މުޞްޙަފް - 27

(27 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް." ހުމާޔޫން އެ ގޮނޑީގެ އެއް ފަރާތުގައި އިށީނދެއްޖެއެވެ. އަދި މެހެމަލާ ދިމާއަށް ބަލަން ފަށައިފިއެވެ. މެހެމަލް ހުރީ ކުރިމަތީގައި ހުރި ގަސްތަކާ ދިމާއަށް ބަލަހައްޓައިގެންނެވެ. "މެހެމަލް ކޯޓަށް ދާއިރު ފަވާދްގެ ކަރަށް އަހަރެމެންގެ މަޅިގަނޑު އޮންނާނީ ރަނގަޅަށް ފެތިފައި. މި ވަގުތު އެމީހުން ބުނާހައި ގޮތަކަށް ކަންތައް ކުރަން އެއްބަސްވޭ. ކޯޓުގައި ތެދު ބަހުން ވާހަކަ ދައްކާ."

"އަމިއްލަ ފައިދާއަށްޓަކައި ބޭނުން ވަރަކަށް އަހަރެންގެ ބޭނުން ހިފާ." މެހެމަލް މޮޅިވެރި ރާގަކަށް މިހެން ބުނެލައިފައި ކޮޅަށް ތެދުވެއްޖެއެވެ.

"މެހެމަލް ވަރަށް ބަލިކަށި ވެއްޖެ. އަމިއްލަ ހަށިގަނޑަށް ފަރުވާތެރިވެ ބަލައިގެން އުޅޭތި."

"ހުމާޔޫންގެ ތިޔަ ހަމްދަރްދީގައިވެސް އޮތީ އަމިއްލަ އެދުމެވެ. ހުމާޔޫނާ ދެކޮޅަށް ހެކިބަސް ދެވޭނެނަމައެވެ." އޭނާ އަނގައިންވެސް ނުބުނެ މަގުމައްޗަށް ނުކުމެއްޖެއެވެ.

ހުމާޔޫން ތެދުވެގެން ދޮރާށްޓާ ހަމައަށް އަތުވެއްޖެއެވެ. އެނބުރި ގެޔާ ދިމާއަށް ހިނގައިގަންނަމުން މެހެމަލާ ދިމާއަށް ބަލައިލިއެވެ. އޭރުވެސް މެހެމަލް އިސް ޖަހައިލައިގެން ހުރެ މަޑުމަޑުން މަގުގެ އެއް ފަރާތުން ހިނގަމުން ދަނީއެވެ.

ހުމާޔޫން ގޮސް ގެއަށް ވަދެއްޖެއެވެ.

ގޯތިތެރޭގައި ހުރި ގަސްގަހާއި ދިގުގޮނޑި އަނެއްކާވެސް އެކަނިވެރިވެއްޖެއެވެ.

* * *

"ހަލޯ." އާރްޒޫގެ އަޑަށް މެހެމަލް އިސް އުފުލައި ބަލައިލިއެވެ.

އޭނާ އިނީ ބިންމަތީގައި އިށީނދެގެން ކަރުދާސްގަނޑަކަށް ބަލަހައްޓައިގެންނެވެ. އެއީ އިއްޔެ މިސްކިތުން ލިބުނު ކަރުދާސްގަނޑެކެވެ. އޭގައި ހުރީ މަރުކަޒުގައި ހިންގާ ކުލާސްތަކާ ބެހޭ މައުލޫމާތެވެ.

އާރްޒޫ ހުރީ ކޮޓަރީގެ ދޮރުމަތީގައެވެ. ރަތްކުލައިގެ ހަރުވާޅަކާއި ހުދުކުލައިގެ އަތްބުރި ޓީޝާޓެއް ލައިގެންނެވެ. ހިނިތުންވެ ހުރެގެން މެހެމަލާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ކިހިނެއް؟" އާރްޒޫގެ އަޑުގައި ހުރި ގާތްކަމެއްގެ ސަބަބުން މެހެމަލް ހައިރާންވިއެވެ.

