މިއަދުގެ ސުރުޚީގައި އަޅުގަނޑު މި ލިޔުނީ އާދައިގެ ވާހަކައެއް ނޫނެވެ. އާދޭހެވެ! ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އާދައިގެ ކަމަކަށް ވެގެން ވެސް ނުވާނެއެވެ. މި ފަހަކަށް އައިސް އެ ވާހަކަ ތަންކޮޅެއް ގިނައިން އަޑު އިވުނަސްވެހެވެ. އެހެންވެ، މިއަދު ޤާނޫނުއަސާސީގެ ވާހަ ދައްކައިލާ ހިތް ވީއެވެ.
ޤާނޫނުއަސާސީއަކީ ހުރިހައި ޤާނޫނުތަކެއްގެ އަސާސެވެ. ބިންގަލެވެ. ހަށިގަނޑެވެ. އޭގައި އެ ޤައުމެއްގެ ކަންކަން ހިންގާނެ ގޮތުގެ އަސާސީ ކަންކަން ބަޔާންކޮށްފައި އޮންނާނެއެވެ. އަދި ގިނަ ފަހަރަށް އެ ދައުލަތެއްގެ އަސާސީ އުޞޫލުތަކާއި ހަމަތަކާއި ގަބޫލުކުރުންތަކާއި ރައްޔިތުންގެ އަސާސީ ޙައްޤުތައް ވެސް އޭގައި ބަޔާންކޮށްފައިހުރެއެވެ. ޤާނޫނުއަސާސީއަކީ ދައުލަތުގެ އެންމެ މަތީ ޤާނޫނު ކަމަށް ވާތީ އޭގެ މައްޗަށް އެހެން ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކާއި އިޖުރާއާތުތައް އެކަށައަޅައި ބަޔާންކުރާނޭ ހަމަތަކާއި އޮނިގަނޑަކާއި މިންގަނޑުތަކެއް ކަނޑައެޅިފައި އޮވެއެވެ. ކުރުކޮށް ދަންނަވާނަމަ، ޤާނޫނުއަސާސީއަކީ ނުވަތަ ދުސްތޫރަކީ އެ ދައުލަތެއްގައި ޢަމަލުކުރެވޭ ނުވަތަ ހެދޭ އެހެން ޤާނޫނުތަކުގެ އަސާސެވެ. މަޞްދަތެވެ. އަޞްލެވެ.
އިސްވެ ދެންނެވުނު ސަބަބުތަކަށްޓަކައި ޤާނޫނުއަސާސިއަކީ ކޮންމެ ދައުލަތެއްގައި ވެސް އެ ދައުލަތެއްގައި ވަރަށް މުޤައްދަސް އެއްޗެކެވެ. ޤާނޫނުއަސާސީއާ ޚިލާފުވުމަކީ އަދި ޤާނޫނުއަސާސީއަށް ޤަދަރުކުޑަކުރުމަކީ ވަރަށް ބޮޑު ކުށެކެވެ. ޤާނޫނުއަސާސީއަށް ބޭއިޙުތިރާމް އަދާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މ ޤާނޫނުއަސާސީއަކީ އެ ދައުލަތެއްގައި އެންމެ ވަރުގަދައަށް ތަންފީޒުކުރެވެންޖެހޭނެ އަދި އޭގެ ޙުރުމަތް ކަނޑާ މީހުންނާއި އެއާ ޚިލާފުވާ މީހުންނަށް ހަރުކަށި އަދަބުދެވޭންޖެހޭނެ ޤާނޫނެވެ. މަދުމަދުން ނަމަވެސް ޤާނޫނުއަސާސީ ވީދައިލުމާއި ޤާނޫނުއަސާސީގެ މައްޗަށް ކޮއްޅުންއެރުމާއި ޤާނޫނުއަސާސީ ފައިދަށުލުމާއި ޤާނޫނުއަސާސީއާ ޚިލާފުވިޔަސް މީހަކު އަޅައިނުލުން ފަދަ ކަންކަން މާޒީގައި ދިވެހީން ތަޖުރިބާކޮށްފައި ވިޔަސްވެހެވެ. އަދި ޤާނޫނީ ޤާނޫނުއަސާސީއެއްގައި ނަމަ، އެކަން ތަންފީޒުކުރެވޭކަން ރައްޔިތުންނަށް ފެންނާނެއެވެ. (ޤާނޫނީ ޤާނޫނުއަސާސީގެ ވާހަކަ ފަހުން އެބަ ދަންނަވަމެވެ.) ވީމާ، ޤާނޫނުއަސާސީއަކީ ފަސޭހަފަސޭހައިން ބަދަލުކުރެވޭނެ، އަދި އަވަސްއަވަހަށް ބަދަލުކުރާ އެއްޗަކަށް ހަދައިގެންނުވާނެއެވެ. އަވަސްއަވަހަށް ޤާނޫނުއަސާސީ ބަދަލުކުރާނަމަ، އެ ދައުލަތެއްގެ އަސާސީ އުޞޫލުތަކުގައި ހަރުދަނާކަމެއް ނެތީކަމަށް މާނަކުރާނެ ޖާގަލިބިދެއެވެ.
