(12 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދެން މެހެމަލް ދެއްކި ވާހަކައެއް ފަރިޝްތޭއަކަށް އަޑެއް ނީވެއެވެ. ދެފަޔަށް ލެވުނުހައި ބާރެއް ލާފައި ދުއްވައިގެންފިއެވެ. މީގެ ކުރިން ފަރިޝްތޭ ތަނަކަށް ދަނީ ވިއްޔާ އަބަދުވެސް ދަނީ މެހެމަލްގެ އަތުގައި ހިފައިގެންނެވެ. މިފަހަރަކު އޭނާގެ އަތަކު ނުހިފައެވެ. އެކަނި ދުއްވައިގަތީއެވެ.
މެހެމަލަކަށްވެސް ހަދާނޭ ގޮތެއް ނޭނގެއެވެ. އެހެންވީމާ ފަރިޝްތޭގެ ފަހަތުން ދުއްވައިގެންފިއެވެ.
"ހުމާޔޫން... ހުމާޔޫން..." އޭނާ ސިޑިން އަރަމުން ހުމާޔޫނަށް ގޮވަމުން ދިޔައެވެ.
"ހުމާޔޫން."
ތިންވަނަ ބުރިއަށް އެރުމާއެކު ފެނުނީ ހުމާޔޫން ކޮޓަރީގެ ބޭރު ފާރަށް ލެނގިލައިގެން އިށީނދެގެން އިންދައެވެ. ކައިރީގައި ބިންމަތީގައި ލެއިން ތަތްތެޅިފައިވާ ވަޅި އޮތެވެ.
"ހުމާޔޫން... ރަނގަޅުތަ؟" ފަރިޝްތޭ ހުމާޔޫންގެ ކުރިމަތީގައި ކުޑަކަކޫ ޖެހިއެވެ.
އެވަގުތު ހުމާޔޫން ލޯ ހުޅުވައިލިއެވެ. "ފަރިޝްތޭ؟ މިތާގައި؟" އޭނާ ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ ފަހަތުން އައި މެހެމަލަށެވެ.
"މެހެމަލް ބުނީ ހުމާޔޫން..."
"ފަރިޝްތޭ. މިތަނުން ދޭ. މިހިރަ މޮޔަ މަންޖެވެސް ގޮވައިގެން ދޭ."
"އެކަމަކު..."
"އަހަރެން އަޙްމަރަށް ގުޅައިފިން. ފުލުހުން އިސާހިތަކު އަތުވެދާނެ. މިތާގައި ފަރިޝްތޭވެސް މެހެމަލްވެސް ހުރުން ރަނގަޅެއް ނުވާނެ. ދޭ." ފައިގައި އަޅާ ވޭނެއްގެ ސަބަބުން އޭނާއަށް ވާހަކަ ދައްކާންވެސް އުނދަގުލެވެ.
"އެކަމަކު..." ފަރިޝްތޭ އެނބުރިފައި މެހެމަލާ ދިމާއަށް ބަލައިލިއެވެ. މި ވަގުތު ކަންތައް ކުރަންވީ ކިހިނެއް ކަމެއް އޭނާއަކަށް ވިސްނައިގަންނާކަށް ނޭނގުނެވެ.
"ބުނެފީމެއްނު... ދާށޭ." ހުމާޔޫން އަޑަށް ބާރުލައިފައި ބުނެލިއެވެ.
"އެންމެ ރަނގަޅު." ފަރިޝްތޭ ބިރުން ކަހަލަ ގޮތަކަށް ތެދުވެއްޖެއެވެ.
"ނޫން. އަހަރެން ނުދާނަން. އަހަރެން ފުލުހުންނާ ހަވާލު ކުރިޔަސް ހެޔޮ. ނުދާނަން."
"މެހެމަލް... ދޭ." ހުމާޔޫން ހަޅޭއް ލަވައިގަތެވެ.
"މެހެމަލް. ހިނގާ." ފަރިޝްތޭ އޭނާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ސިޑިއާ ދިމާއަށް ހިނގައިގެންފިއެވެ.
"ހުމާޔޫން. އެއީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން. އަހަންނަށް މާފުކުރޭ." މެހެމަލް އެނބުރި ހުމާޔޫނާ ދިމާއަށް ބަލައިލިއެވެ.
