(15 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ލޯމަރައިލައިގެން އިނދެފައި ފުންމައިގެން ތެދުވެ ފާޚާނާއަށް ވަދެ، ފެންވަރައިގެން ނިކުމެ، މުސައްލަ ފަތުރައިލައި ނަމާދަށް އެރިއެވެ.
އަނެއް ދުވަހު އިރުއެރިތަނާ، އެ ގެއަށް ހައިކަލް އަތުވެއްޖެއެވެ. ފާރިޝާ ހުރީ ޙައިރާންވެފައެވެ. ފާރިޝާ ފެނުމާއެކު ހައިކަލް އައިސް ފާރިޝާގެ ގައިގައި ބައްދައިގަތެވެ. ފާރިޝާއަށް ހުރެވުނީ ޙައިރާންކަމެއްގެ ތެރޭގައެވެ. ވަރަށް އުފައުވެފައެވެ.
ހައިކަލް: "ވަރަށް އުފައުވެރި ޚަބަރެއް ދެންތަ؟
ފާރިޝާ: "ކޮންޚަބަރެއް. ހިނގާ އިށީންނަން."
ދެމީހުން އެކުގައި ގޮސް ކާކޮޓަރިއަށް ވަނެވެ.
ފާރިޝާ: "ކޮބާތަ ތިޔަބުނާ ޚަބަރަކީ؟"
ހައިކަލް: "ޢަލީ މަރާބެހޭ ދަޢުވާ ސަރުކާރުން އަނބުރާ ގެންދަވައިފި."
ފާރިޝާ: "ކޮންއިރަކު އެނގުނީ."
ހައިކަލް: "ރޭ ވަރަށް ދަންވެފައި ހުއްޓާ."
ފާރިޝާ: "އަލްޙަމަދުލިﷲ ޝުކުރު. ދެން އެ ނިމުނީދޯ؟"
ހައިކަލް: "އާން! އެ ނިމުނީ."
ކުއްލިއަކަށް ފާރިޝާ ހަނދާންވީ ޚާލިދު ދީދީ ބޭބެގެ މަތީންނެވެ.
ހައިކަލް" "ކޮބާ މެންދުރު ގެއަށް އަންނަންވާނެ. މަންމަ ގާތު ބުނާނަން."
ފާރިޝާ: "އާން! ދާނަން. ކިހާ އުފާވެރި. އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ."
ހައިކަލް: "މި ދަނީ ބައްޕައާއެކު ހޮސްޕިޓަލަށް. ލަހެއް ނުވެ ގެއަށް ދާނަން. އޮފީހުގެ އެންމެން ހެޔޮއެދުންތައް ފޮނުވި."
ފާރިޝާ: "ހޮސްޕިޓަލަށް ދަނީ؟"
ހައިކަލް: "ސްކޭނެއް ހަދަން."
ފާރިޝާ: "ބައްޕަ އާލާސްކަންފުޅާތަ؟"
ހައިކަލް: "ނޫނޭ. ސްކޭނެއް ހައްދަނީ އަހަރެންގެ."
ފާރިޝާ ކަންބޮޑުވިއެވެ. އަހައިލިއެވެ.
ފާރިޝާ: "ކިހިނެއްވީ؟"
ހައިކަލް: "މީގެ ދެދުވަސް ކުރިން އޮފީހުގައި އިންދާ އަނބުރައިގަތީ. އޭގެ ފަހުން ވެސް އެނބުރުމެއް ހުރޭ. ރޭގައި ޑޮކްޓަރަށް ދިޔައީ. ޑޮކްޓަރ ބުނުއްވީ ސްކޭނެއް ހަދަން."
ފާރިޝާ: "ކަންބޮޑުނުވާތި. އިރާދަކުރެއްވިއްޔާ ސީރިއަސްކަމަކަށް ނުވާނެ."
ހައިކަލް: "ފާރިޝާގެ ހެޔޮދުޢާއާއެކު އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އެކަމާ ނުވިސްނާ. ދެން ދަނީ."
ހައިކަލް ދިއުމުން، ފާރިޝާ ދެ ފޯނެއް ކޮށްލިއެވެ. އެއް ފޯނަކީ، ޚާލިދު ދީދީބެއަށް ކުރި ފޯނެކެވެ. އަނެއް ފޯނަކީ، ހައިކަލްގެ މަންމަ ޝަކީލާއަށް ކުރި ފޯނެކެވެ.
ޑޮކްޓަރ ސްކޭން ބަލަން އިނދެފައި، އިތުރު ޓެސްޓްތަކެއް ހެދުމަށް ބޭރަށް ދާން ލަފާދިނެވެ. ދަތުރު ލަސްނުކުރުމަށް ވެސް ބުންޏެވެ.
