މުގާބިލާ - 20

(21 ފެބްރުއަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

މިއީ އޭނާ ސަގީލާގެ މަތީން ހަނދާންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ދިޔަ ފަހުން ވޭތުވީ ކޮންމެ ރެޔަކު އޭނާގެ މަތީން ހަނދާން ވިއެވެ. އެކަމަކު އެއީ ޖިސްމާނީ ގުޅުމެއްގެ ހަނދާނެވެ. ސަގީލާގެ ހަށިގަނޑުގެ ޝައިތާނީ މަސްތަށް އޭނާ ވަނީ އާދަ ވެފައި ކަހަލައެވެ. އެންމެ ރެޔަކުވެސް ރަނގަޅަކަށް ނުނިދެއެވެ. އޭނާގެ މޫނުމަތީން ފެންނަނީ ވަރުބަލިކަމާއި ބިރުވެރިކަމުގެ އަސަރެވެ.

އަދި އެހެން ބަދަލެއްވެސް އަތުވެއްޖެއެވެ. މިހާރު އޭނާއަކީ އިހަށް ކަަހަލަ ލަދުރަކި މީހެއް ނޫނެވެ. އަންހެން ކުދިންނާ ދިމާއަށް މިހާރު ބަލަނީ ބުޅާ ތެތް މަސްގަނޑަކާ ދިމާއަށް ބަލާ ހެންނެވެ. އަންހެން ކުދިންގެ ނުރުހުމާއި މަލާމާތުގެ ބެލުމަކުންވެސް އޭނާއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެކުދިންގެ ލިބާހުގެ ތެރެއިން ހަށިގަނޑު ސާފުކޮށް ފެންނާންދެން ބަލަމުން ގެންދަނީއޭ ހީވާ ފަހަރުވެސް އާދެއެވެ.

ނަމާދެއް ކޮށްލުމުގެ ޚިޔާލެއްވެސް އޭނައެއް ނުކުރެއެވެ.

އޭނާ ސަގީލާގެ ޚިޔާލު ސިކުނޑިން ނެރެލައިފިއެވެ. މި ވަގުތު ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލައަކީ ދަރަނީގެ މައްސަލައެވެ. ދަރަނި އަދާކުރުމަކީ ކުރެވޭނޭ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޮތް ހަމައެކަނި ގޮތަކީ ފިލުމެވެ. އެކަމަކު ފިލައިގެން އުޅުމަކީ ފުރާނަ ސަލާމަތް ވާނޭ ކަމުގެ ޔަގީންކަން ލިބޭ ކަމެއް ނޫނެވެ.

ވިސްނަމުން ގޮސް މާޔޫސީގެ ތެރެއަށް ވެއްޓިއްޖެއެވެ. އިންސާާނާ ކިތަންމެ ނުބައި ވިޔަސް، ކިތަންމެ ބޮޑު މުންކިރަކަށް ވިޔަސް މާޔޫސީގެ އިންރޮނގާ ހަމައަށް ދެވުނީމާ ހަނދާނަށް އަންނަނީ އެންމެ ފަރާތެކެވެ. އެއީ ﷲ އެވެ. ރިޟްވާނަށްވެސް ވީ އެހެންނެވެ. ﷲ ފިޔަވައި އެހެން އެއްވެސް އުއްމީދެއް ނެތްކަން އޭނާއަށް ވިސްނިއްޖެއެވެ.

އޭނާ ވިސްނަމުން ދިޔައެވެ. ލަދުގަންނާން ފަށައިފިއެވެ. ނަމާދެއް ނުކުރާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ނުކުރާކަށް ފާފައެއް ނެތެވެ. ﷲ އާ ބަޣާވާތް ކޮށްފިއެވެ. އެކަމަކު ހާސިލު ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އަގުވެއްޓުމާއި ލަދުގަތުމާއި ނުރައްކަލެވެ. އޭނާ އަމިއްލަ ނަފުސު ދެކެވެސް ލަދު ގަންނާން ފަށައިފިއެވެ.

ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެހީތެރިކަމެއް ނުލިބޭނޭ ކަމަށް އޭނާ ގަބޫލުކޮށްފިއެވެ. އޮތީ އެންމެ ގޮތެކެވެ. ތެދު ނިޔަތާއެކު ﷲ އަށް ސަޖިދަ ޖެހުމެވެ. ލޮލުން ކަރުނަ ބާލަމުން ތައުބާވުމެވެ. ހިތާމަ ކުރުމެވެ. އޭނާ ތެދުވެގެން ގޮސް ވުޟޫ ކޮށްފިއެވެ. އެޔަށްފަހު މަޣްރިބް ނަމާދު ޤަޟާކޮށް ޢިޝާ ނަމާދުކޮށް ނިންމުމަށް ފަހު ތައުބާ ނަމާދު ކޮށްފިއެވެ. ރޭގަނޑު ހަތަރުދަން އޭނާ ހޭދަ ކުރީ ސަޖިދައިގައެވެ. ރޮއިރޮއިފައި ތައުބާވަމުން ދިޔައެވެ. ﷲ އަކީ ފާފަ ފުއްސަވައި ޢަފޫކުރައްވާ ކަލާނގެއެވެ. ވުމާއެކު އޭނާގެ ތައުބާ ގަބޫލު ކުރެއްވުމާއެކު ކުރިމަތީގައި އޮތް ބޮޑު މައްސަލައިގެ ހައްލެއް ދައްކަވާނޭ ކަމުގެ އުއްމީދުގައެވެ.

އޭނާ ތެދުވެގެން ގޮސް ފާޚާނާގެ ދޮރާ އަރައި ހަމަވީތަނާ މައިދޮރުގެ ރަނގަބީލު ޖެހި އަޑު އިވިއްޖެއެވެ. އޭނާ ދޮރާ ދިމާއަށް ބަލައިލިއެވެ. އެއީ ކާކު ބާވައެވެ؟ މި ވަގުތު އެއްވެސް މީހެއްގެ އުނދަގޫ ފޯރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދޮރާ ދިމާއަށް ދެތިން ފިޔަވަޅެއް އަޅައިފައި އޭނާ ހުއްޓިއްޖެއެވެ. ހުޅުވާނޭ ކަމެއް ނެތެވެ. އެ އައި މީހަކު ހުރެހުރެފައި ހިނގައިދާނެތާއެވެ. މި ވަގުތު ނަމާދު ކުރުމާއި ތައުބާވެ ޢަފޫ ކުރެއްވުން އެދި ދެންނެވުމަށް ވުރެ މުހިއްމު އެހެން ކަމެއް ނެތެވެ.

ދެވަނަ ފަހަރު ރަނގަބީލު ޖަހައިފިއެވެ. އެޔާއެކު ބޭރުން މީހަކު ބާރަށް ވާހަކަ ދައްކާ އަޑު އިވުނެވެ. "މި އައީ މުހިއްމު ކަމަކު. ހުއްދަ އޮތިއްޔާ އެތެރެއަށް ވަންނަންތަ؟" އެއީ ބީރައްޓެހި އަޑެކެވެ.

ރިޟްވާން ދޮރާ ދިމާއަށް ބަލައިލިއެވެ. އެތެރެއިން ހުރީ މަކުޑި އަޅުވައިފައެވެ. އެކަމަކުވެސް ބޭރުގައި ހުރި މީހާ އެ އަހަނީ ވަނަސް އެންމެ ރަނގަޅުހެއްޔޭއެވެ. ހައިރާނެއް ފަހެ ނުވާނެ ހެއްޔެވެ؟ ރިޟްވާން ނުރުހުމުގެ ރާގަކަށް ބުންޏެވެ. "ވަދެވެންޏާ ވަދޭ."

ދެވަނަ ހިނދުކޮޅުގެ ތެރޭގައި ހައިރާންވީ ވަރުން އޭނާގެ އަނގަ ހުޅުވިއްޖެއެވެ. ކުއްލިއަކަށް ފެނުނީ ކޯޓުފަޓުލޫގައި ހުރި މީހަކު ދޮރުގެ ތެރެއިން ފުރޭނިގެން އެތެރެއަށް ވަން ތަނެވެ. އަތުގައި އަތްމަތީ ފޮށްޓެއް އޮތެވެ.

