(6 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ގެއަށް އައީ، ވަރަށް ހަވީރުވެފައި ވަނިކޮށެވެ. ގެއަށް އައިސް ފެނަވަރައިލައިގެން، ސައިތައްޓެއް ބޯލައިގެން، އެނދުގައި ޖައްސައިލިއެވެ. އޭނާއަށް ނިދުނީއެވެ. ހޭލެވުނީ ޢަލީ އައިސް ކޮއްޓައިލީމައެވެ. ފާރިޝާ ކުރީގައިހެން، ފުންމައިގެން ތެދުވާކަށެއް ނޫޅުނެވެ. މަޑުމަޑުން އޮތީއެވެ.
ޢަލީ: ކޮންތާކަށް ދިޔައީ. މެންދުރު އައިއިރު، ކުމާރީ ނޫން މީހަކު ނެތް."
ފާރިޝާ: އަހަރެން ބޭރަށް ނިކުމެލާހިތުން ހަމަ ނިކުމެލީ. ވިލިނގިއްޔަށް ދިޔައީ. އަހަރެން ދިޔައީ ޢަލީ އައިމަ ކަންތައް ކުރަންވީ ގޮތް ބުނެދީފައި."
ޢަލީ: "އަހަރެން ބޭނުންވަނީ އަހަރެންގެ ކަންތައްތައް ކޮށްދޭން އަހަރެންގެ އަންހެނުން ހުންނަން."
ފާރިޝާ: "އެހެންތަ؟"
ޢަލީ: އެހެންތަހޭ؟ ބަލަ އެކަމެއް ނޭނގޭތަ؟"
ފާރިޝާ: ތިޔަ ބުނީތަ. މިހާރު އެނގިއްޖެ."
ޢަލީ: ފާރިޝާ. ޖެންސުން ނުކުރައްޗޭ."
ފާރިޝާ: އަހަރެން ޖެއްސުމެއް ނުކުރަން. ނުވެސް ކުރާނަން."
އަލަމާރީގެ ދޮރު ބާރަށް ޖަހައިފައި ޢަލީ ކޮޓަރިން ނިކުމެއްޖެއެވެ. އޭނާ ދިއުމުން ފާރިޝާ ވިސްނަން އޮތެވެ. އޭނާއަށް ވިސްނުނީ ތަޢުލީމަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމެވެ. މީހަކު އިންސާނަކަށް ހަދައިދޭ އެއްޗަކީ ތަޢުލީމުކަމެވެ. އާރާއި ބާރާއި ފައިސާ ހުއްޓަސް ތަޢުލީމް، ނެތްނަމަ އެއީ ހަމަ ހުސް ތޮށިގަނޑެކެވެ. ފާރިޝާ ކިޔަވަން ބޭނުންވި ބޭނުންވުމަކީ ކަނޑައަޅައި ބުނަން ނޭނގުނުނަމަވެސް ތަޢުލީމަކީ ކޮންމެހެންވެސް ފުރިހަމަވާންޖެހޭ އެއްޗެއްކަމަށް ވިސްނުނު ވިސްނުމެވެ.
ފާރިޝާ ތެދުވެގެން، ރީތިވެލައިގެން އަނެއްކާ ވެސް ބޭރަށް ހިނގައްޖެއެވެ. މިފަހަރު ވެސް ދިޔައީ ވިލިނގިއްޔަށެވެ. އެރަށުގައި އުޅެފައި ގެއަށް އައީ އިރުއޮއްސުނުފަހުންނެވެ. އޭރު ޢަލީ އަދި ގެއަކަށް ނާދެއެވެ.
ރެއަކީ ކަޅުފޮއި ރޭތަކުން ރެއެކެވެ. ފާރިޝާ އޭނާ ކިޔަވަން ގެންގުޅޭ ފޮތްތައް ހިފައިގެން މޭޒުދޮށުގައި އިށީނދެ އިނެވެ.