"ދޭ." ހުމާޔޫން އަނެއްކާވެސް ބުނެލިއެވެ. މިހާރު ދެމީހުން ސިޑިން ފައިބަނީއެވެ. ހުމާޔޫންގެ މޫނެއް މިހާރަކު އޭނާއަކަށް ނުފެނެއެވެ. ލޮލުން އަދިވެސް ކަރުނަ ފައިބަނީއެވެ.
"މެހެމަލް އެ ގެއަށް ދިޔައީ ކީއްކުރަން؟ އަހަރެން ގާތު ބުނެބަލަ. ގޭތެރޭގައި ކިހިނެއްވީ؟" މިސްކިތުގެ ދޮރާ ހަމައަށް އައިސް ފަރިޝްތޭ އަހައިލިއެވެ. މެހެމަލް އޭނާގެ އަތް ފޮޅުވައިލުމަށް ފަހު މޫނު އަނބުރައިލިއެވެ.
"މެހެމަލް. ރުޅި ނާދޭ. އެތާގައި ހުރުމަކީ ރަނގަޅު ކަމަކަށް ނުވާނެ."
"އެތާގައި އޭނާ މަރުވަނީ... އެކަމަކު..." އަދިވެސް ކަރުނައެއް ނުހިފެއެވެ.
"ފުލުހުން އައިސް އޭނާ ހަސްފަތާލަށް ގެންދާނެ. ޒަޚަމް އެހައި ފުނެއް ނޫން. އޭނާ ރަނގަޅު ވެދާނެ. އެކަމަކު ބުނެބަލަ... އޭނާގެ ގަޔަށް ވަޅި ޖެހީ ކީއްވެގެން؟"
"އަހަރެން ހުމާޔޫންގެ ގަޔަށް ވަޅި ޖަހާނެތަ؟ އެއީ އަހަންނަށް ކުރެވޭނެ ކަމެއްތަ؟" މެހެމަލް ބާރަށް ރޯން ފަށައިފިއެވެ. ފަރިޝްތޭ ދިޔައީ ސިއްސައިގެންނެވެ. މެހެމަލްގެ މޫނުމަތީގައި ހުރި ހިތާމައިގެ އަސަރާއި ކަރުނަ އޭނާއަށް ފެނެއެވެ. އެއީ އާދައިގެ ކަރުނައެއް ނޫނެވެ. "އަހަރެން ގަސްތުގައި ޖެހީއެއް ނޫން. އަހަންނަށް މާފުކުރޭ..."
"އެންމެ ރަނގަޅު. އެތެރެއަށް ހިނގާ. ހަމަޖެހިލައިގެން ދެމީހުން ވާހަކަ ދައްކާނީ." މެހެމަލް އޭނާގެ ވާހަކަ އަޑެއް ނާހައެވެ.
"އަހަރެންގެ ކުށެއް ނެތޭ އޭނާވެސް ބުންޏެއްނު؟" މެހެމަލް ހަމަ ރޮނީއެވެ. "ފަރިޝްތޭ... އޭނާ ރަނގަޅުވާނެ ދޯ؟"
"އާނ..." ފަރިޝްތޭއަކަށްވެސް މެހެމަލްގެ ހުރިހައި ވާހަކައެއް ނީވޭ ކަހަލައެވެ. އޭނާ ބަލަހައްޓައިގެން ހުރީ މެހެމަލްގެ މޫނަށެވެ. އެއީ ހަގީގަތުގައިވެސް އާދައިގެ ކަރުނައެއް ނޫނެވެ.
"އަހަރެން މި ދަނީ ގެއަށް. ހުމާޔޫނަށް ވާ ގޮތެއް އަހަންނަށް އަންގާތި."
"އާނ." ފަރިޝްތޭ ބުނެލިއެވެ.
މެހެމަލް ގަސްތަކުގެ ތެރެއިން ދުވެފައި ދަނީއެވެ. ފަރިޝްތޭ ބަލަހައްޓައިގެން ހުރީއެވެ.
އެއީ އާދައިގެ ކަރުނައެއް ނޫނެވެ.
