ރައީސް ޔާމީންގެ މުޅި މިލްކިއްޔާތު ފްރީޒްކުރުމުގެ އަމުރާ ގުޅޭ ގޮތުން ޙުކުމް އިއްވުން މިއަދު ސުޕްރީމް ކޯޓްގައި އޮންނާނެއެވެ.
ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރާ މިމައްސަލަގެ ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސް ތާވަލު ކުރައްވައިފައި ވަނީ މިއަދު 1:00 އަށެވެ. މިމައްސަލައިގެ އަޑުއެހުންތައް އެންމެ ފަހުން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވަނީ ނިންމާލައްވައިފައެވެ.
މިމައްސަލައިގެ އަޑުއެހުން ތަކުގައި ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ ދައުލަތުން ފްރީޒްކުރުމަށް އެދިފައިވާ ފައިސާއަކީ އެމްއެމްއޭގެ އެސްޓީއާރުގައި ބުނާ އެއް މިލިއަން ޑޮލަރު ނޫންކަމަށެވެ. އެފައިސާ ހުރީ އޭސީސީގެ އެސްކްރޯ އެކައުންޓެއްގައިކަމަށެވެ.
ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމްއެމްއޭގެ އެސްޓީއާރާ ގުޅިގެން އެމަނިކުފާނުގެ މުޅި މިލްކިއްޔާތުގައި ހުރި ފައިސާ ހިފެހެއްޓޭނެކަމަކަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ޖިނާޢީ އިޖުރާތުގެ ޤާނޫނުގައި ބުނާ މޮނިޓަރިންގެ އަމުރަކާ ނުލައި އެކައުންޓްތައް ފްރީޒް ކުރެވޭނެ ކަމަށް ވެސް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.
ނަމަވެސް ދައުލަތުން ވިދާޅުވެފައި ވަނީ މޮނިޓަރިންގެ އަމުރެއް ނެތިވެސް އެކައުންޓްތައް ފްރީޒް ކުރުމަށް ޖިނާއީ އިޖްރާތުގެ ޤާނުނުން ތަންދޭކަމަށެވެ. އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށް ވާއިރު އެފައިސާ ގެއްލިދާނެކަމުގެ ބިރު އޮތިއްޔާ ބޭންކިން ޤާނުނުގެ 41 ވަނަ މާއްދާގެ ދަށުން އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރަށް އެދެވޭނެކަމަށެވެ.
އެންމެ ފަހުން މައްސަލައިގެ އަޑުއެހުންތައް ނިންމާލި ޝަރީޢަތުގެ މަޖިލީހުގައި ފުލުހުން ވިދާޅުވީ ރައީސް ޔާމިންގެ މިލްކިއްޔާތުން ދައުލަތަށް ލިބެން ޖެހޭނެކަމަށް ޓާގެޓްކުރެވޭ ފައިސާގެ ޢަދަދު 100 މިލިއަނަށްވުރެ ގިނަކަމަށެވެ. މިޢަދަދުތައް ހާމަކޮށްފައިވަނީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރަށް ފުލުހުން އެދިވަޑައިގެންނެވިއިރު ދައުލަތަށް ލިބެން ޖެހޭނެކަމަށް ޓާގެޓްކުރެވޭ ޢަދަދު ސާފުކޮށް ދެއްވުމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޙުސްނުއްސުޢޫދު އެދިވަޑައިގެންނެވުމުންނެވެ.
ރައީސް ޔާމީންގެ އެކައުންޓްތަކާ ގުޅޭ ދެ މައްސަލައެއް ތަޙްޤީޤް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެންމެ ފަހުގެ އަޑު އެހުމުގައި ފުލުހުން ވިދާޅުވިއެވެ. އެއީ ހުރިހާ ބޭންކެއްގައި ހުރި ފައިސާއާ ގުޅޭ ގޮތުން ކުރެވޭ ތަޙްޤީޤެއްކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެއަޑު އެހުމުގައި ރައީސް ޔާމީން ވަނީ އެކަން ދޮގު ކުރައްވައިފައެވެ.
