ރޯދަމަޖާ: އިނގިރޭސިބަސް ދަންނަމުތަ؟

ދާގީނާ

މީހަކު އެއަރލައިނެއްގެ ރިޒަރވޭޝަން އޮފީހަށް ވަދެ މަޢުލޫމާތު އޮޅުން ފިލުވަނީއެވެ.

އެ މީހާ: އަޅުގަނޑު ދަތުރު ކުރާ ބޯޓަށް ރަށަށް ދެވޭނީ ކިތައް ގަޑި އިރުންތޯ-؟

ރިޒަރވޭޝަން އޮފްސަރު: ދޮޅުގަޑި އިރުން-

އެ މީހާ: ބޯޓުން ކާން ލިބޭނެތޯ-؟

ރިޒަރވޭޝަން އޮފްސަރު: އާދެ- ލިބިވަޑައިގަންނަވާނެ-

އެ މީހާ: ބޯޓުގައި ސިގިރޭޓް ބުއިމުގެ ހުއްދަ އޮވޭތޯ-؟

ރިޒަރވޭޝަން އޮފްސަރު: ނޫން- ނޯންނާނެ-

އެ މީހާ: އަޅުގަނޑަށް ގެންދެވޭނީ ކިތައް ކިލޯތޯ-؟

ރިޒަރވޭޝަން އޮފްސަރު: ވިހި ކިލޯ-

އެ މީހާ: ކިރުއްވާނީ އަޅުގަނޑު ލައިގެން މިހިރަ ހެދުންވެސް ހިމަނުއްވައިގެންތޯ-؟

ރިޒަރވޭޝަން އޮފްސަރު: ދަތުރު ކުރައްވާނީ އޮރިޔާމުންތޯ-؟

ހިތްވަރުގަދަކަން

ހުޅުލެއިން މާލެއަށް އައި ދޯންޏަކުން ކުޑަ ކުއްޖަކު ކަނޑަށް ވެއްޓިއްޖެއެވެ. އެ ކުއްޖާއަކަށް ފަތާކަށް ނޭނގެއެވެ. ކަނޑު ވަރަށް ގަދައެވެ. އެ ކުއްޖާ ސަލާމަތް ކުރާން ކަނޑަށް ފުންމާލާކަށް އެކަކަށްވެސް ނުކެރުނެވެ. އިރުކޮޅަކު އެހެން ތިބެފައި އެކަކު ކަނޑަށް ފުންމައިލައިފިއެވެ. ވަރަށް މަސައްކަތުން އެ ކުއްޖާ ސަލާމަތް ކޮށްގެން ގެނެސް ދޯންޏަށް އަރުވައިފިއެވެ.

ދޯނީގައި ތިބި މީހުން އޭނާގެ ހިތްވަރު ގަދަ ކަމާއި ހެޔޮކަމުގެ މައްޗަށް ތަޢުރީފުކޮށް ވާހަކަ ދައްކަން ފަށައިފިއެވެ. އެހައި ގަދަ ކަނޑަކަށް ފުންމާލަން ކެރުނީތީ ސާބަސް ދޭން ފަށައިފިއެވެ.

އޭނާ ރުޅި އައިސްފައި ބުންޏެވެ. "އަހަރެންގެ ހިތްވަރު ގަދަ ކަމުގެ ވާހަކަ ނުދައްކައި އިހަށް އަހަރެން ކޮއްޕައި ކަނޑަށް ވައްޓާލި މީހަކު ހޯދައިދީ-"

އިނގިރޭސި ބަސް ދަންނަމުތަ؟

އިބްރާހީމް އޭނާގެ ރަޙްމަތްތެރިޔާ އާ ސުވާލު ކުރިއެވެ. "ކަލޭ އިނގިރޭސި ދަންނަމުތަ-؟"

ރަޙްމަތްތެރިޔާ ބުންޏެވެ. "އާނ- އިނގިރޭސި ހަމަ ފެން ފަދަ ވާނެ-"

އިބްރާހީމް، ރަޙްމަތްތެރިޔާ އިމްތިޙާނު ކޮށްލުމުގެ ގޮތުން ސުވާލު ކޮށްލިއެވެ. "އެންމެ ރަނގަޅު- ދުރުގައި ހުރި މީހަކު ކައިރިއަށް ގެންނަން ވެއްޖެއްޔާ އިނގިރޭސި ބަހުން ބުނާނީ ކީކޭ-؟"

ރަޙްމަތްތެރިޔާ ބުންޏެވެ. "ތިޔައީ އެއްވެސް ކަމެއް ނޫން- ކަމް ހިޔަރ އޭ ބުނެލީމާ އެ މީހަކު ކައިރިއަށް އަތުވެދާނެ-"

އިބްރާހީމް ބުންޏެވެ. "ވަރަށް ރަނގަޅު- ދެން އޭނާ ކުރިން ހުރި ތަނަށް އަނބުރައި ފޮނުވާލަން ބޭނުން ވެއްޖެއްޔާ ބުނާނީ ކީކޭ-؟"

ރަޙްމަތްތެރިޔާ ބުންޏެވެ. "ތިޔައީ އަދި މާ ފަސޭހަ ކަމެއް- އޭނާ ކުރިން ހުރި ތަނަށް ގޮސް ކަމް ހިޔަރ އޭ ބުނެލީމާ ހަމަޖެހުނީ-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.