ރިޟްވާން ދެތިން ފަހަރަކު އަވަސްއަވަހަށް އެސްފިޔަ ޖަހައިފައި އަނެއްކާވެސް ދޮރާ ދިމާއަށް ބަލައިލިއެވެ. ދޮރު ހުރީ ލައްޕައިފައެވެ. މަކުޑި އަދިވެސް ހުރީ އަޅުވައިފައެވެ. އޭނާ އެ ބީރައްޓެހި މީހާޔާ ދިމާއަށް ބަލައިލިއެވެ. އެމީހާގެ މޫނުމަތީން ފެންނަނީ މަކަރުވެރިކަމެވެ. ތުންފަތްމައްޗަށް ވެރިވެފައި ވަނީ މަކުރޫހަ ހިނިތުންވުމެކެވެ.

"ކަ... ކަލޭ... އެތެ... އެތެރެއަށް ވަނީ ކިހިނެއް؟" ރިޟްވާން ހާސްވާން ފަށައިފިއެވެ. "ތިޔައީ ކާކު؟"

"އަހަރެން ބުނާ ކަމެއް ކުރާން ﷲ ގަންދީ ހުވައި ކުރީމާ ކަލޭގެ ސުވާލަށް ޖަވާބު ދޭނަން."

ރިޟްވާނަށް ކޮންމެވެސް ކަހަލަ ސިހުރެއްގެ އަސަރު ކުރީ ކަހަލައެވެ. އަވަސްއަވަހަށް ބުނެލިއެވެ. "މުހިއްމު ކަމެއް ވިއްޔާ ކުރާނޭ ކަމަށް ﷲ ގަންދީ ހުވައި ކުރަން."

"އަދި އެހެން ހުވައެއްވެސް ކުރޭ. އަހަރެން މިތާނގައި ހުއްޓާ ލާޙަވްލަ ކިޔައިގެން ނުވާނެ."

ވާއެއްނުވާއެއް ރިޟްވާނަކަށް ނޭނގެއެވެ. މުޅި ހަށިގަނޑަށް ބާވަތެއްގެ ތުރުތުރެއް ވެރިވެއްޖެއެވެ.

"ކަލެ... ކަލެއަކީ... ޝަ... ޝައިޠާނާތަ؟" އޭނާ ތުރުތުރު އަޅާ އަޑަކުން އަހައިލިއެވެ.

ބީރައްޓެހިމީހާ ހިނިތުންވެލިއެވެ. މިފަހަރު ދަތްޕިލާ ރަނގަޅަށް ފެންނަ ވަރަށެވެ.

"އާނ. އަހަރެން މިއީ ޝައިޠާނާ."

ރިޟްވާންގެ ގައިން ހީބިހި ނަަގައިފިއެވެ.

* * *

އިރުކޮޅެއް ވާންދެން ހަމަހިމޭންކަން ވެރިވެފައި އޮތެވެ. ހަމަހޭގައި ހޭލައި ހުއްޓައި ލޯމަތީން ހިނގައި ދިޔަ ކަންތައްތަކަކީ ވަހުމެއް ކަމަކަށް ބެލެވޭކަށް ނެތެވެ. ދޮރުގެ ތެރެއިން ފުރޭނިގެން އެތެރެއަށް ވަން މީހާ އެހެރީ އޭނާގެ ކުރިމަތީގައި އިށީނދެގެންނެވެ. ތިމަން މިއީ ޝައިޠާނާއޭ އެ ބުނަނީ އޭނާ އަމިއްލައަށެވެ. އޭނާގެ މޫނުމަތީން ފެންނާން ހުރި ނުބައި ނުލަފާ ކުލަަވަރަކީ އެއީ ތެދެއް ކަމުގެ ދަލީލެކެވެ.

"މިގެއަށް އައީ ކީއްކުރަން؟" އެންމެ ފަހުން ރިޟްވާން އަހައިލިއެވެ.

"ކަލޭގެ މައްސަލަތަކުގެ ހައްލު ހޯދައިދޭން."

