ސިއްހަތާ ބެހޭގޮތުން ސަރުކާރުން ނެރެފައިވާ ސާކިއުލާތަކާ ޚިލާފުވާނަމަ ފިޔަވަޅުއަޅާނެ: އަލީ ވަހީދު

ކޮވިޑް- 19 އާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ނެރެފައިވާ ޢާއްމު ސާކިއުލާތަކަށް ޚިލާފުވާ ފަރާތްތަކާމެދު ސަރުކާރުން ފިޔަވަޅު އަޅުއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސްކޫލްތާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތައް ބަންދުކުރުމަށްވެސް މިހާރު ވަނީ ނިންމަވާފައި ކަމަށެވެ. އަދި ރިސޯޓުތަކަށް އަރައިފޭބުން ވެސް ވާނީ މަނާކުރެވިފައި ކަމަށް ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީއާއި، އެޗުޕީއޭއިން ވާނީ ކޮވިޑް-19 އާ ގުޅިގެން ބައިވަރު ސާކިއުލާތައް ނެރެފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. "މިއިން ސާކިއުލާތަކާ ޚިލާފަށް، ކިތަންމެ ކުޑަނަމަވެސް ޚިލާފު އަމަލެއްކޮށްފިނަމަ ސަރުކާރުން ނިންމަވާފައިވަނީ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއަޅަން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް މިކަންކަމާގުޅޭ ތަހުގީގުތަކެއް ފުލުހުން ހިންގަމުންދާ ކަމަށާއި ތަހުގީގަށްފަހު އިހުމާލުވާ ފަރާތްތަކަށް ސަރުކާރުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. "އެއީ ކޮންމެ ފަރާތެއް ވިޔަސް، އެއީ ދައުލަތުގެ ފަރާތެއްވިޔަސް، ސަރުކާރުގެ ފަރާތެއް ވިޔަސް އަދި އަމިއްލަފަރާތެއް ވިޔަސް، އާންމު ސިއްހަތު ރައްކާތެރި ކުރުމަށްނެރެފައިވާ ސާކިއުލާތަކާއި، ގާނޫނާއި ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅުއަޅާނެ ވާހަކަ ދަންނަވަން،" މިނިސްޓަރ ވިދާޅުވިއެވެ. އެހެންވީމާ މި ވަގުތު ދިމާވާނެ އުދަގޫތަކާއި ދަތިކަން ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ، ނަމަވެސް ސަރުކާރުން ފިޔަވަޅު އަޅަމުން ގެންދަވަނީ ޑޮކްޓަރުންގެ ލަފާގެ މަތީން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.