ކޮވިޑް- 19 ރާއްޖޭގައި ފެތުރިފައިވާ މިންވަރު ދެނެ ގަތުމަށް ހަދާ ސާވޭގެ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ފެށޭނެ ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ.
އެޗުޕީއޭގެ މެޑިކަލް އޮފިސަރ ފާތިމަތު ނަޒުލާ ރަފީގު ވިދާޅުވީ އެ ސާވޭގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ތަކަށެވެ. އެ ކަމަށް ބޭނުންވާ ސާމްޕަލްތައް މާލެއާއި ރަށްރަށުން ކަނޑައެޅޭ އެކި ދިމަދިމާއިން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސާމްޕަލްތައް ނެގުމަށް ބަލާން މިންގަޑުތެ ތެރެއިން 400 ސާމްޕަލް ނަގައިގެން ހަމަޖެއްސެން އޮތަސް އެޗުޕީއޭއިން ނިންމަވާފައިވަނީ 500 ސާމްޕަލް ނެގުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒުލާ ވިދާޅުވީ ސާމްޕަލްތައް ނަގައި އެ ޓެސްޓުކޮށް ނަތީޖާ ލިބި އެ ސާވޭގެ ނަތީޖާ ހަމައަށްދާން ދެ ހަފްތާވަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެއަށްވުރެވެސް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.