"އެއީ ކިހިނެއް؟"

"ކޮންމެ އަހަރަކުވެސް އެ އަހަރަކު އެންމެ ވިޔާނުދާކޮށް އަމަލުތައް ބަހައްޓާ މީހުންގެ ތެރެއިން ނަސީބުވެރިއަކު ހޮވައި އެމީހެއްގެ ތިން އެދުމެއް ފުރިހަމަކޮށް ދިނުމަކީ އަހަރެމެން އާއްމުކޮށް ކުރާ ކަމެއް. މި އަހަރު ހޮވުނީ ކަލޭ."

"އަހަންނޭ؟"

"އާނ. ކަލޭ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ކުރި ކަންތައްތަކަކީ ގިނަ މީހުންނަށް އަހަރު ދުވަހުންވެސް ނުކުރެވޭ ވަރުގެ ކަންތައްތައް." ޝައިޠާނާ ބުނެލިއެވެ.

އެއީ ފަޚުރުވެރިވާންވީ ވާހަކައެއް ކަމެއް ނުވަތަ ލަދުގަންނާންވީ ވާހަކައެއް ކަމެއް ރިޟްވާނަކަށް ނޭނގުނެވެ.

"މި ދުވަސްކޮޅު ތިޔަ ހުންނަނީ ވަރަށް ކަންބޮޑުވެފައި ދޯ؟"

"އާނ. ވަރަށް ބޮޑަށް."

"ތިން އެދުމެއްގެ ޒަރީއާއިން ތިޔަ ހުރިހައި ކަންބޮޑުވުމެއް ފިލައިގެން ހިނގައިދާނެ."

ރިޟްވާން ވިސްނާން ފަށައިފިއެވެ. ހިތުގައި ބާވަތެއްގެ ބިރުވެރިކަމެއްވެސް އުފެދިއްޖެއެވެ. ކުރިމަތީގައި މިހިރީ ޝައިޠާނާއެވެ. އޭނާ އެބުނާ އެދުންތަކެއް ފުރިހަމަ ކޮށްދިނުމުގެ ވާހަކައަކީ ރަނގަޅު ވާހަކައެކެވެ. ޝައުގުވެރި ވާހަކައެކެވެ. އެކަމަކު ކޮށްދޭ ކަމެއްގެ ބަދަލުގައި ޝައިޠާނާ ކަމަކަށް އެދިދާނެތީ އޭނާ ކަންބޮޑުވެއެވެ. "އަހަރެން ކުރާން ޖެހޭ ކަމަކީ ކޮބާ؟"

"ތިން އެދުމެއްގެ ވާހަކަ ބުނެލީމާ އެ ނިމުނީ." ޝައިޠާނާ ވަރަށް ކުރުކޮށް ޖަވާބު ދިނެވެ.

"އަހަރެން މި އަހަނީ ތިޔަ ބުނާ ތިން އެދުމުގެ ބަދަލުގައި އަހަރެން ކުރާން ޖެހޭ ކަމަކީ ކޮބައިހޭ."

"އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެ."

"މާނައަކީ ތިޔައީ އެއްވެސް ޝަރުޠެއް ނެތް ހުށަހެޅުމެކޭތަ؟"

"މުޅިއަކުން އެހެންނެއްވެސް ނޫން." ޝައިޠާނާގެ ތުންފަތްމަތީގައި ނަށައިލަނަށައިލާ ހުރީ އެއްކަލަ މަކުރޫހަ ހިނިތުންވުމެވެ. "އެދުމެއްގެ ވާހަކަ ބުނާއިރު އެއް ކަމެއްގެ މަތީން ހަނދާން ބަހައްޓާން ވާނެ. ކަލޭ އެދޭ ކޮންމެ ކަމެއްގެ، ކޮންމެ އެއްޗެއްގެ ދެގުނަ ކަލޭގެ އެންމެ ބޮޑު ދުޝްމިނަށް ލިބޭނެ."

"އަހަރެންގެ ދުޝްމިނަކު ނުހުރޭ."

