްކޮޅާއި ފިޔާކޮޅާއި ޗެރީ ޓޮމާޓޯ ސެލަޑް ޑްރެސިންގ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
2- ތައްޔާރުކުރި ސެލަޑްގެ މައްޗަށް، ފޮތިކޮށްލާފައި ހުރި ބީފްކޮޅާއި ޕީނަޓްކޮޅު އަޅާލުމަށްފަހު ވަގުތުން ސާވް ކޮށްލާށެވެ.