ރޯދަ ވާޖިބުވުމާއި ކުޑަކުދިން ރޯދަހިފުން

އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ އެހެން އަޅުކަންތަކެކޭ އެއްފަދައިން ރަމަޟާންމަހު ރޯދަހިފުން ވެސް ވާޖިބުވެގެން ވަނީ ވަކި ޝަރުޠުތަކެއް ހަމަވާ މީހުންގެ މައްޗަށެވެ.

ކޮންމެ އަޅުކަމެއްވެސް ޞައްޙަ ވުމުގެ އެންމެ މުހިއްމު ޝަރުޠަކީ އެއަޅުކަން އަދާކުރާ މީހާއީ މުސްލިމަކު ކަމުގައި ވުމެވެ. ރޯދަވެސް މިފަދައެވެ. މުސްލިމުންގެ ތެރެއިން ބާލިޣުވެފައިވާ، ބުއްދި ސަލާމަތުން ހުރި، ރޯދަހިފޭވަރުގެ ޞިއްޙަތެއް ލިބިގެންވާ، ރަށުގައި ޤާއިމުވެގެންހުރި ކޮންމެ ފިރިހެނެއްގެ މައްޗަށް ރަމަޟާންމަހު ރޯދަހިފުން ވާޖިބުވާނެއެވެ. އަންހެނަކު ނަމަ މި ބުނެވުނު ޝަރުޠުތަކުގެ އިތުރުން ޙައިޟުގެ ލެއާއި ނިފާސްކަމުގެ ލެއިން ޠާހިރުވެގެން ވުން ޝަރުޠު ވެގެން ވެއެވެ. އެހެންކަމުން ކާފިރަކުވެސް، މޮޔައަކުވެސް، ކުޑަކުއްޖަކުވެސް، ރޯދަނުހިފޭވަރުގެ ބައްޔެއްގައި އުޅޭމީހަކުވެސް، ދަތުރުވެރިއަކުވެސް، ޙައިޟުވެރިއަކުވެސް، ނިފާސްވެރިއަކުވެސް، މާބަނޑުއަންހެނާވެސް އަދި ތުއްތުދަރިފުޅަށް ގާތުންކިރުދޭ މައިމީހާވެސް ރޯދަހިފާކަށް ނުޖެހެއެވެ.

މީގެ ތެރެއިން ބައެއް މީހުންނަކީ އެއްގޮތަކަށްވެސް އެބައެއްގެ ރޯދަ ޞައްޙަ ނުވާ މީހުންނެވެ. އެއީ ކާފިރުންނާއި މޮޔައިންނެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީ ބްނު އަބީޠާލިބްގެ އަރިއަހުން އަޙްމަދާއި އަބޫދާވޫދާއި އައްތިރްމިޛި ރިވާކުރައްވާފައިވާ ޙަދީޘުގައި އެބައެއްގެ ޢަމަލުތައް ނުލިއުއްވޭނެކަމަށް (އެބައެއްގެ މައްޗަށް އަޅުކަން ވާޖިބުވެގެންނުވާ ކަމަށް) ރަސޫލު صلى الله عليه وسلم އަންގަވާފައިވާ ތިންމީހުންގެ ތެރޭގައި عن المجنون حتى يفيق (އަދި މޮޔަމީހާ އޭނާއަށް ހަމަބުއްދި ލިބެންދެން) މިފަދައިން އައިސްފައިވެއެވެ.

ގިނަ ޢިލްމުވެރިން އެއްބަސް ވެވަޑައިގަންނަވާ ގޮތުގައި މޮޔަވުމާއި ހޭނެތުމަކީ މުޅިން ތަފާތު ދެކަމެކެވެ. މޮޔަމީހާގެ ބުއްދި ރަނގަޅުވެ އޭނާއަކީ ހަމަޖެހޭ މީހަކަށް ވިޔަސް ފާއިތުވެ ގޮސްފައިވާ ރޯދަ ހިފާކަށް ނުޖެހެއެވެ. އެހެނަސް ހޭނެތިފައި އޮތުމުގެ ސަބަބުން ރޯދަ ނުހިފުނު މީހާ، އޭނާ މުޅި ރޯދަމަހު ހޭނެތިފައި އޮތަސް، ނުވަތަ އެމަހުން ބައެއްގައި ހޭނެތިފައި ހޭއެރިއަސް އޭނާއަށް ގެއްލުނު ރޯދަ ޤަޟާކުރަން ޖެހެއެވެ. މިއީ ޖުމްރޫހު ފިޤުހުވެރިން ދެކެވަޑައިގަންނަވާ ގޮތެވެ. ނަމަވެސް ހޭނެތުމަކީ މޮޔަވުން ފަދައިން ބުއްދި ފިލައިދާ ކަމަކަށް ވާތީ، ހޭނެތިފައިވާ މީހާގެ ޙުކުމަކީ މޮޔަމީހާގެ ޙުކުމްކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވައެވެ. މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް ޑޮކްޓަރ ޔޫސުފު އަލް ޤަރަޟާވީ ވަނީ މިމައްސަލައިގައި ތަފާތު ގޮތަކަށް ފަތުވާ ދެއްވާފައެވެ. އޭނާ ވަނީ ކުރު މުއްދަތަކަށް ހޭނެތުމާއި، ދިގު މުއްދަތަކަށް ހޭނެތުން (މިހާރު ކިޔާގޮތުން ނަމަ ކޯމާއަކަށް ދިއުން) ތަފާތު ކުރައްވާފައެވެ. އޭނާ ވިދާޅުވާގޮތުގައި ކުރު މުއްދަތަކަށް ހޭނެތޭ މީހާ ހޭއެރުމުން އޭނާއަށް ގެއްލުނު ރޯދަ ޤަޟާކުރަން ޖެހޭނެއެވެ. އެހެނަސް ދިގުމުއްދަތަކަށް ކޯމާއަކަށް ދިއުމަށް ފަހު ހޭއަރާ މީހާގެ މައްޗަށް އޭނާ ކޯމާގައި އޮތް މުއްދަތުގެ ރޯދަ ޤަޟާކުރުމެއް ނެތެވެ.

ބާލިޣުނުވާ ކުޑަކުދިންގެ މައްޗަށް ރޯދަ ވާޖިބުވެގެން ނުވިޔަސް އެކުދިންނަށް ރޯދައަށް ތިބެވޭވަރުގެ ކުޅަދާނަކަން ލިބިގެންވާނަމަ އެކުދިން ރޯދައަށް ބޭތިއްބުމަކީ އެކުދިންގެ ބެލެނިވެރިންގެ މައްޗަށް ދީނުގައި ބާރުއަޅުއްވާފައިވާ ކަމެކެވެ.  އުމުރުން ހަތް އަހަރުން ފެށިގެން ކުޑަކުދިންނަށް ރޯދަހިފުމަށް މަޑުމަޑުން ފަރިތަކޮށްދޭން ފަށައި، އުމުރުން ދިހަ އަހަރުން ރޯދަހިފުމުގެ މައްޗަށް އެކުދިންނަށް ބާރުއެޅުމަށް ޢިލްމުވެރިން ގޮވާލައްވާފައި ވެއެވެ. ނަމަވެސް ރޯދަހިފަން މަޖުބޫރުކުރުމުގެ ގޮތުން އެކުދިންގެ ގައިގައި ތަޅައި ހެދުމަކީ ރަނގަޅުކަމެއް ނޫނެވެ. އަޞްޙާބުބޭކަލުން މިފަދައިން އަމަލުކުރެއްވިކަން ސާބިތުވެފައިވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.