އައްޑޫ ހެރެތެރެ (ކެނަރީފް) ކަރަންޓީނު ފެސިލިޓީއިން ފިލި 5 ދިވެހިން މިއަދު ހައްޔަރުކޮށް މިމައްސަލަ ތަޙްޤީގު ކުރުމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ކަރަންޓީނު ފެސިލިިޓީއިން ފިލީ މާލެ އިން އައްޑުއަށް އައުމުން ކަރަންޓީނުކުރި 5 ފިރިހެނުންނެވެ. މިމީހުން ފިލިކަމުގެ ހަބަރު ފުލުހުންނަށް ލިބިފައިވަނީ ރޭ އިރުއޮއްސުނުއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. ރޭގައި މިމީހުންގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައި ވާއިރު ދެން ތިބި ދެމީހުން މިއަދުވަނީ ހައްޔަރުކޮށްފައެވެ.ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި އެހެންމީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ.
މިކަމާއި ގުޅިގެން އެސިސްޓޭންޓް ކޮމިޝަނާރ އޮފް ޕޮލިސް އަބްދު ﷲ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ކަރަންޓީނު ފެސިލިޓީތަކަކީ ޖަލެއް ނޫން ކަމަށާއި އަދި ދަނޑިމާރު އަޅައިގެން ބަލަހައްޓާ ތަންތަން ނޫން ކަމަށާއި މިތަންތަނަށް ގެންދެވޭ ފަރާތްތަކަކީ އަމިއްލައަށް އެތަންތަނުގައި ތިބެން އެއްބަސްވެގެންދާ ބަޔަކަށް ވާތީ އެމީހުންގެ ޒިންމާއެއްވާ ކަމަށް ވިދާޅުވިއެވެ. އަދި ފަރުދީ ޒިންމާ އަދާކުރުމަށް މި ޓުވީޓުގައި ފައިރޫޝް ގޮވާލެއްވިއެވެ.
މިއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. ނަމަވެސް ކަރަންޓީނު ކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުންނާއި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ނަގާ ސާމްޕަލް ދިނުމަށް ދެކޮޅުހެދުމުގެ ސަބަބުން ކޯޓު އަމުރުވެސްވަނީ މީގެ ކުރިން ނެރެފައެވެ. އަދި ވަގަށް ރަށްރަށަށް އެރުމުންނާއި ރިސޯޓުތައް ބަންދުކޮށްފައި ވަނިކޮށް ފިލުމުގެ ސަބަބުން ވެސް މީގެ ކުރިން މީހުން ހައްޔަރުކޮށްފައިވެއެވެ.