ޢަލީ ގެއަށް އައިސް ވެދެފައި، ކޮޓަރިއާ ދިމާއަށް ދަމުން، އަވަހަށް ކާންހަދާށޭ ބުންޏެވެ. މި ކަހަލަ އަމުރަކަށް ކުރިން ފުންމައިގެން ތެދުވާ މީހާ އެ އިންގޮތަށް އިނދެ ކުމާރީއަށް ގޮވައިލައިފައި ކާންހަދާށޭ ބުންޏެވެ.
ވަރަށް ގިނައިރުކޮށްފައި ޢަލީ ކޮޓަރިން ނިކުތެވެ.
ޢަލީ: ކާން ހަދައިފިންތަ؟
ފާރިޝާ: އާން.
ޢަލީ ކާކޮޓަރިއާ ދިމާއަށް ދާން ފެށުމުން ދެފިކުރެއްގައި އިނދެފައި ފާރިޝާ ވެސް އެ ދިމާއަށް ދިޔައެވެ.
ޢަލީގެ އަނގަޔަށްލީ ފުރަތަމަ ސުވާޔާއެކު ހާދަ ކުޅިއޭ ބުންޏެވެ. ކުމާރީއަށް ގޮވައިފައި އެހައި ކުޅިގަދަކުރީ ކީއްވެގެންތޯ އެއްސެވެ. އޭނާ އަހައިލީ ހަމަ އެހައި ކުޅިތޯއެވެ.
ފާރިޝާ ކާކަށް ނޫޅެއެވެ. ސައިތައްޓެއް ހަދައިގެން އެއިން އެތިފޮދުފޮދު ބޮއިލަބޮއިލާ އިނީއެވެ. ދެމަފިރިން ދައްކާނެ ވާހަކަ ވަނީ ހުސްވެފައެވެ.
ޢަލީ: ފާރިޝާ ނުކަންތަ؟"
ފާރިޝާ: މިރޭ ކާހިތެއް ނެތް."
ބައްޕަގެ އިރުޝާދުގެ މަތީން ހައިކަލް ކިޔަވައިގެން އެނބުރި އަތުވެއްޖެއެވެ. މިހާރު ހައިކަލް ހުރީ ޢިލްމުވެރި، ވިސްނުން ތޫނު ސިފަ ޖަހައިފައެވެ. ބަހައްޓައިފައި ހުރި ކުޑަކުޑަ ތުނބުޅިކޮޅު އޭނާގެ މޫނުގެ ބައްޓަމާ އެހައި ނުގުނުނަސް އެ ތުނބުޅިން ސަޚްޝިއްޔަތުގެ ހަރުދަނާކަން އަންގައިދެއެވެ.
ހައިކަލް އޭނާގެ އަމިއްލަ އޮފީހަށް ދަނީ ވަރަށް ހެނދުނާއެވެ. މަސައްކަތުގައި އެހައި ގިނަވަގުތު އުޅެއެވެ. އޭނާ ޙަވާލުވާހިތްވާ މައްސަލަތަކަކީ، އުނދަގޫ ބޮޑެތި މައްސަލަތަކެވެ. ޚާއްޞަކޮށް ދައުލަތުން ދަޢުވާކުރައްވާ ބައެއް މައްސަލަ އާއި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތަކެވެ.
ހައިކަލްގެ ކާމިޔާބުގެ ރޭޓް މައްޗަށް ޖެހެމުން އައި ވަރަކަށް، އެ ދާއިރާގައި މަސައްކަތްކުރާ އެހެން މީހުން ހައިކަލްގެ ފަސްމަންޒަރު ބަލައި ހޯދަން ފަށައިފިއެވެ. އަދި ސިޔާސީ މައްސަލަތައް ކާމިޔާބުކުރާ ވަރަކަށް ސަރުކާރުން އޭނާއާ މެދު "ޚާއްޞަ ނަޒަރަކުން" ބަލަން ފަށައިފިއެވެ. މިކަންކަން ހައިކަލަށް އެނގެއެވެ.
