ފުލުހުންގެ އޮނިގަނޑަށް ގެނެވޭ ބަދަލާއެކު ރީޖަނަލް ކޮމިޝަނަރުން އުފެދިގެންދާނެ

މިހާރު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމެޓީގައި ދިރާސާ ކުރަމުންދާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުން ފުލުހުންގެ އޮނިގަނޑަށް ގެނެވޭ ބަދަލާއެކު ރީޖަނަލް ކޮމިޝަނަރުން އުފެދިގެންދާނެ ކަމަށް އެބިލް މަޖިލީހަށް ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް  ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބިލާ ބެހޭގޮތުން ސަލާމާތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެމްބަރު ޙަސަން ވިދާޅުވީ ބިލުގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ފުލުހުންގެ ޚިދުމަތެއްގައި ރާއްޖޭގައި ޤާއިމުކުރުންކަމަށެވެ. ބިލުގެ ކޮންމެ މާއްދާއެއްވެސް އެކުލަވާލައިފައިވަނީ އެމަޤްޞަދު ޙާޞިލުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.  

ރީޖަނަލް ނުވަތަ ސަރަޙައްދީ ކޮމިޝަނަރުންތަކެއް އުފެދިގެން ދާނީ ބިލުން ފުލުހުންގެ ޚިދުމަތް ދޭ އޮނިގަނޑު ލާމަރުކަޒީ ކުރެވިގެން ދާއިރުކަމަށްވެސް ފާހަގަކުރެއްވިއެވެ. އެއީ ބިލުން ޙާޞިލުކުރާ މުހިންމު އެއް މަޤްޞަދު ކަމަށް އޭނާ ވިދާޅުވިއެވެ. ބިލު ބައްޓަން ކޮށްފައިވަނީ ރާއްޖެ ހަތް ސަރަޙައްދަކަށް ބަހައިލައިގެން ފުލުހުންގެ ޚިދުމަތް ފޯރުކޮށް ދިނުމަށެވެ. މެމްބަރު ޙަޞަން ވިދާޅުވީ މަޖިލީހުގައި އޮތް ބިލުން ފުލުހުންގެ ޚިދުމަތް އިތުރަށް މަދަނީ ވެގެންދާނެކަމަށެވެ. ބިލުން ބައްޓަން ކުރެވޭނީ އާބާދީ ކިތަންމެ މަދު ތަންތަނުގައިވެސް ފުލުހުންގެ ޚިދުމަތް އޮންނާނެގޮތަށް ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީއަކީ ޤާނޫނު އަސާސީން ބާރު ލިބިގެން އުފައްދައިފައިވާ ކޮމެޓީއަކަށް ވުމުން ފުލުހުން ޖާވާބުދާރީ ކުރުމުގެ ބާރު އެކޮމެޓީއަށް އޮތުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށް 241 ކޮމެޓީގެ މުޤައްރަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވިއެވެ. އަދި ޖަވާބުދާރީ ކުރުމަކީ ފުލުހުންނަށް ނުފޫޒު ފޯރުވުން ކަމަށްވެސް ދެކިގެން ނުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ފުލުހުންގެ ބިލު، މަޖިލީހުން ދިރާސާ ކުރުމުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ހޯއްދެވުމަށް ކޮމެޓީން ވަނީ ނިންމަވައިފައެވެ. ތަފާތު މުއައްސަސާތަކާއެކު ބޭއްވޭ ބައްދަލުވުން ތަކުގެ އިތުރުން ވެބް ކޮންފަރެންސްކޮށް ސިޓީ ކައުންސިލްތަކުގެ ޚިޔާލާއި މަޝްވަރާވެސް ހޯއްދެވުމަށް ވަނީ ނިންމަވައިފައެވެ. ފުލުހުންގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މަޖިލީހުން ހުޅުވާލައްވައިފައިވާ އިރު ވިހާވެސް ގިނަ އާއްމު ރައްޔިތުންގެ ޚިޔާލު އެބިލަށް ބޭނުންވާ ކަމަށް މުޤައްރަރު ފާހަގަ ކުރެއްވިއެވެ. އަދި މީޑިއާތައް މެދުވެރިކޮށް ބިލާ މެދު އާއްމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.