ދިރިއުޅުމުގެ ކަންތައްތައް ބަދަލުވަމުން މިދަނީ ހީވެސް ނުކުރެވޭހައި ހަލުވިކޮށެވެ. އަންނަމުން މިދަނީ ހީވެސް ނުކުރާހާ ބޮޑަތި ބަދަލުތަކެވެ. އެއް ކަމެއް ހަމަޖެހިގެން ދާއިރު، އަނެއް ކަމެއްގެ ރާޅު މި އޮންނަނީ، ބިންދައިލަން ތައްޔާރުވެފައެވެ. ފާރިޝާއަށް ލިބުނު އުފަލާ އެކުއެކީގައި ހައިކަލާމެދު ކަންބޮޑުވުމެއް އުފެދުނެވެ. ދުނިޔޭގައި ކޮންމެ ފަދަ ކަމެއް ކޮންމެ ދަނޑިވަޅެއްގައި ވެސް ދިމާވެދާނެ ކަމަށް ފާރިޝާއަށް ޤަބޫލުކުރެވެއެވެ.
ހައިކަލް ގޭގައި އޮތް މެންދުރު ކެއުމަކީ، ހަމަހިމޭން ބައްދަލުވުމެކެވެ. އެކަކު އަނެކަކު މާގިނަ ވާހަކައެއް ނުދައްކައެވެ. ހައިކަލް ބޭރަށް ފުރަންޖެހޭތީ، ދާނެ މީހުންނާމެދު މަޝްވަރާކުރެވުނެވެ. ހައިކަލްގެ ބައްޕަ ހުށަހެޅީ އެންމެން ހައިކަލާއެކު ދިއުމަށެވެ. ފާރިޝާ ވެސް މެއެވެ.
ސްކޭނު ބަލައިފައި، ޑޮކްޓަރ ދެއްކެވި ވާހަކައިން ހައިކަލްގެ ބައްޕަގެ ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެއެވެ. ސިކުނޑީގެ ޓިއުމަރަކީ، ސީރިއަސް މައްސަލައެކެވެ. ހައިކަލްގެ ދިރިއުޅުމުގެ ކާމިޔާބީތަކުގެ ތެރެއިން ކައިވެންޏަކާމެދު ކުރެވުނު އުންމީދުތަކަށް މި އަންނަނީ ކޮންކަހަލަ ބަދަލުތަކެއްކަން ނޭނގޭތީ ހިތްނުތަނަވަސްވިއެވެ.
މުޅި ޢާއިލާ ބެންކޮކަށް ފުރީއެވެ. ހައިކަލްގެ ބައްޕަ ބޭނުންވަނީ، ލިބެން ހުރި އެންމެ ރަނގަޅު ފަރުވާއެއް ދިނުމަށެވެ. މި ދިމާވި ކަންތައްތަކުގެ ސަބަބުން މި ދެ ބަފައިން އިތުރަށް ގާތްވެ، އެކަކު އަނެކަކު ދެކެވާ ލޯބި މާބޮޑުވެގެން ދިޔައެވެ.
ހައިކަލަށް ވިސްނުނީ، މައިންބަފައިން އޭނާ ދެކެ ލޯބިނުވާކަން ކުރިންސުރެ ހީވެފައި އޮތް ހީވުމަކީ، ކުށެއްކަމުގައެވެ. އޭނާގެ މަންމަ އާއި ބައްޕަފަދަ ރަނގަޅު، އެހައި ލޯބިވާ މައިންބަފައިންނެއް ނުތިބޭނެއޭ ހިތަށް އެރިއެވެ.
ބޭންކޮކްގެ ބޮމްމުންގްރާޑް ހޮސްޕިޓަލުން ޓެސްޓްތައް ކުރަން ފެށިއެވެ. ހޮސްޕިޓަލާ ވަރަށް ކައިރިން އެޕާރޓްމަންޓެއް ހިފައިގެން އެންމެން ތިބީ އެ އެޕާރޓްމަންޓްގައެވެ.
ހައިކަލްގެ ބައްޕަ ބުނުއްވީ ދޭން ބޭނުންވީ ދެވެން ހުރި އެންމެ ފަހުގެ، އެންމެ މޮޅު ފަރުވާއެއް ކަމަށެވެ. އެހެންކަމުން، ޖަރުމަނުވިލާތަށް ފުރަން ހަމަޖެއްސެވިއެވެ. ހައިކަލްގެ ބައްޕަގެ ރިސޯޓަށް ޖަރުމަނުން ޓޫރިސްޓުން ފޮނުވާ އެޖެންޓާ ގުޅައިގެން މި އިމަޖެންސީގެ ވާހަކަ ކިޔައިދިނެވެ.