* * *
ހަސްފަތާލުގެ ތަށިމުށި ޖަހައިފައިވާ ގޯޅި އޮތީ ހަމަހިމޭންކޮށެވެ. ގޯޅީގެ ކޮޅުގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިސްޖަހައިލައިގެން އެ އިނީ ފަރިޝްތޭއެވެ. މެހެމަލް ދުވެފައި އޭނާއާ ދިމާއަށް އައިސްއައިސް ހުރެފައި ހުއްޓިއްޖެއެވެ. އަދި ބަލަހައްޓައިގެން ހިނދުކޮޅަކު ހުރުމަށް ފަހު އަނެއްކާވެސް ވަރަށް ބާރަށް ހިނގައިގެންފިއެވެ.
"ފަރިޝްތޭ... ފަރިޝްތޭ."
ފަރިޝްތޭ އިސް އުފުލައި ބަލައިލިއެވެ.
"ހުމާޔޫން ކިހިނެއް؟" މެހެމަލް އަހައިލިއެވެ. "ބުނެބަލަ. ކިހިނެއް އޭނާގެ ހާލު؟" އޭނާ ފަރިޝްތޭގެ ކުރިމަތީގައި އުޑަފައިން އިށީނދެއްޖެއެވެ.
"ރަނގަޅު. ޒަޚަމް އެހައި ފުނެއް ނޫން." އޭނާ މެހެމަލްގެ ލޮލުން އެއްޗެއް ފެނޭތޯ ހޯދައި ބަލަނީއެވެ.
"އަހަންނަށް ބައްދަލުކޮށް ލެވިދާނެތަ؟"
"މިހާރު އޮތީ ނިންދަވާފައި."
"އެއީ ކީއްވެގެން؟" މެހެމަލް އަހައިލިއެވެ. އެއީ ފަތިސް ވަގުތެވެ. ފަރިޝްތޭ އޭނާއަށް ގުޅާފައި ޚަބަރު ދިނުމާއެކު އައީއެވެ.
"ޑަކްޓަރުން އޭނާ ނިންދެވީ. އޭނާ މުޅިން ރަނގަޅު ވެދާނެ. މެހެމަލް... ކަންބޮޑުނުވޭ."
"ކަންބޮޑު ނުވާންވީ ކީއްވެގެން؟ އޭނާގެ ގަޔަށް ވަޅި ޖެހީ އަހަންނެއްނު؟ އަހަރެން..."
"މެހެމަލް. ކިހިނެއްވީތަ؟ އޭނާގެ ގަޔަށް ވަޅި ޖެހީ ކީއްވެގެންތަ؟"
"އެއީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން. އަހަރެން ދިޔައީ އޭނާ ގާތު އަހަން..." އޭނާގެ ތުރުތުރުއަޅާ ތުންފަތް ހަރަކާތް ކުރަމުން ދިޔައެވެ. ފަރިޝްތޭ ކަޅިވެސް ޖަހާނުލައި ބަލަހައްޓައިގެން އިނީއެވެ.
"މެހެމަލް... އަހަރެން ގާތު އަހައިލިނަމަ... އޭނާއަކަށް... އެންމެ ރަނގަޅު. ދެން އެވާހަކަ ބާއްވާ."
މެހެމަލް ބިންމަތީގައި ރަނގަޅަށް އިށީނދެއްޖެއެވެ. އޭނާގެ އަތް އޮތީ ފަރިޝްތޭގެ އުނގުގައެވެ. އެހެން އެތައް އިރަކު އިނުމަށް ފަހު އެންމެ ފަހުން މެހެމަލް އަހައިލިއެވެ. "ތިމަންނާއަކީ އާޣާ އިބްރާހީމްގެ ދަރިއެކޭ ފަރިޝްތޭ ބުނީމެއްނު؟"
"އާނ. އަހަރެން މިއީ އާޣާ އިބްރާހީމްގެ ދަރިއެއް."
"އަހަރެންގެ ބައްޕަގެ..." މެހެމަލްގެ އަރުތެރެ ހިކިއްޖެއެވެ.
"އެއީ މާ އާދަޔާ ޚިލާފު ކަމެއް ކަމަށް މެހެމަލަށް ފެންނަނީ ކީއްވެގެން؟ އެއީ ތިޔަ ގޭގެ އެންމެން ދެނަހުރިކަމެއް. ނޭނގެނީ މެހެމަލަށް އެކަނި. މެހެމަލްގެ މަންމައަށްވެސް އެނގޭ."
"މަންމައަށްވެސް.." އޭނާ ސިހިގެން ދިޔައެވެ.
