ޓޮމްޔަމް ރަހަތަކަށް ލޯބިކުރައްވާ ބޭފުޅުންނަށް ޓޮމްޔަމް ޗިކަން އަކީ ވަރަށް ކަމުދާ އެއްޗަކަށް ވާނެކަން ޔަގީނެވެ. ޓޮމްޔަމް ޗިކަން ތައްޔާރު ކުރުމަށް ޓޮމްޔަމް ޕޭސްޓްވެސް ބޭނުން ކުރެވިދާނެއެވެ. ނުވަތަ ތައި ސޯސްވެސް ބޭނުން ކުރެވިދާނެއެވެ. މިއީ ވަރަށް ފަސޭހައިން އަވަހަށް ތައްޔާރު ކޮށްލެވޭ ބާވަތެކެވެ.
ބޭނުންވާ ތަކެތި
- 1 ކިލޯ ކުކުޅު ހަން ނުނޮޅައި، (ކުކުޅުފައި ނުވަތަ ބޯންލެސް ކުކުޅުވެސް ބޭނުން ކުރެވިދާނެއެވެ.)
- ¼ ބައި ޖޯޑުގެ ބޯކިރު
- 3 މޭޒުމަތީ ސަމުސާ ޓޮމްޔަމް ޕޭސްޓް ނުވަތަ ތައި ސޯސް
- 2 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް
- 1 މޭޒުމަތީ ސަމުސާ ފިޝް ސޯސް
- ½ ޖޯޑު ލައިމް ޖޫސް
- 2 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ
- 3 ލޮނުމެދު (ގާނާފައި)
- 1 ތަނޑު ލެމަން ގްރާސް (ހުދުބައި އެކަނި)
ތައްޔާރު ކުރާނެ ގޮތް
ބޭނުން ސައިޒަކަށް ކުކުޅު ކޮށާލުމަށް ފަހު ދޮވެލާށެވެ. މެރިނޭޓް ކުރުމުގެ ކުރިން، މަސްތައް ޕޭޕަރ ޓަވަލަކުން ވިއަސް ރަނގަޅަށް ހިއްކާލާށެވެ. ދެން މެރިނޭޓް ކުރުމަށް ހޯދި ހުރިހާ ތަކެތި އެއްކޮށްލުމަށް ފަހު ކޮށާފައި ހުރި ކުކުޅުމަހުގެ މައްޗަށް އޮއްސައިލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު މެރިނޭޓް ކުރުމަށް "ޒިޕް ލޮކް" ކޮތަޅަށް ވެސް އަޅައިފައި ބެހެއްޓިދާނެއެވެ. މަދުވެގެން އެއް ގަޑިއިރުން ފެށިގެން އެއްރޭ ވަންދެން ފުރިޖުގައި ބަހައްޓައިގެންވެސް މެރިނޭޓް ކުރެވިދާނެއެވެ. ގިނަ އިރު ބަހައްޓައިގެން މެރިނޭޓް ކުރިވަރަކަށް ރަހަ މީރުވާނެއެވެ.
ޓިޕްސް: މިގޮތަށް މެރިނޭޓްކޮށްފައި ގަނޑުކުރާ ބައިގައި ދެމަސް ދުވަހުވެސް ކުކުޅު ބެހެއްޓިދާނެއެވެ. ނަމަވެސް މިހެން ބަހައްޓާ ކުކުޅު ބޭނުން ކުރަން ވުމުން އެއް ދުވަސް ކުރިން ނަގައި ފުރިޖުގެ ފިނިކުރާ ބައިގައި ބަހައްޓައިގެން ގަނޑު ފިލުވުމަށްފަހު ތައްޔާރުކުރާށެވެ.
ބޭކިން ޓްރޭގައި އެއްލޭޔަރަށް ކުކުޅުތައް އަތުރާލުމަށްފަހު ދިޔަގަނޑުވެސް ކުކުޅުތައް މައްޗަށް އޮއްސައިލާށެވެ. ކުކުޅު ފިހަން ލާނީ އަވަން ރަނގަޅަށް ހޫނު ވުމުންނެވެ. 190 ޑިގްރީގައި ބަހައްޓައިގެން އެއްގަޑިއިރު ފިހެލާށެވެ. ރަނގަޅަށް ކުކުޅުގެ ހަމަށް ބުރައުން ކުލަ އަރައި ހަރުވެލަންދެން ފިހެލާށެވެ. ބޭނުންނަމަ އަލިފާނުންވެސް ފިހެވިދާނެއެވެ. އަލިފާނުން ފިހާނަމަ ކޮންމެ ފަރާތެއް ހަތް މިނިޓު ވާންދެން ފިހެލާށެވެ.
ކައިފައި ބާކީ ހުންނަ ބައި ފްރިޖްކުރުމަށްފަހު ފަސް ދުވަސްވަންދެން ބޭނުން ކުރެވޭނެއެވެ. ގަނޑުކޮށްފިނަމަ ފަސްމަސް ދުވަސް ވާންދެން ބޭނުން ކުރެވޭނެއެވެ.
ޓޮމްޔަމް ޗިކަން ރޮށްޓާއި ފަރާޓާ އަދި ބަތާއެކު ވެސް ކެވިދާނެއެވެ.
ނޯޓް: ޓޮމްޔަމް ޗިކަން ތައްޔާރުކުރެވޭނެ މި ނޫން ގޮތްތައްވެސް ހުރެއެވެ. ސޯސްގަނޑާއެކު ކާން ބޭނުންވާނަމަ ފިހުމުގެ ބަދަލުގައި ފިޔާ މީރުކޮށްލުމަށްފަހު ޓޮމްޔަމް ރަހަތަކުގެ ސޯސްއަޅައިގެންވެސް ތައްޔާކޮށްލެވިދާނެއެވެ. އަދި ބޭނުންވާ ބާވަތެއްގެ ތަރުކާރީއެއްވެސް ކުކުޅާ އެއްކޮށްލެވިދާނެއެވެ. ޓޮމްޔަމް ޕޭސްޓް ނުލިބޭނަމަ ތައި ސޯސްވެސް ބޭނުން ކުރެވިދާނެއެވެ.