"ރަނގަޅު. އާރްޒޫދައްތަ ކިހިނެއް؟" އޭނާ އަތުގައި އޮތް ކަރުދާސްގަނޑު އެއް ފަރާތުގައި ބާއްވަމުން އާރްޒޫއާ ދިމާއަށް ބަލައިލިއެވެ.

"ބަރާބަރު." ކޮޓަރީގެ ދޮރު ރަނގަަޅަށް ލައްޕައިލުމަށް ފަހު އޭނާ ގޮސް މެހެމަލްގެ އެނދުގައި އިށީނދެއްޖެއެވެ. މެހެމަލް ހައިރާން ވެފައި ބަލަހައްޓައިގެން އިނީއެވެ. އާރްޒޫ ކޮޓަރީގެ އެކި ދިމަދިމާއަށް މުއާއިނީ ނަޒަރަކުން ބަލަމުން ގެންދަނީއެވެ.

"މިއީ ހާދަހާ ކުޑަ ކޮޓަރިއެކޭ. އާޣާޖާން ކަންތައް ކުރަނީއަކީ ރަނގަޅަކަށް ނޫން. މެހެމަލަށް މެހެމަލްގެ އަމިއްލަ ކޮޓަރި ދޭން ވާނެނު؟ އާޣާޖާން ބައެއް ފަހަރަށް ކަންތައް ކުރަނީ ވަރަށް ދެރަކޮށް. އެހެންނެއް ނޫންތަ؟"

"ނޭނގޭ."

"މެހެމަލް ބޭނުމިއްޔާ ބައްޕަޔާ ވާހަކަ ދައްކައިގެން ބޮޑު ކޮޓަރިއެއް ލިބޭ ގޮތް ހަދައި ދީފާނަން."

މެހެމަލްގެ ހިތަށް އެރިއެވެ. މި ޚިޔާލު މީގެ ކުރިން އާރްޒޫގެ ބޮލަށް ނުވަނީ ކީއްވެގެން ހެއްޔެވެ؟

"ބޭނުމެއް ނޫން. މިވަރުން އަހަރެންގެ ހިތްހަމަ ޖެހޭ. ފުދޭ. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް." އޭނާ ލައްޕައިފައި ހުރި ދޮރާ ދިމާއަށް ބަލައިލިއެވެ. "އަހަރެންގެ ހިތަކު އާޣާޖާނާމެދު އެއްވެސް ޝަކުވާއެއް ނެތް."

"އާޣާޖާން އެކަންޏެއް ނޫން. ފަވާދްވެސް މެހެމަލާ މެދު ކަންތައް ކުރީއަކީ ރަނގަޅަކަށް ނޫން. ގޭގެ އަބުރާމެދުވެސް ވިސްނައެއް ނުލި."

"އަހަރެން ދެއްކި ވާހަކަ އާރްޒޫދައްތައަށް ގަބޫލު ކުރެވޭތަ؟" މެހެމަލަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އާނ. އަހަރެން ގަބޫލު ކުރިން. ފަވާދަކީ ކާކުކަން އެންމެންނަށްވެސް އެނގޭ. މިހާރު އެމީހުން މެހެމަލާ ދެކޮޅަށް އެކި ކަހަލަ ރޭވުންތައް ރާވަމުން އެބަ ގެންދޭ."

"ކޮން ކަހަލަ ރޭވުމެއް؟" އޭނާ ކުޑަކޮށް ފަސްޖެހިފައި ހުރެގެން އަހައިލިއެވެ.

"އެމީހުން އުޅެނީ މެހެމަލް ލައްވައި އެ އެސްޕީއާ ދެކޮޅަށް ކޯޓުގައި ވާހަކަ ދައްކުވަން. އެއީ ކޮން ނަމެއް ކިޔާ މީހެއްތަ؟ ހުމާޔޫން..."

