(11 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ގުޑް ޕޮއިންޓް. އަސްލުގައި ވެސް މިއީ މިއަދު މި ނިންމި މަޝްވަރާގައި ނެގެން ޖެހޭނެ ކަމެއް! އެނީވޭ.... ދެން މާދަމާ. ކަންބޮޑުނުވޭ."
ފާރިޝާ ވިސްނައިލަން ހުއްޓެވެ.
"ކޮން ކަމަކާ ތިޔަ ވިސްނަނީ؟"
"މި ވިސްނަނީ، ރޭގައި މަންމަ އާއި ބައްޕަ ބުނުއްވީ ކީކޭ ބާވައޭ ހިތަށް އަރާތީ ސުވާލުކޮށްލަން."
"މަންމަ ހުރީ ވަރަށް އުފައުވެފައި. މަންމައަށް ހީވަނީ އަހަރެން އަން....... ބުނާއިރަށް ވެސް އެ އުޅެނީ މީހަކާ އިންނަންވެގެންނޭ."
"އެހެން ދޯ! މައިން ދަރިންނާމެދު ކުރާ ފިކުރުތަކާއި އުންމީދުތައް ވިސްނައިލަން ވެސް ނޭނގޭހައި ފުން. އަހަރެންގެ މަންމަ ލިޔެފައި ހުރި ލިޔުންތަކަކުން އަހަންނަށް މަންމައަކީ ކާކުކަން ވިސްނޭ. މަންމަ އަހަންނާމެދު ކުރި އުންމީދުތައް އެ ޅެންތަކުގައި އެބަހުރި."
"ތިޔަ ޅެންތައް ދައްކައިލައްޗޭ."
"އާން! ދައްކާނަން. ދެން ބައްޕަ ބުނުއްވީ؟"
"ބައްޕަ އެއީ ބައްޕަ. މާބޮޑަށް އެހެން މީހުންގެ ޒާތީ ކަންތައްތަކަކާ ބެހިއެއް ނޫޅުއްވާނެ."
"ޖުމުލަކޮށް ބުނަންޏާ، އަހަންނާމެދު ދެމީހުންގެ ތަޞައްވުރު ރަނގަޅުދޯ."
"ވަރަށް ރަނގަޅު."
"އެރޭގެ ވާހަކަތައް ތިޔަހާ ބޮޑަށް އޮޅުންފިލުވަނީ ކީއްވެ؟"
"ވަކި ކަމެއް ވެގެންނެއް ނޫން. ނޫސްނޫހުގައި ޖަހައިފައި ހުންނަ ވާހަކަތަކުން ވިސްނެނީ އަހަރެން މިއީ ވަރަށް ބިރުވެރި މީހެކޭ."
"ނޫސް ނޫހުގެ ވާހަކ ނުދައްކާ. އެއީ އިޖްތިމާޢީ ޒިންމާއެއް އޮވެގެން މަސައްކަތްކުރާ ބައެއް ނޫން. މީހުން ޙައިރާންކޮށްލާ، ގިނަމީހުން ކިޔާނެ އެއްޗަކަށް ހެދޭތޯ ބަލާނީ. އެ ކުރާ ކަންތަކުގެ އާޚިރު ނަތީޖާއަކާ މެދު ނުނިސްނާ."
"ވިޔަފާރިދޯ. ލާރި.... "
"ނޫސްވެރިކަން ވިޔަފާރިއެއްގެ ގޮތުގައި ކުރުން ރަނގަޅީ އިންސާފުވެރިކޮށް."
"ދެން ދަނީ.... އަހަންނާމެދު ހައިކަލް ހިތްހެވިއްޔާ އެ ނިމުނީ."
ހައިކަލް ފާރިޝާގެ ގާތަށް ޖެހިލިއެވެ. އަމިއްލައަށް އަތުގައި ހިފައި ސަލާންކޮށްލިއެވެ. އަދި ކުއްލިއަކަށް ހަނދާންވެގެން ބުނާގޮތަށް ބުންޏެވެ.
"އެއްކަލަ ދެ އުރަ ދީބަލަ."
