ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ އިޓަލީގެ ދެމީހެއްގެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން އެމީހުން ފުރުވާލި މައްސަލަގެ ތަފްސީލީ ރިޕޯޓެއް ހޯދުމަށް ރަޝިޔާއިން އެދިފައި ނުވާކަމަށް މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް މިހެން ވިދާޅުވީ ރަޝީޔާ ސަރުކާރުން އެފަދަ ރިޕޯޓަކަށް އެދިފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާތީ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. "އެއީ ޙަގީގަތެއްނެތް ދޮގުވާހަކައެއް. ރެއާ ހަމައަށް އެފަދަ ކަމެއް އޮޅުންފިލުވަން ރަޝީއާއަކުން މިނިސްޓްރީ (ފޮރިން) ގައި އެދިފައެއްނެތް،" މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ކަރަންޓީނު ކުރި މީހުންގެ ތެރެއިން އިޓަލީގެ އެ ދެމީހުންގެ ސާމްޕަލްތައް ނަގައިފައި ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުން ފުރުވާލައިފައެވެ. އެހެންމަމަވެސް އެމީހުންގެ ނަތީޖާ ލިބުނުއިރު އެމީހުންވަނީ ޕޮޒިޓިވްވެފައެވެ. އޭރު އެމީހުންވަނީ ޖައްވުގެ ތެރޭގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބާބޫބަކުރު ވިދާޅުވެފައިވަނީ އެއީ ލިބުނު ފިލާވަޅެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ނަތީޖާ ލިބުމުން ވަގުތުން އެބޯޓަށާއި، ބޯޓު އޭރު ދަތުރު ކުރަމުންދިޔަ މަންޒިލަށް އެމައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އެ ދެމީހުން ދަތުރުކުރި އެބޯޓުގައި 358 މީހުން ދަތުރު ކުރިއެވެ. އެ ބޯޓު ރަޝީއަށް ދިއުމުން ބައެއް މީހުން ވަނީ ކަރަންޓީނު ކޮށްފައެވެ. އަދި ބައެއްމީހުންވަނީ ތިންގަޑިއެއްހާ އިރަށް އެއާޕޯޓުގައި މަޑުކުރުވައިފައެވެ.
ރާއްޖޭގައި އެމީހުން ކަރަންޓީނު ކުރީ 14 ދުވަހަށެވެ. އެމީހުންގެ ސާމްޕަލް ނެގުމަށްފަހު ފުރުވާލީ 14 ވަނަ ދުވަހުއެވެ. އެ މީހުން ފުރުވާލީ 14 ވަނަދުހު ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނުމުން އެކަމަށް އޮންނަ ޕްރޮޓްކޯލްގެ ތެރެއިން ކަމަށް ވެސް މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ.