މުގާބިލާ - 39

(14 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

އެނބުރި އޮފީހަށް އައިސް ޢަދްނާން ގުޅައިލީ ސުލައިމާނާއެވެ. ދެތިން ރަސްމީ ވާހަކައަކަށް ފަހު ސުލައިމާން އަހައިލިއެވެ. "މޫސުން ކިހިނެއް؟"

"މިހާރު އޮތީ ރަނގަޅަށް. އެކަމަކު އަހަންނަށް ހީވާ ގޮތުގައި ހެނދުނު ހަތަކުން ފެށިގެން ރޭގަނޑު އެގާރަޔާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ. ވިމްބްލްޑަންގެ ފުރަތަމަ މެޗު ކުޅެވޭނޭ ހެންނެއް ހިޔެއް ނުވޭ."

"ތިޔަހެންނެއް ނުވާނެ."

"ބާޖުމަަރަން ކެެރޭނެ؟"

"މައްސަލައެއް ނެތް. ދިހަ ހާސް."

"އެންމެ ރަނގަޅު. މާދަމާރޭ އަހަރެން ނުގުޅައިފިއްޔާ މޫސުން ރަނގަޅު ނޫނީ ކަމަށް ބަލާ. އަހަންނަށް ގުޅާލާތި."

އެ ބުނި އެއްޗެއްގެ މާނަ ސުލައިމާނަށް ވިސްނިއްޖެއެވެ. "އެންމެ ރަނގަޅު. ގުޅައިލާނަން."

* * *

އަނެއް ދުވަހު ސަަހައްދީ ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ދަރުމަ ކާގެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ސަރުކާރުން ނޫސްބަޔާނެއްވެސް ނެރުނެވެ. ހުރިހައި ކަމެއް ނިމުނީމާ ސުލައިމާން ނޫސްވެރިންނާ ބައްދަލު ކުރިއެވެ. އެމީހުންނާ ވާހަކަދައްކަމުން އޭނާ ގަސްތުކޮށްފައި އޮތްގޮތް ވަރަށް ފާޅުކޮށް ހާމަކޮށް ދިނެވެ. މައްސަލަ ސަރިޔަތަށް ގެންދާނޭ ވާހަކައާއި ސީދާ މަރުކަޒީ ސަރުކާރަށް ހުށަހަޅާނޭ ވާހަކަވެސް ބުންޏެވެ.

ވިދިގެން އައި ދުވަހުގެ ނޫސްތަކުގެ އެންމެ ފަލަ ސުރުޚީއަކީ އެއީއެވެ. ސަރުކާރުން ކޮންޓުރޯލު ކުރާ ދެ ނޫހެއް ފިޔަވައި އެހެން ހުރިހައި ނޫހަކުން މިކަން ހިނގައިދިޔަ ގޮތް ކަމުނުދާ ވާހަކަ ލިޔެ ކުށްވެރިކޮށްފައި ވެއެވެ. އެ ދުވަހު ފޯނާ ދުރަށް ދާނޭ ވަގުތެއް ސުލައިމާނަކަށް ނުވެއެވެ. އޭނާގެ މައްސަލައިގައި ކޯޓުގައި ހިލޭސާބަހަށް ވަކާލާތުކޮށްދޭން އެދި ވަކީލުންވެސް ގުޅިއެވެ. ބައެއް މީހުން ބުނި ގޮތުގައި އެމީހުން މިހާރު ގެންދަނީ އަދުރެއް (ޕެޓިޝަނެއް) ތައްޔާރުކޮށް މީހުން ލައްވައި ސޮއިކުރުވަމުންނެވެ. އޭގައި ސުލައިމާން ލައްވައި ސޮއި ކުރުވާން އެމީހުން ބޭނުންވެއެވެ.

ސުލައިމާން ވަރަށް ރަނގަޅަށް ބަލައި ވިސްނައި ހެދުމަށް ފަހު މޮޅު ވަކީލަކު އައްޔަން ކޮށްފިއެވެ. ހަމަ އެދުވަހު އަދުރުވެސް ސަރުކާރާ ހަވާލުކޮށް ނިންމައިފިއެވެ. އޭގެ ނަކަލެއް ކޯޓަށްވެސް ހުށަހެޅިއެވެ. ކާގެޔާ ހަވާލުވާން ކޯޓު އަމުރަކަށްވެސް އޭނާ އެދުނެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާނޭ ކަމަށް ކޯޓުން އެންގީ ތިން ދުވަސް ފަހުންނެވެ.