ފާރިޝާގެ ފައިލުން ދެ ސިޓީއުރައެއް ނަގައި ދިއްކޮށްލިއެވެ. އޭގައި ހިފަމުން ހައިކަލް ބުންޏެވެ.
"އަދި ކުޑަކުޑަ އިރުކޮޅަކު މަޑުކޮށްލަދީ."
ފާރިޝާ ގޮނޑިއެއް ދަމައިލައިފައި އިށީނދެލިއެވެ. ހަނުހިމޭން ވަގުތުކޮޅަކަށްފަހު، ހައިކަލް ބުންޏެވެ.
"ތަރިކައިގެ ތެރެއަށް އެހެން މީހަކު ވަންނާނެ ޖާގައެއް ނެތް. ހިބައިން ހުރިހައި އެއްޗިއްސެއް މިވަނީ ފާރިޝާއަށް ދީފަ. އެންމެ ރަނގަޅު ކަމަކީ، މި ލިޔުން މިވަނީ ކޯޓްގައި ރަޖިސްޓްރީ ވެސް ކޮށްފައިކަން."
ފާރިޝާ ދިން ދެ އުރަ އަނބުރާ އޭނާ އަތަށް ދިނެވެ. ފާރިޝާ އޭގައި ހިފައި، އޭނާ ގެންގުޅޭ ފައިލުތެރެއަށް ލިޔެވެ.
"ދެން ދަނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ."
ހައިކަލް ކޮޅަށް ތެދުވެ އަނެއްކައިވެސް ސަލާމަށް އަތްދިއްކޮށްލިއެވެ.
ފާރިޝާ ސަލާމްކޮށްލިއެވެ. އަދި ބުންޏެވެ.
"ކަމެއް ޖެހިއްޖެއްޔާ ގުޅައިލާނަން..."
"ކޮންމެ ވަގުތެއް ވެސް ހެޔޮ ގުޅައިލާ!"
"ޝުކުރިއްޔާ!"
ފާރިޝާ ދޮރާ ދިމާއަށް ހިނގައިގަތެވެ. ހައިކަލް ބޭރަށް ގޮސް ދޮރުހުޅުވައިލައިދިނެވެ. ފާރިޝާ ހައިކަލްގެ މޫނަށް ބަލައިލައިފައި ހީނލިއެވެ. އަދި މަޑުކުރުމެއް ނެތި ބޭރަށް ނިކުތެވެ.
ފާރިޝާ ދިއުމުން ހައިކަލް އެނބުރި އައިސް އޭނާގެ މޭޒުދޮށުގައި އިށީނދެލިއެވެ. މޭޒުމަތީގައި ހުރި ކަރުދާސްތަކާއި ފައިލްތައް ތަރުތީބުކޮށްލިއެވެ. އޭނާގެ ހިތަށް އަރައިފައިބަމުންދަނީ ފާރިޝާގެ ކަންތައްތަކެވެ. އޭނާ ވާހަކަދައްކާ ގޮތެވެ. ލޮލުގެ ކުރިމަތީގައި ސޫރަވަމުންދަނީ ފާރިޝާ ގެންގުޅޭ އެކިކަހަލަ ޙަރަކާތްތަކެވެ. އޭނާގެ ހިނިތުންވުމެވެ. ބައެއް ފަހަރަށް އެ ހުންނަ ލަދުރަކިކަމުގެ ސިފައެވެ. ހައިކަލް ހިތަށް އަރައެވެ. އޭނާއަށް ފާރިޝާއާމެދު އެހައި ބޮޑަށް ވިސްނެނީ އޭނާދެކެ ލޯބިވެވެން އުޅޭތީ ބާވައެވެ. އެ ވިސްނުން އައުމާއެކު އަނގައިން ބުނެލެވުނީ ދެއަކުރުގެ ލަފުޒެކެވެ.
"ލޯބި"
ހައިކަލްގެ ހިތަށް އެރިއެވެ. މިއީ އެކަށީގެންވާ ގުޅުމެއް ނޫނެވެ. އޭނާގެ ވަކީލްކަމުގެ ޚިދުމަތަށް އެދިގެން އައި އަންހެނަކާމެދު އެފަދަ ފިކުރެއް ކުރުމަކީ ވާންވީ ގޮތެއް ނޫނެވެ. އެހެންނަމަވެސް ހިތުގައި ވަނީ ފާރިޝާގެ ތަސްވީރެވެ. އޭނާގެ ސިކުނޑީގައި ވަނީ ފާރިޝާގެ ޚިޔާލުތަކެވެ.
