ކޮވިޑް-19 : ޑޮކްޓަރުންގެ އިލްތިމާސް: ރިލެކްސް މޯޑަކަށް އަދި ނުދޭ, ގޭގައި މަޑުކުރޭ!

ފަސް މީހުން ރަނގަޅުވެ އިތުރު ބަލިމީހަކު ނުފެންނަތާ ހަފްތާއެއް

  • ކޮވިޑް 19 އަށް އިތުރު މީހަކު ޕޮސިޓިވް ނުވާތާ މިހާރު ވަނީ ހަފްތާއަކަށްވުރެ ގިނަވެފައެވެ. ރާއްޖޭގައި މީހާތަނަށް މިބައްޔަށް ޕޮސިޓިވްވީ 13 މީހުންނެވެ. އޭގެތެރެއިން ފަސް މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު މިބަލި ޖެހިފައިތިބި މީހުންގެ ޢަދަދަކީ އަށެކެވެ. ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ.

ކޮވިޑް- 19 ގައި ރާއްޖޭގައި އެންމެ ސީރިއަސް ޙާލަތަށް ދިޔަ ބަލިމީހާވެސް، ﷲ ގެ ރަޙްމަތާއެކު މިވަނީ ފަރުވާދެވި ރަނގަޅު ކުރެވިފައެވެ. ބަލިން ރަނގަޅުވާ މީހުނަށް ދެވަނަ ފަހަރުވެސް ބަލި ޖެހުމުގެ ފުރުޞަތުއޮވެއެވެ. އެހެންކަމުން އިތުރަށް ދެހަފްތާއާއި ހަތަރު ހަފަތާގެ މުއްދަތަށް ބަލިން ރަނގަޅުވި މީހުން ވެސް އެކަހެރިކޮށް ބައި ތިއްބަންޖެހެއެވެ.

ބަލިން ރަނގަޅުވާ މީހުން އިތުރުވާވަރަކަށް މަގުތަކުގައި މީހުން ވެސް އިތުރު:

ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވާ ވަރަކަށް މާލޭގެ މަގުތަކުގައި އާންމު ތަންތަނުގައި ކުރިއަށް ވުރެ މީހުން އިތުރުވާހެން ހީވެއެވެއެވެ. މިދަނޑި ވަޅަކީ ބިރުގަނޑާލައި "ރިލެކްސް" ވެ ބޭރުތެރޭގައި އުޅެންވީ ވަގުތެއް ނޫންކަމަށް ޑޮކްޓަރުން ދަނީ ވިދާޅުވަމުންނެވެ. ރިލެކްސް މޯޑަކަށް ދިޔަހެން ހީވެ މަގުތަކާއި އާންމުތަންތަނަށް މީހުން ތޮއްޖެހި އުޅޭ ޙާލަތަށް އަދި ނުދާކަމަށް ތަކުރާރުކޮށް ޑޮކްޓަރުން ދަނީ ވިދާޅުވަމުންނެވެ. މިހާރު މިއޮތް ޙާލަތު ގޯސްކޮށް ރަނގަޅު ކުރުމުގެ ބާރާއި އިޚްތިޔާރަކީ ޑޮކްޓަރުންނާއި ނަރުހުންގެ އަތުގައި އޮތް ބާރެއް ނޫނެނެވެ. އަމިއްލަ ފަރުދުންގެ އަތުގައި އޮތް ބާރަކާއި އިޚްތިޔާރެކެވެ. މިބަލީގެ ވަބާ އެންމެ ބޮޑަށް ފެތުރި އެތައްހާސް ބަޔަކު މަރުވެގެންދާ ޤައުމުތަކުން ތަޖްރިބާކުރި، އަޅުގަނޑުމެންނަށް ފެންނަން އޮތް ހަޤީޤތަކެވެ. އެހެންކަމުން އަދިވެސް މިއޮތީ އެކަހެރިވެ ގޭގައި މަޑުކޮށްގެން ތިބެންޖެހޭ ހާލަތެއްގައިކަމަށް ޑޮކްޓަރުން ދަނީ ތަކުރާރުކޮށް ވިދާޅުވެ އެކަމަށް އާދޭސް ކުރަމުންނެވެ.