ހައިކަލާ އެކު މަސައްކަތްކުރާ ވަރަށް ޒުވާން ދެ ވަކީލުންނާއި މި ރޮނގުގައި ކިޔަވާ ދެ ކުއްޖަކު، ހައިކަލްގެ އޮފީހުގައި މަސައްކަތް ކުރަނީ ވަރަށް ގަޔާވެގެންނެވެ. ހިތުން ރުހުމުން އަމިއްލައަށް ވެސް ހޯދާ ބެލުމުގައި ބައިވެރިވެގެންނެވެ. ހައިކަލަކީ، މައްސަލައަކާ ކުރިމަތިވެއްޖެނަމަ، އެ މައްސަލައެއްގެ ފަސްމަންޒަރު ވަރަށް ބޮޑަށް ހޯދާ ބަލާ މީހެކެވެ. ކޮންމެ މައްސަލައަކާ މެދު ވެސް އެއްކޮޅަށާއި ދެކޮޅަށް އޮފީހުގައި ވަކާލާތުކޮށް، ބަލިފައިތައް ވަރުގަދަކޮށް، ކާމިޔާބުވުމުގެ ފުރުޞަތު ކުޑަނަމަ، ދުލެއް ދީގެން ލުޔެއް ނެގެވޭނެ ގޮތްގޮތާމެދު ވިސްނައެވެ. މި މަސައްކަތަކީ، އޭނާއާ އެކު އުޅޭ އެންމެންނަށް ވެސް ކުރެވޭ ތަޖުރިބާއެކެވެ. ފުލުހުން ހުށަހަޅާ މައްސަލަތައް ސާބިތުކުރެވޭ ވަރަށް ހެކިނެތިގެން ފޭލްވަމުން ދިޔަދިޔަހެން ހައިކަލްގެ އަޑު ދިޔައީ އެކި ދިމަދިމާއަށް ފެތުރެމުންނެވެ. އޭނާގެ މަޤްބޫލްކަން ދިޔައީ އިތުރުވަމުންނެވެ.
އިންސާނަކު އޭނާގެ އަމިއްލަ އިޚްތިޔާރުގައި ހަލާކާއި ގެއްލުމުގެ ތެރެއަށް ދިއުމާއި އެ އަނދަވަޅުން ސަލާމަތްވެ، ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރެވިދާނެ ކަމުގެ ދިރިހުރި ހެއްކަކީ، ހައިކަލެވެ. ޑްރަގްގެ ތެރެއަށް އޭނާ ވަދެގެން ދިޔައީ އެކުއުޅުނު ރައްޓެހީންގެ ސަބަބުންނެވެ. އެކަމާ ދުރަށް ގޮސް، މުޅީން އައު ޙަޔާތަކަށް އޭނާ އަނބުރައިލީ އަމިއްލަ ޢަޒުމާއި ހިއްވަރުންނެވެ.
ޢަލީ ތެޅެމުން ފޮޅެމުން ގެއަށް އައިސް ފާޚާނާއަށް ވަނެވެ. ބަނޑުގައި ރިއްސާތީ އެނބުރެނީއެވެ. ފާރިޝާ އަޅައިވެސް ނުލައި، އޭނާ ކުރަން އިން ކަމެއްގައި އިނީއެވެ.
ޢަލީ: ފާރިޝާ! މަ މިއުޅެނީ ބަނޑުގައި ރިއްސާތީ."
ފާރިޝާ ފިނިފިނި ރާގެއްގައި އަހައިލިއެވެ.
ފާރިޝާ: "ދެން ކީއްކުރާނީ."
ފާރިޝާ އެ އަހާލި އަހާލުމުގައި ހުރި ރާގާއި އަސަރު ވިސްނައިގަންނާކަށެއް ޢަލީއަކަށް ނޭނގުނެވެ. ޢަލީ ބުނީ ކިރުތައްޓެއް ހަދައިގެން ގެނެސްދިނުމަށެވެ.