ޤާނޫނުއަސާސީއަކީ ބައެއް ފަހަރު ސިޔާސީ، އަނެއްބައިފަހަރު ޤާނޫނީ އެއްޗަކަށް ވެސް ވެދެއެވެ. ޤާނޫނުއަސާސީއަކީ ޤާނޫނީ އެއްޗަކަށްވާނީ ޤާނޫނުއަސާސީގެ މަޤުޞަދާ އެއް ގޮތް ވާ ގޮތުގެ މަތީން ދައުލަތުގެ އެންމެހައި ބާރުތައް ޛިންމާދާރުކުރެވޭ ގޮތަށް އެ ބާރުތަކުގެ ބާރު، ތިލަފަތްހަމަ ގޮތެއްގައި ޢަމަލުކުރަމުންދާ ނަމައެވެ. ޤާނޫނުއަސާސީގައި ކަނޑައަޅައިފައި އޮންނަ އުޞޫލުން، ހަމަހަމަކަމާއި ޢަދުލުވެރިކަމާއެކު ތަންފީޒީ އިދާރާތައް ޙަރަކާތްތެރިވެ، މުޅި ދައުލަތުގެ ހުރިހާ ބާރުތަކާއި ރައްޔިތުން ޒިންމާދާރުކުރެވޭކަން ރައްޔިތުންނަށް ފެންނަ ނަމައެވެ.
ޤާނޫނުއަސާސީއަކީ ސިޔާސީ އެއްޗަކަށްވާނީ ދައުލަތުގެ ބާރުތަކުގެ ތެރެއިން އެންމެ ބާރުގަދަ މައި ބާރަކީ ޤާނޫނު ހެދުމުގެ ބާރަށްވެ، އެ ބާރުން ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށާއި ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ މައްޗަށް ނުފޫޒު ފޯރާނަމައެވެ. (އޭރުން ހިނގަމުންދާނީ ކިތާބީ ގޮތުން ޑިމޮކްރެސީއެއް ނަމަވެސް، ޢަމަލީ ގޮތުން އޮޓޮކްރެސީއެކެވެ.) މި ހަމައިން ބަލާއިރު ބަރުލަމާނީ ނިޒާމު އޮންނަ ތަންތާނގައި ޤާނޫނުއަސާސީއަކީ ސިޔާސީ އެއްޗެއް ކަމުގައި ބުނެވިދާނެއެވެ. އެހެނީ އޭރުން ސަރުކާރު ހިންގާނީ ވެސް ބަރުލަމާނުގެ ތެރެއިންނެވެ. ތިން ބާރު ވަކިވެފައެއް ނޯންނާނެއެވެ. ނަތީޖާއެއްގެ ގޮތުން ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރު ވެސް އޮންނާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި ރިޔާސީ ނިޒާމު އޮންނަ ޤައުމެއްގައި ނަމަވެސް ބަރުލަމާންގެ މާ ބޮޑު އަޣުލަބިއްޔަތެއް އެއް ޕާޓީއަކަށް ލިބިއްޖެ ނަމަ، ބަރުލަމާނުން އެހެން ބާރުތަކުގެ މައްޗަށް ބިރުދައްކައި ނުފޫޒުފޯރުވުމުގެ ބާރު އޮންނާނެއެވެ. މި ޙާލަތުގައި އެއީ "ސިޔާސީ" ޤާނޫނުއަސާސީއެއް ތަންފީޒުވަނީކަމަށް ބުނެވިދާނެއެވެ.
