މުގާބިލާ - 26

(27 ފެބްރުއަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ސުލައިމާން ސިކުނޑިން އެ ބިރުވެރި ޚިޔާލު ނެރެލައިފިއެވެ. ވާން އޮތް ކަމެއް ހުއްޓުވުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އޭނާގެ ހިތަށް އެރިއެވެ. ދިމާވާން އުޅޭ ކަމަކާ މެދު ވިސްނައި ފިކުރު ބޮޑުވުމުގެ ބޭނުމެއް ނެތެވެ. އެކަމެއް ބޯ މައްޗަށް ވެއްޓުނީމާ ވިސްނާނީއެވެ. ގެއްލުމަކަށް ވިޔަސް ފައިދާއަކަށް ވިޔަސް އިންސާނާ ހުންނާން ވާނީ ދިމާވާ ކޮންމެ ކަމަކަށް ފުރިހަމައަށް ތައްޔާރު ހުސިޔާރު ވެގެންނެވެ.

އޭނާ އަނެއްކާވެސް ވިޔަފާރިއާމެދު ވިސްނާން ފަށައިފިއެވެ. ޝައިޠާނާއަށް ނުފޮރުއްޕާނަކަށް ވާކަހަލަ ވިޔަފާރިއެއް ފެށުމަކީ އޭނާގެ ބޭނުމެވެ. ޝައިޠާނާއަށް އުނދަގޫ ވާނީ މީހަކު ހެޔޮ ކަމެއް ކުރީމައެވެ. ސަވާބު ލިބޭ ކަހަލަ ވިޔަފާރިއެއް ކުރީމައެވެ.

އޭނާ ވިސްނަމުން ގެންދަނީއެވެ. އެތައް ދުވަހެއް ފާއިތު ވެގެން ހިނގައްޖެއެވެ. އެއް ދުވަހަކު ކުއްލިއަކަށް އޭނާއަށް އައު ބުއްދިއެއް ކުރެވިއްޖެއެވެ. ފުރަތަމަ ފެނުނީ ކަންޏެކެވެ. އަލިކަން ފެންނާން ފެށީ ކުޑަ އިރުކޮޅަކު ވިސްނައިލީމައެވެ. މިހާރު މުޅީން ސާފު ވެއްޖެއެވެ.

"ކުރާނޭ ވިޔަފާރިއެއް އަހަރެން ކަނޑައަޅައިފިން. ކަލޭގެ އެހީތެރިކަން ބޭނުން ވާނެ." އޭނާ ޢަދްނާނާ ވާހަކަ ދެއްކިއެވެ.

"އަހަރެން ތައްޔާރު. އެއްވެސް ކަމެއް ނުކޮށް ހިލޭ ކައިގެން ބޮއިގެން އުޅެއުޅެ އަހަރެން މިހާރު ވަރުބަލި ވެއްޖެ."

"ތިޔަ ދައްކަނީ އަހަރެންގެ ހިތުގައި ޖެހޭ ކަހަލަ ވާހަކަ."

"ކަލޭ ފެށީ ވިޔަފާރީގެ ވާހަކައެއްނު؟" ޢަދްނާން ހަނދާންކޮށްލައި ދިނެވެ.

"އަހަރެން ބޭނުން ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ އިދާރާއެއް ހުޅުވަން. އެތަނުން ކުރާނޭ ކަމަކީ މީހުންނަށް ކާންދިނުން. ސައުވީސްގަޑިއިރު އެތަން ހުންނާން ވާނީ ހުޅުވައިފައި. މީހަކު ކޮންމެ ވަގުތަކު އަޔަސް އެ މީހަކު ބޭނުން ވަރަކަށް ކާން ލިބެން ވާނެ."