އޭގެ އެއް ދުވަސް ފަހުން ފެނުނީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. އާއްމުން މަގުމައްޗަށް ނުކުމެއްޖެއެވެ. އެއީ ސުލައިމާންގެ އުކުޅެއްގެ ސަބަބުން ވީ ކަމެކެވެ. ކާގޭގައި މަސައްކަތް ކުރާ ހުރިހައި މުވައްޒަފުން ވަގުތީ ގޮތުން ގެއަށް ފޮނުވައިލީއެވެ. ނަތީޖާއަކީ ކާގެ ހިންގާން އުނދަގޫވާން ފެށުމެވެ. ވަކި ކުރި މީހުން ސުލައިމާން ގާތަށް އައެވެ. ފުރަތަމަ ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. ދެވަނަ ދުވަހު އެމީހުން އިހުތިޖާޖު ކޮށްފިއެވެ. އެމީހުންނާ ބައިވެރިވާން ވަރަށް ގިނަ މީހުން ނުކުތެވެ. ފުލުހުންނަށް މީހުން މައިތިރި ކުރެވޭ ގޮތް ނުވެގެން ލަޓިބުރީގެ ބޭނުން ކުރިއެވެ. އެތައް ބަޔަކަށް އަނިޔާވިއެވެ. މި މަންޒަރުތައް ޓީވީން ދެއްކިއެވެ. ނޫހަށް ފޮޓޯ އަރައިފިއެވެ.

އަނެއް ދުވަހު މީހުން ނުކުތީ ވަކިހެނެއް ބަލައިފައެއް ނޫނެވެ. މުޅި ރަށަށް އިހުތިޖާޖު ފެތުރިއްޖެއެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު އައިސް ކާގެ ވަށައިލައިފިއެވެ. ބައެއް މީހުން އެތެރެއަށް ވަދެ އެތަން ހިފަންވެސް މަސައްކަތް ކުރިއެވެ. އެޔާއެކު ފުލުހުން ބަޑި ޖަހައިފިއެވެ. ފުލުހުންގެ އުންޑަ އަރައިގެން ތިން މީހުން މަރުވެއްޖެއެވެ.

އޭރުވެސް ސުލައިމާން ގެންދިޔައީ ރަސްމީ ހުރިހައި މަގަކުން މަސައްކަތް ކުރަމުންނެވެ. އޭނާ ގެންދިޔައީ ކާގެޔާ މެދު ފިކުރު ކުރުމުގެ އިތުރަށް ވިމްބްލްޑަންއާ މެދުވެސް ވިސްނަމުންނެވެ. ޚަބަރު ލިބުނު ގޮތުގައި ފުރަތަމަ ދުވަހުގެ މެޗުތައް ހަމަ އެއްގޮތަކަށްވެސް ކުޅެވޭ ގޮތެއް ނުވިއެވެ. ހެނދުނު ވާރޭ ވެހޭން ފެށްޓި ގޮތަކަށް ހުއްޓައެއް ނުލިއެވެ. އޭނާ އެ ދުވަހު ޢަދްނާންގެ ފޯނަކަށް އިންތިޒާރު ކުރިއެވެ. އެކަމަކު އޭނައެއް ނުގުޅިއެވެ. އެހެންވީމާ މޫސުން ރަނގަޅު ނޫނީކަން އޭނާއަށް އެނގުނެވެ. އެކަމަކު ވިމްބްލްޑަންގެ އިންތިޒާމީން ޢަދްނާނަކަށް ނުއެއް ގުޅިއެވެ. ދެވަނަ ދުވަހު ވާރޭ ވެހިގެން ނުކުޅެވިއްޖެއްޔާ އެމީހުން ގުޅާނޭކަން ޢަދްނާނަށް އެނގެއެވެ.

