އަޅިކޮޅު: އަހަރެން ނުހޮވުނީ އިދިކޮޅު ޕާޓީގެ މީހުން ވައްކަން ކުރީމައެވެ. އެ މީހުން ވޯޓު ގަތީއެވެ. ބިރު ދެއްކީއެވެ. ނުފޫޒުގެ ބޭނުން ކުރީއެވެ.
ދެލިކޮޅު: ކޮންމެ ސަބަބެއް އޮތަސް ތަކުރުފާނު އެހެރީ ހޮވިފައެވެ. ދެން ކުރެވޭނޭ ކަމެއް ނެތެވެ.
އަޅިކޮޅު: ނޫނެކެވެ. ކުރެވޭނޭ ކަންތައް ބައިވަރެވެ. ހަނގުރާމަ ކުރިއަށް އޮތީއެވެ. ތަކުރުފާނު ބަދުނާމު ކުރުމުގެ ސިލްސިލާ ފަށަން ވީއެވެ.
ދެލިކޮޅު: ތިޔައީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ތަކުރުފާނުގެ މަސައްކަތް ވަރަށް ބަރާބަރު ކަމަށް ގިނަ ބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ. އެހެންވީމާ ބަދުނާމު ކުރާން ދައްކާ ގިނަ ވާހަކަ ދާނީ ވަޔަށެވެ.
އަޅިކޮޅު: އޭނާ ކުރާ ކަމަކީ ވައްކަން ކުރުމެވެ. އޮޅުވައިލުމެވެ. އެހެން ކަމެއް އެބަ ކުރޭ ހެއްޔެވެ؟
ދެލިކޮޅު: ތިޔަހެން ކިޔާތާ ކިތަންމެ ދުވަހެކެވެ. ކުރި ފައިދާއެއް ނެތެވެ. ދެނަހުރިން ހެއްޔެވެ؟ ޑަވިޔަނި އަތޮޅުގެ ކަނބުރުފުށްޓައް އުދަ އަރައި ލިބުނު ގެއްލުން ބަލާން އެ ރަށަށް ދާން އޭނާ އެބަ ތައްޔާރު ވެއެވެ.
އަޅިކޮޅު: އެހެން ހެއްޔެވެ؟ މިއީ ރަނގަޅު ދަނޑިވަޅެކެވެ. އަވަހަށް އިދިކޮޅު ޕާޓީގެ ބަޔާން ތައްޔާރު ކުރާށެވެ. ލިޔާނީ ދެ ބަޔާނެވެ. އެއް ބަޔާނުގައި ލިޔާށެވެ. ކަނބުރުފުށްޓައް ލިބުނު ގެއްލުން ބަލާން ވީހައި އަވަހަކަށް ދާން ވީމާ ތަކުރުފާނު އެ ދަނީ ކަނޑު މަގުންނެވެ. އެ ރަށަށް ފޯރާނީ ހައެއްކަ ގަޑިއިރުންނެވެ. އޭގެ ބަދަލުގައި މަތިންދާބޯޓުގައި ދިޔަނަމަ ބައިގަޑިއިރުގެ ތެރޭގައި ދެވޭނެއެވެ. މިހިރީ މި ތަކުރުފާނުގެ ވިޔާނުދާ ކަމެވެ.
ދެލިކޮޅު: ދެވަނަ ބަޔާނުގައި ލިޔާނީ ކީކޭ ހެއްޔެވެ؟
އަޅިކޮޅު: ދެވަނަ ބަޔާނުގައި ލިޔާށެވެ. ކަނބުރުފުށްޓައް ލިބުނު ގެއްލުން ފޫބައްދާން ޚަރަދު ކުރަން ހުރި ފައިސާ ތަކުރުފާނު ޚަރަދު ކުރަނީ މަތިންދާބޯޓު ކުއްޔަށް ހިފާށެވެ. ވިހި ތިރީސް މީހުން ގޮވައިގެން ވައިގެ މަގުން ދިއުމުގެ ބަދަލުގައި ދެތިން މީހުން ގޮވައިގެން ކަނޑުމަގުން ދިޔަ ނަމަ އެ ފައިސާކޮޅު ރައްކާކުރެވުނީހެވެ. އެ ފައިސާއިން އެ ރަށުގެ ހާލަތު ރަނގަޅު ކުރެވުނީހެވެ.
ދެލިކޮޅު: މިހައި ތަފާތު ދެ ބަޔާނުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
އަޅިކޮޅު: ތަކުރުފާނު ދަތުރު ކުރާ ގޮތެއް ބަލާން ކަލޭ ހުންނާށެވެ. ކަނޑުމަގުން ދިޔައިއްޔާ ފުރަތަމަ ބަޔާން ނެރޭށެވެ. ވައިގެ މަގުން ދިޔައިއްޔާ ދެވަނަ ބަޔާން ނެރޭށެވެ.