"ހުމާޔޫން ދާވޫދް." ވާހަކަ އެދާ މިސްރާބު މިހާރު އޭނާއަށް ވިސްނިއްޖެއެވެ.

"އާނ... ފަވާދް މެހެމަލް ގެންދިޔައީ އޭނާގެ ގެޔަކަށްނު؟ އެގެ ހުންނަނީ ކޮންތާކު؟" އާރްޒޫ ފަރުވާކުޑަ ގޮތް ދައްކާން މަސައްކަތް ކުރަމުން އެކި ދިމަދިމާއަށް ބަލަން ފަށައިފިއެވެ.

"އާރްޒޫދައްތާ. އެއީ ކާކުގެ ގެއެއް ކަމެއް އަހަންނަކަށް ނޭނގޭ."

"އޭނާގެ ފޯނު ނަންބަރު އެބައޮތްތަ؟"

"އާނ. އެބައޮތް. ބޭނުންތަ؟"

"އާނ. ދީބަލަ." އާރްޒޫ ކުއްލިއަކަށް ސަމާލުވެލިއެވެ. އަޑަށް އުފާވެރިކަން އަތުވެއްޖެއެވެ.

"އެކެއް... ފަހެއް... ކުއްލި ހާލަތުގައި ފުލުހުންނަށް ގުޅޭ ނަންބަރަކީ އެޔެއްނު؟" މެހެމަލް ހިނިތުންވުން ފޮރުވާން މަސައްކަތް ކުރަމުން އަނެއްކާވެސް ބިންމަތީގައި ބޭއްވި ކަރުދާސްގަނޑު ނަގައިފިއެވެ.

"އަޅާނުލާ. އަހަރެން މަސައްކަތެއް ކޮށްލާން އެބަޖެހޭ. ދަނީ." އާރްޒޫ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

"މިއީ ކޮން ކަހަލަ ހިތެއް ގެންގުޅޭ މީހެއް ހެއްޔެވެ؟ ފުޓުބޯޅައެއް ކަހަލައެވެ. ފަވާދާއި ހުމާޔޫން އާ ދެމީހުން ސައްޕު ޖަހަން ދޫކޮށްލެވޭތޯ މަސައްކަތް ކުރަނީއެވެ." އޭނާ އަނެއްކާވެސް ކަރުދާސްގަނޑުގައި ހުރި އެއްޗެއް ކިޔާން ފަށައިފިއެވެ.

* * *

ކޭމޭޒު ދޮށަށް މެހެމަލް އައީ ނާންނަތާ އެތައް ދުވަހެއް ކޮށްފައެވެ. އެއްވެސް މީހަކު އޭނާއަކާ ވާހަކައެއް ނުދައްކައެވެ. އޭނާވެސް އަނގައިން ނުބުނެ އިނދެގެން ކަމުން ގެންދިޔައީއެވެ. އޭނާ މިހާރު އެހެރީ މަރުކަޒުގެ ޔުނިފޯމުގައެވެ. ހުދުކުލައިގެ ޕާކިސްތާނު ހެދުމެއްގައެވެ. މަޑުފިޔާތޮށި ކުލައިގެ ބުރުގާއެއް ކޮނޑުމަތީގައި އޮތެވެ.

"މެހެމަލް." ފިޒާ ގޮވައިލިއެވެ. އޭނާ ހުރީ ކަޅިވެސް ޖަހައިނުލައި މެހެމަލާ ދިމާއަށް ބަލަހައްޓައިގެންނެވެ. ""ކޮލެޖަށް ވަނީތަ؟"

ފިޒާގެ ސުވާލާއެކު ޙަސަންވެސް އޭނާއާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

"ނޫން. އަހަރެން ވަނީ އެހެން ތަނަކަށް."