މޭޒު ވަތްގަނޑުން ގަނޑުކަނޑާ ފޮތެއް ނަގައި، ސިޓީއެއް ލިޔަން ފެށިއެވެ.
އެކުވެރި ފާރިޝާއަށް ސަލާމް،
އަހަރެންގެ މި ސިޓީ ލިބުމަކީ، ލިބޭ ޙައިރާންކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގައި ހިނގާ ޝުޢޫރުތަކެއް ފާޅުނުކޮށް ހުރުމަކީ ވެސް އުނދަގުލަކަށް ވާތީ ހުށަހަޅައިލީމެވެ. ޖަޒުބާތަކީ އެއީ ކޮންޓްރޯލެއް އޮވެގެން އުފެދޭ އެއްޗެއް ނޫނެވެ. މިހައިތަނަށް ވެސް އަހަރެން މި ހުރީއެވެ. މަންމަ އާއި ބައްޕަގެ އިޝާރާތްތަކުންނާއި ބުނުއްވާ އެއްޗެހިން، އަހަރެން މީހަކާ އިނުމަކީ، އެ ދެމީހުން އެދޭ ކަމެއްކަން އެނގެއެވެ. އެހެންނަމަވެސް އަހަރެން ޤަބޫލުކުރަނީ، ކައިވެނީގެ ގުޅުމަކީ، ވަރަށް މަތިވެރި ގުޅުމެއް ކަމަށެވެ. އެފަދަ ގުޅުމެއް ގުޅެންވާނީ، ހިތް އެދޭ، އިތުބާރުކުރެވޭ، ވިސްނޭ، ދޫކުރަން ދަންނަ މީހަކާ ކަމަށެވެ.
މިހިސާބަށް ލިޔެފައި ހައިކަލް ގޮނޑީގައި ލެނގިލިއެވެ. ރަކި ހިނިތުންވުމެއް ހިނިތުންވެލިއެވެ. ލިޔުނު ސިޓީ ކަރުދާސް ކަފާ މެޝިނަށް ލިޔެވެ.
ހައިކަލް ހިތަށް އެރިއެވެ. "އަހަރެން މިއީ ވަރަށް ފިނޑި މީހެކެވެ. ދިރިއުޅުން ކުރިޔަށް ގެންދަން ބޭނުންވަނީ ކިހިނެއްކަން ކަނޑައަޅަން ނޭނގިފައިވާ މީހެކެވެ. ނޫނެކެވެ. މުޅިން އެހެންނެއް ވެސް ނޫނެވެ. ބޮޑެތި ކަންތައްތައް ކުރަންވާނީ ވިސްނައިފައެވެ. ފިރިހެނަކު، އަންހެނަކާމެދު އުފެދޭ ފިކުރާއި ޚިޔާލު އަނގަބަހުން ނުވަތަ ސިޓީއަކުން ބުނުމުން އެއޮތީ ހުށަހެޅުމެއް ހުށަހެޅިފައެވެ. އެ ހުށަހެޅުމުގެ މައްޗަށް ބިނާވެގެން އެ ދެމީހުންގެ ގުޅުން ދާނީ ބަދަހިވަމުންނެވެ. ދެމީހުން ދާނީ އެކަކު އަނެކަކަށް ބޮޑަށް ދަސްވެ، އެނގެމުންނެވެ. އެންމެ ފަހުގެ ނަތީޖާއަކީ ކައިވެނީގެ ބަނދެވުމުން ދެމީހުން ބަނދެވުމެވެ. ދެމީހުން އެކުގައި ޙަޔާތެއް ފެށުމެވެ. ލިބޭ ކުދީން ރަނގަޅަށް ތަރުބިއްޔަތުކުރުމެވެ. ދެމަފިރީން އެކަކު އަނެކަކަށް އޯގާތެރިވުމާއި އަޅައިލުމުގެ ހިތްފަސޭހަކަން ފޯރުކޮށްދެމުން، މުސްކުޅިވެ، މަރުދުވަހަށް ދާންދެން އެކު އުޅުމެވެ.
