ދެ އަހަރުން ދަށުގެ ކުދީން މާސްކު އަޅުވައިގެން ނުވާނެ ކަމަށާއި އެކުދީންގެ ރައްކާތެރި ކަމަށް މާސްކް އަޅަން ޖެހޭނީ އެކުދީން ގެންގުޅޭ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ. ޑރ. އަފްޒަލް ވިދާޅުވީ އަމިއްލައަށް މާސްކު އަޅައިގެން އުޅެން ނޭނގޭ ކުދީން މާސްކު އެޅުވުން ރައްކާތެރި ނޫން ކަމަށެވެ.
މާސްކު އެޅުމާ ބެހޭ ގޮތުން މިރޭގެ ނޫސްވެރީންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އަޅާ މާސްކުން ނޭފަތާއި އަނގަ ރަނގަޅަށް ނިވައި ވާންޖެހޭނެ ކަމަށެވެ. އަދ މާސްކު ހުންނަންޖެހޭނީ ރަނގަޅަށް މޫނަށް ހިފާފައި ކަމަށެވެ. ރައްކާތެރިކަމުގެ ގޮތުން އަޅާ މާސްކުގައި މަދުވެގެން ތިން ފަށަލަ ހުންނަންޖެހޭނެ ކަމަށާއި އެހެން ނަމަވެސް ފަސޭހައިން ނޭވާ ލެވެންޖެހޭނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ. ނޭވާ ދައުރުވާ ގޮތަށް މާސްކު ހުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން އަފްޒަލް ވިދާޅުވީ މާސްކު ތައްޔާރުކުރާ ފޮއްޗަކީ ފަސޭހައިން ނުތެމޭ ޒާތުގެ ފޮއްޗަށް ވާންޖެހޭނެ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ މާސްކު އެޅުމުން ރައްކާތެރު ވެވުނީ ކަމުގައި ނުދުށުމަށާއި މާސްކު އެޅުމާއެކު އަތް ދޮވުމާއި ގައިދުރުކުރުމުގެ އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ. ގޭގައި އުޅޭ އިރު ވެސް މާސްކު ބޭނުންކުރެވިދާނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ. އަގު ހެޔޮކޮށް އަމިއްލައަށް ގޭގައި މާސްކު ތައްޔާރުކުރެވިދާނެ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް ގިނަގިނައިން ޑިޓާޖެންޓު ބޭނުންކޮށްގެން މާސްކު ދޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ފޮތި މާސްކު ބޭނުން ކުރުން އެންެމެ ރަނގަޅުކަމުގައި ވީ ނަމަވެސް ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކުން މަސައްްކަތުގެ މާހައުލުގައި އުޅޭއިރު ބޭނުންކުރަންޖެހޭނީ ސާރޖިކަލް މާސްކު ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
އަދި މާސްކު ނަގާ އިރު އަނގަޔާއި ލޮލާއި ނޭފަތުގައި އަތްނުލުމަށް އިރުޝާދުދެއްވިއެވެ.