"ތިޔަ ދާ ތަނަކުން ކިޔަވަނީ ކޮން އެއްޗެއް؟"

"އެވާހަކަ ބުނުމަކީ އަހަރެން ކުރަން ޖެހޭ ކަމެއް ނޫން." މެހެމަލް ތެދުވެއްޖެއެވެ. ޙަސަން އޭނާ ގޮސް އޮބައިލާންދެން ބަލަހައްޓައިގެން އިނެވެ.

މެހެމަލް ހުރީ މަރުކަޒުގެ ފެންޑާގައި ހުރި ހަމައިސްކޮޅު ލޯގަނޑެއްގެ ކުރިމަތީގައެވެ. އެތާގައި ހުރެގެން ބުރުގާ އަޅަނީއެވެ. ރަނގަޅަށް ބުރުގާ އަޅައި ނިމިގެން އަރިއަރިއަށް ޖެހިލައި ލޯގަނޑު އަމިއްލަ ސޫރަ ބަލައިލިއެވެ.

"ހޫނ... ރީތި..." އަމިއްލައަށް މިހެން ބުނެލުމަށް ފަހު ހިނިތުން ވެލަމުން ހިނގައިގެންފިއެވެ. ގެއިން ނުކުންނަ އިރު ބުރުގާ އަޅައިގެން ނުކުންނާން އަދި އޭނާއަށް އުނދަގުލެވެ. އެހެންވީމާ ބުރުގާ އަޅަނީ މަރުކަޒަށް ވަދެއެވެ.

ތިރިއަށް ފައިބާ ސިޑި ކައިރީގައި ފައިވާން ހަރެއް ހުއްޓެވެ. އޭނާ ފައިވާން ބޭލުމަށް ފަހު ހަރަށް ލައިފައި ސިޑިން ތިރިއަށް ފައިބާން ފަށައިފިއެވެ.

ތިރީގައި ނަމާދުކުރާ ބޮޑު މާލަން އޮތީ ފުރިފައެވެ. ދޫލައިގެ މަތީގައި އޮތީ ހުދު ފޮތި އަޅައި ޑެސްކު އަތުރައިފައެވެ. އެއިން ކޮންމެ ޑެސްކެއްގެ އުސްމިނަކީ ގާތްގަނޑަކަށް މުށެއްހައިވަރެވެ. ކޮންމެ ޑެސްކެއްގައި ކުއްޖަކު އިނެވެ.

މެހެމަލް އެންމެ ތިރީ ހަރުފަތަށް ފައިބައިފިއެވެ. އޭނާ މިހާރު އެހެރީ އެ ހުރިހައި ކުދިންގެ ފަހަތުގައެވެ. ކުރިމަތީން ފެންނަނީ ސަފަުސަފަށް ތިބި ކިޔަވާ ކުދިންނެވެ. ކުދިންގެ ކުރިމަތީގައި ހުރީ އިސްޓޭޖެކެވެ. އިސްޓޭޖުގެ ފުގަރަހުން ފާރުގައި އެއްކަލަ ލިޔުން ހުއްޓެވެ.

"ކަލޭމެން އެއްކުރާ ތަކެއްޗަށްވުރެ ޤުރްއާނުގެ ހެޔޮކަން މާ ބޮޑެވެ."

އޭނާއަށް ލިބިފައިވަނީ އާދަޔާ ޚިލާފު ފޮތް ސެޓެކެވެ. ކިތާބުއްޠަހާރާ، ކިތާބުއްޒަކާތު، ކިތާބުލްޢިލްމު، ކިތާބުއްޞަލާތު، ކިތާބުލްޙައްޖު... މިއީ އޭނާގެ ފޮތްތަކުގެ ނަމެވެ. ދެން އޮތީ ކީރިތި ޤުރްއާނުގެ ފުރަތަމަ ފޮތެވެ. ބޮޑެތި އަކުރުން ލިޔެފައި އޮތް ފޮތެކެވެ. ކޮންމެ ފޮޅުވަތެއްގެ ތިރީގައި ހައެއްކަ ފޮޅުވަތުގެ ހުސް ޖާގަ އޮތެވެ. އެއީ ނޯޓު ލިޔާން ދޫކޮށްފައި އޮތް ޖާގައެވެ. ކޮންމެ އަރަބި ލަފުޒެއްގެ ތިރީގައި އެ ލަފުޒެއްގެ މާނަ ލިޔެފައި އޮތެވެ.