ފާރިޝާ އަކީ ކާކުކަމެއް އަދި ނޭނގެއެވެ. ފެންނަ ފެނުމަށް ހީވާ ގޮތާއި ޙަޤީޤަތާ ނުގުޅި ހިނގައިދާނެއެވެ. އެހެންވީމާ، ކެތްތެރިކަން ބޭނުންވެއެވެ. މިފަދަ ޚިޔާލެއް، ފިކުރެއް އަހަންނާމެދު އޭނާ ކުރާނެ ކަމެއް ނޭނގެއެވެ.
ޢަލީގެ މަރުގެ މައްސަލައިގެ އަޑުއެހުން އޮތް ފުރަތަމަ ދުވަހަކީ، ކުށުގެ މައްސަލަތައް ބަލާ ކޯޓްދޮށަށް ނޫސްވެރިންނާއި ކަންބަލާހިތްވާ މީހުން ގިނައިން ދިޔަ ދުވަހެކެވެ.
ޝަރީޢަތުގެ މަޖިލީހަށް ފާރިޝާ އައީ މުޅީން ހުދު ޝަލްވާރު ގަމީސް ހެދުމެއްގައެވެ. ދޯފައްޓާއިން ބޯ ނިވާކޮށްލައިގެންނެވެ. އޭނާއާ ހުދުކުލަ އެހައި ނުގުޅެއޭ ހައިކަލް ހިތަށްއެރިއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ޤާޒީ ވަޑައިގެން މައްސަލައިގެ ބާވަތާއި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތް ވިދާޅުވެދެއްވިއެވެ. އަދި ދެފަރާތުގެ މީހުން ތިބިތޯ އާއި ދަޢުވާ ލިބޭ ފަރާތުގެ ވަކީލަކީ ކޮބައިތޯ ސުވާލުކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން ދަޢުވާ ހުށަހެޅުއްވިއެވެ. ދަޢުވާ ހުށަހަޅަނީ، ކޮންކޮން ހެކިތަކަކާއި ޤަރީނާތަކެއް ހުރެގެންކަން ބަޔާނެއް ނުކުރައްވައެވެ.
ދަޢުވާލިބޭ ފަރާތުގެ ވަކީލް އެދިލެއްވީ ދަޢުވާއަށް ޖަވާބުދޭން ތައްޔާރުވުމަށް މުއްދަތެއް ދެއްވުމަށެވެ. އެކަން އެގޮތަށް ހަމަޖެހުމާއެކު ދެން ޝަރީޢަތުގެ ދެވަނަ އަޑުއެހުން އޮންނާނެ ދުވަހެއް އިޢުލާންކުރައްވައި އެ ދުވަހުގެ މަޖިލިސް ނިންމަވައިލެއްވިއެވެ.
ކޯޓުން މީހުން ނިކުންނަމުން ދިޔައިރު، ފާރިޝާގެ ފަހަތުން މުސްކުޅިއަކު ބޭރަށް ނިކުތެވެ. އެއީ ފާރިޝާގެ މަންމަގެ ތިމާގެ މީހެއްކަމަށްވާ ޚާލިދު ދީދީއެވެ. ފާރިޝާ އަށް ޚާލިދު ދީދީ ފެނުމުން ހިތްހަމަޖެހުނެވެ. ފާރިޝާ ހުރީ ގާތްތިމާގެ މީހެއްގެ އެކުވެރި ރަޙުމަތްތެރިއެއްގެ މަދަދަކަށް ބޭނުންވެފައެވެ. ފާރިޝާ ގެއަށް ދިޔައީ ޓެކްސީއެއްގައި ޚާލިދު ދީދީއާ އެކުގައެވެ.
