މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް އަންވަރު އިބްރާހީމް އައްޔަންކުރަން ޕީއެޗް ކޯލިޝަނުން ނިންމައިފި

މެލޭޝިޔާގެ ބޮޑުވަޒީރުކަމުން ޑރ. މަހާތީރު ބިން މުޙައްމަދު އިސްތިއުފާދެއްވާފައި ވާތީ، ބޮޑުވަޒީރުކުގަކަމުގެ މަގާމަށް ޑރ. އަންވަރު ބިން އިބްރާހީމް އައްޔަންކުރަން ޕަކަޓާން ހަރަޕާން (ޕީއެޗް) ކޯލިޝަނުން ނިންމައިފިއެވެ.

ޕީއެޗް ކޯލިޝަނުގައި ހިމެނޭ ޕީޕަލްސް ޖަސްޓިސް ޕާޓީ (ޕީކޭއާރް) ގެ ރައީސު އަންވަރު އިބްރާހީމް ވިދާޅުވީ ކޯލިޝަނުގައި ހިމެނޭ ޕީކޭއާރް، ޑިމޮކެޓިކް އެކްޝަން ޕާޓީ އަދި އަމާނާ ނެގާރާ ޕާޓީން ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރަސްގެފާނު ޢަބްދުﷲއަށް އޭނާގެ ނަން ހުށަހެޅުމަށް ނިންމާފައިވާ ކަމުގައެވެ.

އަންވަރު ވިދާޅުވީ ރަސްގެފާނު އޭނާ އައްޔަންކުރައްވާނެތޯ ނުވަތަ ނޫންތޯ އެއީ އޭނާ މިވަގުތު ޖަވާބެދެއްވަން ބޭނުންފުޅުވާ ސުވާލެއް ނޫން ކަމުގައެވެ.

ޕީއެޗް ކޯލިޝަނުންވެސް ވަނީ އަންވަރުގެ މިވާހަކަފުޅު ކަށަވަރުކޮށްދެއްވާފައެވެ. އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯލިޝަނުގެ ޕްރެޒިޑެންޝަލް ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަން ވަޑައިގަތުމަށް މަހާތީރު މުޙައްމަދުއަށް ދުއުވަތު އެރުވި ކަމަށެވެ. ނަމަވެސް އޭނާ ވަޑައިނުގަތުމުން، ބޮޑުވަޒީރުކަމުގަ މަގާމަށް އަންވަރު އިބްރާހީމްގެ ނަންފުޅު ހުށަހެޅުމަށް ކޯލިޝަނުން ނިންމީ ކަމަށެވެ.

"އިގުތިސާދީ، ސިޔާސީ އަދި އިޖުމާއީ ގޮތުން ރަނގަޅު މިސްރާބަކަށް ގައުމު ގެންދިއުމަށް ރައްޔިތުން ހަވާލުކޮށްފައިވާ މަސައަކަތާއިގެން ކުރިއަށް ދިއުމަށް ކޯލިޝަން އޮތީ އަޒުމު ކަނޑައަޅައިގެން. މި އިބުތާރަށް އަމަރުމެން ބޭވަފާތެރި ނުވާނަން." ޕީއެޗްގެ ބަޔާނުގައި ނުވެއެވެ.

އަނެއްކޮޅުން ޑރ. މަހާތީރުގެ ޕާޓީ، ޕާޓީ ޕްރިބޫމީ ބެރްސަތު (ބެރްސަތު) ޕީއެޗް ކޯލިޝަނުން ވަކިވުމަށް ފަހު، އެޕާޓީން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން މަސައްކަތްކުރާ ކަމުގެ ޚަބަރުވެސް ދަނީ ލިބެމުންނެވެ.

މިކަން ކުށްވެރިކުރައްވަމުން އަންވަރު އިބްރާހީމް ވަނީ "ވަލު ދޮރާށިން ވަދެ" ސަރުކާރު ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެއް އިރެއްގައި އެކުގައި މަސައްކަތް ކުރެއްވުމަށް ފަހު، ފަހުން ހަތުރުންގެ ގޮތުގައި ތިއްބެވި މަހާތީރުއާއި އަންވަރު ވަނީ ކޯލިޝަނެއް ހައްދަވައިގެން ނުކުމެވަޑައިގެން ބޮޑުވަޒީރު ނަޖީބު ރައްޒާޤު އުމްނޯ ޕާޓީ ބަލިކުރައްވައި ވެރިކަން ހޯއްދަވާފައެވެ. ދައުރުގެ މެދުތެރެއިން އަންވަރު އިބްރާހީމާ ބޮޑުވަޒީރުކަން ހަވާލުކުރާ ގޮތަށް ކޯލިޝަނުން އެއްބަސްވެފައި ވީނަމަވެސް، ފަހުން ކޯލިޝަނުގެ ތެރޭގައި ބައިބައިވުން އުފެދި އެންމެ ފަހުން މަހާތީރު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.