ފިލިޕީންގައި ތިބި ދިވެހީންގެ ތެރެއިން 117 މީހުން އެމްބަސީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ބަނގްލަދޭޝްގައި ހުންނަ ދިވެހި އެމްސީއަށް ގުޅައިގެން ރަޖިސްޓްރީ ކުރުމަށް ދިވެހި ސަރުކާރުން އެމީހުންނަށް އެންގީ އެގައުމުގައި ކޮވިޑް-19 ފެތުރެން ފެށުމުންނެވެ.
ރަޖިސްޓްރީ ކުރި މީހުންގެ ތެރޭގައި ތިބި ކިޔަވާ ކުދިންގެ އަދަދާއި އެހެން މީހުންގެ އަދަދު އަދި ކަށަވަރެއް ނުވެއެވެ. އަދި އެގައުމުގައި ތިބި ދިވެހީންގެ ޖުމްލަ އަދަދު ވެސް އަދި ސާފެއް ނުވެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކު ވިދާޅުވީ އެމީހުންގެ ތެރެއިން އެއްވެސް މީހަކު ނުވަތަ ދަރިވަރަކު ރާއްޖެއަށް އައުމަށް އެދިފައިވާ ކަމެއް އަދި އެނގިފައި ނުވާކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ގެންދަނީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ފިލިޕީންސްގައި ތިބި ދިވެހީންގެ ހާލު ބަލަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފިލިޕީންސަކީ ރާއްޖެއަށްވުރެ ކުރީން ކޮވިޑް-19 ފެނިފައިވާ ގައުމެކެވެ. އާންމުކޮށް ދިވެހީން އެގައުމަށް ގޮސް އުޅެނީ މެނީލާ ސިޓީގައެވެ. ވެރިރަށް މެނީލާ ސިޓީން ވެސް ވަނީ ކޮވިޑް- 19 ފެނިފައެވެ. އެގައުމުން މިހާތަނަށް ވަނީ 111 ކޭސް ފެނިފައެވެ. އަދި 8 މީހުން ވަނީ މަރުވެފައެވެ.