ޢަދްނާންގެ އަނގަ ހުޅުވިއްޖެއެވެ. "ތިޔައީ ކޮން ކަހަލަ ވިޔަފާރިއެއް؟"

"ބަނޑުހައިވެފައި ހުރި މީހަކަށް ކާއެއްޗެއް ދިނުމަކީ ﷲ ރުއްސަވާ ކަމެއް." ސުލައިމާން ބުންޏެވެ. "އެއީ ވަރަށް ގިނަ ސަވާބުވެސް ލިބޭ ކަމެއް. އެއީ މަކަރެއް އޮޅުވައިލުމެއް އޮންނަ ކަމެއް ނޫން. ކާން އަންނަ މީހާ ހުންނާނީ ހަމަ ހަގީގަތުގައިވެސް ބަނޑުހައި ވެފައި. އޭނާގެ އަތުގައި ފައިސާ ހުއްޓަސް ނުވަތަ ނެތަސް ގައިމުވެސް ގޮހޮރަކު އެއްޗެއް ނުހުންނާނެ."

"އެކަމަކު ހަރާން ފައިސާއިން ކުރާ ހެޔޮ ކަމަކުން ލިބޭނޭ ސަވާބެއް ނޯންނާނެ."

"އަހަރެން މި ވިސްނަނީ ސަވާބަކާ މެދަކު ނޫން. އަހަރެން މިއީ ފާފައިގެ ތެރެއަށް ނޭފަތު ކުރިއާ ހަމައަށް ގެނބިފައި ހުރި މީހަކީން. އަހަރެން ބޭނުން ވަނީ ޝައިޠާނާ ހިތުގައި ޖައްސާން. އެ ކަލޭގެއަށް ތުރާ ކުރާން. މިއީ އެކަލޭގެ ދިން ފައިސާއެއްނު؟"

ޢަދްނާން ފުންކޮށް ވިސްނައިލުމަށް ފަހު ބުންޏެވެ. "ތިޔައީ ނުބައި ޚިޔާލެއް ނޫން. އެކަމަކު ވަރަށް ބޮޑު ކަމެއް."

"މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ހުރަހެއް އޮތިއްޔާ އެވާހަކަ ދައްކާ. އަހަންނަށް އޮޅުންފިލުވައިދީ."

"ތިޔަ މަސައްކަތަކީ ޤާރޫންގެ ޚަޒާނާ އަތްމަތި ވެގެން ނޫނީ ކުރެވޭ ވަރުގެ ކަމެއް ނޫން." ޢަދްނާން ބުންޏެވެ. "ކާން އަންނަ މީހަކު އެކަމުން ދުރު ކުރެވޭނޭ ގޮތެއް ނޯންނާނެ. ހިލޭ ކާން ލިބެންޏާ ނާންނާނެ މީހަކު ނުހުންނާނެ. ހިސާބު ޖަަހައިގެން ނިކަން ބަލައިލަބަލަ... ކަލޭގެ ވިސްނުން އޮތީ ކިހިނެއް؟"

"އަހަރެންގެ އަތުގައި ވިހި ކުރޯޑު ރުފިޔާ އެބައޮތް. އޮނަވިހި ކުރޯޑު ޚަރަދު ކޮށްގެން ފަންޑެއް ގާއިމު ކުރާނީ. މަސައްކަތް ފެށުނީމާ ހެޔޮ އެދޭ އެހެން މީސްމީހުންގެ އެހީތެރިކަން ލިބޭނޭކަން ގައިމު. މަގެއް ފެންނާނެ. ފަށަމާ ހިނގާ."

"އަހަރެން ކުރާންވީ ކޮން މަސައްކަތެއް؟"

"ކަލެއަކީ ފަންޑުގެ ޚަޒާންދާރު. ހިންގާނީ ދެމީހުން ވެގެން."

"ތިޔައީ ވަރަށް ބޮޑު ޒިންމާއެއް. އެކަމަކު ކަލެއަށްޓަކައި ތިޔަކަން ކުރާނަން."

"އެހެން ވެއްޖެއްޔާ އަވަހަށް ހިސާބު ޖަހައި ދުވަހަކަށް ބޭނުންވާ ފައިސާގެ އަދަދު ނެރޭ. ބޭނުންވާ މުވައްޒަފުންގެ އަދަދު ބަލާ. ތަފުސީލު ރިޕޯޓެއް އަހަންނަށް ދީ. އަހަރެން ބޭންކަށް ގޮސް ފައިސާގެ ކަންތައް ހަމަޖައްސާނަން."