ސުލައިމާން ޢަދްނާނަށް ގުޅައިލިއެވެ. "ކޮބާ... ޚަބަރު އޮތީ ކިހިނެއް؟"

"އަހަރެން މޮޅުވީ. އެންމެ މެޗެއްވެސް ނުކުޅޭ. އަހަރެން ބުނި ގޮތަށް ވާރޭ ވެހުނީ."

"އެންމެ ރަނގަޅު. ތިޔައީ މިއަދު ވީގޮތް. މާދަމާ ތިޔަހެންނެއް ނުވާނެ."

"އަހަންނަށް ލަފާ ކުރެވޭ ގޮތުގައި މާދަމާވެސް ނުކުޅެވޭނެ. ހަމަ މިއަދު ވެހުނު ވަރަށް ވާރޭ ވެހޭނެ."

"މާދަމާ ނުވެހޭނެކަން އަހަންނަށް ކަށަވަރު."

"ބާޖުމަރާ..."

"އެންމެ ރަނގަޅު. މި ފަހަރު ވިހި ހާސް."

"އެންމެ ރަނގަޅު."

"ވިޔަފާރީގެ ކަންތައް ރަނގަޅަށް ކުރިއަށް ދަންޏާ އަހަރެން މާދަމާ ފޯނު ކުރާނަން." ޢަދްނާންބުންޏެވެ. "އެހެން ނޫނީ ކަލޭ ގުޅައިލާތި."

އެކަން ދާނީ ކިހިނެއްކަން އެ ދެމީހުންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. ސުލައިމާން ހިތްހަމަޖެހުމުގެ ނޭވައެއް ލިއެވެ. ޝައިޠާނާ މޮޔަ ހެއްދުމަކީ ކުރެވިދާނޭ ކަމެއްކަން މިހާރު އެނގިއްޖެއެވެ. ޢަދްނާން އެސޯސިއޭޓްސް އިންޓަރނޭޝަނަލްގެ ކާމިޔާބީއަކީ އޭނާގެ ކާމިޔާބީއެއް ކަމެއް ޝައިޠާނާއަކަށް ނޭނގުނެވެ.

ކޯޓުގައި އޮތް ފުރަތަމަ އަޑު އެހުމުގައި ސުލައިމާން ބޭނުންވެގެން އުޅުނު ކޯޓު އަމުރު ލިބިއްޖެއެވެ. މައްސަލަ ވަކި ގޮތަކަށް ނިމޭންދެން ކާގޭގެ އެއްވެސް ކަމަކާ ސަރުކާރުން ބެހިގެން ނުވާނޭ ކަމަށް ކޯޓުން އަމުރުކޮށްފިއެވެ. އެއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ކާމިޔާބީގެ ސަބަބުން އޭނާގެ މަޝްހޫރުކަން އެތައް ގުނައަކަށް އިތުރު ވެގެން ހިނގައްޖެވެސްމެއެވެ.

* * *

ފުރަތަމަ ދުވަހު އެވަރަށް ވާރޭ ވެހުނީމާ ގޯލްޑްސްމިތު ހައިރާންވިއެވެ. އެކަމަކު އެއީ މާ ބޮޑު ކަމެއް ކަމަކަށް ނުބަލައެވެ. އޭނާ ހައިރާންވީ އިރު އެރި އިރު އުޑުމަތި ނުލާހިކު ސާފުކޮށް އޮވެފައި ކުއްލިއަކަށް އުޑުމައްޗަށް ވިލާތައް ޖަމާވާން ފެށްޓީމައެވެ. މާ ގިނަ އިރުތަކެއް ނުވެ އުޑުމަތި ބައްދައިލުމަށް ފަހު ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. އޭނާ ހައިރާންވީ އެ އައި ކުއްލި ބަދަލާ ހެދިއެވެ. ވާރޭ ވެހިގަތް ގޮތަށް ހުއްޓައިލީ ރޭގަނޑު އެގާާރަ ޖެހި ފަހުންނެވެ.