ފަހުން މި ދެންނެވި ބާވަތުގެ ޤާނޫނުއަސާސިއެއް އޮންނަ ދައުލަތެއްގައި ޤާނޫނުއަސާސީއަކީ މާ ފަހެލި އެއްޗެއް ކަމުގައި ވެއްޖެ ނަމަ، އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އޭރުން މުޅި ދައުލަތުގެ އަސާސްތަކާއި ހަމަތަކާއި އުޞޫލުތައް ބަލިކަށިވެދާނެއެވެ. އެއްވެސް ދައުލަތެއްގެ ޤާނޫނުއަސާސީއަކީ ހަރުކަށި ނުވަތަ ފަހެލި އެއްޗަކަށްވެގެންނުވާނެއެވެ. ޤާނޫނުއަސާސީއަކީ ޤާނޫނުތައް ހަދާހައި، ފަސޭހައިން އިރުއިރުކޮޅާ ބަދަލުކުރެވޭ ގޮތަށް އޮންނަ ފަހެލި އެއްޗެއް ކަމަށް ވެއްޖެނަމަ، ޤާނޫންގެ "އަސާސްތަކަށް" އަދި މުޅި ދައުލަތުގެ ކުރިމަގަށް ލޮޅުންއަރައިދާނެއެވެ. ޤާނޫނުއަސާސީއަށް އަވަސްއަވަހަށް ބަދަލު ގެންނާންޖެހޭ އެއް ސަބަބަކީ ޤާނޫނުއަސާސީ "ޤާނޫނުއަސާސީއަކަށް ނުވުމެވެ." މީގެ މާނައަކީ ޤާނޫނުއަސާސީއެއްގައި އަސާސީ އުޞޫލުތަކާއި އޮނިގަނޑާއި ދައުލަތުގެ ހަމަތަކަށްވުރެ މާ ކުދިކުދި ކަވި (މައިކްރޯ) ތަފުޞީލުތައް ހިމަނައިފައި ހުރުމެވެ. މީގެ ވަރަށް ރީތި މިސާލުތައް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން އެބަ ފެނެއެވެ. މީގެ އެއް މިސާލަކީ، ލޯކަލްކައުންސިލްތަކުގެ މުއްދަތާއި ކައުންސިލްތަކުގެ ރައީސުން ހޮވާނެ ގޮތްފަދަ ކުދިކުދި ތަފުޞީލުތައް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ހިމަނައިފައިވުމެވެ. ޤާނޫނުއަސާސީގެ 131 ވަނަ މާއްދާގެ (ނ) ގައި ކައުންސިލްތަކުގެ ޢުމުރު ބަޔާންކޮށްފައި އޮތް އިރު، ހަމަ އެ މާއްދާގެ (ށ) ގައި، އެ ކައުންސިލްގެ ރައީސާއި ނާއިބުރައީސް އިންތިޚާބުކުރާނޭ ގޮތް ވެސް ބަޔާންކޮށްފައި އެބަ އޮތެވެ. ދާދި ފަހުން ޤާނޫނު ނަންބަރު:2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)ން ވެސް ގެނައީ ޤާނޫނު އަސާސީއަށް ބަދަލެކެވެ. މި ތަފުޞީލުތައް އެހެން ޤާނޫނަކަށް ބަދަލެއް ނުކުރެއެވެ. ހަގީގަތުގައި މި ކަންކަމަކީ ޤާނޫނުއަސާސީގައި ލިޔާންޖެހޭ ވާހަކަތަކަށްވުރެ މާ ތަފްޞީލީ ވާހަކަތަކެކެވެ. މިފަދަ ތަފުޞީލުތައް ހުންނާންވާނީ ޤާނޫނުއަސާސީގެ 131 ވަނަ މާއްދާގެ (ރ) ގައި އެ ބުނާ ފަދަ ޤާނޫނުތަކުގައެވެ. މިހާ ކުދިކުދި ތަފުޞީލުތައް "ޤާނޫނުއަސާސީ"އެއްގައި ހިމެނުމުން އެ ޤާނޫނުއަސާސީއެއް ބޮޑަށް ވައްތަރުވާން އުޅެނީ "ޤާނޫނުއަސާސީގެ ޝަރަޙަ"އަކާއެވެ. މިއާ ޚިލާފަށް މި ފަދަ ތަފްޞީލުތައް ހުންނާންޖެހޭނީ ކުރީން ވެސް ދެންނެވުނު ފަދައިން ޤާނޫނުއަސާސީގެ ދަށުން ހަދާ ޤާނޫނުތަކުގައެވެ. އަޅުގަނޑުގެ ނަޒަރުގައެވެ.