އޭނާގެ ގާތްތިމާގެ މީހަކާއެކު ގެއަށް ވަދެގެން ދިޔައިރު، ފާރިޝާގެ ހިތަށް ވެރިވީ އަސަރުކުރުވަނިވި ޝުޢޫރުތަކެކެވެ. ގާތްތިމާގެ މީހުންގެ މުހިންމުކަމެވެ. ކަންބޮޑުވާ ދަނޑިވަޅުގައި ވެސް، މައްސަލައަކާ ދިމާވާ ދަނޑިވަޅުގައި ވެސް އެފަދަ މީހުން ތިބުމުން ލިބޭ ހިއްވަރާއި ޔަޤީންކަން ބޮޑުކަން އޭނާއަށް އިޙްސާސްކުރެވުނެވެ.
ޚާލިދު ދީދީ ކުރެން ފާރިޝާ އަހައިލިއެވެ.
ފާރިޝާ: ބޭބެ ހިއްޕަވާނީ ކޯންޗެއްތޯ؟"
ޚާލިދު ދީދީ: ކޮއްކޯ ފެންތައްޓެއް ދީ."
ފާރިޝާ: "ސައިތައްޓެއް ހެދިދާނެ."
ޚާލިދު ދީދީ: މިވަގުތު ބޭބެ ބޯނީ ފެންތައްޓެއް. މާ ފިނިނޫން ފެންތައްޓެއް."
ޚާލިދު ދީދީ ހިތަށް އެރިއެވެ. ބޭބެއޭ އެ ބުނީ މުސްކުޅިއަކާ ވާހަކަދައްކާތީ ބުނި އެއްޗެއްގެ ގޮތުގައި ބާވައެވެ. ނޫނީ ގާތްތިމާގެކަން އޮތީމައި ކީ ބޭބޭއެއް ބާވައެވެ. ކޮންމެ ގޮތެއްގައި ވެސް ޝަރީފާ ދީދީ އަށްޓަކައި ވެސް އޭނާގެ ހަމައެކަނި ހުރި ދަރިފުޅަށް ގާތްތިމާގެ ގޮތުން ދޭންވާ އެހީތެރިކަން ދޭންޖެހޭނެއެވެ. މިއަދު ފާރިޝާ އެ ހުރީ އެކަނިވެރިކޮށެވެ. އަޅައިލާނެ އެކުވެރިއެއް ގާތްތިމާގެ މީހަކަށް ބޭނުންވެފައެވެ.
ފާރިޝާ ފެންތަށި ހިފައިގެން އަތުވެއްޖެއެވެ. ޚާލިދު ދީދިއަށް ފެންތަށި އަރުވައިފައި، އޭނާގެ އަރިހުގައި އިށީނދެލިއެވެ. ޚާލިދު ދީދީ ބިސްމި ކިޔައިފައި ފެންތަށިން ފެންފޮދެއް ހިއްޕެވިއެވެ. އަދި ހަމަޖެހުމުގެ ނޭވާފުޅެއް ލެއްވިއެވެ.
ފާރިޝާ އަހައިލިއެވެ.
ފާރިޝާ: "ބޭބެ ވަރުބަލިފުޅުވީތޯ؟"
ޚާލިދު ދީދީ: (ބޯހޫރައިލައިފައި) "ބޭބެ މިއީ މީހުންގެ ތެރެއަށް ނިކުމެ ނޫޅޭ މީހެއް. ކޯޓްގައި އެ ތިބަ މީހުންނާއި ކަމާބަހާ ހިނގާގޮތް ފެނިފައި ވަރުބަލިވީކަންނޭނގެ."
ފާރިޝާ ހީނލިއެވެ. ޚާލިދު ދީދީ ވެސް ހިނިފުޅުވެޑުވިއެވެ.
ފާރިޝާ: "ބޭބެ ގެއަށް ވަޑައިގަންނަވަންވާނީ ކާރެއްގަ."
ޚާލިދު ދީދީ ސިހުމެއް އައިސްފައި ބުންޏެވެ.
ޚާލިދު ދީދީ: "ކޮއްކޮ އުނދަގޫ ނުއުފުލާ. ބޭބެގެ މުޙައްމަދު އަންނާނެ ބޭބެ ބަލާ. އޭނާ އުޅެނީ ސައިކަލެއްގަ."
ފާރިޝާ: ދެން އަޅުގަނޑު ކޮށްދޭނީ ކީއްތޯ."
