ގެވެށި އަނިޔާއާ ދެކޮޅަށް މިއަދު ފަށާ ޤައުމީ ކެމްޕޭންގައި އާންމުންގެ ދައުރު ވަރަށް މުހިންމު: ޖެންޑަރ މިނިސްޓްރީ

ގެވެށިއަނިޔާއާ ދެކޮޅަށް މިއަދުފަށްޓަވާ ޤައުމީ ކެމްޕޭންގައި އާންމުންގެ ދައުރު ވަރަށް މުހިންމުކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާރވިސް އިން ހާމަކުރައްވައިފިއެވެ.

"ގެވެށިގުޅުން" ނަމުގައި ގެވެށި އަނިޔާއާ ދެކޮޅަށް މިއަދު ފަށްޓަވާ ޤައުމީ ކެމްޕޭނާ ގުޅޭ ގޮތުން ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ ނިޝާ ޢަލީ ވިދާޅުވީ ކެމްޕޭނުގެ ބޮޑުބައި ކުރިއަށް ގެންދެވޭނީ ޑިޖިޓަލްކޮށް މީސްމީޑިއާގެ ޕަލެޓްފޯމްތަކުގައިކަމަށެވެ. އާބާދީ ބޮޑު ބަޔަކީ މީސްމީޑިއާ ބޭނުންކުރާ މީހުންކަމަށްވުމުން، އާބާދީގެ ބޮޑުބަޔަކަށް މަޢުލޫމާތު ފޯރުކޮށް ދެއްވުމުގައި އާންމުންގެ ދައުރު ވަރަށް މުހިންމުކަމަށެވެ. މިކެޕްމޭންގެ ދަށުން ޕޯސްޓް ކުރެވޭ މަޢުލޫމާތުތަކާއި ވީޑިއޯ ސްޕޮޓްތަކާއި ލަވަފަދަ ތަކެތި އާންމު ފަރުދުންގެ އާއިލީ އަދި ރަޙްމަތްތެރިންގެ ގްރޫޕަތަކާ ޙިއްޞާކޮށް ދެއްވުމަށް ޖެންޑަރ މިނިސްޓްރީން އެދި ވަޑައިގެންނެވިއެވެ. މިފަދަ ގޮތްގޮތުން ކެމްޕޭންގެ މަޢުލޫމާތުތައް ދައުރު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އާއްމު ރައްޔިތުންނަށް ކަމަށް ޖެންޑަރ މިނިސްޓްރީން ދެކެވަޑައި ގަންނަވައެވެ. މިނިސްޓްރީގެ އަމާޒަކީ އެންމެ މަދުވެގެން އާބާދީގެ 60 އިންސައްތައަށް ކެމްޕޭންގެ މަޢުލޫމާތު ލިބިގެން ދިއުމެވެ.

ޑިރެކްޓްރ ނިޝާ ވިދާޅުވީ މި ކެމްޕޭންގެ ދަށުން ކަމާގުޅޭ މެސެޖްތައް ހިމަނައިގެން ވީޑިއޯ ސްޕޮޓްތައް ތައްޔާރުކުރުމާއި މީސްމީޑިއާގެ ޕޯސްޓްތައް ތައްޔާރުކުރުމާއި މެސެޖްތައް ހިމެނޭގޮތަށް ލަވައެއް ތައްޔާރުކުރެވޭނެކަމަށެވެ. މިއަދުކެމްޕޭނު ފެށުމާއެކު ކެމްޕޭނަށް ޚާއްޞަ ލަވަ އާއްމުކުރެއްވުމަށް ވަނީ ހަމަޖައްސަވައިވައެވެ. މީގެ އިތުރުން އާންމުނަށް ވެސް ބައިވެރިވެވޭ ގޮތަށް ކޮންމެ ހަފްތާއަކު ގެވެށި އަނިޔާއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ފޭސްބުކް ލައިވް ޕްރޮގްރާމެއްވެސް ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވައިފައެވެ. މިފަދަ 45 ޕްރޮގްރާމެއް ކުރިއަށް ގެންދެވުމަށް ވަނީ ރާއްވަވައިފައެވެ. މި ޕްރޮގްރާމްގައި ލައިވްކޮށް ސުވާލުވެސް ކުރެވޭނެއެވެ. ކަމާބެހޭ ތަފާތު މުއައްސަސާތަކާ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް މި ޕްރޮގްރާމްގައި ބައިވެރިވެ މަޢުލޫމާތު ފޯރުކޮށް ދެއްވާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

ގެވެށި އަނިޔާއާއި ދެކޮޅަށް ހިންގާ ކެމްޕޭންގެ ދަށުން ހުކުރު ޚުތުބާއާއި ދީނީ ޕްރޮގްރާމްތަކުގެ ތެރެއިންވެސް މަޢުލޫމާތުތައް ފޯރުކޮށް ދެއްވުމަށް ވަނީ ނިންމަވައިފައެވެ. ޕޯސްޓަރުތަކާއި ބިލްބޯޑުތައް ތައްޔާރުކޮށް ފޯރުކޮށްދެވޭ މަޢުލޫމާތުގެ އިތުރުން އެސްއެމްއެސްގެ ޒަރީއާއިން ވެސް ކަމާގުޅޭ މަޢުލޫމާތުތައް ފޯރުކޮށް ދެއްވުމަށް ވަނީ ނިންމަވައިފައެވެ.

