ސަފާރީ ރޭޕްގެ މައްސަލައިގެ ހެކި ހޯދުމުގެ ފުރުސަތު ނަގައިލި ގޮތް ފުލުހުންނަށް އަދިވެސް ސާފުކޮށް ނުދެވޭ: މެމްބަރު އުޝާމް

ސަފާރީ ރޭޕްގެ މައްސަލައިގެ ހެކި ގެއްލުނު ގޮތް ނުވަތަ ހެކި ހޯދުމުގެ ފުރުސަތު ނަގައިލި ގޮތް ފުލުހުންނަށް އަދިވެސް ސާފުކޮށް ނުދެވޭކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މެމްބަރު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމައްސަލައިގައި ފުލުހުން ދައްކާ ވާހަކަ ޤަބޫލު ކުރަން ދަތިކަމަށެވެ. އެފަދަ މައްސަލަތަކުގައި  އެންމެ މުހިންމު ވާނީ "ގޯލްޑަން އަވަރ" ނުވަތަ "ރަނުގެ ފުރުޞަތު" ގައި ހެކިހޯދުންކަން ފުލުހުންނަށް އެނގޭނެކަމަށް ކަމަށް ވެސް އުޝާމް ވިދާޅުވެފައިވެއެވެ.

ސަފާރީއެއްގައި ކެންޔާގެ އަންހެންނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ދެމީހުން ދޫކޮށްލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ފުލުހުންނަށް އަންނަނީ ކުރިމަތި ކުރަމުންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ނުބެލެވޭތީ އެމީހުންގެ ޔޫރިން ސާމްޕަލް ނުނަގާ ކަމަށާއި އެފަދަ އެއްވެސް ޓެސްޓެއްވެސް ނުހަދާ ކަމަށް ފުލުހުން ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމެޓީގައި ވަނީ ވިދާޅުވެފައެވެ. ޔޫރިންވެސް ނުނަގައި އެމީހުން މަސްތު ނުވާ ކަމަށް ނިންމި ގޮތާ މެދު ސުވާލު އުފައްދާ އެކި ފަރާތްތަކުން އަންނަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.

މިމައްސަލަ ފުލުހުން ތަޙްޤީޤް ކުރަމުންދާ ގޮތް ރައްޔިތުންގެ މަޖިލީހުގެ އިތުރުން ހިޔުމަންރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ވެސް ގެންދަވަނީ ބައްލަވަމުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.