ޕޮލެންޑުގެ ރައީސު ޑޫޑާ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި

އިރުމަތީ ޔޫރަޕުގެ ގައުމެއް ކަމުގައިވާ ޕޮލެންޑުގައި ބޭއްވި ރިޔާސީ އިންތިޚާބު ހަނިގޮތަކަށް ކާމިޔާބުކުރައްވައިގެން ރައީސު އަންޑްރޭ ޑޫޑާ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިއެވެ.

ވޯޓުގެ %99 މިހާތަނަށް ގުނިފައިވާ އިރު، ނޭޝަލަން އިލެކްޓޯރަލް ކޮމިޝަނުން ބުނި ގޮތުގައި، ވެރިކަންކުރާ ޖަސްޓިސް އެންޑް ލޯ (ޕީއައިއެސް) ޕާޓީގެ ތާއީދާއެކު ވާދަކުރެއްވި ރައީސު ޑޫޑާ ވަނީ ވޯޓުގެ %51.25 ކާމިޔާބުކުރައްވާފައެވެ. އޭނާއާއި ވާދަކުރެއްވި، ވެރިރަށް ވާސޯގެ މޭޔަރު ރަފާލް ޓްރަސްކޯސްކީ އަށް ލިބިވަޑައިގަތީ ވޯޓުގެ %48.79 އެވެ. މިހާރު ނުގުނި ހުރި %1 ވޯޓުން ނަތީޖާ ބަދަލުވުމުގެ ފުރުސަތު ނެތުމުން، ރައީސު ޑޫޑާވަނީ ދެވަނަ ދައުރެއް ކަށަވަރުކުރައްވާފައެވެ. ދެބޭފުޅުންގެ ދެމެދުގައި 5 ލައްކަ ވޯޓުގެ ތަފާތު ހުރިކަމަށް ނަތީޖާތަކުން ދައްކައެވެ.

މި ކާމިޔާބީއާއެކު ޕީއައިއެސް ޕާޓީއަށް އެ ޕާޓީން ކުރިއަށް ގެންދާ ޝަރުއީ ދާއިރާ އިސްލާހުކުރުމާއި، ރައްޔިތުންގެ އިޖްތިމާއީ ތަނަވަސް ކަން އިތުރުކުރުމަށް ހޭދަކުރާ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

އިދިކޮޅުން ބުނީ ވޯޓުލުމުގެ ތެރޭގައި ގަވާއިދާއި ޚިލާފު ކަންކަން ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ބަލަމުން އަންނަ ކަމުގައެވެ.

"އަހަރުމެން މި ދަނީ ގަވާއިދާ ހިލާފަށް ހިނގާފައިވާ ތަފާތު ކަންކަމުގެ މައުލޫމާތު އެއްކުރަމުން.... އަހަރުމެންނަށް އަދި ހާލަތު އޮތް ގޮތުގެ ފުރިހަމަ ތަސައްވުރެއް ލިބިފައި ނުވޭ." އިދިކޮޅު ސިވިކް ޕްލެޓްފޯމުގެ އެމްޕީއެއް ކަމުގައިވާ ތޯމަސް ސޭމޮނިއާކް ވިދާޅުވިއެވެ.

ކުދި އަވަށްތަކާއި، ރަށްފުށުގެ ސަރަހައްދުތަކާއި، ގައުމުގެ އިރުމަތީ ފަރާތުގެ ރަށްތަކުގައި ރައީސު ޑޫޑާގެ ތާއީދު ބޮޑު އިރު، ބޮޑެތި ރަށްތަކުގައި އިދިކޮޅު ކެންޑިޑޭޓު ޓްރަސްކޯސްކީގެ ތާއީދު ބޮޑުކަން ފާހަގަކުރެވެއެވެ.

މި އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ ފާއިތުވި މޭ މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، ކޮވިޑް-19 ބަލިމަޑުގެ ސަބަބުން އިންތިޚާބު ފަސްކުރީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.