ޤާނޫނުއަސާސީގެ 131 ވަނަ މާއްދާގެ (ރ) ގައި ވަނީ "އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގެ އިންތިޚާބުކުރުމާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ." މިފަދައިންނެވެ. ވީމާ މިފަދަ ޤާނޫނެއްގައި ކައުންސިލްގެ މުއްދަތާއި ރައީސުން ހޮވާނޭ ގޮތާއި ކުރިމަތިލާނޭ ގޮތާއި އަދި މިނޫނަސް މި ފަދަ ތަފްޞީލުތައް ހިމަނައި، "ޤާނޫނުއަސާސީ" އަކީ ހަމައެކަނި ގާނޫނުތަކުގެ އަސާސްތައް ބަޔާންކޮށްފައި އޮންނަ އެއްޗަކަށް ވާނަމަ، ޤާނޫނުއަސާސީއަކީ ބޭނުންހާއިރަކު މޮޑޭ ފުށްގަނޑަކަށް ހަދާން އޮންނަ އަގެއް އެއްޗަކަށް ހަދާކަށް ނުޖެހޭނެއެވެ.
އަޣުލަބިއްޔަތު އޮންނަ ބަޔަކު ބޭނުންހާ އިރަކު ބަދަލުކުރެވޭ ގޮތަށް، މާ ފަހެލިކޮށް، ޤާނޫނުއަސާސީއެއް ފަރުމާކޮށްފައި އޮތުމަކީ އަޅުގަނޑުގެ ނަޒަރުގައި ޤާނޫނުއަސާސީއެއް އޮތުމެކޭ ނެތުމެކޭ ތަފާތުކަމެއް ނޫނެވެ. އެއީ ބާރު އޮތް ބަޔަކު ބޭނުން ގޮތަކަށް ބޭނުންއިރަކު ބަދަލުކުރެވިދާނެތީއެވެ.
ވީމާ، ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ނުވާނޭހެން ޤާނޫނުއަސާސީ ހަރުދަނާކުރާން އެބަޖެހެއެވެ. މި ދައުލަތުގެ އަސާސްތަކާއި އުޞޫލުތަކާއި ޤަބޫލުކުރުންތަކާއި ސުލޫކާއި އޮނިގަނޑުތަކަކީ ހަރުދަނާއެއްޗަކަށް ވާން އެބަޖެހެއެވެ. ޤާނޫނުއަސާސީގައި ހުރި ޝަރަޙަތަކާއި ކަވި ތަފުޞީލުތައް ޤާނޫނުއަސާސީއިން ނަގައި، ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކާއި އިޖުރާއާތުތަކުގައި ހިމަނާން އެބަޖެހެއެވެ. ޤާނޫނުއަސާސީއަކީ ހަގީގަތުގައި ވެސް ޤާނޫނުތަކުގެ އަސާސްތަކާއި ދައުލަތުގެ އަގުތަކާއި އުޞޫލުތަކާއި އޮނިގަނޑުތައް ކަނޑައަޅައިގައި އޮންނަ އެއްޗަކަށްވާންއެބަޖެހެއެވެ. އެއީ ގަވާއިދާއި ގާނޫނުތަކަށް ބަދަލުގެންނަ ގޮތަށް ފަސޭހަފަސޭހައިން އަވަސްއަވަހަށް ބަދަލުގެނެވޭ އަދި ބަދަލުގެންނަ އެއްޗަކަށް ވެގެންނުވާނެއެވެ. އެހެނީ، އިރުއިރުކޮޅާ "ވަކި ބަޔަކަށް" ކުޅެވޭ ގޮތަށް ޤާނޫނުއަސާސީ ބައްޓަންވެފައި އޮތުމަކީ ނުރައްކާތެރި ކަމެކެވެ. އެއީ އެހާ ފަހެލި އެއްޗަކަށް ވެގެން ނުވާނެއެވެ. އަނެއް ކޮޅުން ބަލާއިރު، ޤާނޫނުއަސާސީއަކީ ހަމަ އެއް ގޮތަކަށް ވެސް ބަދަލު ނުކުރެވޭނެ ހަރުކަށި (rigid) އެއްޗަކަށް ވެސް ވެގެން ނުވާނެއެވެ. ވީމާ، މީގެ ކުރީން އޮތް ނޫ ޤާނޫނުއަސާސީގައި، ޤާނޫނުއަސާސީ އިޞްލާޙުކުރާން އޮންނަ އިޖުރާއާތު މާ ފުރިހަމަ ކަމުގައި ދަންނަވާންޖެހެއެވެ. "މާޒީގެ ނަޒަރުން" ބަލާއިރުއެވެ. *