"އަދިވެސް މިނުރައްކާ ކުޑަވީކީއެއް ނޫން. ބޭރަށް ނުކުމެއުޅޭކަމަށްވާނަމަ، މުޖުތަމަޢުގެ ތެރޭގައި ބަލި އުޅޭކަމަށްވާނަމަ، ފެތުރުމުގެ ޗާންސް ވަރަށް ބޮޑުވާނެ. ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅައިފައި ވަނީ ޗެއިން އޮފް ކޮމިޔުނިކޭޝަން (ގުޅުންތަކުގެ ޗޭނު) މެދުކަނޑާލުމަށް. އެހެންވީމާ މިބްރޭކްކޮށްލުމަށް ކުރާ މަސައްކަތަށް އާއްމުންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާނެ. ސަބަބަކީ އެންމެ މީހަކު ޕޮސިޓިވް ވުމަށްފަހު ދެން ކުރަންޖެހޭ މަސައްކަތް އެއީ ވަރަށް ގިނަ މަސައްކަތް. އެތައް ބަޔަކު ކަރަންޓީން ކޮށް އެތައް ބަޔަކު ޓެސްޓްކުރަން އެބަޖެހޭ. އަދި އެތައް ބަޔަކު ވަރަށް ބޮޑު ޓްރެސްއަކަށް އެބަދޭ." ކޮވިޑް 19 ށް ފަރުވާ ދެއްވާ، ނޭވާލާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރ މުޙައްމަދު އިސްމާޢީލް އޭނާގެ ތަޖްރިބާ ހާމަކުރައްވަމުން ވިދާޅުވިއެވެ.

ޑޮކްޓަރުންގެ ދައްކަވާ ވާހަކަތަކުން އެނގޭ ގޮތުގައި އެކަކު ޕޮސިޓިވް ވިއަސް ކުރަންޖެހޭ މަސައްކަތްތައް އެތަށް ގުނައަކަށް އިތުރުވެއެވެ. އެއްފަހަރާ އެކަކަށްވުރެ ގިނަ މީހުން ޕޮސިޓިވް ވެއްޖެނަމަ އެމަސައްކަތް ޑަބަލްވެ އެއަށް ވުރެވެސް މައްޗަށް ދާނެއެވެ. އެތައްބަޔަކު ލައްކަ މަސައްކަތް ކުރަންޖެހޭނެއެވެ. އެކަމަށް އެތައް ޚަރަދެއްވެސް ހިނގާނެއެވެ.

"ކިރިޔާވެސް މީހަކު ކެއްސާ ކިބިހި އަޅާ ހަދާއިރަށް އަޅުގަނޑުމެން ވަރަށް ބޮޑު އެލާޓަކަށް އަންނަން އެބަޖެހޭ. ވަރަށް ބޮޑެތި ޕްރެކުއޭޝަންތަކެއް ނަގައިގެން ޓެސްޓްކުރަން. މިކަމުގައި އެތައް ބަވަރު ޑޮކްޓަރުންނެއް އެތައް ބަވަރު ނަރުހުންނެއް އަދި ހަމަ އެތައް ބައިވަރު ސަޕޯޓިވް ސްޓާފުންނެއް މަސައްކަތް ކުރަން އެބަޖެހޭ. މީހަމަ އެންމެ މީހަކު ޕޮސިޓީވް ވުމަށްފަހު އެމީހާއާ ގުޅުންހުރި މީހުންގެ ކަންތައްތައް ބެލެހެއްޓުމަށް ޓަކައި އަދި އޭގެއިތުރުން ފުލުހުންނާއި ސިފައިންނާ ޕަބަލިކް ހެލްތް ސްޓާފުންނާއި އިމަޖެންސީ ސްޓާފުންނާއި ހުރިހާ މީހުންވެސް އެކަމުގައި ވަރަށް ބުރަކޮށް އުޅެން ޖެހެނީ. އެހެންވީމާ އާމްމުފަރުދުން މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. މިކުރައްވާ އިލްތުމާސްތަކަށް ވަރަށް ބޮޑަށް އެބަސަމާލުވާންޖެހޭ. ސަބަބަކީ އަޅުގަނޑުމެން ރިލެކްސް ވާހިސާބަށްނުދޭ. ސޯޝަލް އައިސޮލޭޝަން ޑިސްޓެންސިންގ ކުރިއަށް ގެންދަން އެބަޖެހޭ." ޑރ އިސްމާޢީލް ވިދާޅުވިއެވެ.

