ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް އަނިޔާކޮށްގެން މިއަހަރު މިހާތަނަށް 9 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭގެތެރެއިން 5 މައްސަލަ ވަނީ ޕީޖީއަށް ފޮނުވައިފައެވެ. އެހެންނަމަވެސް އެތަނުން އެއްވެސް މައްލައެއް އަދި ނިމިފައި ނުވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް އަނިޔާކޮށްގެން 2015 ވަނަ އަހަރު ވަނީ 10 މައްސަލައެއް ހުށަހަޅައިފައެވެ. 2016 ވަނަ އަހަރު ހުށަހަޅާފައިވަނީ އޭގެ 7 މައްސަލައެވެ. 2017 ވަނަ އަހަރު ހުށަހަޅާފައިވަނީ 5 މައްސަލައެވެ. 2018 ވަނަ ހުށަހަޅާފައިވަނީ 9 މައްސަލައެވެ. މި އަނިޔާ ތަކުގެ ތެރޭގައި ޖިންސީ އަނީޔާ ވެސް ހިމެނެއެވެ.
ފާއިތުވި ފަސް އަހަރަށް ބަލާއިރު ރާއްޖޭގައި މައްސައްކަތްކުރާ ބިދޭސީ އަންހެނުންނަށް ވެސް ތަފާތު އަނިޔާކޮށްފައިވެއެވެ. އޭގެ ތެރޭގައި އެމީހުން ލައްވައި ގަދަކަމުން ހަށިވިއްކުވުން ފަދަ ކަންކަން ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ބިދޭސީ އަންހެނުންނަށް އަނިޔާކޮށްގެން 2015 ވަނަ އަހަރު ވަނީ 8 މައްސަލަ ހުށަހަޅައިފައެވެ. 2016 ވަނަ އަހަރު 15 މައްސަލަ 2017 ވަނަ އަހަރު 25 މައްސަލަ 2018 ވަނައަހަރު 18 މައްސަލަ ވަނީ ހުށަހަޅައިފައެވެ. 2019 ވަނަ އަހަރު ފުލުހަށް ހުށަހަޅާފައިވަނީ އެފަދަ 10 މައްސަލައެވެ. މި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަ ވަނީ ޕީޖީއަށް ފޮނުވައިފައެވެ. އަދި ބައެއްމައްސަލަ ވަނީ ފައިލްކޮށްފައެވެ. ނިމިފައިވަނީ މަދު މައްސަލަތަކެއްކަން ފާހަގަކުރެވެ.
ފާއިތުވި ފަސް އަހަރަށް ބަލާއިރު ގެވެށި އަނިޔާ އަންހެނުންނަށް ކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު 117 މައްސަލައެއް ހުށަހަޅާފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. އެއީ 107 މައްސަލައެވެ. ތިންވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވާނީ 2018 ގައެވެ. އެއީ 96 މައްސަލައެވެ. 2019 ގައި ހުށަހަޅާފައިވަނީ 60 މައްސަލައެވެ. 2015 ގައި ހުށަހަޅާފައިވަނީ 32 މައްސަލައެވެ.
ފިރިހެނުންނަށް ގެވެށި އަނިޔާ ކޮށްގެން 2015 ވަނައަހަރު މައްސަލައެއް ހުށަހަޅާފައެއް ނުވެއެވެ. އެހެނަމަވެސް 2016 ގައި ވަނީ 7 މައްސަލަ 2017 ގައި 6 މައްސަލަ ވަނީ ހުށަހެޅިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި 2017 ވަނަ އަހަރު ހުށަހެޅިފައިވަނީ 6 މައްސަލ ހުށަހެޅިފައެވެ. 2019 ގައި ހުށަހެޅިފައިވަނީ އޭގެ 5 މައްސަކަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.