ކޮވިޑާ ގުޅިގެން 14 އިންސައްތަ ގެސްޓްހައުސް ދާއިމަށް ބަންދުކުރަންޖެހިދާނެ: ކޮމެޓީ ރިޕޯޓު

ކޮވިޑްގެ ހާލަތު ދެމިގެން ގޮސްފިނަމަ، 14 އިންސައްތަ ގެސްޓްހައުސް ދާއިމަށް ބަންދުކުރަންޖެހި 53 އިންސައްތަ ގެސްޓްހައުސް ވަގުތީގޮތުން ބަންދު ކުރަންޖެހިދާނެ ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން ހެދިސާރވޭއަކުން ދައްކާ ކަމަށް ރައްޔިތުންގެ މަޖިލީހުފެ ޤައުމީ ސަލާމަތާ ބެހޭކޮމެޓީގެ ރިޕޯޓުގައި ބުނެފިއެވެ.

ކޮވިޑާ ގުޅިގެން އެކޮމެޓީން އެކުލަވާލެއްވި ރިޕޯޓުގައި ވަރަށް ތަފްޞީލް ކޮށްވަނީ މިހާލަތާ ގުޅިގެން ފަތުރުވެރިކަމަށް އަރާނެ ލޮޅުންތައް ފާހަގަ ކުރައްވައިފައެވެ. ގެސްޓް ހައުސް އެސޯއޭ ޝަނުން ހާލަތު ދެނެގަތުމަށް ހަދާފައިވާ ސާރވޭއާ ޙަވާލާދީ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ މަހަކު ޖުމްލަ 4،824،900 އެމެރިކާ ޑޮލަރުގެ  އަދި ޖުމްލަ 28،949،400 އެމެރިކާ ޑޮ ލަރުގެ ގެއްލުން ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިއަށް ކުރާނެކަމަށް ލާފާކުރެވޭ ކަމަށެވެ.

މުޅި ރާއްޖޭގެ ޓޫރިޒަމް ސެކްޓަރގެ 19 އިންސައްތަ ބެޑް ކެޕާސިޓީ ކަވަރކުރާއިރަނީ ގެސްޓްހައުސްތަކުންނެވެ. 1395 ކޮޓަރި ހިމެނޭ މާލެ -ހުޅުމާލެ ސަރަޙައްދުގެ ގެސްޓްހައުސްތަކުން މަހެއްގެ މައްޗަށް 1،925،100 އެމެރިކާ ޑޮލަރުގެ ގެ ގެއްލުން ވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ. ކުރިއަށް އޮތް ހަމަސް ދުވަހަށް ބަލާއިރު 11،550،600 އެމެރިކާ ޑޮލަރުގެ ގެއްލުން ވާނެކަމަށް ވަނީ ލަފާކޮށްފައެވެ. 3222 ކޮޓަރި  ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާއިރު، އަތޮޅު ތަކުގެ ގެސްޓުހައުސްތަކަށް މަހެއްގެ މައްޗަށް 2،899،800 އެމެރިކާ ޑޮލަރުގެ ގެއްލުން ވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ކުރިއަށް އޮތް ހަމަސް ދުވަހަށް ބަލާއިރު 17،398،800 އެމެރިކާ ޑޮލަރުގެ ގެއްލުން ވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެޓިން ހޯދި މަޢުލޫމާތު ފެންނަން އޮތް ގޮތުގައި ކޮވިޑާ ގުޅިގެން 68 އިންސައްތަ ގެސްޓްހައުސް ހިންގަނީ 20 އިންސައްތަ އަށްވުރެންދަށް އޮކިއުޕެންސީއެއްގައެވެ. އޭގެތެރެއިން ޗައިނާ މާކެޓަށް ޚާއްޞަ ގެސްޓްހައުސްތައް ފެބްރުއަރީ މަހުން ފެށިގެން ވަނީ ބަންދުކޮށްފައެވެ. ޔޫރަޕުގައި ރޯގާ ފެތުރެން ފެށިފަހުން ވެސްޓަރން މާކެޓަށް ޚާއްޞަ ގެސްޓްހައުސްތަކުގެ ވިޔަފާރިތައް ކުއްލި އަކަށް ދަށަށް ވެއްޓެން ފަށާފައިވާކަމަށްވެސް ރިޕޯޓުގައި ވެއެވެ. ޔޫރަޕްގެ ބޯޑަރތައް ބަންދުކުރަންދެން 75 އިންސައްތަ އޮކިއުޕެންސީއެއްގައި ހިންގާފައިވަނީ އެންމެ 5 އިންސައްތަ ގެސްޓްހައުސް ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެއީވެސް ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ހިންގާ ރަށްރަށުގައިކަން ފާހަގަކޮށްފައި ވެއެވެ.

