ދިވެހި ބަހުގެ ޤައުމީ ސިޔާސަތުގެ ފުރަތަމަ ދެލި ކޮޕީ އެކުލަވާލައްވައިފި

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ

ދިވެހި ބަހުގެ ޤައުމީ ސިޔާސަތުގެ ފުރަތަމަ ދެލި ކޮޕީ ދިވެހި ބަހުގެ އެކަޑަމީން އެކުލަވާލައްވައިފިއެވެ.

އާފަތިހަށް ދެއްވި ހާއްޞަ ބަސްދީގަތުމެއްގައި އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މިއަހަރުގެ މާދަރީ ބަހުގެ ދުވަހާގުޅިގެން ހިންގޭނެ އެންމެ ބޮޑު ސިޔާސީ ޙަރާކަތަށް ވާނީ ދިވެހި ބަހުގެ އެކަޑަމީން އެކުލަވާ ލެއްވި ދިވެހިބަހުގެ ޤައުމީ ސިޔާސަތު ފަންނާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޔުމްނާ މަޢުމޫނަށް އެރުވުމެވެ. އެކަމަނާ ރައީސުލް ޖުމްހޫރިއްޔާގެ ލަފާފުޅެއް މި ދެލިކޮޕީގެ ގެމައްޗަށް ހޯއްދަވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަހުގެ ޤައުމީ ސިޔާސަތުގެ ފުރތަމަ ދެލި ކޮޕީ އެކުލަވާލެއްވުމުގައި އާއްމު ބައެއް ފަރާތްތަކުގެ މަޝްވަރާ އާއި ގުޅުން ހުރި ވުޒާރާތަކުގެ މަޝްވަރާ ވެސް ހޯއްދެވިކަމަށް އެކަޑަމީގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ދިވެހިބަހުގެ ޤައުމީ ސިޔާސަތުގެ ފުރަތަމަ ދެލިކޮޕީގައި ރާއްޖޭގައި ބޭނުންކުރަމުންދާ ބަހުރުވަތަކަށް ދެވޭނެ ދަރަޖަތައް ވެސް ވަނީ ވަނީ ކަނޑައަޅާފައެވެ. އަދި ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ތެރޭގައި ދިވެހިބަސް ކިޔަވައިދިނުން ގެންދެވޭނީ ކޮން ގޮތަކަށް ކަންވެސް ކަނޑައެޅިފައިވާކަމަށް އެކެޑަމީގެ ރައީސް އަޝްރަފު ވިފާޅުވިއެވެ. މިހާރު އޮންނަނީ ހުރިހާ މަރުޙަލާއެއްގައިވެސް ދިވެހިބަސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމެވެ. ދިވެހިބަހުން ކިޔަވައިދެނީ ހަމައެކަނި ދިވެއްސާއި އިސްލާމެވެ .

ދިވެހި، އިސްލާމް ފިޔަވައި ހުރިހާ މާއްދާތަކެއް އިނގިރޭސިބަހުން އޮތުމުން ކުދިންގެ ދިވެހިބަހުގެ ބަސްމޮށުންތެރިކަން ވަރަށް ބޮޑަށް ދަށްވާކަން އެކަޑަމީގެ ރައީސް އަޝްރަފް ފާހަގަ ކުރެއްވިއެވެ.

"ދިވެހި ބަހުގެ ޤައުމީ ސިޔާސަތުން ވަރަށް ސާފުކޮށް އެނގޭނެ ދިވެހި ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ތެރޭގައި ދިވެހި ބަހުން ކިޔަވައިދޭންވީ ކޮންކޮން މަރުޙަލާތަކެއްގައިކަން. ކިޔަވައިދޭންވީ ގޮތަކީ ކޮބައިކަން. ކިޔަވައި ދިނުމުގައި ބަހުރުވަތައް ޝާމިލު ކުރެވޭނީ ކޮންގޮތަކަށް، ކިހިނެއްކަން. " އަޝްރަފު ވިދާޅުވިއެވެ.

ޤައުމީ ސިޔާސަތުގެ ދަށުން ދިވެހި ބަހުން ކިޔަވައިދެވިދާނެ މާއްދާތަކުގެތެރޭގައި އިޖްތިމާޢީ ޢިލްމާއި ރާއްޖެއާ ބެހޭ މަޢުލޫމާތު ހިމެނޭގޮތަށް ޖޯގްރަފީ ޢިލްމާއި ތާރީހާއި ދިވެހި އަދަބިއްޔާތާއި އަޤީދާއާއި އަޚްލާޤަކީ ވެސް ދިވެހި ބަހުން ކިޔަވައި ދެވިދާނެ މާއްދާތަކެއްގެ ގޮތުގައި އަޝްރަފް ފާހަގަކުރެއްވިއެވެ. އަދި މިއީ ކުރިން ރާއްޖޭގެ ތަޢުލީމުގެ ނިޒާމުގެތެރޭގައި ދިވެހި ބަހުން ކިޔަވައިދިން މާއްދާތައްކަން ވެސް އަޝްރަފް ފާހަގަ ކުރެއްވިއެވެ. ދިވެހި ބަސް ކުރިއެރުވުމަށް ކުރެވިދާނެ މިކަހަލަ ކިތަންމެ މަސައްކަތްތަކެއް އެބަހުރިކަން އަޝްރަފް ފާހަގަކުރެއްވިއެވެ. ނަމަވެސް މިކަންކަން ކުރެވެން އަންނަނީ ސިޔާސަތެއްގެ ދަށުން ކަމަށް ވިދާޅުވިއެވެ.

"އެސިޔާސަތު ތަންފީޒުކުރުމުގެ ޖާގަ ސަރުކާރުން ދެއްވައިފިއްޔާ އެކަހަލަ ކިތަންމެ ކަމެއް އަޅުގަނމޑުމެންނަށް ތަންފީޒުކުރެވޭނެ" އަޝަރަފް ވިދާޅުވިއެވެ.

އަޝްރަފް އިތުރަށް ވިދާޅުވީ "ބަވަނަވެރި ރައްޔިތުކަން ކުދިނަށް ހޯދައި ދެންޏާ، އެކުދިންގެ މާދަރީބަސް އިސްކޮށް ދަސްކޮށްދީގެން، އެހެން ބަސްބަސް ދަސްކޮށްދިނުމަށް ފުރުޞަތު ހޯދައި ދެވޭނީ. އޭގެ ބަދަލުގައި އަޅުގަނޑުމެން ،މާދަރީ ބަސް  މަރާލާ  އެކުދިންގެ ހިތުން މާދަރީމަހުގެ ކަންކަން ދުއްވާލީމާ ވާގޮތަކީ ޤައުމީ ލޯބިކެނޑެނީ، ޤައުމުގެ ތާރީޚެއް ނޭނގޭ ޤައުމުގެ ތަންތަނަށް ކިޔާ ނަންތަކެއް ނޭނގޭ " ކަމަށެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.