އޭނާއަށް އެ އާދެވުނީ ދިހަ މިނިޓު ލަހުންނެވެ. މެޑަމް މިޞްބާޙްގެ ދަރެސް ފެށިއްޖެއެވެ.

"އެންމެ ފުރަތަމަ ހުރިހައި ކުދިން ރަނގަޅަށް އަޑުއަހާ. ހަނދާން ކުރޭ. މިތާގައި ކިޔަވައިދޭނީ ދީން. މަޒުހަބެއް ނޫން. ދީނާއި މަޒުހަބާ އެއީ އެކައްޗެއް ނޫން. ދީނަކީ އިނގިރޭސި ބަހުން މިކިޔާ ރިލިޖަން. މަޒުހަބަކީ އަގީދާ ނުވަތަ ގަބޫލު ކުރާ ވަކި އަގީދާއެއް. ދީން ކިޔެވުމުގެ ކުރީން އެއް ކަމެއް ރަނގަޅަށް ސިކުނޑީގައި ބިންވަޅު ނަގާ. ދީނުގައި ދަލީލު ދައްކާނީ ކީރިތި ޤުރްއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން."

ދެން އޭނާ ފެށްޓީ ސުރަތުލްފާތިޙާއެވެ.

"ألْحَمْدُ لِلّـه... އަރަބި ބަަހުގެ ކޮންމެ ލަފުޒެއްވެސް އުފެދެނީ ތިން އަކުރު ނުވަތަ ހަތަރު އަކުރުން. އެޔަށް ކިޔަނީ މޫލަފުޒު. އަލްޙަމްދު... މި ލަފުޒުގެ މޫލަފުޒަކީ ޙާ... މީމު... ދާލު... މާނައަކީ ތާރީފު ނުވަތަ ޙަމްދު. ޙާމިދާއި، ޙަމާދާއި، އަޙްމަދާއި، މުޙައްމަދާއި، މަޙްމޫދު ފަދަ އަރަބި ލަފުޒުތައް އުފެދިފައި ވަނީ ޙަމްދުން. ޙާމިދަކީ ތައުރީފުކުރާ މީހާ. އަޙްމަދަކީ ތައުރީފު ލިބިގެންވާ މީހާ. ޙަމީދަކީ ގިނަގިނައިން ތަޢުރީފު ކުރެވޭ މީހާ. ކީރިތި ޤުރްއާން ދަސްކުރާއިރު އެ ފޮތުގައިވާ ލަފުތަކުގެ މާނަ ވަކިވަކިން ދަސްކޮށް އެ ލަފުޒުތަކުގެ މަފުހޫމު ދެނެގަނެވުނީމާ ފޮތުގެ މައްޗަށް ހުންނަ ޝައުގުވެރިކަމާއި ދަސްކުރާން އޮންނަ ލޯބި އެތައް ގުނައަކަށް ބޮޑުވެގެން ދާނެ. މިސާލަކަށް ސަޖިދައިގެ މޫލަފުޒަކީ ސަޖަދަ... ސީނު... ޖީމު... ދާލު... މަސްޖިދާއި ސާޖިދާއި ސަޖިދާ އުފެދިފައި ވަނީ މި މޫލަފުޒުން."