ފާރިޝަ ކިރުތަށި ހިފައިގެން ގޮސް ޢަލީ އަތަށް ދިނެވެ. އެއް ނޭވާއި ން ކިރުތަށި ބޯލުމަށްފަހު ކުކުރަމުން އޮށޯވެއްޖެއެވެ.
ހެނދުނު ހެނދުނާ އެމްބިއުލެންސެއް އައިސް ޢަލީގެ ގޭދޮށަށް މަޑުކޮށްލިއެވެ. އަށިގަނޑަށް ލައިގެން ޢަލީ ހޮސްޕިޓަލަށް ގެންދިޔައެވެ. އެމްބިއުލެންސްގައި ފާރިޝާ ވެސް ދިޔައެވެ.
ޑޮކްޓަރ ޢަލީ ބަލައިފައި އޭނާ މަރުވެފައިވާ ޚަބަރުދިނެވެ. ފާރިޝާ ޙައިރާންވެފައި ޢަލީގެ ހަށިގަނޑަށް ބަލަހައްޓައިގެން ވަރަށް ގިނައިރު ހުއްޓެވެ. މޫނުމަތިން ހިތާމައިގެ އަސަރެއް ނެތެވެ. އަދި އުފައުވެރި ކަމުގެ ކުލަވަރެއް ވެސް ނުފެނެއެވެ. މަރުގެ ސެޓްފިކެޓްގައި ވަނީ، ވިހައެއް ކައިގެން ނުވަތަ ވިހައެއް ބޮއިގެން ފުރާނަ ދިޔައީކަމުގައެވެ.
ލަހެއް ފަހެއް ނެތި ފުލުހުން ތަޙްޤީޤު ފަށައިގެންފިއެވެ. ފާރިޝާ އާ ވަރަށްގިނަ ސުވާލުކުރިއެވެ.
ޢަލީގެ މޫނު ދެކެން ގެއަށް އައި މީހުން، ފާރިޝާއާ މެދު ޝައްކުގެ ނަޒަރަކުން ބަލަމުން ގެންދިޔައެވެ. ޢަލީގެ އަނބިމީހާގެ ފުށުން ހިތާމައިގެ އަސަރެއް ނުފެންނާތީ ކަންބޮޑުވަނީއެވެ. ޝައްކުކުރެވެނީއެވެ. ފާރިޝާގެ އަސަރުކުރުމާއި ރުއިމުގެ އިޙްސާސްތައް އޭނާއާ ވަކިވެގެން ގޮސްފައިވާކަމެއް އެބައިމީހުންނަކަށް ނޭނގެއެވެ. ޢަލީ ވަޅުލުމުގެ ކަންތައްތަކުގައި އުޅުނީ ދެ ފިހާރައިގައި އުޅޭ ޢަލީގެ މުވައްޒަފުންނެވެ.
ފުލުހުން ކުރި ޓެސްޓްތަކުން ޢަލީއަށް ވިހައެއްގެ އަސަރުކޮށްފައިވާކަން އެނގިގެން ފާރިޝާ ތަޙުޤީޤަށް ގެންދެވުނެވެ. ފާރިޝާ އެދުނީ، ވަކީލަކު ހޯދައިގެން އޭނާގެ ޙާޟިރުގައި ކުރާ ސުވާލުތަކަށް ޖަވާބުދޭން ބޭނުންކަމަށެވެ. އަދި ވަކީލަކު ހޯދަން ފުރުޞަތެއް ދިނުމަށެވެ. އެ ފުރުޞަތު ލިބިއްޖެއެވެ. ފާރިޝާ މަސައްކަތް ފަށައިފިއެވެ. ޢަލީގެ މުވައްޒަފުންގެ ތެރެއިން ފާރިޝާއާ ބޮޑަށް ގާތްކަން ހުންނަ މީހަކު ލަފާދިނީ މިހާރު މަޝްހޫރުވަމުން އަންނަ ވަކީލަކު ކަމުގައިވާ ހައިކަލްގެ އެހީ ހޯދުމަށެވެ.
