ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ ބައެއް އިސް މަގާމުތަކަށް ބަދަލު ގެންނަވައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސްމަޤާމުތަކަށް ބަދަލު ގެންނަވައިފިއެވެ.

އެގޮތުން ގެނެސްފައިވާ ބަދަލުތަކަކީ ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމަަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް އައްޔަންކުރެއްވުމާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އައްޔަންކުރެއްވުމުގެ އިތުރުން ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންގެ ހެޑްގެ މަޤާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އައްޔަންކުރެއްވުމެވެ.

ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމަަށް އައްޔަންކުރެއްވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޟް ކުރިން ހުންނެވީ ކޮވިޑް19 އޮޕަރޭޝަނާ ގުޅިގެން ވަގުތީ ގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ ގޮތުގައެވެ. އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް އައްޔަންކުރެއްވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ކުރިން ހުންނެވީ ރިސޯސް މެނޭޖްމަންޓްގެ ހެޑް މަގާމުގެ އިތުރުން ކޮވިޑް19 އާއި ގުޅިގެން ޑިވިޜަނަލް ޕޮލިސް ކޮމާންޑުގެ ހެޑްގެ ގޮތުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޟް ސެންޓްރަލް ޕޮލިސްންގ ކޮމާންޑާއި ހަވާލުވެލެއްވުމުން، އެކޮމާންޑުގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެއެވެ. ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންސްގެ ހެޑްގެ މަގާމަށް އައްޔަންކުރެއްވި  ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ ކުރިން ހުންނެވީ ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގަމުންއައި  ޑިވިޜަނަލް އޮޕަރޭޝަން ކޮމާންޑްގެ ސަޕޯރޓް ސާރވިސްގެ ހެޑްގެ މަޤާމުގައެވެ.

މީގެއިތުރުން، ކޮވިޑް 19 އާގުޅިގެން އެންއޯއީސީގައި ފުލުހުން އަދާކުރަމުންދިޔަ ދައުރު ނިމުމާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވަނީ ކުރިންވެސް ހުންނެވި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑްގެ މަގާމަށް އައްޔަންކުރައްވާފައެވެ.  އަދި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ދަށުން ހިންގަމުންދާ މާލޭ ސިޓީ ޕޮލިސްގެ ހެޑްގެ މަގާމަށް  ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވަނީ އައްޔަން ކުރައްވާފައެވެ. ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ކުރިން ހުންނެވީ ނޮދަރން ޑިވިޜަންސްގެ ހެޑްގެ މަގާމުގައެވެ.

ރިސޯސް މެނޭޖްމަންޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް، ހިއުމަންރިސޯސް އަދި އިންޖިނިއަރިން އެންޑް މެކޭނިކަލް ސަރވިސް ޑިޕާރޓްމަންޓް ހިމެނޭ ޑައިރެކްޓަރޭޓެވެ. އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑަކީ މާލެ ފިޔަވައި، އަތޮޅުތަކުގައި ދެވޭ ފުލުހުންގެ ހިދުމަތާއި ގުޅޭ ކަންކަން ބަލަހައްޓާ ކޮމާންޑެވެ. ސެންޓްރަލް ޕޮލިސިންގ ކޮމާންޑަކީ މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގެ ޕޮލިސްއާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ސަޕޯޓުގެ ޑިޕާޓްމަންޓުތައް ހިމެނޭ ކޮމާންޑެވެ.

މި ބަދަލުތައް ގެނެސްފައި މިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓިޖިކް ޕްލޭން 2019 އިން 2023 ގެ ދަށުން ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ޚަބަރާއި ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.