ޖޭއެސްސީ ޚިދުމަތް ހޯދާ މީހުންގެ ޓެމްޕަރޭޗަރ ބަލާ މަޢުލޫމާތު ރެކޯޑުކުރަނީ

Photo: Alia Constructions

ކޮވިޑް 19 އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ޚިދުމަތް ހޯދާ މީހުންގެ ޓެމްޕަރޭޗަރ ބަލާ މަޢުލޫމާތު ރެކޯޑުކުރަން އެކޮމިޝަނުން ނިންމައިފިއެވެ.

މިއަދު އެކޮމިޝަނުން ކޮށްފައިވާ ޢިއްލާނެއްގައި ވާގޮތުން އެކޮމިޝަނަށް ޚިދުމަތް ހޯދަން ދާންޖެހޭނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަނގަޔާއި ނޭފަތް ނިވާކޮށްގެނެވެ. އެއާ ޚިލާފަށް އެކޮމިޝަނަށް ޚިދުމަތް ހޯދަން ދާ މީހުންނަށް ޚިދުމަތް ނުދެއްވާނެކަމަށް ވެސް ޖޭއެސްސީން ނެރުނު އިޢްލާންގައި ބުނެފައި ވެއެވެ.  

އެކޮމިޝަންގެ ޢިމާރާތަށް ވަދެ ނުކުތުމަށް، މެދުޒިޔާރަތް މަގުގައި އެކޮމިޝަންގެ ނަންބޯޑު ހަރުކޮށްފައިވާ ހެންވޭރު ސަކީނާ މަންޒިލަށް ވަދެވޭ ގޮތަށް ހުންނަ ދޮރު ބޭނުން ކުރުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ. ޚިދުމަތް ދިނުމުގައި ކައުންޓަރުންވެސް ފަހަރަކު އެކަކަށް ޚިދުމަތް ދެއްވާއިރު ވެއިޓިން އޭރިއާގައިވެސް އެއްވަގުތެއްގައި ހުރެވޭނީ އެކަކަށެވެ. އެތެރެއަށް ވަނުމާއެކު ސެނިޓައިޒަރ ލައިގެން ރަނގަޅަށް އަތް ސާފުކުރަންޖެހެއެވެ.

މީގެ އިތުރުން އެކޮމިޝަނުން ޚިދުމަތް ހޯދަން ދާ މީހުންގެ ހުންބެލުމަށް ފަހު ނަމާއި އައިޑީ ނަމްބަރާއި ފޯން ނަމްބަރު ރެކޯޑު ކުރުމަށް ވަނީ ނިންމަފައިވައެވެ. މިހާލަތުގައި އެކޮމިޝަންގެ ޚިދުމަތް ދިނުމަށް ހަމަޖައްސަވައިފައި ވަނީ ހެދުނު  8 އިން މެންދުރު ފަހު 3 އަށެވެ. ކޮވިޑްގެ 19 ގެ ލޮކްޑައުންއާ ގުޅިގެން ސަރުކާރާއި މުއައްސަސާތައް ބަންދު ކުރިފަހުން އާއްމުކޮށް ޚިދުމަތް ދޭން ފެށްޓެވީ މިއަދުން ފެށިގެންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.