ކިޔަވައިދިނުމުގައި ދިލްޗަސްޕު ގޮތެއް އެބަހުއްޓެވެ. މެހެމަލް ހަލުވިކަމާއެކު ނޯޓު ކުރަމުން ގެންދިޔައެވެ. އޭނާގެ ހިތަށް އޭރުވެސް އަރައެވެ. މިތަނަށް އަންނާން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ހެއްޔެވެ؟

ވިދިގެން އައި ދުވަސްތައް ދިޔައީ ކިޔެވުމުގެ ތެރޭގައި އަވަދިނެތި އުޅުމުގައެވެ. އެހެންވީމާ ފަރިޝްތޭއާ ބައްދަލެއް ނުކުރެވެއެވެ. ތަޖުވީދާއި ތަފުސީރާއި ހަދީސުގެ ކިޔެވުން ކުރިއަށް ދަނީ ރަނގަޅަށެވެ. އާދަޔާ ޚިލާފު ކަމެއް އަދި އޭނާއަކަށް ފާހަގައެއް ނުކުރެވެއެވެ. އެކަމަކު ޤުރްއާނާމެދު އޭނާގެ ރައުޔު އިހަށް އޮތް ގޮތް ނުބައި ނޫންކަން އެނގުނެވެ. އެ ފޮތުގައި ހުރީ ނަމާދާއި ޒަކާތާއި ރޯދައިގެ ވާހަކައެވެ. މުދާހޭދަ ކުރާނޭ ގޮތާއި މުއުމިނުންނާއި ކާފަރުންގެ ފަރަގާއި މުނާފިގުންގެ ވާހަކައެވެ. މަދީނާގައި މުނާފިގުން ކަންތައް ކުރަމުން ދިޔަ ގޮތުގެ ވާހަކައެވެ. އެއީ ކޮންމެ މުސްލިމަކުވެސް ދަންނަ އާދައިގެ ވާހަކައެވެ. އެއްކަލަ ކަޅު އަންހެން ކުއްޖާ ކިޔައިދިން ކަހަލަ އެއްވެސް ވާހަކައެއް އޭނާއަކަށް ނުފެނެއެވެ.

އެހެންނަމަވެސް އޭނާ ޤުރްއާން ކިޔަވަނީ ވަރަށް ފަރުވާތެރިކަމާއި ޝައުގުވެރިކަމާ އެކުގައެވެ. ލަފުޒުތަކުގެ މާނަ ހިތުދަސްކުރާން މަސައްކަތް ކުރެއެވެ. ނޯޓުކުރެއެވެ. މޫލަފުޒު ދަސްކުރެއެވެ. މަޑުމަޑުން ގޮސް އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި އޭނާވެސް އަދި އެހެން މީހުންވެސް ޤުރްއާން ކިޔަވަނީ ރަނގަޅަކަށް ނޫނެވެ. އަކުރުތައް ކިޔަނީ ކިޔަންވާ ގޮތަކަށް ނޫނެވެ. ޤުރްއާން ކިޔަވައިދޭ ގިނަ މީހުން އަކުަރުތައް ކިޔާ ގޮތްވެސް ރަނގަޅެއް ނޫނެވެ. މިސާލަކަށް އޭނާއަށް ސީނާއި ޞާދުގެ އަޑު ތަފާތު ކުރަން އެނގުނީވެސް އަދި ކިރިޔާއެވެ. އަދި ބައެއް އަކުރަށް މާ ދިގުކޮށް ދެމީމާ އެ ކުރެވޭ ކަމަކީ ޤުރްއާނަށް އަކުރެއް އިތުރު ކުރުން ކަމެއްވެސް އޭނާ މީގެ ކުރިއަކުން ނުދަނެއެވެ. މިސާލަކަށް އަބަފިއްޔެއް މާ ބޮޑަށް ދަމާލައިފިނަމަ އެ ކުރެވޭ ކަމަކީ އަކުރެއް އިތުރު ކުރުމެވެ. އެއީ މާނައަށް ބަދަލު އައުން އެކަށީގެންވާ ކަމެކެވެ. އިނގިރޭސި ބަހުން ވާހަކަ ދައްކާއިރު ސީދާ އެމެރިކާ މީހުންގެ ނުވަތަ އިނގިރޭސިންގެ ލަހުޖާއިން ވާހަކަ ދެއްކޭތޯ މަރުފަލި އަޅަނީއެވެ. އެކަމަކު އަރަބި ބަހުން އޮތް ޤުރްއާނުގެ އަކުރުތައް ކިޔަންވާ ގޮތަށް ކިޔާކަށް ސަމާލުކަމެއް ނުދެވެއެވެ. ފިއްޔަކަށް އަކުރަކަށް އުނި އިތުރެއް ގެނައުމަކީ ހަރާންކަމެއް ކަންވެސް ނޭނގެއެވެ.

