ކުލިދެއްކުމަށް ނުކުޅެދޭ ފަރާތްތައް މަގުމަތިވިޔަ ނުދީ – ރިޕޯޓު

އަމިއްލަފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށް އިޖްތިމާއީ ކޮމްޓީން ކޮވިޑާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯރޓްގައި ބުނެފިއެވެ. އަދި ކުއްޔަށް އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށް ވެސް ރިޕޯރޓްގައި ވަނީ ހުށަހަޅައިފައެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުންދޭ ލަފާގައި އިޖްތިމާޢީ ދައިރާއިން ހިމަނާނެ ކަންކަމާ ގުޅޭގޮތުން އެކުލަވާލި ރިޕޯރޓް 66 މެމްބަރުންގެ ވޯޓުން މިއަދު ވަނީ ފާސް ކުރައްވައިފައެވެ.

ފުރަބަންދުގައި، މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން ހާލުގައިޖެހި ކުލިދެއްކުމަށް ނުކުޅެދޭ ފަރާތްތައް މަގުމަތިވިޔަ ނުދިނުމަށްޓަކައި ސަރުކާރާ، ސިޓީ ކައުންސިލްތައް އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ރިޕޯރޓްގައި ވަނީ ހުށަހަޅުއްވައިފައެވެ.

އިޖްތިމާއީ ދާއިރާއިން ހަތް ހުށަހެޅުމެއް ކޮމެޓީގެ ރިޕޯރޓްގައި ހުށަހަޅުއްވައިފައިވެއެވެ. ސްކޫލްތައް ބަންދުވެފައިވާ ޙާލަތުގައި މެދުކެނޑުމެއްނެތި ތަޢުލީމުގެ ފުރުސަތު ކަށަވަރުކޮށްދިނުމައްޓަކައި މިޙާލަތާއި ގުޅިގެން ތަޢާރުފްކޮށްފައިވާ އޮން-ލައިން ޕޮރޮގްރާމްތަކާއި 'ޓެލެކްލާސް' ކުރިޔަށް ގެންދިޔުމަށް ވެސް ކޮމެޓީން ވަނީ ހުށަހަޅުއްވައިފައެވެ. މާލެއާއި އަތޮޅުތެރޭގައި ދިރިއުޅޭ ހުރިހާ ކުދިންނަށް ތަފާތު ކުރުމެއްނެތި މިފުރު ޞަތު ފަހިކޮށްދިނުމަށް، ސްކޫލް ކުދިންނަށް ޚާއްސަ އިންޓަރނެޓް ޕެކޭޖްތަކެއް، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް ހުށަހަޅުއްވައިފައި ވެއެވެ.

މޮރިޓޯރިއަމް ޕެކޭޖް އެއްފަހަރާ ދޫނުކޮށް، އެފަރާތްތަކުން މުވައްޒަފުންނާމެދު އިހާނެތިކޮށް ކަންތައްތައް ކުރަމުން ގެންދާނަމަ، ދޫކުރެވިފައިވާ ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނެގުމަށް ވެސް އިޖްތިމާއީ ކޮމެޓީން ވަނީ ހުށަހަޅުއްވައިފައެވެ. މޮރިޓޯރިއަމް ޕެކޭޖް ދިނުމަށްފަހު، އެފަރާތްތަކުން ޢަމަލުކުރާގޮތް މާލެއާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓަރ މެދުވެރިކޮށް ބަލަމުންގެންދިއުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.

އެޗް.ޕީ.އޭގެ އިރުޝާ ދުގެ ދަށުންމެނުވީ މިސްކިތްތަކާ ޕާކުތައްފަދަ އާންމުން އެއްވާ ތަންތަން، ޢާންމު ބޭނުންތަކަށް ހުޅުވާ ނުލުމަށްވެސް ކޮމެޓީގެ ހުށަހެޅުންތަކުގައި ވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.