އެންމެ ފަހުގެ އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްތަކުގައިވާ ފައިސާގެ ތަފްޞީލްތައް ފުލުހުން ހޯއްދަވައިފައިވަނީ ޤާނޫނާއި ޤާނޫނު އަސާސީއާވެސް ޚިލާފަށް ކަމަށެވެ. ކޯޓު އަމުރަކުން ނޫނީ ބޭންކް އެކައުންޓްތަކުގެ ތަފްޞީލް ނުހޯއްދެވޭނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައިވާ ފައިސާއާއި އިސްލާމިކް ބޭންކުގައިގައިވާ ޢަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައިވާ ފައިސާ ގުޅޭ ސަބަބު ސާފުކޮށް ދެއްވަމުން އެންމެ ފަހު އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ އިސްލާމިކް ބޭންކްގައި ހުޅުވައިފައިވާ ރައީސް ޔާމީންގެ އެކައުންޓްތަކުގެ ތަފްޞީލްތައް ބައްލަވަން ޖެހުނީ އިސްލާމިކް ބޭންކުގައިވާ ރައީސް ޔާމީންގެ އެކައުންޓަށް ދެފަހަރެއްގެ މަތިން އެސްއޯއެފްގެ އެކައުންޓުން އެއްމިލިއަން ޑޮލަރު ޖަމާވެފައިވާއިރު އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެފައިސާ ނޫންކަމަށް ތަޙްޤީޤަށް އެނގިފައިވާތީ ކަމަށެވެ. އަދި އެސްއޯއެފް އިން ޖަމާކޮށްފައިވާ ފައިސާ އިންވެސްޓްކޮށް އެމްއެމްއޭގެ އެސްޓީއާރުގައިވެސް ވާ ގޮތަށް އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފަރާތަކުން ހޯދި ފައިސާކަމަށް އެނގެން އޮތުމުން ކަމަށެވެ.
ރައިސް ޔާމީންގެ ވަކީލުން ވިދާޅުވީ އެމްއެމްއޭގެ އެސްޓީއާރުގައިވާ ގޮތުން ސާފުކުރަންޖެހެނީ ރައީސް ޔާމީންގެ އެކައުންޓަށް އެހެން ފަރާތުން ހޯދައިފައިވާ އެއްމިލިއަން ޑޮލަރާ ގުޅޭ ކަންކަން ކަމަށް ފާހަގަ ކުރެއްވޭކަމަށެވެ. އެސްޓިއާރުން އިސްލާމިކް ބޭންކްގައި ހުރި އެކައުންޓްތަކުގެ ތަފްޞީލް ހޯދުމަށް އެދިފައި ނުވާކަމަށެވެ. އެހެހެން ކަމުން އެސްޓިއާރާ ނުވެސް ގުޅޭ މައްސަލަތަކެއް ފުލުހުން ބައްލަވައިފައިވާކަމަށެވެ. އެސްޓީއާރު ގައި ވާކަންކަމަށް ޖަވާބު ލިބިފައި ވަނިކޮށް އެސްޓީއާރު ބޭނުން ކުރައްވައިގެން ކަމާ ނުގުޅޭ އެކައުންޓް ތަކެއް ފްރީޒް ކުރުމަކީ ޤާނޫނީ ގޮތުން ޤަބޫލު ކުރެއްވޭނެ ކަމެއް ނޫންކަމަށް ވެސް ރައީސް ޔާމީންގެ ވަކީލް ވަނީ ވިދާޅުވެފައެވެ.
އިސްލާމިކް ބޭންކްގައި ހުރި ފައިސާގައި އަތް ނުލުމަށް އޭސީސީއަށް އަންގައިފައި ވަނިކޮށް އެސްކްރޯ އެކައުންޓަށް އެހެން ފަރާތަކުން ފައިސާ ޖަމާ ކުރުމުން އިސްލާމިކް ބޭންކްގައި ހުރި އެމަނިކުފާނުގެ ހުރިހާ އެކައުންޓްތައް ފްރީޒްކުރަންޖެހޭނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް އެންމެ ފަހު އަޑު އެހުމުގައި ރައީސް ޔާމީން ވެސް ވިދާޅުވިއެވެ.
އެސްޓީއާރު ނެރުނު ދުވަހުން ފެށިގެން އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރަށް އެދުނު ދުވަހާ ހަމަށް ފުލުހުންގެ ތަޙްޤީޤަށް ގިނަ މަޢުލޫމާތު ތަކެއް ހޯއްދެވިކަމަށް އެންމެ ފަހު އަޑު އެހުމުގައި ދައުލަތުން ވިދާޅުވިއެވެ. ޝައްކުކުރެވޭ މުޢާމަލާތްތަކެއް ހިންގައިފައިވާކަން އެނގެން އޮތްކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ. ކޯޓްއަމުރަށް އެދުނުއިރު ސުވާލު އުފެދޭ ބޭންކް ސްޓޭޓްމަންޓް ހައިލައިޓްކޮށްފައިވާނެކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ތުޙުމަތު ކުރާ މައްސަލައެއް ފުލުހުން ބަލަން ފެށި ހިސާބުން އެއްވެސް ބޭންކެއްގައިވާ އެމަނިކުފާނުގެ އެއްވެސް އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނެކަމަށެވެ. އިސްލާމިކް ބޭންކުގެ އިންވެސްޓްމަންޓް އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވަނީ ވާނީ 2017 ވަނަ އަހަރު ކަމަށެވެ.