"އެންމެ ރަނގަޅު."

ސުލައިމާންގެ ސިކުނޑީގައި އޮތް ބޮޑު ބުރައެއް ލުއި ވެގެން ހިނގައްޖެއެވެ. ހިތާމައާއި ބިރުގެ މަތީންވެސް ހަނދާން ނެތިއްޖެއެވެ. އެކަމަކު އެރޭ އޭނާއަށް ފަރްޒާނާގެ މަތީން ވަރަށް ބޮޑަށް ހަނދާން ވާން ފަށައިފިއެވެ. މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ހަގީގަތުގައި އޭނާގެ ހަނދާނަކުން ފަރްޒާނާ ފިލައިގެންނެއް ނުދެއެވެ. އެކަމާ ދެކޮޅަށް ހިތްވަރު ކުރުމާއެކުވެސް އެ ހަނދާންތައް ފިލައިގެންނެއް ނުދެއެވެ.

އެރޭ އޭނާއަކަށް ކެތެއް ނުކުރެވުނެވެ. އެންމެ ފަހުން ފަރްޒާނާއަށް ފޯނު ކޮށްފިއެވެ. ތިންވަނަ ފަހަރަށް ރަނގަބީލު ވުމާއެކު އަނެއްކޮޅުން ފޯނު ނަގައިފިއެވެ. "ސަލާމް." އެ އިވުނީ ފަރްޒާނާގެ އަޑެވެ.

"ސަލާމް ފަރްޒާނާ." ސުލައިމާނަށް މިހެން ބުނެވުނީ ލައްކަ އުނދަގުލުންނެވެ. ފޯނު ކުރެވިއްޖެއެވެ. އެކަމަކު ދައްކާނޭ ވާހަކައެއް އޭނާއަކަށް ނޭނގެއެވެ. "މިއީ ކާކުކަން އެނގިއްޖެތަ؟"

"ކީއްވެގެން ނޭނގެންވީ؟" ފަރްޒާނާ ލޯތްބާއެކު ބުނެލިއެވެ. "އަހަރެން ދެއްކި ވާހަކަ ސުލައިމާން ކޮންމެވެސް ދުވަހަކުން ގަބޫލު ކުރާނޭކަމުގެ ޔަގީންކަން އޮތް. ފޯނު ކުރާނޭކަންވެސް އެނގޭ."

ސުލައިމާން ހާސްވެއްޖެއެވެ. "އެހެންނެއް ނޫން..." އޭނާ އަވަސްއަވަހަށް ބުނެލިއެވެ. "އަހަންނަށްވެސް ފަރްޒާނާގެ މަތީން ހަނދާން ނައްތައެއް ނުލެވުނު. އެކަމަކު ފޯނު މި ކުރީ އެހެން ވެގެންނެއް ނޫން..."

"އޯހ." ފަރްޒާނާގެ އަޑަށް މޮޅިވެރިކަން ވެރިވިއެވެ. "އަހަރެންގެ ޚިޔާލު ބަދަލު ވެއްޖެތޯ ބަަލައިލާން ގުޅީ ދޯ؟"

"ނޫނޭ... އެހެން ވެގެންނެއްވެސް ނޫން." ސުލައިމާން މާފަށް އެދޭކަހަލަ ރާގަކަށް ބުންޏެވެ. "މިރޭ ތަންކޮޅެއް ބޮޑަށް ހަނދާންވީ." މިހެން ބުނެފައި އޭނާ މަވްޟޫއު ބަދަލު ކޮށްލިއެވެ. "އުފާވެރި ޚަބަރެއް އެބައޮތް. މިހާރު އަހަރެން މިހިރީ ކޮން ތަނެއްގައިކަން އެނގޭތަ؟"

"ގޭގައި ކަމަށް ވާނީ. ގެއަށް ފޯނެއް ލީތަ؟"

"އާނ. ފޯނު މި ކުރަނީ ގޭގައި ހުރެގެން. އެކަމަކު މިއީ އެ ގެއެއް ނޫން. އަތިރިމަތީގައި އާބާދުވަމުންދާ ސަރަހައްދުގައި ހުރި ގެއެއް." ސުލައިމާން ބުންޏެވެ.

ފަރްޒާނާގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ. "އަހަރެންގެ ތަހުނިޔާ. މިހާރަކު ދެން ދެމީހުން ގުޅުމަކީ އެކަށީގެންވާ ކަަމަކަށް ނުވާނެތާ؟ ފެންވަރުގެ ތަފާތު ވަރަށް ބޮޑު ވެއްޖެ."

"ކުރީންވެސް ކަންތައް އޮތީ ތިޔަހެން." ސުލައިމާން ދެރަ ވެއްޖެއެވެ. "ތަފާތަކީ ފައިސާާގެ ތަފާތެއް ނޫން. އަހަންނަކީ ފަރްޒާނާއާ އެކަށީގެންވާ މީހެއް ނޫންކަމަށް އަހަރެން އިހަށްވެސް ގަބޫލު ކުރިން. އަހަންނަކީ ވަރަށް ވިޔާނުދާ މީހަކީން. ވިސްނި ވަރަކަށް އަހަންނަށް ފެންނަނީ ފަރްޒާނާގެ ރަނގަޅުކަން."

"އެތެރޭގައި ފޮރުވިފައި އޮތް ރަނގަޅު އިންސާނާ އަމިއްލައަށް ފާހަގަ ނުކުރެވޭކަމީ ހައިރާން ވާވަރުގެ ކަމެއް. އަހަންނަށް އެންމެ ފުރަތަމަ ދުވަހުވެސް ފާހަގަ ކުރެވިއްޖެ. ފުރަތަމަ ނަޒަރާއެކު..."

"ތިޔައީ ފަރްޒާނާގެ މައުސޫމްކަމާއި ހެޔޮކަމުން ދައްކާ ވާހަކަ. ފަރްޒާނާއަކަށް ނޭނގޭނެ... އަހަރެން މިއީ ކިހައި ވަރެއްގެ ނުބައި ވިޔާނުދާ މީހެއްކަން އަދި ރަނގަޅަށް ނޭނގެނީ."

"ތިޔަވަަރަށް ނުބައި ކަމުގެ އިހުސާސް ކުރެވުމަކީ ހެޔޮކަމާއި ރަނގަޅުކަމުގެ ދަލީލެއް."

"ފަރްޒާނާއަށް އަހަރެންގެ ގެ ދައްކައިލާން ބޭނުން." ސުލައިމާން އަނެއްކާވެސް މައުޟޫއު ބަދަލުކޮށްލިއެވެ.

"އަހަރެން އޮންނާނީ ކުރީންވެސް ބުނެފައި. އަހަރެން ސުލައިމާންގެ އިންތިޒާރުގައި ހުންނާނަން." ފަރްޒާނާ ހިތާވެރި ރާގަކަށް ބުނެލިއެވެ. "އަދިވެސް އިންތިޒާރުގައި އެބަހުރިން... ސަލާމް."

ސުލައިމާން އިތުރަށް ވާހަކަ ދައްކާން ބޭނުންވިއެވެ. އެކަމަކު ފަރްޒާނާ ފޯނު ބާއްވައިފިއެވެ. އޭނާ އުދާސް ވެއްޖެއެވެ. ފަރްޒާނާ ދެކެ ލޯބިވާ ކަމުގެ އިހުސާސް ކުރެވުނީ އެ ވަގުތުއެވެ.

* * *

ތިންވަނަ އެދުމުގެ ފިކުރު އަދިވެސް ރިޟްވާންގެ ބޮލަކުން ނުފިލައެވެ. އޭނާއަށް ފައިދާއެއް ވެފައި ސުލައިމާނަށް ގެއްލުމެއް ވާނޭ ކަހަލަ އެދުމެއް އޭނާއަކަށް ވިސްނައެއް ނުގަނެވުނެވެ. އެހެންވީމާ އެ އެދުމުގެ މަތީން ހަނދާން ނައްތައިލާންވީއޭވެސް އޭނާގެ ހިތަށް އަރާން ފަށައިފިއެވެ.