މޫސުމާ ބެހޭ އިދާރާގެ ވެރިއެއްގެ ގޮތުގައި އޭނާގެ އެކުވެރިއަކު އުޅެއެވެ. އޭނާގެ ނަމަކީ މޯރގަން ވައިޓެވެ. އޭނާ ރޭގަނޑު ބާރަޖެހި ވަގުތު މޯރގަންއަށް ފޯނު ކުރިއެވެ. "ކަލޭގެ މަހުކަމާވެސް މިހާރު ކޫސަނި ތަނަކަށް ވެ ނިމެނީ ދޯ؟" އޭނާ ސަމާސާ ރާގަކަށް ބުނެލިއެވެ.

"ނޫނޭ..." މޯރގަން ބުންޏެވެ. "މިއަދު އަހަރެންގެ އޮފީހުގައިވެސް އޮތީ ތިޔަ ވާހަކަ. އަހަރެމެންގެ އަތުގައި ހުރި ސެޓަލައިޓް ފޮޓޯތަކަށް ބަލައިލީމާ ކުރިން އަހަރެމެން ލަފާކުރި ލަފާކުރުން ނުބައި ނޫންކަން އެނގޭނެ. އަހަރެމެންގެ އެއްވެސް މައްސަލައެއް ނެތް. އުޑުމައްޗަށް ވިލާތައް އަރާން ފެށި ހަމަ ކުއްލިއަކަށް."

"އެހެންވެސް ވާނެތާ ދޯ؟ މާދަމާ އޮތީ ކިހިނެއް؟"

"މި ވަގުތު އުޑުމައްޗަކު ވިލާ ރޮއްޖެއްހައި ހިސާބުވެސް ނެތް. އެހެންވީމާ މާދަމާ ވާރޭ ނުވެހޭނެކަން ވަރަށް ޔަގީން. މާދަމާ ވާނީ އަވިގަަދަ ހޫނު ދުވަހަކަށް."

"މި ފަހަރު ކަލޭމެންގެ ލަފާކުރުން ރަނގަޅު ވާނެކަމަށް އުއްމީދު ކުރަން."

* * *

ލަންޑަނުގައި ޝައިޠާނުންގެ ކުއްލި ޖަލްސާއެއް ބާއްވައިފިއެވެ. "މިއީ އަހަރެމެންނާ މުޅީން އަލަށް ލައިގަތް ބަލާވެރިކަމެއް." ލަންޑަނު އޮފީހުގެ ވެރި ޝައިޠާނާ ބުންޏެވެ. "މި މުސީބާތުގެ މައި މަރުކަޒު ހުންނަނީ ޕާކިސްތާނުގައި. ބޭރުގެ ހުރިހައި ގޮފިތަކަށް ކުރިންވެސް އޮތީ މި ކަމުގެ ޚަބަރު އަންގައިފައި. އެކަމަކު މިވަރުގެ ކަމަކާ ކުރިމަތިލާން ޖެހޭނޭ ކަމަކަށް އަހަރެން އެއްގޮތަކަށްވެސް ހިޔެއް ނުކުރަން. ތައްޔާރަށް ތިބޭން ނޭނގުނު ސަބަބަކީ އެއީ."