ޚާލިދު ދީދީ: "ކޮއްކޯ! ބޭބެ ބޭނުން އެއްވެސް ކަމެއް ނެތް. ކަމެއް ޖެހިއްޖެއްޔާ ބުނާނަން. ކޮއްކޮއަށް ބޭބެގެ ފަރާތުން ބޭނުން ކަމެއް އެބަ އޮތްތަ؟"
ފާރިޝާ ވިސްނައިފައި ބުންޏެވެ.
ފާރިޝާ: " މިއަދު ބޭބެ ކޯޓަށް ވަޑައިގަތީމާ ވަރަށް ހިތްހަމަޖެހުނު. އަޅުގަނޑުގެ ވެސް ގާތްތިމާގެ މީހުން އެބަތިބިކަމުގެ އިހްސާސްކުރެވުނު. އަޅުގަނޑަށް ކަމެއް ކޮށްދެއްވަންޏާ ކޮށްދެއްވަންވީ ކަމަކީ، އަޅުގަނޑު ޝަރީޢަތަށް ދާންޖެހޭ ދުވަސްދުވަހު ބޭބެ ވަޑައިގަތުން."
ޚާލިދު ދީދީ: " އިރާދަކުރެއްވިއްޔާ ތިޔަކަން ކޮށްދޭނަން. ކޮއްކޮ އެކަނިވެރިޔޭ އަޅައިލާނެ މީހަކު ނެތޭ ހިތަށް އަރާނެ ކަމެއް ނެތް. ދަރީންނާއި ގާތްތިމާގެ މީހުން ތިބޭ ބައެއް މީހުން ވެސް ވަރަށް ޙާލުގައި އެބައުޅޭ. ބޭބެ މި އުޅެނީ، މީހަކަށް އުނދަގުލެއް ނުކޮށް އެހެން މީހުންނަށް ފުދިގެން އުޅެން ނުޖެހި ބޭބެގެ ޙަޔާތް ނިންމައިލެވޭތޯ؟"
ފާރިޝާ: "އަޅުގަނޑު ވެސް ޤަބޫލުކުރަން. ފުދިގެން އުޅޭކަށެއް ނުޖެހޭނެ. އެކަމަކު އަޅުގަނޑަށް ގާތްތިމާގެ މީހުން ވަރަށް ބޭނުން."
ޚާލިދު ދީދީ: "ކޮއްކޮގެ މަންމަ، ކޮއްކޮ އެހައި ޅަފަތުގައި އޮތްވާ މި ދުނިޔެ ދޫކުރެއްވީ. ކޮއްކޮއަށް އެ އިޙްސާސް މާބޮޑަށް ކުރެވެނީ. އޯގާތެރިކަމާއި އަޅައިލުން، ލޯތްބާއި ކުލުނު. އަނެއްކާ، ކޮއްކޮ އިންމީހާ ވެސް އެހައި ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވީ. ކުއްޖަކު ނެތް. މި ހުރިހައި ކަމެއް މެދުވެރިވީމާ، ކޮއްކޮގެ ހިތަށް ވެރިވާނެ ހުސްކަން ބޭބެއަށް އެނގޭ."
ފާރިޝާ ހިތުގައި ޖެހިގެން ރޮވޭގޮތްވިއެވެ. ފާރިޝާގެ ބޮޑުދައިތަގެ އޯގާތެރިކަމުގެ މަތީން ހަނދާންވިއެވެ. ހައްޔަރުގައި އިނދެ ދަރިފުޅު ބައިގެން ދިއުމުން ލިބުނު ހިތާމައިގެ މަތީން ވިސްނުނެވެ.
ބޭރުން މީހަކު ސަލާން ގޮވައިލިއެވެ. ފާރިޝާ ލޯ ފުހެލަމުން ތެދުވިއެވެ.
ޚާލިދު ދީދީ: " އެ އައީ މުޙައްމަދު ކަންނޭނގެ."
ބޭރުގައި ހުރީ ޒުވާނެކެވެ. އިސްކޮޅުން ދިގެވެ. ހެދިހުރި ހަށިގަނޑެކެވެ.
ފާރިޝާ: "ކޮން ކަމަކުތަ؟"
މުޙައްމަދު: "ބައްޕަ އެބަ އިންނެވިތޯ؟"
(ނުނިމޭ)