ފިޔަވަޅުތަކުގެ ބޭނުމަކީ ގޭގައި ތިބުމަށް ބާރުއެޅުން

މިބަލީގެ ތަޖްރިބާއަށް ބަލާއިރު ބަލިފެތުރި މީހުން އިތުރުވެގެން ގޮސްފައިވަނީ ދެތިން ހަތަރު ހަފަތާގެ ތެރޭގައެވެ. އެހެން ކަމުން އެތަޖްރިބާއަށް ބާލާ ރާއްޖޭގައިވެސް ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި މިވަނީ 30 ދުވަހަށް އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައެވެ. މިޙާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް ބައެއް ކަންކަން ލާޒިމްކޮށް ބައެއް ކަންކަން މަނާކޮށްފައެވެ. އައިސޮލޭޝަން ނުވަތަ އެކަހެރިކޮށްފައި ބައިތިއްބަންޖެހޭ ތަންތަނާއި ވަޞީލަތްތައް އިތުރުކޮށްފައެވެ.

ރިސޯރޓްތަކަށް އަރައިފޭބުން ވަނީ މަނާކުރެވިފައެވެ. ހަމައެކަނި އެރިސޯރޓްތަކަށް ދާ ފަތުރުވެރިން ފިޔަވައެވެ. އެއީ ވެސް މޮނިޓަރިންގ ޙާލަތުގައި އޮންނަ ރިސޯޓްތައް ފިޔަވައެވެ. ޓޫރިސްޓް ސަފާރީ ތަކުގެ ދަތުރުތައް ވެސް ވަނީ މެދު ކަނޑައިލައިފައެވެ. ދިވެހިންނާއި ފަތުވެރިނަށްވެސް ވަނީ ދަތުރުދިއުމާއި ތަންތަން ބަލާލަން ދިއުން ފަދަ ކަންކަން މަނާ ކުރެވިފައެވެ. ގެސްޓްހައުސް ތައްވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ޑެލިވަރީ ކޮށްދިނުމާއި ޓޭކްއަވޭގެ ޚިދުމަތް ފިޔަވައި، ކެއިންބުއިމުގެ ޚިދުމަތްދޭ ކެފޭ ރެސްޓޯރަންޓްތަކުގެ ޚިދުމަތް ވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ސްކޫލުތަކާއި ޓިއުޝަން ކްލާސްފަދަ ތަންތަނާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި ކޮލެޖްތަކާއި ޔުނިވަރ ސިޓީތައް ވެސް ދެ ހަފަތާއަށް ވަނީ ބަންދު ކޮށްފައެވެ. އާންމުން އެންވެ އުޅޭ ފާކްތަކާއި މައިޒާންތައް ވެސް މިވަނީ ބަންދުކޮށްފައެވެ. ހަމައެހެންމެ ސަރުކާރުގެ އޮފީސްތައް މިމަހު 19 އިން ފެށިގެން 10 ދުވަހަށް ވަނީ ބަންދުކޮށްފައެވެ. ރާއްޖެއަށް އަންނަ ފަތުރިވެރިން ފިޔަވައި ކޮންމެ މީހަކުވެސް 14 ދުވަސް ވަންދެން ހުންނަން ޖެހޭނީ އައިސޮލޭޝަންގައި އެކަހެރިވެއެވެ. މުސްލިމުންގެ އެންމެ މުޤައްދަސް ބިނާތަކަމުގައިވާ މިސްކަތްތަކުގައި ވަނީ ޖަމާޢަތުގައި ނަމާދުކުރުންވެސް ހުއްޓުމަކަށް ގެނެސްފައެވެ. މީހުން އެއްވެ އުޅެންޖެހޭ ހުރިހާ ކަންކަމެއް ހެން މިވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