ކުރިއަށް އޮތް މަސްދުވަހަށް ފޯކާސްޓް ކުރާނަމަ، 80 އިންސައްތަ ގެސްޓްހައުސް ދިވެހިރާއްޖޭގައި ހިންގާނީ 20 އިންސައްތަ އޮކިއުޕެންސީއެއްގައި ކަމަށް ލަފާކުރެވޭކަމަށް، ސަރވޭއާ ހަވާލާދީ ކޮމެޓީ ރިޕޯޓުގައި ވެއެވެ. އަދި 60 އިންސައްތަ ބުކިންސް ކުރިއަށް އޮތް ދެ ކުއަރޓަރުގައިވެސް ކެންސަލްކުރާނެކަމަށް ލަފާކުރެވޭކަމަށް ވަނީ ފާހަގަ ކުރައްވައިފައެވެ. މިހާލަތު ދެމިގެން ދިޔަނަމަވެސް އަދި 33 އިންސައްތަ ގެސްޓްހައުސް ދަށް އަގެއްގައި ހިންގިދާނެކަމަށް ލަފާކޮށްފައިވާކަމަށް ކޮމިޓީގެ ހޯދުން ތަކުން އެނގެއެވެ.

ސަރަވޭއާ ހަވާލާދީ ކޮމެޓީގެ ރިޕޯޓުގައި ވަނީ 85-62 އިންސައްތައިގެ ގެސްޓްހައުސްތަކުގެ މައިގަނޑު ކަންބޮޑުވުމަކީ މުވައްޒަފުންގެ މުސާރައާއި، ޔުޓިލިޓީއާއި، ޓެކްސްއާއި، ކުއްޔާއި އަދި ބޭންކް ލޯނެވެ. އަދި ވޯޓަރސްޕޯޓްސްއާއި ޑައިވިންގއާއި އެކްސްކަ ރޝަން ފެސިލިޓީ އޮޕަރޭޓްކުރާ 113 ގެސްޓްހައުސް އަކުން އެމީހުން ގެންގުޅޭ އާލާތްތަކާއި ވެސެލްތަކުގެ ކުލީގެ ކަންބޮޑުވުން ހުރިކަން ފާހަގަކޮށްފައިވާކަން ވަނީ ފާހަގަ ކުރައްވައިފައެވެ.

ސާރވޭއާ ހަވާލާދީ ކޮމެޓީގެ ރިޕޯޓުގައި ވާގޮތުން މުވައްޒަފުންގެ މުސާރައަށް ސަރުކާރުގެ އެހީ ބޭނުންވާކަމަށް 80 އިންސައްތަ ގެސްޓްހައުސްއިން ބުނެއެވެ. ދައުލަތަށް ދައްކަންޖެހޭ ޓެކުސްއަށް ސަރުކާރުގެ އެހީ ބޭނުންވާކަމަށް 76 އިންސައްތަ ގެސްޓްހައުސްއިން ބުނެއެވެ. ޔުޓިލިޓީއަށް ސަރުކާރުގެ އެހީ ބޭނުންވާކަމަށް 71 އިންސައްތަ ގެސްޓްހައުސްއިން ބުނެއެވެ. ކުލި ކުޑަކުރުމަށް ސަރުކާރުގެ އެހީ ބޭނުންވާކަމަށް 54 އިންސައްތަ ގެސްޓްހައުސްއިން ބުނެއެވެ. އިންޓްރެސްޓް ކުޑަ ލޯނަށް ސަރުކާރުގެ އެހީ ބޭނުންވާކަމަށް 53 އިންސައްތަ ގެސްޓްހައުސްއިން ބުނެއެވެ. ގްރޭސް ޕީރިއެޑް އިތުރުކުރުމަށް ސަރުކާރުގެ އެހީ ބޭނުންވާކަމަށް 32 އިންސައްތަ ގެސްޓްހައުސްއިން ބުނެއެވެ.

ކޮވިޑާ ގުޅިގެން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރި ސަރވޭ މަޢުލޫމާތު ހޯދާފައިވަނީ ރާއްޖޭގައި ރެޖިސްޓްރީވެފައިވާ 616 ގެސްޓްހައުސްތަކުގެ ތެރެއިން 441 ގެސްޓްހައުސްގެ ޚިޔާލު ހޯދައިގެން ކަމަށް ކޮމެޓީ ރިޕޯޓުގައި ވެއެވެ. އެތަންތަނުން ދީފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި 66 އިންސައްތަ ގެސްޓްހައުސް ހިންގަން ފަށާފައިވަނީ ލޯނު އެހީގައެވެ. އަދި 79 އިންސައްތަ ގެސްޓްހައުސްތަކަކީ ކުއްޔަށް ނަގައިގެން ހިންގާ ތަންތަނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.