"އަހަރެމެންނަށް ޕާކިސްތާނުގެ ކުއްލި ހާލަތުގެ މަރުކަޒުން މެސެޖެއް ލިބުނީ މީގެ ތިން ދުވަސް ކުރީން. އޭގައި އޮތީ ހެސްކިޔައިފައި ވާރޭ ވެހޭނޭ ގޮތް ހަދާށޭ. އަހަރެމެންގެ މީހުން މަދޭ ބުނީމާ އެންގީ ހެދުނު ގޮތެއް ހަދައިގެން މި ކަންތައް ކުރާށޭ... އެހެން ނޫނީ މާތްވެގެންވާ ޗާންސެލަރު ވަރަށް ބޮޑަށް ކޯފާ ވާނެއޭ. އެކަމަކުވެސް މީހުން މަދު ވާހަކަ ކިޔައިގަތީމާ ބުނީ އަހަރެމެން ބޭނުން ކޮންމެ ގައުމަކުން... ކޮންމެ ދިމާއަކުން ޝައިޠާނުން ގެންނާށޭ. އެކި ތަންތަނުން ޝައިޠާނުން ގެނައީމާވެސް ކުރާން ޖެހޭ މަސައްކަތާ ބަލައިފައި ވަރަށް މަދު. އެހެންވީމާ ޕާކިސްތާނުން ވިހިހާސް ޝައިޠާނުންގެ ފައުޖެއް ފޮނުވީ. އެމީހުން ތެޅިފޮޅިގަނެގެން ވިލާތައް ދަމައި ނެރެގެން ގެނައީ ކޮން ތަނަކުން ކަމެއްވެސް ނޭނގޭ. ގިނަ އިރު ބޯކޮށް ވާރޭ ވެހޭނޭ ގޮތް ހެދުމަކީ އެހައި ފަސޭހަ ކަމެއް ނޫން. މިހާރު އެ ހުރިހައި އާލާތުން އެތިބީ ދެމިފައި... ވަރުބަލިވެ ގައިބާރު ދޫވެފައި. އެކަމަކު ދާދި ދެންމެއަކު އަނެއްކާވެސް އަމުރެއް އަތުވެއްޖެ. ހެނދުނު ހަތެއް ޖަހާއިރު އަނެއްކާވެސް ވާރޭގެ އިންތިޒާމު ކުރާން އެބަ ޖެހޭ. ރޭގަނޑު އެގާރަޔާ ހަމައަށް ނުހުއްޓި ވާރޭ ވެހެން ޖެހޭ. މިއަދާއި މިރޭ މަސައްކަތް ކުރި ޝަައިޠާނުން ތިބީ ހިރިނުލެވިފައޭ އަހަރެން ބުނެފިން. ވަގުތުކޮޅު ކުޑަކަމާއެކު މިހާރު ތިބި ޝައިޠާނުންނާއެކު ވާރޭގެ އިންތިޒާމު ނުކުރެވޭނޭ ކަމަށް އަހަރެން އަންގައިފިން."

"ދެނޯ؟" ޖަލްސާގެ ބައިވެރިޔަކު ސުވާލު ކޮށްލިއެވެ.

"މި ފަހަރު އެއްލައްކަ ޝައިޠާނުންގެ ޖަމާއަތެއް އެބަ އާދޭ. މޫލަވެރިންގެ (ސުޕަވައިޒަރުންގެ) ގޮތުގައި ތިބޭން ވާނީ ކަލޭމެން. އަހަރެން ބެލި ބެލުމުން އެނގުނީ މާދަމާ ވިލާ ލިބޭން އޮތީ އޮސްޓްރޭލިއާއިންކަން."

"މަރައިވައްޓައިފި..." ޝައިޠާނަކު ކަރު އެލުވައިލިއެވެ. "ތިޔަ ދިމާވީ ވަރަށް ބޮޑު ކަމަކާ."

"މިއީ ކިހިނެއް ވެގެން ކުރާން ޖެހޭ މަސައްކަތެއް ކަމެއް އަދިވެސް އަހަންނަކަށް ނޭނގޭ." އެހެން ޝައިޠާނަކު ބުނެލިއެވެ.

"އެނގޭ މިންވަރަކީ މިއީ ސީދާ މާތްވެގެންވާ ޗާންސެލަރުގެ އަމުރުފުޅެއްކަން. މިޔަށްވުރެ އިތުރަކަށް އެއްވެސް ކަމެއް ނޭނގޭ."

(ނުނިމޭ)

3 ޚިޔާލު

  1. އިބިލީހުގެ ހުރިހާ ވަސީލަތަކާއި ހަކަތަ އެއް މިދުވަސްކޮޅު ބޭނުންކުރަނީ އެންމެ އިންސާނަކު ބަލިކޮށްލަން ދޯ؟ ވަރެ އްގެ މީހަކާޢި ލައްވާލާފަ ތި އޮތީ

  2. ވަރަށް ތަފާތު! ހީ ވަނީ މަންޒަރު ލޮލަށް ފެންނަހެން ވަރަށް ހިތްހަމަ ޖެހިއްޖެ! އަނެއް ބައިގެ އިންތިޒާރުގަ އެބަހުރިން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.