ކޮވިޑް- 19 ރާއްޖޭގައި ފެތުރޭތޯ ދެނެގަތުމުގެ ސާރވޭގައި ސާމްޕަލް ނަގާނެ ގޮތް ނެޝެނަލް އިމާރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ހާމަކުރައްވައިފިއެވެ.
އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ފާތިމަތު ނަޒުލާ ރަފީގު ވިދާޅުވީ އެސާވޭގެ މަސައްކަތް މާދަމާ ވެސް ފެށޭތޯ ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. މިސާރވޭގައި ސާމްޕަލް ނަގެމުމަށް ކަނޑައަޅައިފައި ވަނީ ހަތަރު ކެޓަގަރީއަކުންނެވެ. އެ ކެޓަގަރީ ތަކުގެ ތެރޭގައި ހިމެނެނީ އާބާދީގެ ތެރެއިންނާއި ޢުރުމުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިންނާއި ފްލޫ ކްލިނިކްތަކުގެ ތެރެއިންނާއި ކަނޑައެޅޭ ވަކި ރަށްތަކަކުންނާއި އަދި ބިދޭސީންގެ ތެރެއިންނެވެ. އެޗްޕީއޭ އިން ނިންމަވާފައިވަނީ 500 ސާމްޕަލް ނެގުމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ އާބާދީގެ ތެރެއިން ނަގާ ސާމްޕަލްތައް ނަގާނީ މާލޭއާއި އަދި ރީޖަނަލް ހޮސްޕޓަލުތަކުގެ އޯޕީޑީއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ޢުމުރުން ފަސް އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ގައިންކަމަށެވެ. އެގޮތުން އެކި ކަންކަމަށް އޯޕީޑިތަކަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ސާމްޕަލް ނަގަންނަވާނީ ރެންޑަމްކޮށް ކަމަށެވެ. މާލޭގައި އައިޖީއެމްއެޗާއި އޭޑިކޭ އާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ޓްރީޓޮޕުން ވެސް މި ކެޓަގަރީގެ ސާމްޕަލް ނެގޭނެކަމަށް ވިދާޅުވިއެވެ. ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކުން ވެސް ސާމްޕަލް ނެގޭތޯ މަސައްކަތް ކުރައްވަމުންދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ޢުމުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެސް ވަކި ޢަދަދެއްގެ މީހުންގެ ސާމްޕަލް ރާއްޖޭގެ އެކި ހިސާބުތަކުން ނެގޭނެކަމަށް ވިދާޅުވިއެވެ. މާލެއާއި އަތޮޅު ތަކުގައި ހުރި ފްލޫ ކްލިނިކްތަކުންވެސް ވަކި ޢަދަދަކަށް ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ވަނީ ހަމަޖައްސަވައިފައެވެ. ސާމްޕަލް ނަގަން ނިންމައިފައިވާ ރަށްރަށުގެ ތެރޭގައި ބައިނަލް އަޤްވާމީ ބަނދަރުތައް އޮންނަ ރަށްރަށް ނުވަތަ ގެސްޓް ހައުސްތައް ހުންނަ ރަށްރަށާއި ނުވަތަ ރިސޯރޓްތަކުގައި މަސައްކަތްކުރާ ވަރަށްގިނަ ސްޓާފުން އުޅޭ ރަށްރަށުން ރެންޑަމްކޮށް ސާމްޕަލް ނެގޭނެކަމަށްވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން ހޮވާލެވޭ ފަސް ރަށަކުން ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ވަނީ ހަމަޖައްސަވައިފައެވެ. ބޭރުމީހުންގެ ތެރެއިންވެސް ރެންޑަމްކޮށް ސާމްޕަލް ތަކެއް ނަގާނެއެވެ. އެ ގޮތުން ވަކިކަހަލަ މަސައްކަތެއްކުރާ ބައެއް ނުވަތަ ވަކި ސަރަޙައްދެއްގައި އުޅޭ ބައެއްގެ ގައިން ސާމްޕަލް ނަގާނެކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ބަލި ފެތުރެމުންދޭތޯ ބެލުމަށް ނަގާ ސާމްޕަލް ތަކުގެ އިތުރުން މާލެއާއި އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ ސާމްޕަލް އެނޓި ބޮޑީ ޓެސްޓް ހެދުމަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. މީގެ ބޭނުމަކީ ކުރިންވެސް ފާހަގަ ނުކިރެވި އެފަދަ މީހުން ބައްޔަށް ހުށަހޮޅިފައިވޭތޯ ބެލުން ކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.
ސާމްޕަލްތައް ނަގައި ޓެސްޓުކޮށް ނަތީޖާ ލިބި އެ ސާވޭގެ ނަތީޖާ ހަމައަށްދާން ދެ ހަފްތާވަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކުރިން ޑރ ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއަށްވުރެވެސް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.