އެ ހަފުތާގެ ކޮންމެ ދުވަހެއް އޭނާ ގުނަމުން ދިޔައީ މެޑަމް ޒޫބީގެ ހަނދާނުގައެވެ. މެޑަމް ޒޫބީ ދެކިލާ ހިތުން މަރުވެ އަވަދިވަނީއެވެ. ތެޅިފޮޅެނީއެވެ. ޝައިޠާނާ ދީފައި އޮތް މުހުލަތު ހަމަވާންވެސް ދެ ދުވަހަށް ވެއްޖެއެވެ. އެކަމަކު މިހާރަކު އެ މުހުލަތާ މެދު ވިސްނުން ހުއްޓައިލައިފިއެވެ.

މިރެއަކީ މެޑަމް ޒޫބީ އަންނަ ރެއަށް ވާނެ ނަމައޭ ހިތަށް ނާރާ އެންމެ ރެއެއްވެސް ނާދެއެވެ. އެރޭ ދެކެވުނު ވާހަކައިން ރިޟްވާނަށް ޔަގީންވީ އެންމެ ކަމެކެވެ. އެއީ މެޑަމް ޒޫބީއަކީ ވަރަށް ރީތި މީހެއް ކަމެވެ. އެހެން ނޫންނަމަ ރީތި މީހަކު ނޫން ކަމަށް ސާބިތުކޮށްދޭން އެވަރަކަށް މަސައްކަތެއް ނުކުރީހެވެ.

އެ ދުވަސް އަތުވެއްޖެއެވެ. އެރޭވެސް އަތުވެއްޖެއެވެ. ރިޟްވާނަކަށް އެރޭ ރަނގަޅަކަށް ނުވެސް ކެވުނެވެ. އެގާރަ ޖަހާނޭ އިރަކަށް އިންތިޒާރުކޮށްގެން އިނީއެވެ.

އެގާރަ ޖެހުމާއެކު ފޯނު ރަނގަބީލު ވާން ފަށައިފިއެވެ. ފުރަތަމަ ރަނގަބީލާއެކު ރިޟްވާން ފޯނު ނަގައިފިއެވެ. "ވާހަކަ ދައްކަނީ ރިޟްވާން."

"މިހާރުވެސް ތިޔަ ހުންނެވީ އެއްކަލަރޭގެ ނިންމެވުމުގެ މަތީގައިތޯ؟" މެޑަމް ޒޫބީ އަހައިލިއެވެ.

"އަޅުގަނޑު މިހިރީ އިންތިޒާރުގައި..."

"ވިސްނަވައިލައްވާ. ފަަހަރެއްގައި މާޔޫސްވެ..."

"އަވަހަށް އާދޭ..." ރިޟްވާންގެ ބަހުރުވަ ކުއްލިއަކަށް އާދައިގެ ބަހުރުވައަށް ބަދަލުވެއްޖެއެވެ.

"އެންމެ ރަނގަޅު. މި ދަނީ."

(ނުނިމޭ)

4 ޚިޔާލު

  1. ޝައުޤުވެރިކަން ހަމަ އިންތިހާ. ކިޔާހިތްވެފަ އިންވަރުން ހީވީ މިބައިގެ ނިމުން މާ އަވަސްހެން.. ކުރިއަށް އޮތް ބަޔަށް ވަރަށް އިންތިޒާރު ކުރަން .ނަސީބެއްނު މިކަހަލަ ހިސާބަކަށް އައިއިރު ކޮންމެދުވަހަކު ކިޔާލެވޭގޮތްވިކަން.ނޫންނަމަ އިންތިޒާރު ކޮށްކޮށް މަގޭ ދުވަސްދާނެ

  2. Aaah! Kiyakiyaa indhaa 'nunimey' aa mudi ereema nuhuttunee hama kiriyaa ..Naeem kuraa kanthah.thihen hadhan heyo nuvaane ennu.konkahala hisaabakun thi medhukan'dalee.mihaarussure aa baige inthizaaruga.avahah kiyalaan libeyne kamah ummeedhu kuran

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.