"އާއްމު ފަރުދުންގެ ޙައިޞިއްޔަތުން ބިލް ބޯޑެއްގެ ފޮޓޯއެއް ނަގާފައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަށް ދޫކޮށްލައިގެން ވެސް އެންމެ މީހެއްގެ ދިރިއުޅުމަށް ވެސް ހެޔޮ ބަދަލެއް ގެނެސް ދެއްވިދާނެ." ޑިރެކްޓަރ ނިޝާ ވިދާޅުވިއެވެ.

ކެމްޕޭނުގެ އަމާޒަކީ ރިޕޯޓުކުރާ މިންވަރު އިތުރުވި ނަމަވެސް މައްސަލަތައް ހިނގުން މަދުކުރުމާއި އަނިޔާއިން އަރައިގަތުމަށް ކުރެވޭނެ ކަންކަން އޮޅުން ފިލުވައިދިނުމާއި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިވާނެ މަޢުލޫމާތުތައް ދިނުންކަމަށް ޑިރެކްޓަރ ނިޝާ ވިދާޅުވިއެވެ.   

ގެވެށިއަނިޔާއަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ކަމާގުޅޭ ޤާނޫނުތަކަށް އާއްމު ރައްޔިތުންގެ އަހުލުވެރިވާން ޖެހޭކަން ނިޝާ ފާހަގަ ކުރެއްވިއެވެ. އަނިޔާއަކީ ކޮބައިކަން ޤާނޫނުގައި ސަރީޙަކޮށް ބަޔާން ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޤާނޫނުތަކަށް އަހުލުވެރި ނުވެވި ނުވަތަ ކަމާބޭ މަޢުލޫމާތު ރަނގަޅަށް ނުލިބި އޮތުމުން އަނިޔާއަކީ ހަމައެކަނި ޖިސްމާނީ އަނިޔާ ނުވަތަ ފެންނަން ހުންނަ އަނިޔާއެކަނި ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މީހާއަށް ލިބޭ ނަފްސާނީ އަނިޔާއަކީ އެގޮތަށް ފެންނަން ހުންނާނެ އެއްޗެއް ނޫންކަމަށާއި އެއީވެސް އަނިޔާކަން އާއްމު ފަރުދުންނަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެވެށި އަނިޔާއަކީ ހިނގަމުން އަންނަ މައްސަލަތައްކަމަށް ވީނަމަވެސް އެއީ މައްސަލަތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކަށް ފާހަގަކުރެވިފައެއް ނުވޭ. އެއީ އާއިލީ މައްސަލައެއްކަމަށް ދެކިގެން ރިޕޯޓް ނުކުރަނީ. ގެވެށި ގުޅުމެއްވާ ފަރާތްތަކުގައި ހިނގާ ކަންކަމަކީ އަނިޔާއެއް ކަމަށް ނުދެކޭ މީހުން އަދިވެސް އެބައުޅޭ." ނިޝާ ވިދާޅުވިއެވެ.

ކޮވިޑްގެ ޙާލަތުގެ ކުރީކޮޅު ގެވެށި އަނިޔާ ރިޕޯރޓްކުރާ މިންވަރު މަދުވެފައި ވީނަމަވެސް ލުއި ދޭން ފެށުމާއެކު ރިޕޯޓް ކުރެވޭ މިންވަރު މަތިވެފައިވާކަމަށް ޑިރެކްޓްރ ނިޝާ ފާހަގަ ކުރެއްވިއެވެ. ޖޫން މަހުގެ ނިޔަލަށް ގެވެށި އަނިޔާގެ ގޮތުގައި 203 މައްސަލަ ހުށހެޅިފައިވާ އިރު ޖޫން މަހު އެކަނި 45 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.  

އަހަރުގެ ކުރީކޮޅު ކޭސްތައް ރިޕޯޓް ކުރުން ދަށްކޮށް އޮތުމަށް ފަހު ކުއްލިއަކަށް ރިޕޯޓް ކުރުން އިތުރުވެގެން ގޮސްފައި ވަނީ ކިހިނެއްކަން ދެނެގަންނަށް ރިސާޗެއް ހެދިފައިނުވާކަމަށް ނިޝާ ވިދާޅުވިއެވެ. އަނިޔާދޭ މީހާއާ އެއް މާހައުލެއްގައި ހުރެފައި ލުއި ލިބުމުން ބޭރަށް ނުކުމެ އުޅެވޭ ގޮތް ވުމުން ރިޕޯޓް ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައީ ކަމަށްވެސް ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ. ނުވަތަ ހޭލުން ތެރިކަން އިތުރުވެ ރިޕޯޓް ކުރަނީ ކަމަށްވެސް ވެދާނެކަމަށް ފާހަގަކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.