އިސްލާމްދީނުގެ މަޞްދަރުތައް ކަމުގައިވާ ކީރިތި ޤުރްއާނާއި ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތުގައި ރޯދައަށް ދެވިފައިވާ ނަމަކީ الصوم ނުވަތަ الصيام އެވެ. ޢަރަބި ބަހުގައި މިބަހުގެ މާނައަކީ ކަމެއް ކުރުމުން މަނާވެގަތުމެވެ.
ޝަރުޢީ ނަޒަކުން ބަލާއިރު ރޯދަހިފުމަކީ ނުވަތަ ރޯދައަށް ހުރުމަކީ ކީރިތި ﷲއަށް ކުއްތަންވުމަށް އަޅުކަމެއް ކުރުމުގެ ނިޔަތުގައި ފަޖްރުއްޞާދިޤުގެ އަލިކަން ފައުޅުވީއްސުރެ އިރު އޮއްސެންދެން ކެއިންބުއިމުންނާއި ޝަހުވާނީ އެދުން ފުއްދުމުން ދުރުހެލިވެ ހުރުމެވެ. ރޯދައަށް ހުރުމުގެ ވަގުތާއި ބެހޭގޮތުން ކީރިތި ﷲ ވަޙީކުރައްވާފައި ވެއެވެ. وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْْخَيْطُ الأَبْيَضُ مِنَ الْخَيْطِ الأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللّيْلِ – سورة البقرة: 187 (އަދި ފަޖުރުގެ ސަބަބުން ކަޅު ރޮދީގެ ތެރެއިން ހުދު ރޮދި (އެބަހީ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ދުވާލުގެ އަލިކަން) ފައުޅުވެ އެނގިއްޖައުމަށް ދާންދެން ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. ދެން އެއަށްފަހު ރޭވެއްޖައުމަށް ދާންދެން ރޯދަ ފުރިހަމަ ކުރާށެވެ.)
ރޯދައިގެ ބާވަތްތަކަށް ބަލާއިރު ރޯދައިގެ މައިގަނޑު ދެބާވަތެއް ވެއެވެ. އެއީ ފަރުޟުރޯދައާއި ސުންނަތް ރޯދައެވެ. އަދި ރޯދަހިފުން ޙަރާމް ދުވަސްތަކަކާއި ރޯދަހިފުން މަކުރޫހަ ދުވަސްތަކެއްވެސް އައިސްފައި ވެއެވެ. ސުންނަތް ރޯދައަކީ ރަމަޟާން މަސް ނޫން އެހެން މަސްމަހުގައި ﷲއަށް ކުއްތަންވުމުގެ ގޮތުން ހިފާ ރޯދައެވެ. ފަރުޟު ރޯދައިގެ ތިން ބާވަތެއް ވެއެވެ. އެއީ ރަމަޟާންމަހުގެ ރޯދައާއި، ކައްފާރާގެ ގޮތުގައި ހިފަންޖެހޭ ރޯދައާއި، ނަދުރު ބުނެގެން ތިމާ އަމިއްލަ ނަފުސުގެ މައްޗަށް ފަރުޟުކޮށްގަންނަ ރޯދައެވެ.
މީގެ ތެރެއިން މިތާނގައި ތަފްސީލުކޮށް އަލިއަޅުވާލެވޭނީ ރަމަޟާންމަހުގެ ރޯދައިގެ މައްޗަށެވެ. ރަމަޟާންމަހުގައި، އެމަސް ފެށުނީއްސުރެ ނިމެންދެން، ކޮންމެ ދުވަހަކު ރޯދަހިފުން މާތް ﷲ ވަނީ ފަރުޟުކުރައްވާފައެވެ. މިއީ އިސްލާމްކަމުގެ ރުކުން ތަކުގެ ތެރެއިން ހަތަރުވަނަ ރުކުނެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِلنّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَهْرَ فَلْيَصُمْهُ – سورة البقرة: 184 (ތެދުމަގުގެ ތެރެއިންނާއި ޙައްޤާއި ބާޠިލު ވަކިވުމުގެ ގޮތްތަކުގެ ތެރެއިން ފައުޅުވެގެން ހުރި ހެކިތަކެއް ކަމުގައްޔާއި މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައި ޤުރްއާން އެމަހެއްގައި ބާވައިލެއްވި ރަމަޟާންމަހެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން އެމަސް ދުށްމީހާ (ތަނުގެ ގޮތުންނާއި ވަގުތުގެ ގޮތުން އެމަހާއި ލައްވާލިމީހާ) އެމަސް ފެށުނީއްސުރެ ނިޔަލަށް ދާންދެން ރޯދަހިފާހުށި ކަމެވެ.)
ރަމަޟާންމަހު ރޯދަހިފުން ފަރުޟުކުރެއްވުނީ ހިޖްރައިން ދެވަނަ އަހަރުއެވެ. ރޯދަ ފަރުޟުކުރެއްވުމުގެ ޙިކުމަތަށް ބަލާއިރު ކީރިތި ޤުރްއާނުގައި އޭގެ އެންމެ ބޮޑު ޙިކުމަތް ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައި ވެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُم لَعَلَّكُمْ تَتَّقُونَ – سورة البقرة: 183 (އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންނަށް ފަރުޟުކުރެއްވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟުކުރެއްވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރިވޭތޯއެވެ.) މީގެ އިތުރުން ރޯދައިގެ ފައިދާތަކުގެ ތެރޭގައި ޞިއްޙީގޮތުން ހަށިގަނޑަށް ގިނަގުނަ ފައިދާވުމާއި، ދުނިޔަވީ އެދުންތަކާއި ދުރުހެލިވުމަށް ނަފުސު ތަރުބިއްޔަތު ކުރުމާއި، އަނެކުންގެ ޙާލު ތިމާއަށް އިޙްސާސުކުރެވުން ހިމެނޭކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
އެހެންކަމުން، ގަދަވެ ހެޔޮ ޙާލުގައި ހުރެ ރަމަޟާން މަހާއި ދިމާވެއްޖެ ކޮންމެ މުސްލިމަކު (ރޯދަ ދޫކޮށްލަންޖެހޭފަދަ އުޒުރެއް މެދުވެރި ނުވާހާހިނދަކު) އެމަސް ފެށުނީއްސުރެ ނިމެންދެން ރޯދަހިފައި އޭގެ ފައިދާ ލިބިގަތުން ހުއްޓެވެ.