މިފިޔަވަޅުތަކުގެ ބޭނުމަކީ މީހުން އެއްވެ އުޅުން މަދު ކުރުމެވެ. އެކަހެރިވެ އުޅުމަށް ބާރު އެޅުމެވެ. ކޮރޯނާ ވައިރަހަކީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް ކަމުން ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ މީހުން އެއްވެ އުޅުން މަދު ކުރުމެވެ. އަދި އަލާމަތްތައްހުރުމުގެ ފުރުޞަތު އޮތް މީހުންނާއި އަލަމާތާތްތައް ހުރި މީހުންނާއި ޕޮސިޓިވްވި މީހުންނާ ކޮންޓެކްޓް ވި މީހުން ދެނެގަނެ އެކަހެރިކުރުމެވެ. ރާއްޖޭގައި ވަރަށް ހަރުދަނާކޮށް އެކަން ދަނީ ކަމާބެހޭ ފަރާތްތަކުން ކުރަމުންނެވެ. ނަމަވެސް އެފިވަޅުތަކަށް ޢަމަލު ކުރަން ތިބި ބަޔަކީ އާއްމު ރައްޔިތުންކަމަށްވާއިރު ރައްޔިތުންގެ އެއްބާރުލުން ނުލިބި ނުވަތަ ފަރުދީ ޒިންމާއާ ނުލައި މިއިން އެވެސް ފިޔަވަޅެއްގެ ހެޔޮ ނަތީޖާއެއް ނުފެންނާނެއެވެ. އޮފީސްތައް ބަންދު ވުމުންމުން ފުރަފުރައިގެން މީހުން ރަށްރަށަށް ދާންފެށީއެވެ. ޑީޖީގެ އަމުރާ ޚިލާފަށް ރިސޯޓްތަކަށް ވެސް އަރައިފައިބަނީއެވެ. މިހާރުވެސް އެފަދަ ފަސް މައްސަލައެއް ފުލުހުން ދަނީ ތަޙްޤީޤްކުރަމުންނެވެ.

ޑޮކްޓަރުން މި ބަލީގެ ނުރައްކާތެރިކަމުގެ އިންޒާރުދީ ބޭރުތެރޭގައި ނޫޅުމަށާއި ގޭގައި މަޑުކޮށްގެން ތިބުމަށް ރޮއެ އާދޭސް ކުރަމުން ދާއިރުވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އަދިވެސް ނުރައްކާތެރި މަރުގެ މި ވައިރަހާ މެދު "ސީރިއަސް" ވެވުނު ހެނެއް ހިޔެއް ނުވެއެވެ. މަގުތަކުގައި ހޭލަމޭލަ ވަނީ އެވެ. ތިޔަހެން އުޅެނިކޮށް މަރުގެ ވައިރަސް އައިސް އަޅުގަނޑުމެނަށް ހަމަލާ ދޭނީ ކޮންއިރަކުންކަމެއް ނޭނގެއެވެ. ބަލިޖެހިފައިވާ ޢަދަދު މިހާރު އަށެއްގައި އޮތަސް އެ ޢަދަދު އެތައް ގުނައެއްވާ އެއް ދުވަސް ވެސް ނުނަގާނެއެވެ. އަލާމާތެއް ފެންނުނަސް ޕޮސިޓިވް މީހަކާ ކޮންޓެކްޓް ވިއަސް އެކަހެރިވެ ހުރެ، ސިއްރު ނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯރޓްކުރާށެވެ. ފަރުދީ ޒިންމާ އަދާކުރާށެވެ. ގޭގައި މަޑުކުރާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.