"އާނ... ބައްޕަ އަހަންނާ ބަރާބަރަށް ބައްދަލުކުރޭ. އަހަރެންގެ މަންމައަކީ ބައްޕަގެ ފުރަތަމަ އަނބިމީހާ. ދެމީހުން ވަރިވީ ފަހުން ބައްޕަ އިނީ މެހެމަލްގެ މަންމަޔާ. ދެމީހުނާވެސް ބައްޕަ އިނީ ހަމަ ހިތުން ރުހުމުން. ލޯބިން. އަޖައިބުވާ ކަހަލަ ކަމެއް ދޯ؟ އަހަންނާ ބައްދަލު ކުރަން ކޮންމެ ހަފުތާބަންދެއްގައި ބައްޕަ އާދޭ. ބޮޑުބޭބެއިންނަކާ އަހަރެން ބައްދަލެއް ނުކުރަން. އެކަމަކު އަހަރެން މިއީ ކާކުކަން އެމީހުން ދަނޭ. އުޅެނީ ކޮން ތަނެއްގައިކަންވެސް ދަނޭ. އެކަމަކު ބައްޕަ ނިޔާވީމާ އެމީހުން އަހަރެން ގަބޫލެއް ނުކުރި. އަހަރެން ހައްގު ހޯދަންވެގެން އެތައް ފަހަރަކު ދިޔައިން. އެކަމަކު ގެއަށްވެސް ވަނަނުދިން. ބައްޕަގެ ފުރަތަމަ ކާވެނީގެ ވާހަކަ އެމީހުން އެކަކަށްވެސް ނާންގާ. ކާވެނީގެ ވާހަކަ އެނގެނީ ދެ އާއިލާގެ ބޮޑުންނަށް އެކަނި. އާއިލާގެ އެހެން މީހުންނަކަށްވެސް ނާންގާ. މެހެމަލަކަށްވެސް ނާންގާ. މެހެމަލަށް ސިއްރު ކުރީ އަހަރެމެން ދެބެއިން ބައިވެރި ވެގެން މުދަލުގެ ހިއްސާ ހޯދަން އުޅެގެންފާނެތީ."
"ކޯޓަށް ނުދިޔައީ ކީއްވެގެން؟" މެހެމަލް އަހައިލިއެވެ.
"އަހަރެން ބޭނުންވަނީ މުދަލުގެ ހިއްސާއެއް ނޫން. އަހަރެން ބޭނުން ވަނީ އާއިލީ ގުޅުމުގެ ހިއްސާ. އަހަރެން އެތައް ފަހަރަކު މެހެމަލްގެ ގެއަށް ދިޔައިން. ގެއަށް ވަނަކަ ނުދިން... އެ ވާހަކަ ބާއްވަމާ. އެއީ ވަރަށް ދިގު ވާހަކައެއް. އަހަރެން ހައްގަށް އެދި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ. ވާރިސުންނަކީ ﷲ އުފައްދަވާ ބައެއް. އަހަރެން މިއީ ބައްޕަގެ ވާރިސެއް. އަހަރެން މުދަލުގެ ހިއްސާއަށް އެދެން ފެށްޓީ އެހެން ވެގެން. އާއިލާގެ ހިއްސާ ނުދިނިއްޔާ މުދަލުގެ ހިއްސާ ދޭންވާނެއޭ ހިތައި. އެކަމަކު..." އޭނާ ވާހަކަ ހުއްޓައިލިއެވެ.
"އަހަންނަށް އެއްވެސް ކަމެއް ނޭނގޭކަން ދައްތައަށް އެނގޭތަ؟"
"އާނ. އަހަރެން ދެނަހުރިން. އަހަރެން މެހެމަލާ ބައްދަލު ކުރަން އުޅޭ ކޮންމެ ފަހަރަކު އާޣާ ޖާން ބުނަނީ މެހެމަލް ހުރީ ނަފްސާނީ ގޮތުން ރަނގަޅު ހާލަތެއްގައެއް ނޫނޭ... ހުރިހައި ކަމެއް އެނގިއްޖެއްޔާ ބައްޕަ ދެކެ ރުޅިވެސް އަތުވެދާނެއޭ. އެހެންވީމާ އަހަރެން ކެތްކޮށްގެން ހުރީ. ބިންޔާމީނާއި ޔޫސުފް ޢަލައިހިއްސަލާމާ ބައްދަލުވާނޭ ގޮތް މެދުވެރި ކޮށްދެއްވި ﷲ އަހަރެންގެ ކޮއްކޮއާއި އަހަރެން ބައްދަލުވާނޭ ގޮތް މެދުވެރި ކުރައްވާނޭ ކަމުގެ ޔަގީންކަން އަހަންނަށް އޮތް." ފަރިޝްތޭ ކުޑަކޮށް ހިނިތުންވެލީމާ ބިއްލޫރި ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ.
"ފަވާދްބޭބެއާއި އޭނާގެ މައްސަލަ..."
"ފަވާދްގެ ވާހަކަ އެންމެ ފުރަތަމަ އަހަރެން ގާތު ބުނީ ހުމާޔޫން. މެހެމަލް ނަމަކަށް ކިޔާ ކުއްޖެއްގެ ވިޔަފާރިއެއް ކުރަން އެބައުޅެއޭ. އެހެން ބުނުމާއެކު އަހަރެންގެ ބިލުގައި ރިއްސާލައިފި. އެކަމަކު މެހެމަލާ މެދު އެކަހަލަ ގޮތަކަށް ފަވާދް ކަންތައް ކޮށްފާނޭ ކަމަކަށް ހުމާޔޫން ގަބޫލެއް ނުކުރި. ހުމާޔޫން ބުނީ އެ ވާނީ ކޮންމެވެސް އެހެން ކުއްޖަކަށޭ. އެކަމަކު މިސްކިތުގެ ޓެރަސް މަތީން މެހެމަލް ފެނުމާއެކީ އަހަންނަށް އެނގިއްޖެ."
"ފަރިޝްތޭ ދުވަހަކުވެސް އަހަރެން ނުދެކެމެއްނު؟ އެހެން..."
"ދުށިން. އަހަރެން ބައްދަލުކޮށްލާ ހިތުން މެހެމަލްގެ އިސްކޫލަށްވެސް ދިޔައިން. އަހަރެން އިސްކޫލު ގޯތިތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެގެން ބަލަހައްޓައިގެން އެތައް އިރަކު އިނިން. އަހަންނަށް މެހެމަލް ފެނުނީ ފިކުރެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ. މޫނުމަތީން ފެނުނީ ފިކުރުކުރާކަމުގެ ކުލަވަރު. އެހެންވީމާ އިތުރު ތުރާލެއް ނުޖައްސާނަމޭ ހިތައި އެނބުރި އައީ."
ފަރިޝްތޭ ވަރުބަލިވެގެން ހުއްޓައިލިއެވެ. ދައްކާނޭ އިތުރު ވާހަކައެއް ނެތީކަހަލައެވެ. މެހެމަލް ބަލަހައްޓައިގެން އިނީއެވެ. އޭނާގެ ނަސީބު ދެރަކަމާމެދު ވިސްނެނީއެވެ. އޭނާގެ ދައްތައަކު ހުރެމެ އެކަނި އުޅެވުނު ދިރިއުޅުން ހަނދާން ވަނީއެވެ.
"މެހެމަލަކީ ނަސީބުގަދަ ކުއްޖެއް. ދިރިއުޅުނީ ގާތްތިމާގެ މީހުންނާއެކު. މެހެމަލަކީ ޔަތީމެއް ނޫން. ޔަތީމެއްގެ ދިރިއުޅުން އުޅުނީ އަހަރެން. އެކަމަކުވެސް އަހަރެން ދުވަހަކުވެސް ޔަތީމެއްގެ ލޭބަލް ޖަހައިގެންނެއް ނޫޅެން. އަހަރެންގެ އާއިލާއަކީ ބޮޑުދައިތައާއި ހުމާޔޫން. މިހާރަކު އަހަރެންގެ ފަރާތުން ގެއްލޭނޭ އިތުރު މީހަކު ނެތް. މެހެމަލް ގާތުން އަހަރެން ކަމަކަށް އެދެން ބޭނުން. އަހަރެން މިބުނި ކަހަލަ އިމްތިހާނެއްގެ ތެރެއަށް އަހަރެން ވައްޓައިނުލާތި. އިތުރު މީހަކު ގެއްލިގެންދާ ގޮތް ވުމަކީ..."
(ނުނިމޭ)
Varah reethi