ކްރީމީ ވެޖް ތައްޔާރު ކުރުމަށް މާގިނަ ބާވަތްތަކެއް ބޭނުމެއް ނުވާނެއެވެ. ތަރުކާރީގެ ތަފާތު ބާވަތްތަކުންވެސް ކްރީމީ ވެޖް ތައްޔާރު ކުރެވިދާނެއެވެ. މިއީ ގާތްގަނޑަކަށް 45 މިނިޓުން ތައްޔާރު ކޮށްލެވޭނެ ބާވަތެކެވެ.
ބޭނުންވާތަކެތި:
- 1 މޭޒުމަތީ ސަމްސާ ކުކިންގ އޮއިލް
- 225 ގްރާމް (2 ޖޯޑު) ބެލް ޕެޕަރ
- 100ގްރާމް (1 ޖޯޑު) ފްރޯޒަން ސްވީޓް ކޯން
- 100 ގްރާމް (1 ޖޯޑު) ފްރޯޒަން ގްރީން ޕީސް
- މީޑިއަމް ސައިޒް ބްރޮކޮލީގެ 1/2 (2 ޖޯޑު ބްރޮކޮލީ)
- 6 މަޝްރޫމް މީޑިއަމް ސައިޒް
- 35 ގްރާމް (21/2 މޭޒުމަތީ ސަމުސާ) ބަޓަރު
- 21/2 މޭޒުމަތީ ސަމުސާ ފުށް
- 250 އެމްއެލް (1 ޖޯޑު) ކިރު
- 250 އެމްއެލް (1 ޖޯޑު) ވެޖެޓަބްލް ސްޓޮކް
- އަސޭމިރުސް
- 25 ގްރާމް ޗެޑަރ ޗީޒް (ގާނާފައި)
- 50 ގްރާމް (1/3 ޖޯޑު) ޕާންކުނޑި ނުވަތަ ފާރޮށިކުނޑި
- ސްޕްރޭ އޮއިލް
ތައްޔާރުކުރާނެ ގޮތް
1- ބޮޑު ތަވައެއްގައި ނުވަތަ ތެއްޔެއްގައި ތެޔޮފޮދު ހޫނުކޮށްލުމަށްފަހު ތަރުކާރީކޮޅު އަޅައިލާށެވެ. މީޑިއަމް ހީޓްގައި ބަހައްޓައިގެން 5 މިނިޓައި 10 މިނިޓާ ދެމެދުގެ ވަގުތުކޮޅަކަށް ކައްކައިލާށެވެ. ތަފާތު ބާވަތްތަކުގެ ތަރުކާރީ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ބޮޑަށް މަޑުކުރަން ޖެހޭ ބާވަތްތައް ކަމަށްވާ އަލުވި، ކެރޮޓް ފަދަ ތަކެތި ބޭނުންކުރާނަމަ ކުރިން ފެނުކައްކައި މަޑުކޮށްލަން ޖެހޭނެއެވެ.
2- ކުޑަ ތެއްޔެއްގައި މަޑުގިނީގައި ބަހަޓައިގެން ބަޓަރު މެލްޓްކޮށްލާށެވެ. ފުށްކޮޅު އަޅައިލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ފަހަރަކު ކިރު ފޮދެއް އަޅަމުން ރަނގަޅަށް އެއްކުރަމުން ގެންދާށެވެ. ކުޑަ ކިރު ފޮދެއް އަޅައިގެން ރާޅުކޮށް ނުހުންނަ ވަރަށް އޮމާންކޮށް ގިރައިލުމަށްފަހު ބާކީހުރި ކިރުފޮދު އަޅައިގެން އެއްކޮށްލާށެވެ. ދެން ވެޖެޓަބްލް ސްޓޮކް ވެސް ފަހަރަކު އެތިކޮޅެއް އަޅަމުން އެއްކުރަމުން ގެންދާށެވެ.
3- ތައްޔާރުކުރި ވައިޓް ސޯސްގަނޑު، ކައްކައިފައި ހުރި ތަރުކާރީ އެތީގެ ތެރެއަށް އަޅައިލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން އަސޭމިރުސްކޮޅު އެއްކޮށްލުމަށްފަހު ލޮނު ހެޔޮވަރުކޮށްލާށެވެ. ދެން ތަރުކާރީ ކޮޅު ހެޔޮވަރު ސައިޒުގެ ބޭކިން ޓްރޭއަކަށް އަޅައިލާށެވެ.
4- މައްޗަށް ގާނާފައި ހުރި ޗީޒްކޮޅު އަޅައިލުމަށްފަހު އޭގެ މައްޗަށް ޕާންކުނޑި ނުވަތަ ފާރޮށިކުނޑި އަޅައިލާށެވެ. ފާރޮށިކުނޑީގެ މައްޗަށް ކުޑަކޮށް ތެޔޮ ސްޕްރޭ ކޮށްލުމުން ފިހެ ނިމޭއިރު ފާރޮށިކުނޑިތައް ރީތިކޮށް މުރަނަ ވާނެއެވެ. ފާރޮށިކުނޑި މުރަނަ ވާންދެން 190 ޑިގްރީ ސެލްސިއަސްގައި 25 މިނިޓު ވާންދެން ފިހެލާށެވެ.