މިސްކިތުގައި އޮންނަނީ އާދަޔާ ޚިލާފު އުސޫލެކެވެ. ފުރަތަމަ އެކަމާ އޭނާ ހައިރާންވިއެވެ. އެކަމަކު ފަހުން އެކަމާ ގަޔާވެވިއްޖެއެވެ. އެއީ މީހަކާ ދިމާވުމާއެކު ސަލާން ކުރުމުގެ އާދައެވެ. މިސްކިތުން ދިމާވިޔަސް ގޯޅިއެއްގެ ތެރެއިން ދިމާވިޔަސް ފެންޑާއިން ދިމާވިޔަސް ހިނިތުންވެލައިފައި ސަލާން ގޮވައިނުލައި އެކަކުވެސް ނުދެއެވެ. ނުދަންނަ މީހަކަށް ވިޔަސް ސަލާން ގޮވައިލުމަކީ ލާޒިމު ކަމެކެވެ. މީހަކު ގާތު ވާހަކައެއް ބުނެލާން ވިޔަސް އިނގިރޭސިބަހުން އެކްސްކިއުޒްމީ އޭ ނުވަތަ ބައްލަވާށޭ ބުނުމުގެ ބަދަލުގައި ސަލާން ގޮވައިލަނީއެވެ. "ދެރަވާން ޖެހޭ އެއްވެސް ކަމެއް ނެތީސް އެކްސްކިއުޒްމީ އޭ ކިޔައި ދެރަ ވެގަންނަނީ ކީއްކުރަން؟ ބައްލަވާށޭ ކިޔާފައި ދައްކަނީ ކޮން އެއްޗެއް؟ ދުޢާއެއް ކޮށްލުން އެޔަށްވުރެ މާ ރަނގަޅެއްނު؟ ސަލާމަކީ ދުޢާއެއް." މުދައްރިސަކު މިހެން ބުނީމާ ފުރަތަމަ ދުވަހު މެހެމަލް ހީނގަތީއެވެ. އެކަމަކު މިހާރު އެއީ ރަނގަޅު ކަމެއް ކަމުގައި ފެންނާން ފަށައިފިއެވެ.

އޭނާގެ ވިސްނުން ކޮންމެ ގޮތަކަށް ހުރި ކަމުގައި ވިޔަސް ޤުރްއާނަށް ގަދަރު ކުރެއެވެ. އިހްތިރާމް ކުރެއެވެ. މި ވަގުތުވެސް އޭނާ އެހެރީ އެނދުގައި އިށީނދެގެން އިއްޔެގެ ނޯޓުތައް ކިޔާށެވެ. ކޮޓަރީގެ ދޮރުގައި މަޑުމަޑުން މީހަކު ޓަކި ޖަހައިލިއެވެ. މި ވަގުތު އޭނާގެ ކޮޓަރިއަށް ޓަކި ޖަހައިފައި ވަންނާނީ ކާކުބާވައެވެ؟ އޭނާ ހައިރާން ވެފައި އިސް އުފުލައި ބަލައިލިއެވެ.

"ވަދޭ."

މަޑުމަޑުން ދޮރު ހުޅުވޭން ފަށައިފިއެވެ. ދޮރު ރަނގަޅަށް ހުޅުވުނީމާ އޭނާގެ އަނގަ ހުޅުވުނެވެ. ހައިރާންވީ ވަރުން އަވަސް އަވަހަށް އެނދުން ތެދުވެއްޖެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.