ހައިކަލްގެ ބައްޕަ ހޮސްޕިޓަލުން ގެއަށް އައިސް، ޑޮކްޓަރ ލަފާދިން ގޮތް ކިޔައިދިނެވެ.
ހައިކަލް ބުންޏެވެ.
ހައިކަލް: "ބައްޕާ! އެންމެން ޖަރުމަނަށް ދާނެކަމެއް ނެތެއްނޫންތޯ؟ ބައްޕަ ވަޑައިގަތީމާ ރަނގަޅުވާނެ."
ޝަކީލާ ބުންޏެވެ.
ޝަކީލާ: "ބައްޕައަކީ ވެސް އެހައި ގަދަފަދަ މީހެއް ނޫން. އަބަދު ދަރިފުޅު ގާތުގައި ބައްޕައަށް ނީނދެވޭނެ. މަންމައަށް ފެންނަނީ ފާރިޝާ ވެސް ދާން."
"ތެދޭ! "ފާރިޝާއަށް ހީވަނީ ކިހިނެއް."
ފާރިޝާ: "ހައިކަލް! ބައްޕަ ނިންމަވާ ކޮންމެ ގޮތެއް ވެސް ރަނގަޅުވާނެ. އަޅުގަނޑު ރާއްޖެއިން ބޭރު ތަންތަނަށް ވަރަށް ބީރައްޓެހިވާނެ."
ހައިކަލް ސާފުކޮށްލަން ބޭނުންވީ، ސީދާ ބޭންކޮކުން ޖަރުމަނީއަށް ދާންޖެހޭނެތޯއެވެ؟ ހައިކަލް ބައްޕަ ބުންޏެވެ.
"އަވަސްކުރަންވީ މިންވަރަކީ ކޮބައިތޯ ޖެހޭނީ އަހައިލަން. އަނެއްކާ، ދަރިފުޅުގެ މަންމަ އެކަނި މާލެ ފޮނުވައިލާކަށް ބައްޕަ ހިތްހަމައެއް ނުޖެހޭ."
ޝަކީލާ އަވަސްއަވަހަށް ބުންޏެވެ.
ޝަކީލާ: "ވަރަށް ގިނަ ދިވެހިން މިތަނުގައި އެބަ އުޅޭ. އެއިން ބަޔަކު ރާއްޖެ ދާއިރު، މަށަށް ވެސް ދެވިދާނެ."
ހައިކަލް: "ބައްޕާ! އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވަންތޯ؟"
"އާން! ބުނޭ."
ހައިކަލް: "އަޅުގަނޑަށް ފެންނަނީ އެންމެން މާލެ ގޮސްފައި ޖަރުމަނީގެ ދަތުރުގެ ކަންތައްތައް ހަމަޖައްސަން."
ޝަކީލާ: "އަޅުގަނޑަށް ވެސް ހީވަނީ އެގޮތް އެންމެ ރަނގަޅުހެން."
ބޭންކޮކްގައި ޢާއިލާ ހޭދަކުރާ ދުވަސްތަކުގައި އެންމެ ބޮޑަށް ގާތްކަމެއް އުފެދެމުން ދަނީ ފާރިޝާ އާއި ހައިކަލާ ދެމެދުގައެވެ. ފާރިޝާ ފިކުރު ބޮޑުނުވެ ވާނެ ގޮތެއް ހެދޭތޯ ހައިކަލް މަސައްކަތް ކުރެއެވެ. ފާރިޝާ ހައިކަލަށް ހިއްވަރުލައިދެނީ، ކުރިމަތިވެގެން މި އުޅޭ ޞިއްޙީ މައްސަލަ ރަނގަޅު ގޮތަކަށް ހަމަޖެހިގެން ދާނެ ކަމަށެވެ.
މި ދެލޯބިވެރިންނަކީ، ވަރަށް ގުޅޭ ދެމީހުންނެވެ. އެކަކު އަނެކަކަށްޓަކައި ތިބި ދެމީހުންނެވެ. އެއްދުވަހަކު ދެމީހުން އެކަނިވުމުން ފާރިޝާ އަހައިލިއެވެ.
ފާރިޝާ: "ޢަލީގެ މަރުގެ މައްސަލަ ދައުލަތުން ދޫކޮށްލި ސަބަބެއް އެނގޭތަ؟"
ހައިކަލް: "ބަލަ ޝަރީޢަތް ދޫކޮށްލީމާ ހިތްހަމަނުޖެހުނީތަ؟"
ފާރިޝާ: "އެހެންނެއް ނޫން. ހަމަ އޮޅުންފިލުވައިލާހިތްވަނީ."
