ޔުކްރޭންގެ މަތިންދާބޯޓަށް މިސައިލް ހަމަލާ އެރީ ރާޑަރުން ނުބައިކޮށް އަމާޒުހިފިގެން: އީރާން

އީރާނަށް ވެއްޓުނު ޔުކްރޭންގެ މަތިންދާބޯޓުގެ ފިޔަގަނޑުން ބައެއް

ފާއިތުވި ޖަަނަވަރީ މަހުގެ ކުރީކޮޅު އީރާނު މަތިން ދަތުރުކުރަމުން ދަނިކޮށް މިސައިލް ހަމަލާއެއް އަރައިގެން ވެއްޓުނު މަތިންދާބޯޓު ވެއްޓުނީ ވައިގެ ދިފާއީ ނިޒާމުގެ ރާޑަރުން ނުބައިކޮށް އަމާޒުހިފިގެން ކަމަށް އީރާނުން ބުނެފިއެވެ.

"ރާޑަރުން އަމާޒުހިފުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ސަބަބުން 107 ޑިގްރީ އަމާޒުން ކައްސާލައިގެން ދިޔައީ." އީރާނުގެ ސިިވިލް އޭވިއޭޝަން އޮގަނައިޒޭޝަނު (ސީއޭއޯ) އިން ނެރުނު ބަޔާނެއްގައި ވެއެވެ.

ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު ތެހެރާނުގެ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ ގިނަ އިރެއް ޔުކްރޭން އިންޓަނޭޝަލަން އެއާލައިންސްެގެ ފްލައިޓް 752 ވެއްޓުނީ ދެ މިސައިލް އަރައިގެންނެވެ. އެ ދުވަސްވަރަކީ އީރާނާ އެމެރިކާއާ ދެމެދު އަރައިރުން ބޮޑުވެފައި އޮތް ދުވަސްވަރެއްގައެވެ.

176 ދަތުރުވެރިންނާއެކު ދަތުރުކުރަމުން ދިޔަ ބޮއިންގ 737-800 މަރުކާގެ މަތިންދާބޯޓު ވެންޓުނުތާ އެތައް ދުވަހެއް އީނާރުން ވަނީ މަތިންދާބޯޓު ވެެއްޓުނީ އެގައުމުގެ ސިފައިންނަށް ހެދުނު ގޯހަކުން ކަމަށް އެެއްބަސްވެފައެވެ.

އިއްޔެ ސީއޭއޯއިން ނެރުނު ބަޔާނުގައި ވާގޮތުން ޑިފެންސް ޔުނިޓް އޮޕަރޭޓަރަކު ޔުކްރޭންގެ މަތިންދާބޯޓަށް އަމާޒުކޮށް ފުރަތަމަ މިސައިލް ފޮނުވާލީ ކޯޑިނޭޝަން ސެންޓަރުން އެންގުމަކާ ނުލައެވެ. އަދި ދެވަނަ މިސައިލް އޭގެ 30 ސިކުންތު ފަހުން ފޮނުވާލީ ފުރަތަމަ މިސައިލްގެ ފަހަތުން ދާގޮތަށެވެ.

މި ހަމަލާދީފައިވަނީ އޭގެ ގަޑިތަކެއް ކުރިން އިރާގުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާއެެއް ދިނުމަށް ފަހު، އީރާނުގެ ވައިގެ ދިފާއީ ނިޒާމު ތައްޔާރީ ހާލަަތަށް ގެނެވިފައި ވަނިކޮށެވެ. އީރާނުން އެ ހަމަލާދިނީ، އެމެރިކާއިން ދިން ޑްރޯން ހަމަލާއެެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ، ޖެނެރަލް ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.