ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ނުވަތަ ޖިންސީ ގޯނާ ކުރިކަމަށް ބުނެވޭ މައްސަލައިގައި ކަންތައް ހިނގައިދިޔަ ގޮތް ބަލާނޭ ގޮތްތަކެއް ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.
ކޮމެޓީން ފާސްކުރީ ހަ ނުކުތާއެއްގެ މައްޗަށް ހިމެނިފައިވާ ތާވަލެކެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ނިންމީ ޖެންޑަރ މިނިސްޓްރީއަށާއި ޕީޖީއަށް މިއަދު ސިޓީއެއް ފޮނުވާށެވެ. ޖެންޑަރ މިނިސްޓްރީއަށް ފޮނުވާ ސިޓީގައި ބަޔާން ކުރައްވަން ނިންމެވީ މި މައްސަލައިގެ ޝިކާރައަކަށްވީ ބިދޭސީ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވޭތޯ ބައްލަވައިދެއްވާށެވެ. ޕީޖީއަށް އަންގަވަން ނިންމެވީ ފުލުހުން މި މައްސަލައިގައި އަމަލު ކޮށްފައިވާ ގޮތާއި އަމަލުކުރަމުން ެގންދާ ގޮތް ގާތުން ބައްލަވާށެވެ. އަދި ފަހުން ޕީޖީގެ ހޯއްދެވުންތަކާ ބެހޭ ގޮތުން ޕީޖީ އާ ގުޅުއްވައިގެން މައުލޫމާތު ހޯއްދަވަންވެސް ފާސް ކުރެއްވިއެވެ.
ތިންވަނަ ކަމަކަށް ނިންމެވީ ޝިކާރައަކަށްވީ ކުއްޖާއަށް ގުޅައި އެކުއްޖާ ބޭނުންވާ ނަމަ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެ މައުލޫމާތު ދިނުމުގެ ފުރުސަތުް އޮތް ވާހަކަ އަންގާށެވެ. ކޮމިޓިގައި ދެކެވުނު ވާގހަކައިގައި އެ ކުއްޖާގެ މައުލޫމާތު ކޮންމެހެންވެސް ހޯދަން މެންބަރުން ބާރުއެޅުއްވިއެވެ.
ހަތަރުވަނަ ކަމަކަށް ނިންމެވީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓަ ކޮމިޝަނަށް ސިޓީ ފޮނުވާށެވެ. އެއީ ޝިކާރައަކަށްވީ ކުއްޖާ އިތުރަށް ބަދުނާމުވާފަދަ ޚަބަރާއި މައުލޫމާތު މީޑިއާތަކުން ހާމަކުރުން ހުއްޓުވުމަށްޓަކައި ކުރައްވާން ކޮމެޓީން ނިންމެވި ނިންމެވުމެކެވެ.
ދެން ނިންމި ދެ ކަމަކީ މާދަމާ ކުރައްވާން ނިންމެވި ދެ ނިންމެވުމެކެވެ. ފުރަތަމަ ކަމަކީ ސީން ޕޮލިސް ނުވަތަ ކުށުގެ ވެށްޓަށް ފުރަތަމަ ދިޔަ ފުލުހުން ކޮމިޓީއަށް ހާޒިރުކުރައްވައިގެން ސުވާލު ކުރައްވާން ނިންމެވި ނިންމެވުމެކެވެ. އެމީހުން ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތަހުގީގު ފުލުހުން ގެންނަވަންވެސް ވާހަކަ ދެކެވުނެވެ. އެކަމަކު ވަކި ނިންމެވުމެއްގެ ގޮތުގައި އެކަން ނިންމަވައިފައެއް ނުވެއެވެ.
އެންމެ ފަހުގެ ނިންމުމަކަށް އޮތީ ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ސްޓޭޝަން އިންޗާޖް މާދަމާ ކޮމިޓީއަށް ހާޒިރު ކުރުމެވެ.
މި ބައްދަލުވުމުގައި ކޮމިޓީގެ އަށް މެންބަރުން ބައިވެރިވެވަޑައިގަތެވެ. މައްސަލަ ކުރިއަށް ގެންދާނޭ ގޮތް ފާސްވީ އަށް މެންބަރުންގެ އިއްތިފާގުންނެވެ.