ހައިކަލް: "އަހަންނަން ހީވަނީ، ހެއްކާއި ޤަރީނާ އެކަށީގެންވާވަރަށް ނެތީމައި ދޫކޮށްލީހެން. އެކަމާދެން ނުވިސްނާ. ފާރިޝާއަކީ ނަސީބު ވެސް ވަރަށް ރަނގަޅު މީހެއް."
ފާރިޝާ: "ކޮބާ! ޤާނޫނީ މަސައްކަތުގެ ފީ."
ހައިކަލް: "އެކަމާ އޮފީހުން އުޅޭނެ. ހީވަނީ ބިލެއް ފޮނުވާނީހެން. މާބޮޑެއް ނުވާނެ."
ހައިކަލްގެ ޢާއިލާ މާލެ އައިސް ހަފުތާއެއްގެ ތެރޭގައި ޖަރުމަނު ދަތުރު ހަމަޖެއްސިއެވެ. ދާން ކަނޑައެޅީ ހައިކަލާއި އޭނާގެ ބައްޕަ އާއި ރިޒޯޓްގައި މަސައްކަތްކުރާ ޖަރުމަނުގެ ޑޮކްޓަރެކެވެ. މާލޭގައި ތިބެގެން ޑޮކްޓަރުންގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމަށްފަހު، ފުރާދުވަސް ކަނޑައަޅައިފިއެވެ.
ޖެހިގެން އައި ހުކުރުދުވަހާއި ހޮނިހިރުދުވަހު އެންމެން ތިބީ ރިޒޯޓްގައެވެ. ފުރުމުގެ ކުރިން ހައިކަލް ދައްކަން ހުރި ވާހަކަތައް ފާރިޝާއާ ދެއްކީ ރިސޯޓްގެ ސަންސެޓް ރެސްޓޯރަންޓްގައެވެ.
ދެމީހުން ވެސް އެއްބަސްވީ އޮޕަރޭޝަނުން އެނބުރި އައިސް ކައިވެނިކުރާށެވެ. މި ޚަބަރު އެރޭގެ ކެއުމުގެ މޭޒުދޮށުގައި ހައިކަލްގެ މަންމައަށާއި ބައްޕައަށް ނަންގަތެވެ. އެރޭ ވަރަށް ދަންވަންދެން މި ދެޒުވާނުން ހަނދުވަރީ ޓެރަސްގައި ތިއްބެވެ. އެކަކު އަނެކަކުގެ ގާތުގައި ބުނަން ހުރި ސިއްރު ވާހަކަތައް ބުނެދީ ނިންމިއެވެ.
ހައިކަލް ބުންޏެވެ.
ހައިކަލް: "ފާރިޝާގެ ހެޔޮދުޢާ އަހަރެން ބޭނުން. އިރާދަކުރެއްވިއްޔާ ލަހެއް ނުވެ، އެނބުރި އާދެވޭނެ. ކޮންމެ ދުވަހަކުވެސް ގުޅާނަން."
ފާރިޝާ: "އަހަރެން ގުޅާނަން ކޮންމެ ރެއަކު."
ހައިކަލް: "އަހަރެން ވަރަށް ބޮޑަށް އުންމީދުކުރަން ހުރިހައި ކަމެއް ވެސް ނިމިހެންދާނީ، ރަނގަޅަށް ކަމަށް. އޮޕަރޭޝަން ވެސް އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ."
ފާރިޝާ: "އަހަރެން ޝައްކެތް ނުކުރަން."
ހައިކަލް: "މި ކަންތައްތައް މެދުވެރިވުމުން، އަހަރެންގެ ހިތަށް އެރި އެއްޗެއް ބުނަންތަ؟ އަހަރެންގެ ހިތަށް އެރީ، ޑްރަގުގެ ވަބާގައި ޖެހިގެން އުޅުނުއިރު ފެށުނު މައްސަލައަކަށް މިކަން ވެދާނެއޭ."
ފާރިޝާ: "ކީއްވެ އެހެން ހީވަނީ؟"
ހައިކަލް: "އެއީ………! އެއީ…………އޭރު އަތުޖެހުނު އެއްޗެއް ބޭނުންކުރީ، އަގަޑުބަގަޑުކޮށްފައި ހުންނަ އެއްޗިހި ވެސް ވިއްކާނެތާ! އެ ވިޔަފާރިކުރާ މީހުންނަށް ވަރިހަމަ މީހުން ހަލާކުވެގެން ދިޔަޔަސް."
ފާރިޝާ: "ވެދިޔަ ތަނާމެދު، ހިތާމަކުރާނެ ކަމެއް ނެތް. ހައިކަލްގެ ހިއްވަރުން، އެކަމުން ސަލާމަތްވެ، ރަނގަޅު ދިރިއުޅުމެއް ތިޔަ ވަނީ ފަށައިފައި."
(ނުނިމޭ)