ޝައިޠާނާ ހީނގަތެވެ. "ދުޝްމިނަކު ނެތް މީހަކު ދުނިޔެއަކު ނުހުންނާނެ. ދުޝްމިނަކު ނެތް ކޮންމެ މީހެއްގެ ދުޝްމިނަކަށް އަހަރެން ހުންނާނަން."

"އެހެންތަ؟ އެހެން ވެއްޖެއްޔާ ނިކަން ބުނެބަލަ. އަހަރެންގެ ދުޝްމިނަކީ ކާކު؟"

"ކަލޭގެ އެންމެ ބޮޑު ދުޝްމިނަކީ އެންމެ ބޮޑު އެކުވެރިޔާ ކަމުގައި ހީކޮށްގެން ތިޔަ އުޅޭ މީހާ."

ރިޟްވާންގެ ސިކުނޑީގައި އެނބުރިގަތީ ސުލައިމާންގެ ސޫރައެވެ. ޝައިޠާނާ އެ ދައްކަނީ ސުލައިމާންގެ ވާހަކަކަން ކަށަވަރެވެ. "އަހަންނަށް ލިބޭ ފައިދާއަށްވުރެ ބޮޑު ފައިދާއެއް އަަހަރެންގެ ދުޝްމިނަށް ލިބުމަކީ ކޮން ކަހަލަ ހަމައެއް؟" އޭނާ ސުވާލުކޮށްލިއެވެ.

"މިއީ ޝައިޠާނީ ހަމަ. މިއީ ޝައިޠާނާގެ ރޭވުމެއްކަން ހަނދާން ނައްތައިނުލާތި. މިއީ ކަލޭގެ ވިސްނުން ތޫނުކަމުގެ އިމްތިހާނެއްވެސްމެ. ކަލެއަކީ ބުއްދިވެރިއެއް ކަމުގައި ވަންޏާ ކަލެއަށް ފައިދާކުރާ ކަންތައްތައް ވެގެން ދާނީ ކަލޭގެ ދުޝްމިނަށް ހުރި ބޮޑު ގެއްލުމަކަށް. އެފަދަ ގޮތަކަށް އެދުންތަކުގެ ވާހަކަ ހުށަހެޅުމަކީ ކަލޭގެ ވިސްނުން ތޫނުކަން އެނގިގެން ދާނޭ ކަމެއް."

"ތިޔައީ ވަރަށް އުނދަގޫ ކަމެއް." ރިޟްވާން ބުނެލިއެވެ.

"ޝައިޠާނާގެ ފަރާތުން ފައިދާއެއް ކުރާނީ އުނދަގުލުން." ޝައިޠާނާ ކޮނޑު ހިއްލައިލިއެވެ. "ކަލޭގެ ތިން އެދުމެއް އަވަހަށް ހުށަހަޅާ."

"މިހާރު... މި ވަގުތު؟" ރިޟްވާނަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.

"ނޫނޭ. އެއްމަސް ދުވަހުގެ މުހުލަތެއް ލިބޭނެ." ޝައިޠާނާ ހިނިތުންވެލިއެވެ. "ތިން އެދުން އެއް ފަހަރާ ހުށަހެޅުމަކީ ލާޒިމު ކަމެއް ނޫން. ރަނގަޅަށް ވިސްނައި ފިކުރު ކުރުމަށް ފަހު އެންމެ އެދުމެއްވެސް ހުށަހެޅިދާނެ. އެދުމެއް ހުށަހަޅާން ބޭނުންވީމާ ސަތޭކަ ފަހަރު ޝައިޠާނާގެ ނަން ކިޔާ. އަހަރެން ވަގުތުން އަންނާނަން."

(ނުނިމޭ)

5 ޚިޔާލު

  1. މިވާހަކަ ކޮން މެ ދުވަހަކު ގެނެސްދޭނެ ކަ މަށް ދެން މިބަލަނީ.
    ފުސްބިއްލޫރިވެސް ނި މިއްޖެ ވިއްޔާ. ރިޟްވާނަށް ޒިޔާރަތް ތިކުރީ
    މައި ޝައިތާނާ ، އިބިލީސް ބާ ނޫނީ އިބިލީހުގެ ލާހިދަރި ސަގީލާ ބާ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.