ހައިކަލްގެ އޮފީހުގެ ނަމްބަރު ހޯދައިގެން، ފާރިޝާ އޭނާއާ ގުޅިއެވެ.
ދެކުނުގެ ރަށެއްގައި ދިރިއުޅެމުންދާ ޢަލީގެ ބޮޑުބޭބެއެއްގެ ބޮލަށް މީހަކު ވަދެއްޖެއެވެ. ޢަލީ ނިޔައުވުމުން އޭނާގެ މުދާގަނޑުގެ ވާރިސަކަށް ވާނީ އޭނާކަމަށް ވެސް ވިސްނައިދީފިއެވެ. އެ ބޮޑުބޭބެއަކީ ޙަސަން މަނިކެވެ.
ޙަސަން މަނިކަށް ވިސްނުނީ، މިއީ އަޅައިނުލާ ދޫކޮށްލާވަރުގެ ކަމެއް ނޫންކަމުގައެވެ. އޭނާ އެންމެ އަވަހަށް ފުރި އެއްޗަކުން މާލެ އަތުވެއްޖެއެވެ. އަދި ފާރިޝާއާ ބައްދަލުކުރަން އެ ގެއަށް ދިޔައެވެ.
ޙަސަން މަނިކުގެ މަޤްޞަދަކީ، ޢަލީގެ މުދަލުގެ މައްޗަށް ވެރިވުމެވެ. ފާރިޝާއަށް ދޭންވާ ޙަލާލުބައި ދީފައި އެ ގެއިން އޭނާ ބޭރުކުރުމެވެ. މި ރޭވުމަކީ އޭނާގެ އަމިއްލަ ރޭވުމެއް ނޫނެވެ. އޭނާއަށް މި މޮޅު ޚިޔާލުދިން މީހާ ބުނެގެން މާލެއިން ގުޅުނު ވަކީލުގެ ރޭވުމެކެވެ. ވަކީލުގެ މަޤްޞަދަކީ، އޭނާއާ ގުޅޭ ބާރުހުރި ފަރާތްތަކާ ގުޅިގެން، މި މައްސަލަ "ރަނގަޅު ގޮތަކަށް" ނިންމުމެވެ. އެހެން އެކަން ވެއްޖެނަމަ، އެކަން ދަންނާނެ ކަމުގެ ޔަޤީންކަން ވަނީ ލިބިފައެވެ. މި މޮޔަ އަންހެނާގެ އަތުގައި ހުރި އެހެން މީހެއްގެ ޙައްޤު އެ ޙައްޤުގެ ވެރިޔާއަށް ހޯދައިދިނުމަކީ، އޭނާ ބޭނުންވާ ގޮތެވެ.
ޙަސަން މަނިކު ގޮސް ސަލާން ގޮވައިލައިފައި ކޮއްކޮގެ އަންހެނުންނާ ބައްދަލުކުރަން އެދުނެވެ. އިރުގަނޑެއް ކޮށްފައި ފާރިޝާ ނިކުމެއްޖެއެވެ.
ފާރިޝާ: "ތިޔައީ ކާކު؟"
ޙަސަން މަނިކު: "މިއީ ޢަލީ ކޮއްކޮގެ ބޮޑުބޭބެ. ޢަލީގެ މަންމަގެ އެއްބަނޑު އެއްބަލާ ބޭބެ."
ފާރިޝާ: "ކީއް ކޮށްދޭންވީ."
ޙަސަން މަނިކު: "ޢަލީގެ ބަލަދު އަރާނީ މަށަށް. އެހެންވީމާ އޭނާގެ ވާރިސަކީ އަހަރެން. އޭނާގެ މުދައު ވާރުތަވަނީ މަށަށް."
(ނުނިމޭ)